ރިޕޯޓް އައުމާއެކީ މަންޝާއާ ބައްދަލުކުރަން ޑޮކްޓަރ ދުރުވީ އިތުރު ޑޮކްޓަރަކާވެސް އެކީގައެވެ. "އާމިނަތު މަންޝާ... މިހާރު ބޮލުގެ ރިހުން ކިހިނެއް؟.... މީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް.. މަންޝާގެ ބްލަޑް ރިޕޯޓްއިން ދައްކާ ގޮތުގައި މަންޝާ ބަނޑުބޮޑު..." ޑޮކްޓަރ ވާހަކަ ދައްކަމުން މަންޝާގެ އަތަށް ރިޕޯޓްތައް ހަވާލުކުރިއެވެ.

މަންޝާގެ ދެލޯ ބޮޑުވިއެވެ. މިވޭތުވި ހަތް އަހަރުތެރޭ އެކަމަކަށް އެދިއެދި ހުރި ކަންތައް ހާސިލްވުމުން މަންޝާ ހައިރާން ވިއެވެ. ޑޮކްޓަރު ބޭސް ސިޓީއެއް ލިޔެ ދިނެވެ. މާބޮޑަށް ބޮލުގަ ރިއްސާ ހޮޑުލެވެންޏާ ކާންވީ ބޭސްތަކެވެ. ދެ ހަފްތާ ފަހުން ސްކޭން ހެއްދުމަށާއި އަދި އިތުރު ލޭގެ ޓެސްޓުތައް ހަދަން އައުމަށް އެދެމުން ހޮސްޕިޓަލުން މަންޝާ ދޫކޮށްލިއެވެ.

ގެއަށް އައިސް ކޮޓަރީގައި މަންޝާ އޮށޯތެވެ. މަންޝާއާ އެކީ ކޮޓަރިއަށް މަދީހާ ވަނެވެ. މަދީހާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ރީތިވާ މޭޒުމަތީ ހުރި މާތަކެވެ. ގަދަ ރަތްކުލައިގެ ބެރެބެދި މާތައް ފެނުމުން މަދީހާ ހައިރާންވިއެވެ. "ދަރިފުޅާ... މީ ކީއްކުރާ މަލެއް؟... ބެރެބެދިމާ މީ ވަރަށް...." މަދީހާއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަންޝާ ބޯހިއްލާލާ މާތަކަށް ބަލާލަމުން އެތަނުން މަލެއް ދިނުމަށް އެދުނެވެ.

ކުރިން ދުވަހު މޭޒުމަތީ ހުރި މާތަށް މިހާރު ހުންނާނީ މޯޅިވެފައި ކަމަށް ހީކޮށް މަންޝާ ވަރަށް ދެރަވިއެވެ. ނަމަވެސް މޭޒުމަތީގައި މަންޝާ ބޭއްވި މާބޮނޑިއެއް ނެތެވެ. ރީތިވާ މޭޒުމަތީ މިހާރު އެހުރީ ތާޒާ އާ މާތަކެކެވެ. މަދީހާ އެތަނުން މަލެއް މަންޝާއަށް ދިއްކޮށްލީ ހައިރާންވެފައި ހުރެއެވެ. އެމަލުން ވަސްބަލަމުން އެތެރެއަށް ފުން ނޭވާއެއް މަންޝާ ދަމާލީ ދެލޯ މަރާލަމުންނެވެ.

"އެކަމަކު ދަރިފުޅާ... ތި މަލުން ދުވާނީ ހިތިވަސް... ދެން މީރު ވަހެއް ވެސް ދުވާ ނަމަތާ... އެހެން ނޫނަސް ތީ އެހާ ރަނގަޅު މަލެއް ނޫން..." މަދީހާ މޭޒުމަތީ ބާކީ ހުރި މާތައް ނެގީ ޑަސްބިނަށް ލާށެވެ.

"ނޫން މަންމާ... އެންމެ މަލެއްވެސް ނޭއްލާތި.. އަހަރެންނަށް މިމަލުން ވަސްބެލީމަ ހާދަ ހިތްހަމަ ޖެހެޔޭ... ޕްލީސް މަންމާ... ދެން މަންމަ ޒަމާނުގެ ފްލޯކް ވާހަކަތައް ދައްކަން ތިއުޅެނީ... މަލެއް ބިނދެގެން މޮޔަވި ވާހަކަ... ދެން މަންމާ... ބަލާބަލަ މަންއަށް.. މަން މޮޔައެއް ނުވެއެއްނު..." މަލުން ވަސްބަލަބަލަ އޮތް މަންޝާ ދެއްކި ވާހަކަތަކުން މަދީހާއަށް އެމާތައް އުކާލާކަށް ނުކެރުނެވެ.

