ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރީ އީމާނެވެ. ކިހިނެއް ވީތޯ ސުވާލު ކޮށްލުމުން އޭނާގެ ފުރަގަހަށް ލާ ފޮރުވައިގެން ހުރި އަތް ކުރިމައްޗަށް ނެރުނެވެ. އެއީ ވަރަށް ރީތި ރަތް މާ ބޮނޑިއެކެވެ. ރަތްކުލަ ގަދަކަމުން ހީވަނީ ލޭކޮޅެއް ހެންނެވެ. އެމާ ބޮނޑީގައި ހިފަމުން އީމާން ގާތު އެއީ ކާކު ދިން އެއްޗެއްތޯ އަހާލީ މަލުން ވަސް ބަލަމުންނެވެ.
އީމާން ދެކޮނޑު އަރުވާލަމުން ގަނޑުކޮޅެއް ދިއްކޮށްލިއެވެ. އެއަށްފަހު އީމާން ދުއްވައިގަތީ ފެންޑާތެރެއަށެވެ. އެ މަލުން މަންޝާ އަނެއްކާވެސް ވަސް ބަލާލިއެވެ. ދުވި މީރު ވަހުން އޭނާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ގަނޑުކޮޅު ނިއުޅުވާލުމަށްފަހު އެނދުގައި މަންޝާ އިށީނީ މާބޮނޑި އުނގަށް ލައިގެންނެވެ.
"ހެއި މަންޝާ... އިނގޭ މީ ކާކުކަން އެނގެން ވަރަށް ބޭނުންވެފަ ކަން ތި ހުރީ... ރަށަށް އައިސް ޚަބަރެއް ވެސް ނުވެ... މިރޭ އެގާރަ ޖަހާއިރަށް ބަކަރިކޮށި ހުރި ދިމާލު އަތިރި ކައިރިއަށް އައިސްދީބަލަ... އިންތިޒާރުގާ... ހާއްސަ މީހެއް..."
ގަނޑުކޮޅު ފަތް ޖަހާލަމުން މަންޝާ ވިސްނާލީ މި ސިޓީއާ މާބޮނޑި ފޮނުވާނެ މީހަކާ ދޭތެރޭގައެވެ. ރަށުގައި މަންޝާއަށް ހާއްސަ ނަޒަރަކުން ބަލާ މީހަކަށް ހުރީ މަޖުދީކަން މަންޝާއަށް އެނގުނެވެ. ދެން ހުރީ ހަސަންބެއެވެ. އަނެއްކާ މީ ހަސަންބެގެ ރޭވުމަކަށް ވެސް ވެދާނެއޭ މަންޝާގެ ހިތް ބުނަމުން ދިޔައެވެ. އުނގުގައި އޮތް މާ ބޮނޑިއަށް ރަނގަޅަށް ބަލާލިއެވެ. އެމަލުން ދުވާ މީރުވަހުން މަންޝާގެ ހިތުން އެމަލަށް ހާއްސަ ކަމެއް ދެވުނެވެ. އެ މާބޮނޑި ރީތިވާ މޭޒުމަތީ ބޭއްވުމަށްފަހު ބޭރަށް ނިކުމެލަން މަންޝާ ހިތަށް އެރީ މަންޝާގެ ބޮލުގެ ރިހުމަށް ލުޔެއް ލިބެމުންދާހެން ހީވުމުންނެވެ.
ފެންޑާތެރޭގައި ހުރި ބޮޑު އުނދޯލީގައި ހަސަންބެ އިށީނދެގެން އިނެވެ. ހަސަންބެއާ ދިމާއަށް މަންޝާ ބަލާލީ އެމާ ބޮނޑި ދިން މީހަކީ ހަސަންބެއަށް ވެދާނެތީއެވެ. އެވަގުތު އީމާން އަނބު ގަސްދޮށުގައި ކުޅެން ހުރިތަން ފެނުމުން އީމާން ގާތަށް ދިއުމަށް މަންޝާ އަވަސްވެގަތީ އެމާ ބޮނޑި ދިން މީހަކު ޔަގީން ކުރާށެވެ.