"ދެން އެހެންވިއްޔާ އަޒީމަށް ގުޅާބަލަ... އެސޮރަށް އަދި ތި ޚަބަރު ނުދެމެއްނު... މަންމަ މިދަނީ ބަދިގެއަށް ދާން... މަންޝާ ބުނެބަލަ... ކޯއްޗެއްތަ ކާނީ؟... ކުކުޅާ ބަތާ އެބަހުރި؟... އަދި މެންދުރު ނުވެސް ކަމެއްނު؟... ޢީދަށް އެހާ މީރުކޮށް ކެއްކީމަ މަންޝާ ނުކައި ތިއޮތީ.. މިހާރު މަންޝާއަށް އެކަންޏެއް ނޫނޭ ބަލަން ޖެހޭނީ..." ކޮޓަރިން ނިކުންނަން ދޮރު ކައިރިއަށް ގޮސްހުރެ މަދީހާ ވާހަކަ ދައްކަމުން ދޮރު ހުޅުވާލިއެވެ. ފަސް އެނބުރި މަންޝާއާ ދިމާއަށް މަދީހާ ބަލާލީ ޖަވާބެއް ނުލިބުމުންނެވެ.

"ކޯއްޗެއް ގެންނަންވީ؟..." އަނެއްކާ ވެސް މަދީހާ އަހާލިއެވެ.

މަންޝާ ކާނީ ނޫޑްލްސް ކަމަށް ބުނުމުން ކޮޓަރިން ބޭރަށް ނިކުމެ މަދީހާ ދޮރު ލައްޕާލިއެވެ. މަދީހާ ދިއުމުން އަޒީމްގެ ނަންބަރަށް މަންޝާ ގުޅާލީ ދެންވާނެ ގޮތެއް ހިތަށް އަރުވަމުންނެވެ. އަޒީމާ މަންޝާއާ ދެމެދު މިހާ މައްސަލަ ބޮޑު ދުވަސްވަރެއްގައި ބަނޑުބޮޑުވުމުން މަންޝާ ކަންބޮޑުވިއެވެ.

އެތައް ފަހަރަކު ރިންގްވީ ފަހުން އަޒީމް ފޯނު ނަގައިފިއެވެ. އެވާހަކަ އަޒީމް ގާތު ބުނާނެ ގޮތެއް މަންޝާއަކަށް ނުވިސްނުނެވެ. އަޒީމް ދެވަނަ ފަހަރަށް ގޮވާލީ މަންޝާ ވާހަކަ ނުދައްކާ އިނުމުންނެވެ.

"އަޒީމް... ކިހިނެއް؟... ހުރިހާ ކަމެއް ރަނގަޅުތަ؟..." ވާހަކަ ފަށާނެ ގޮތަކާ ދޭތެރޭ ވިސްނަން އޮތުމަށްފަހު މަންޝާ ވާހަކަ ކުރިއަށް ގެންދިޔައީ ދުރުދުރުންނެވެ. އެއްފަރާތަކަށް އެނބުރިގެން މޭދަށަށް ބާލިހެއްލާ، އެބާލީހުގައި ބައްދައިގެން މަންޝާ އޮތީ ފޯނުމަތީ ކަންފަތް ބާއްވައިގެންނެވެ.

"މިއުޅެނީ ހުން އައިސްގެން... ޑޮކްޓަރަށް ދައްކައިގެން ބޭސް ވެސް ކަން... އޮފީހަކަށް ވެސް ނުދެވޭ... ވަރަށް ބަލި... މަންޝާ އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބަ އޮތް..." މަންޝާ ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު އަޒީމްގެ ވާހަކަ ނިންމާލި ގޮތުން މަންޝާއަށް އޭނާ ބުނަން އުޅުނު ވާހަކަ ފައްޓަން ހިތްވަރެއް ލިބުނެވެ.

"އަޒީމް... އަހަރެން ވެސް ވާހަކައެއް ދައްކަންވެފަ އެބަ އޮތް؟..." އެހިސާބަށް ބުނެވުނު ތަނާ އަޒީމްގެ ފަހަތުން އަންހެނެއްގެ އަޑު އިވުނެވެ.

މަންޝާ އޮތްތަނަށް ގަނޑުވި ކަހަލައެވެ. އިތުރު ބަހެއް ނުބުނެ ހިމޭނުން އޮތީއެވެ. ހިފެހެއްޓުމެއް ނެތި މަންޝާގެ ލޮލުން ކަރުނަ ފޭބިއެވެ. އަޒީމް އެ އުޅެނީ ގެއަށް އެ އަންހެން މީހާ ވައްދައިގެން ހެއްޔެވެ. މަންޝާއަށް ރަށަށް މި އާދެވުނީ އަޒީމަށް ރަނުގެ ފުރުސަތެއް ދީފައެވެ. އެ ހިޔާލުތައް ސިކުނޑިގާ ވަށާލުމުން މަންޝާއަށް އޯކާ ދެމިގަނެވުނެވެ. އަތުގައި އޮތް ބެރެބެދި މަލުން ވަސްބަލާލީ ލުޔެއް ލިބޭތޯއެވެ.

އަޒީމް ބޭނުންވީ މަންޝާ ދައްކަން އުޅޭ ވާހަކައެއް އޮޅުން ފިލުވާށެވެ. ސުވާލު ކުރުމުން ވެސް އިތުރު ޖަވާބެއް ނުދީ މަންޝާ ފޯނު ކަނޑާލީ ފަހުން ގުޅާނަން ކަމަށް ބުނަމުންނެވެ. އެނދުން ތެދުވެ އިށީންނަމުން ހެޑްބޯޑުގައި ލެނގިލިއިރު ދެންމެ ފޯނުން ދެއްކެވުނު ވާހަކައާ ދޭތެރޭ މަންޝާ ރަނގަޅަށް ވިސްނާލިއެވެ.

މަންޝާގެ ހާލު އަޒީމް ބަލާވެސް ނުލައެވެ. ޚަބަރެއް ދަބަރެއް ނުވެ އުޅޭތާ ދެ ދުވަސް ވީއެވެ. އަމިއްލައަށް އިސްނަގައިގެން ގުޅަންވެސް ޖެހުނީ މަންޝާއަށެވެ. ނުވިތާކަށް ކިހިނެއްތޯ، މަންމަ ކޮބައިތޯ ވެސް އަހާ ނުލައެވެ. ދެން އަޒީމް ދައްކަން ބޭންވެގެން އެއުޅެނީ ކޮން ބޮޑު ވާހަކައެއް ހެއްޔެވެ. އަނެއްކާ ވަރިވާން ބޭނުން ވަނީ ހެއްޔެވެ. މަންޝާގެ ސިކުނޑި ފަޅައިގެން ގޮސްދާނެހެން ހީވިއެވެ.

ފޯނުނަގާ މަންޝާ ގުޅާލީ ޒުހާއަށެވެ. މަންޝާ ބަނޑުބޮޑު ވާހަކައާ އަޒީމާ ގުޅައިގެން ދިމާވި ކަންތައް ތަފްސީލުކޮށް ޒުހާއަށް ކިޔައިދީ ނިމުނު އިރު މަންޝާއަށް ރޮވެނީއެވެ. ޒުހާ އެތައް ވާހަކައެއް ދެއްކީ މަންޝާގެ ހިތަށް ލުޔެއް ހޯދައި ދޭށެވެ. ދިގު އިންތިޒާރަކަށް ފަހު މަންމައަކަށް ވުމުގެ އުފާ މަންޝާއަށް ލިބުނު ކަމަށްޓަކައި މާތް ﷲއަށް ޒުހާ ޙަމްދު ކުރިއެވެ. އަމިއްލައަށް އިސްނަގައިގެން ބަނޑުބޮޑު ވާހަކަ އަޒީމް ގާތު ބުނުމަށް ވެސް ޒުހާ ނަސޭހަތް ދިނެވެ. އެ ފޯނު ކަނޑާލީ މިރޭ އަޒީމާ ވާހަކަ ދައްކާނަން ކަމަށް ޒުހާ ގާތު މަންޝާ ބުނުމަށް ފަހުއެވެ.

ކޮޓަރި ދޮރު ހުޅުވާފަ އެތެރެއަށް މަދީހާ ވަނީ ތަބަކެއް ހިފައިގެންނެވެ. މަންޝާ އޭނާގެ މޫނު ފޮހެލުމަށްފަހު ހިނިތުންވެލަމުން މަންމަ ގެނެސްދިން ނޫޑުލްސް ކެއުމަށް އަވަސްވެގަތެވެ. މަދީހާ ކައިރީގައި ހުރުމުން ގަދަކަމުން ނަމަވެސް ކޮންމެވެސް ވަރަކަށް ކެވޭތޯ މަންޝާ މަސައްކަތް ކުރިއެވެ.

މަދީހާގެ ހިތަށް އެތައް ސުވާލުތަކެއް ޖަމާވިއެވެ. އޭނާގެ ދަރިފުޅުގެ އުޅުމަށް އެތައް ބަދަލުތަކެއް އައިސްފައިވާ ތަން ފެނުމުން މަދީހާ ފެންކަޅިވާ ގޮތް ވިއެވެ. މި ލިބުނު އުފާވެރި ޚަބަރަށްފަހު ވެސް މަންޝާގެ މޫނުމަތިން ފެންނަން ޖެހޭ ހިތްހަމަޖެހުމާއި އުފާވެރިކަން ނުފެންނާތީ އެ ދެމަފިރިންގެ ގުޅުމުގައި މައްސަލަތަކެއް އުޅޭކަން މަދީހާއަށް ފަހުމްވިއެވެ.

ރޭގަނޑު ނުވައެއް ޖެހުމާއެކު މަންޝާ ނިދަން އޮށޯންނަނީ ކަމަށް ބުނެ ކޮޓަރިއަށް ވަނެވެ. ގޭގައި އުޅޭ އެންމެން ބޮޑުއީދާ ގުޅިގެން ބޮޑުމަސް ދުއްވުމުގެ ކުޅިވަރު ބާއްވައިގެން އުޅޭތަނަށް ދާން ތައްޔާރުވެގެން ތިއްބެވެ. މަދީހާ އެތަނަށް ނުދާނަމޭ ބުނެ ގޭގައި މަޑުކުރަން ނިންމިއެވެ. މަންޝާ އެދުނީ އޭނާގެ މަންމަ މުނީރާއްތަ މެންނާ އެކު ދިއުމަށެވެ. ކަމަކު ބޭނުންވެއްޖިއްޔާ ގުޅާނަމޭ މަންޝާ ބުނުމުން މުނީރާ އާއި އޭނާގެ ކުދިންނާ އެކީ ބޮޑުމަގުގައި އޮތް ކުޅިވަރު ބަލަން ދާން މަދީހާ އެއްބަސްވިއެވެ.