"އީމާން.. ޕްލީސް ބުނެބަލަ ކާކު ދިން އެއްޗެއްތަ އެއީ؟..." މަންޝާ އާދޭހުގެ ރާގަކަށް އަހާލުމުން އީމާން ދެކޮނޑު އަރުވާލީ ފަރުވާކުޑަ ގޮތަކަށެވެ. އީމާންގެ އަތުގައި ހިފަމުން އަނެއްކާ ވެސް މަންޝާ ސުވާލުކުރިއެވެ. މިފަހަރު ހިނިތުންވަމުން އީމާނަށް ނޭނގޭ ކަމަށް ބުންޏެވެ.
"އީމާން... ޝްޝްޝް.. ނުބުނާތި ކާކު ދިން އެއްޗެއްކަން..." އީމާންގެ ފަހަތަށް ބަލާލިއިރު މަޖުދީ އައިސް އެމީހުންނާ އަރާ ހަމަވަނީއެވެ. އީމާނާ އެކު ކުޅެން އައިސް ތިބި ކުދިންނާ އެކީ އަނބު ގަސްދޮށުގައި އޮތް ބޯޅަ ހިފައިގެން ދުއްވައިގަތެވެ.
ހިނިއައިސް މަންޝާއާ ދިމާއަށް ބަލަން ހުރި މަޖުދީ ފެނުމުން ލަދުން މަންޝާ އިސްޖަހާލިއެވެ. މަޖުދީ ދިން މާބޮނޑިއެއް ކަމަށް ހީކޮށެވެ. މަޖުދީ ދެން ދަނީއޭ ބުނެ އެގެއިން ނިކުމެގެން ދަމުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.
އަނބު ގަސްދޮށުގައި ހުރި ޖޯލިފަތީގައި މަންޝާ އޮށޯތެވެ. އޭރު މަންޝާއާ ޖެހިގެން ހުރި ޖޯލީގައި އަފްނާނު އޮތީ ފޯނުން މެސެޖް ކުރާށެވެ. އަފްނާނު މެސެޖްކުރަމުން ދިޔައިރު އަނގައޮރި ކުރާފަހަރު އާދެއެވެ. ފޯނަށް ބަލަން އޮވެ އަފްނާން ހިނިތުންވާއިރު ލަދުން ވިރިގެންދާކަން ފާހަގަވަނީ އޭނާގެ ދޮންމޫނު ރަތް ވާތީއެވެ. ނޭނގޭ ކަމަށް ހަދާފަ ބޯ އަރިކުރަމުން މަންޝާ ފޯނަށް ބަލާލިއެވެ.
"މިސްޔޫ މައި ޕްރިންސަސް...." މަންޝާއަށް ފެނުނު މެސެޖް މަޑުމަޑުން ކިޔާލުމުން އަފްނާނު ފޯނު މެއާ ލާ ބޮނޑިކޮށްލަމުން ފޮރުވާލިއެވެ. "ދެން ދޮނާ...!!" އަފްނާންގެ މޫނުވަނީ އެއްކޮށް ރަތްވެފައެވެ.
"އެއީތަ އެއްކަލަ ރެޑްމާކް ބޯއި..." ސިއްރުސިއްރުން މަންޝާ އަހާލިއެވެ.
"ޝްޝްޝް... މީހަކަށް އަޑުއިވިދާނޭ ދޮނާގަނޑާ.. ޕްލީސް އެކަކު ކައިރީ ވެސް ނުބުނާތި... މީ އޭނައަކީ..." ފޯނުން ފޭސްބުކް އެޕްލިކޭޝަން ހުޅުވާލަމުން އެ ފިރިހެން ކުއްޖާގެ ފޮޓޯތައް އަފްނާން ދައްކާލިއެވެ. އެއީ ވަރަށް ރީތި ޒުވާން ކުއްޖެކެވެ.