މުނީރާމެން ދިޔަކަން ޔަގީން ވުމުން އަޒީމްގެ ނަންބަރަށް މަންޝާ ގުޅާލިއެވެ. އަޒީމް ފޯނުން ވާހަކަ ދައްކަމުން ދިޔައިރު މަންޝާއާ މެދު މާބޮޑު ފަރުވާލެއް ހުރިކަމެއް ފާހަގައެއް ނުވެއެވެ. އަޒީމް ދައްކަން އުޅޭ ވާހަކަ މަންޝާއަށް ކުރިޔާލާ އެނގޭ ކަހަލައެވެ. އަޒީމްގެ ދުލުން ވަރިއާ ގުޅުން ހުރި ވާހަކައެއް ނުބުނެވެނީސް މަންޝާގެ ވާހަކަ ބުނެލިއެވެ. "އަޒީމް... އަހަރެން ބަނޑުބޮޑު.... އަޒީމް ބައްޕައަކަށް ވަނީ..."

މަންޝާގެ ހިތް ތެޅިގަތެވެ. އޭނާގެ ސިކުނޑިއާ ހިތާ އެކީ ހުއްޓުނު ކަހަލައެވެ. މަންޝާއަށް އެއްވެސް އަޑެއް ނީވޭ ކަހަލައެވެ. ނޭވާ ހިފަހައްޓާލައިގެން ހުރީ އަޒީމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ދެން ވާނެ ގޮތަކާ މެދު ކަންބޮނޑުވެވުނީ އަޒީމްގެ ޖަވާބެއް ނައިސް ގިނަ އިރު ވުމުންނެވެ.

*** *** *** *** *** ***

އަޒީމަށް ވާހަކަ ދައްކަން އުނދަގޫވި ކަހަލައެވެ. ކުއްލިއަކަށް މަންޝާ ދިން ޚަބަރުން ވާންވީ އުފާ ކަމެއް ދެރަކަމެއް އޭނާއަށް އިހްސާސް ނުވާ ކަހަލައެވެ. އަޒީމް ދައްކަން ބޭނުންވި ވާހަކަ ނުބުނެވެނީސް މަންޝާ ބުނި ވާހަކައިން އަޒީމަށް ހައިރާން ކަމެއް ލިބުނެވެ. ހިތާހިތުން މަންޝާ ގާތު އެވާހަކަތައް ނުބުނެވުނު ކަމާ މެދު ޝުކުރު ކުރެވުނެވެ. ގުޑްނައިޓް ކިޔާ މަންޝާ ފޯނު ބޭއްވި އިރުވެސް އަޒީމްގެ ޖަވާބުތައް ނިންމާލީ ހަމައެކަނީ ހޫން އަކުންނެވެ. އަޒީމް ހުރީ ހަމަ ރަނގަޅަށް ވެސް ބޮޑު ޝޮކެއްގައެވެ.

"ކީއްވެ އެވާހަކަ ނުބުނީ؟... ބުނީމެއްނު އޭނަ ދޫކޮށްލާނަމޭ...." ޒޭބާ ހުރީ ރުޅި އައިސްފައެވެ. އޭނާގެ ދޮން މޫނަށް ވަނީ ޖަންބު ކުލަ އަރާފައެވެ.

އަޒީމް ގާތުގައި އޭނާގެ އަންހެނުންނާ ވަކިވާން ބޭނުންވާ ވާހަކަ ދައްކާށޭ އެތައް ފަހަރަކު ޒޭބާ ބުނެފައި ވީ ނަމަވެސް އަޒީމަށް އެކަން ނުވާތީ ޒޭބާ ނުރުހުންވިއެވެ. "ޒޭބާއަށް އިނގޭ އަޒީމް ލޯބިވަނީ އޭނަ ދެކެ.. ބަލަ އޭނަ އަތުގަ ކޯއްޗެއް އޮވެގެންތަ ތިއުޅެނީ... އަޒީމް ބޭނުން ހުރިހާ ކަމެއް ޒޭބާ ފުއްދައި ދޭނަން... ދެން އޭނަ ވަރިކުރޭ..."

"ޒޭބާ.. ދެން ހުއްޓާލާ..." ބުރަކަށީގައި އާއި ގައިގެ ހުޅުތަކުގައި ރިއްސާފައި ހުރުމުން އަޑަށް ބާރުލާ ވާހަކަދައްކަން ބޭނުން ވިޔަސް އަޒީމަކަށް ބާރެއް ނުލެވުނެވެ.

"ދެންމެ މަންޝާ އެ ބުނީ ބަނޑުބޮޑޭ... ދެން އަހަރެން ކިހިނެއް އޭނަ ވަރި ކުރާނީ... މަންޝާ ރުހެންޏާ މިކަން ނިންމޭނީ ދެ އަންބަށް ކައިވެނި ކުރާ ގޮތަށް..." އަޒީމްގެ ފަހުގެ ނިންމުން ހާމަކުރިއެވެ.

އަޒީމްގެ މޭމަތީ އަޅާ ދުރަށް ކޮށްޕާލުމަށްފަހު ދެލޯ އަޅަމުން ޒޭބާ ވާހަކަ ދެއްކިއެވެ. "ކިހިނެއް އިނގެނީ އެއީ އަޒީމްގެ ދަރިއެއްކަމެއް.... މަންޝާ އުޅޭގޮތެއް އަޒީމަށް އެނގޭތަ؟..." އަޒީމަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ޒޭބާ ގެއިން ނިކުތުމަށް ހިނގައިގަތެވެ.

އެޕާޓްމަންޓުން ނިކުންނަން ޒޭބާ ދޮރު ހުޅުވާލުމަށްފަހު ކުއްލިއަކަށް ހަތަރު ފިޔަވަޅު ފަހަތަށް ޖެހުނެވެ. އޭރު ދޮރުމަތީ ހުއްޓިގެން ހުރީ ޒުހާއާ ނަވާފެވެ. އެމީހުން އެތެރެއަށް ވަނީ ޒޭބާއާ ދިމާއަށް ބަލަން ހުރެއެވެ. ކުރިއަށް ވުރެ ބޮޑަށް އެތާ މަޑުކުރަން ޒޭބާއަށް އުނދަގޫވިއެވެ. އެހެންކަމުން ލަހެއް ފަހެއް ނުކޮށް އެތަނުން ނިކުމެގެން ދިޔައީ އަނގައިން އެންމެ ބަހެއް ވެސް ނުބުނެއެވެ.

ޒޭބާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ކަންތައް އެހާ ރަނގަޅު ނޫންކަން ޒުހާއަށް ނަގައިގަނެވުނެވެ. އެއީ އަޒީމް ހިތާވެގެން އުޅޭ އަންހެން މީހާއަށް ވެއްޖެއްޔާ އެހާ ރުޅިއައިސް ހިތްހަމަނުޖެހިގެން ހުރެ އެ ދާން ޖެހޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނެެވެ. މަންޝާ ބަނޑުބޮޑު ވާހަކަ ބުނީހެން ޒުހާއަށް ހީވިއެވެ. އަޒީމް އެކަހަލަ އަންހެނަކާ ހެދި އުޅޭތީ ހިތާހިތުން ޒުހާ މަލާމާތް ކޮށްލިއެވެ. މީހަކު ފެނުމުން ހިނިތުންވެލަން ވެސް ނޭނގޭ މީހެކެވެ. ކިތަންމެ ދޮންވެފަ ރީއްޗަކަސް އެ މީހާގެ ކިބައިގައި އަޚްލާގީ ރަނގަޅު ސިފަތައް ނެތްކަން ކަށަވަރުވެއްޖެއެވެ.

ޒޭބާ ހުއްޓުވަން އަޒީމް ކޮޓަރިން ނިކުތީ ޒޭބާގެ ނަމުން ގޮވަމުންނެވެ. ނަމަވެސް ސިޓިންގްރޫމްގައި ހުރި ނަވާފާ ޒުހާ ފެނުމުން އަޒީމްގެ ފިޔަވަޅު މަޑުޖެހުނެވެ. އެއްޗެކޭ ބުނަން ނަވާފް އަނގަ ހުޅުވާލީ ބޮލުގައި އަތް ހާކާލަމުންނެވެ. ބަހެއް ނުބުނެވެނީސް ކަނޑާލި ރުކެއްހެން ޚަބަރު ހުސްވެގެން އަޒީމް ޓައިލްސް މައްޗަށް ވެއްޓުނެވެެ.

*** *** *** *** *** ***

ކޮޓަރި ތެރޭ ހުންނަން ޖެހުމުން ފޫހިކަމެއް އިހްސާސް ވިއެވެ. މަންމަމެންނާ އެކީ ބޮޑުމަސް ދުއްވާތަން ބަލަން ދެވުނު ނަމައޭ މަންޝާގެ ހިތަށް އެރިއެވެ. ފޯނު އަތަށް ލައިގެން އައިސް ކޮޓަރީގައި ހުރި ކުޑަދޮރު ހުޅުވާލިއެވެ. ގޭގެ ބިށްދޮށުގައި މަދީހާ ހައްދާފަ ހުރި ގަސްތައް ފެންނަން ހުރުމުން މަންޝާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ރޭގަނޑުގެ ވަގުތެއް ކަމުގައި ވިޔަސް ހަނދުވަރުގެ އަލިން އެ ސަރަހައްދަށް އަލިވެފައި ވާއިރު ޖެހެމުން ދިޔަ ނަލަ ވައިރޯޅީގެ ބީހުންތަކަށް އެ ގަސްތައް ނަށަމުން ދިޔައެވެ.

ހަމަހިމޭންކަމުގެ ތެރެއިން މަންޝާގެ ކަންފަތުގައި ޖެހުނީ އަފްނާނުގެ ތުއި ހިނިގަނޑުގެ އަޑެވެ. މަންޝާ ކޮޓަރިން ނިކުންނަން ދިޔައީ އަފްނާނު ގޭގައި އުޅޭތީއެވެ. މަންޝާ ކުރިން ހީކުރީ އަފްނާނު ވެސް މިރޭ ކުޅިވަރު ބަލަން ދާނެ ކަމަށެވެ.

ކޮޓަރިން ނިކުމެ މަންޝާ ވިސްނާލީ އެ އަޑު އަންނަ ދިމާލެއް ބަލާށެވެ. އެ އަޑު އަންނަނީ ފެންޑާ ތެރެއަކުން ނޫނެވެ. ސީދާ އަފްނާނުގެ ކޮޓަރިންނެވެ. މަންޝާ އެ ކޮޓަރީގެ ދޮރާ ގާތްވެލިއެވެ. ދޮރުގައި ޓަކި ޖަހާލަން އުޅެފަވެސް ދޮރާ ހަމައަށް ނެގި އަތް މަޑުޖެހުނީ އަފްނާން ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުންނެވެ.

"ކީއްވެތަ އެހެން ހަދަނީ؟... އިނގެއެއްނު އަފޫ ރުޅިއަންނަ ކަން... އަފޫ އެއްވެސް ކަމެއް ނުކޮށްދެނީތަ... ވަރަށް ފޫހިވޭ...."

އަފްނާނުގެ ވާހަކަ މެދުކެނޑުމާ އެކީ ދެން އިވުނީ ފިރިހެނެއްގެ އަޑެވެ. އެއީ މަންޝާ ދަންނަ އަޑެކެވެ. ނަމަވެސް އެއީ ކާކުކަން ދެނެގަންނާކަށް ނޭނގުނެވެ. އެހެންކަމުން މަންޝާ ބޭނުންވީ އެއީ ކާކުތޯ ޔަގީން ކުރާށެވެ. އަފްނާނުގެ ބިޓަކީ މާލޭގައި އުޅޭ ކުއްޖެއް ކަން އަފްނާނު ބުނެފައި ވީއިރު ކޮޓަރިތެރޭ އެ އުޅެނީ ދެން ކޮން ފިރިހެނެއް ހެއްޔެވެ.

ދޮރުގައި ޓަކި ޖަހާލަމުން ދޮރުގެ ތަޅުގައި މަންޝާ ހިފާލިއެވެ. އެދޮރު ހުރީ އެތެރެއިން ތަޅުލާފައެވެ. ޓަކިޖެހި ހިސާބުން ކޮޓަރިތެރެއިން އިވުނު އަޑުތައް މުޅިންހެން ކެނޑި ހަމަހިމޭން ވެއްޖެއެވެ. ދޮރު ނުހުޅުވާ ލަސްވުމުން އަނެއްކާ ވެސް މަންޝާ ޓަކި ޖަހާލިއެވެ. މަންޝާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައީ ނޭނގޭ ބިރުވެރިކަމަކާ އެކީގައެވެ. އަފްނާނަށް ދެރަ ގޮތެއްވާން މަންޝާއެއް ނޭދެއެވެ.

އެތެރެއިން ތަޅު އަނބުރާލުމުން ކެތްމަދުވެފައި ހުރެ މަންޝާ ބަލާލިއެވެ. ދޮރުން ތަންކޮޅެއް ހުޅުވައިގެން އެ ދޭތެރެއިން އަފްނާނު ބަލަން ހުރިގޮތް ފެނުމުން މަންޝާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ބޮޑުވިއެވެ. ކޮޓަރިތެރޭގައި ހުރި މީހަކު އޮޅުން ފިލުވަން ބޭނުންވެފައިވާ މިންވަރު އިތުރުވިއެވެ. ދޮރުފަތުގައި މަންޝާ އަތް ޖައްސާލަމުން އަފްނާނު ދޮރުކައިރިން ދުރަށް ޖެހިލިއެވެ. ދޮރު އެއްކޮށް މަންޝާ ހުޅުވާލީ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ހޯދާށެވެ.

ކޮޓަރިތެރެއަށް މަންޝާ ވަނުމުން އަފްނާން ވާހަކަ ދެއްކީ އޭނާ ލައިގެން ހުރި ގަމީހުގެ މޭމަތީގެ ގޮށް އަޅުވަމުންނެވެ. "ކިހިނެއްވީ ދޮނާ؟... އެއްޗެއް ބޭނުންވީތަ؟..."

އަފްނާން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މަންޝާ ދެއަތަށް ބޯ ހޫރާލިއެވެ. އަނގައިން ބަހެއް ނުބުނެ މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މަންޝާއަށް ހީވި ހީވުމަކީ ކުށް ހީއެއް ބާއެވެ. މަންޝާއަށް އެ ކޮޓަރީގައި އެހެން ދެވަނަ މީހަކު އުޅުނުހެން ހީވި ހީވުމަކީ ތެދަކަށް ނުވާންވީ ސަބަބެއް ނެތެވެ. ފާޚާނާ ދޮރުފަތް ހުޅުވާލި އިރު މަންޝާގެ ހިތް ބުނަމުން ދިޔައީ އެ ކޮޓަރީގެ އަފްނާނުގެ އިތުރުން ދެވަނަ މީހަކު ހުރިކަމެވެ.

ފާހާނާ ތެރޭ ވެސް މީހަކު ފެންނާކަށް ނެތެވެ. މަންޝާގެ ހިތަށް ކުޑަ ނަމެވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ފާޚާނާއަށް ފުރަގަސްދެމުން ކޮޓަރިތެރެއަށް އެނބުރިލީ ވަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ އެކޮޓަރީގެ ހުޅުވިފައިވާ ކުޑަދޮރެވެ. ކުޑަދޮރު ކައިރިއަށް ގޮސް މަންޝާ ބޭރު ބަލާލިއެވެ. އެއީޖެހިގެން ހުރި ގެއާ މަންޝާމެން ގެއާ ދެމެދުގައިވާ ހިމަ ގޯޅިގަނޑެވެ. ކުޑަދޮރުން ބޭރުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް މަންޝާ ދޫކޮށްލި އިރު ހިތާ ހިތުން މި ކުރެވުނު ކަންތަކަށް މަލާމާތް ކުރެވުނެވެ.

މަންޝާގެ ހަރަކާތްތަކަށް ބަލަން އަފްނާނު ހުރީ އަތުގައި ވާ ތުވާލިން އިސްތަށިގަނޑުގައި ހާކާލަ ހާކާލައެވެ. އޭނާގެ މޫނުމަތިން ނުތަވަސްކަމުގެ ކުލަވަރު ފާޅުވަމުން ދިޔައެވެ. ކުޑަދޮރުން ބޭރު މަންޝާ ބަލާލި ވަގުތު އަފްނާން ހުރީ އޭނާގެ ނޭވާ ހިފަހައްޓައިގެންނެވެ. މަންޝާ އައިސް އަފްނާން ކައިރިއަށް ހުއްޓެމުން ވާހަކަ ދެއްކިއެވެ. "ދޮނާއަށް މިތާ މީހަކު އުޅުނުހެން ހީވި... ކާކު މިތާ އުޅުނީ؟..."

ދެބުމަ ގޮށް ޖަހައިގެން އަފްނާނާ ދިމާއަށް މަންޝާ ބަލަން ހުރީ މަންޝާ އިވުނު އަޑަކީ ވަހުމެއް ނޫންކަން ކަށަވަރުވާތީއެވެ. ކުއްލިއަކަށް އަފްނާން ހޭން ފެށިއެވެ. އޭނާގެ މޫނުމަތީގައިވާ ހުރިހާ ހާސްކަމެއް ފޮރުވާލި ހިނިގަނޑުގެ މައިގަނޑު ބޭނުމަކީ މަންޝާއަށް ހީވި ހީވުން ބަދަލުކޮށްލުމެވެ. "ސާބަސް ދޮނާ... އަހަރެން ފޯނުން ވާހަކަ ދައްކަން ހުރީ... ފެންވަރައިގެން ނިކުމެ ހެދުންލާ ރީތިވާން ހުރީމަ ފޯނު ސްޕީކަރަށް ލައިގެންނޭ ހުރީ... ހެހެހެ..."

އަފްނާން އަނެއްކާ ވެސް ހޭން ފެށިއެވެ. މި ފަހަރު މަންޝާއަށް ވެސް ހެވުނެވެ. އެންމެ ރަނގަޅު ކަމަށް ބުނެ މަންޝާ ބޭރަށް ނިކުންނަމުން އަހާލިއެވެ. "އަފޫ.. ކުޅިވަރުތައް ބަލާކަށް ނުދަންތަ؟..." އެކޮޓަރިން މަންޝާ ނިކުތުމުން ފޫހިތަނެއް ކަމަށް އަފްނާނު ބުނުމަށްފަހު ދޮރު ލައްޕާލީ ތުންފަތް އޫކޮށްލަމުންނެވެ.

ދޮރު ތަޅުލުމަށްފަހު އަތުގައި އޮތް ތުވާލި އެނދު މައްޗަށް ހޫރާލިއެވެ. ދުވެފައި ގޮސް ކުޑަދޮރުން ބޭރު އަފްނާނު ބަލާލިއެވެ. އެ ކޮޓަރިން ނިކުތް މީހާ ފެންނާކަށް ނެތެވެ. އަފްނާނު ކުޑަދޮރާ ދިމާލުން ތިރީ ފަސްގަނޑަށް ބަލާލިއެވެ. އެތަނަށް އޭނާ ފުންމާލި ދިމާލުގެ ވެލިގަނޑުގައި ހަތަރެސްފައި ޖެހިފައިހުރި ނިޝާންތައް މަންޝާގެ ލޮލުގައި އަޅައިނުގަތްކަން އެއީ އަފްނާނުގެ ނަސީބޭ ހިތަށް އެރިއެވެ. ކޮޓަރި ތެރޭ ހުރި ފިހިގަނޑު ނެގުމަށްފަހު ކުޑަދޮރުން ބޭރު ފަސްގަނޑު އެއްވަރުކޮށްލީ އެ ގޯޅިގަނޑުގެ ދެފަރާތަށް ބަލާލަމުންނެވެ.

ތެޅެމުން ފޮޅެމުން ގޭތެރެއަށް ވަދެގެން އައި މީހަކު ފެނުމުން މަންޝާ ބަލާލީ އެއީ ކާކުތޯ ޔަގީން ކުރާށެވެ. ފެންޑާތެރެއަށް ނިކުމެ ބަލާލިއިރު ގޯތިތެރެއިން ބާރު ހިނގުމެއްގައި މަޖުދީ އަންނަ ތަން ފެނުނެވެ. މަންޝާ ފެނުމާއެކީ މަޖުދީގެ ފިޔަވަޅު މަޑުޖެހުނެވެ. މަންޝާއަށް ހައިރާންކަމެއް ލިބުނީ މަޖުދީ މިވަގުތު އެގެއަށް އައުމުންނެވެ. މިރޭ އޮންނަ ކުޅިވަރުގައި މަޖުދީ ބައިވެރިވާކަން އެނގިފައިވާތީ އޭނާ މިވަގުތު މިގޭގައި ކީއްކުރަނީތޯ ބަލަން މަންޝާ ސުވާލުކޮށްލިއެވެ.

"މިއައީ.. މަންޝާ ބަލާ... ހިނގާ ކުޅިވަރު ބަލަން ދާން..." ބޯ ކަހާލަމުން މަޖުދީ ވާހަކަ ދެއްކިއެވެ. މަޖުދީގެ ކަކުލާއި އުޅަނބޮށީގައި ހުރި ވެލިތައް ފެނުމުން އޭނާ ވެލިތައް ފޮޅާލިއެވެ. އަދި ޖަވާބަކަށް އެދި އިސް އުފުލާލާ މަންޝާއާ ހަތަރު ކަޅި ހަމަކުރިއެވެ.

"އަހަރެން ބޮލުގަ ރިއްސާތީ މި އުޅެނީ... ބަލިވެ އުޅޭތީ ތިތަނަށް ނުކުންނަ ހިތެއް ނެތް..." މަންޝާ އެހެން ބުނަމުން ކޮޓަރިއަށް ވަންނަން ދާން ހިނގައިގަތެވެ. ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން މަޖުދީ އެގެއިން ނިކުމެގެން ދިޔައީ ކަރު އެލުވާލައިގެން ހުރެއެވެ.

*** *** *** *** *** ***

ހޮސްޕިޓަލަށް އަޒީމް ގެންގޮސް އެޑްމިޓް ކުރުމުން ނަވާފް އެތާ މަޑުކުރީ އަޒީމްގެ އިތުރު އެހީތެރިއަކު ނެތުމުންނެވެ. ޒުހާ ވެސް އިރުކޮޅަކު މަޑުކުރުމަށްފަހު ގެއަށް ދާން ޓެކްސީއަކަށް ގުޅަން ނިންމީ ނަވާފަށް އޭނާ ގެއަށް ލާން ނުދެވޭނެތީއެވެ.

"ޒުހާ... މަން ކައިރީ މިއިން އެއްވެސް ވާހަކައެއް ދައްކާނެކަމެއް ނެތް.. ހައްތަހާ ޓެންޝަން ބޮޑުވާނީ..." ނަވާފް އެދުނު ގޮތް ޒުހާ ގަބޫލު ކުރިއެވެ.

މިފަދަ ވަގުތެއްގައި މަންޝާއަށް ބޭނުން ވާނީ ލޯތްބާ އޯގާތެރި ކަމެވެ. އެހެންކަމުން އަޒީމްގެ ކަންތައް ސިއްރު ކުރަން ޒުހާ އެއްބަސްވެ ބޯ ޖަހާލިއެވެ. "އާން.. އަހަރެން ދަނީ އިނގޭ.. މިހާރު މަންމަ ވެސް އިންނާނީ ލަސްވެފަ..." ޒުހާ މިހެން ބުނެ އަވަސް ފަރުވާދޭ ކޮޓަރިން ނިކުމެގެން ދިޔައެވެ.

ޑޮކްޓަރުގެ އެދުމަށް ނަވާފް ބޭރަށް ނުކުތީ މެމޯއެއް ހެއްދުމަށާ ބޭސްތަކެއް ނަގާށެވެ. ބޭސް ނަގަން ކައުންޓަރު ދޮށުގައި ހުއްޓާ ނަވާފްގެ ލޮލުގައި ރިޔާޒް އަޅައި ގަތެވެ. ބޭސް ނަގައިގެން ރިޔާޒް ކައިރީ ހުރި ގޮނޑީގައި ނަވާފް މަޑުކޮށްލީ ކުޑަ ވާހަކައެއް ދައްކާލާށެވެ. "ރިޔާޒް.. އަހަރެން ވަރަށް ބޮޑު ކަމަކު ބުންނަ މި އުޅެނީ..."

(ނުނިމޭ)