"މި ބޯއި އަފޫއާ ވަރަށް ގުޅޭ... ޑޫޔޫ ލައިކް ހިމް..." މަންޝާ ބޭނުންވީ އަފްނާނު އިތުރަށް ލަދުގަންނުވާލާށެވެ.
"އޮފްކޯސް... އަފޫ މިދަނީ ކޮޓަރިއަށް... ދޮނާ ޑިސްޓާބް ކުރާތީ ޗެޓެއް ވެސް ނުކުރެވޭ.." ދުވެލާފަ ގޭތެރެއަށް ވަންނަން އަފްނާނު ދިޔައެވެ. އަފްނާނާ ދިމާއަށް ހެވިފައި ބަލަން އޮތް މަންޝާގެ ލޮލުގައި އަޅައިގަތީ އުނދޯލީގައި ހަސަންބެ އިން ގޮތުންނެވެ. ކައްޓެއް ޖެހިހެން މަންޝާ އެތަނުން ތެދުވެ ހެދުމަށް ދަމާލައި ރަނގަޅުކޮށްލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ތުންގަނޑު ވިކަމުން ހަސަންބެއާ ދިމާއަށް ކުދި ކިޔަމުންނެވެ.
*** *** *** *** *** ***
ރޭގަނޑު ހެދިކާ ހަދަން ގަޑި ކިޔާފައި ވަނީ މިރޭ ބާރަ ޖަހާ އިރަށެވެ. ފެންޑާތެރޭ ހުރި ކުޑަ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ބަލަން މުނީރާ އާއި މަދީހާ އާއި ހަސަނު ތިބީ އަޑަފިގަނޑު ކައިރިކޮށްގެންނެވެ. ނަލަހެދިލައިގެން މަންޝާ ނިކުތްތަން ފެނުމުން މަދީހާ ސުވާލުކޮށްލިއެވެ. "ދަރިފުޅާ ކޮންތާކަށް؟..."
"މަންމާ އެބައަންނަން... މިތާ ބޭރަށް ނިކުމެލަނީ... މާ ގިނަ އިރެއް ނުވާނެ..."
މަންޝާގެ ބޮލުން ފެށިގެން ފަޔަށް ހަސަނު ބަލާލިއެވެ. މަންޝާ ހުރީ ރަތްކުލައިގެ ކަކުލާ ހަމަޔަށް އަންނަ ކުރު ހެދުމެއް ލައިގެންނެވެ. ކަޅުކުލައިގެ ތިރި ފައިވާނަކަށް އަރާފައި ހުރިއިރު މަންޝާގެ އިސްތަށިގަނޑު ވަނީ ނިއުޅުވާލާފައެވެ. މިއަދު ލިބުނު މާބޮނޑިން މަލެއް ބޮލަށް ޖަހާފައި ހުރިއިރު އިތުރު ފުރިހަމެއް ގެނުވަނީ އޭނާގެ ތުންފަތުގައި ޖައްސާފައިވާ ރަތް ލިޕްސްޓިކުންނެވެ.
މަންޝާ ގެއިން ބޭރަށް ނިކުތުމާއި އެކީ ހަސަނު އުނދޯލިން ތެދުވެ ފާޚާނާ އަކަށޭ ކިޔާ ކޮޓަރިއަށް ވަނެވެ. މާގިނަ އިރުތަކެއް ނުވެ ހަސަނު ވެސް ގެއިން ނިކުމެއްޖެއެވެ. ޖޯލިފަތީގައި ފޯނާ ކުޅެން އޮތް އަފްނާނަށް ގެއިން ނިކުމެގެން ދިޔަ ހަސަނު ފެނުމުން ވިސްނާލެވުނެވެ. މަންޝާ ރީތިވެގެން ނިކުތުމާ އެކީ އޭނާގެ ބައްޕަ ވެސް ނަލަހެދިލައިގެން ނިކުތުމުން ކޮންމެވެސް ނުބައެއް އެޅޭހެން އަފްނާނަށް ހީވިއެވެ. ސިހިފައި އަފްނާނަށް ބަލާލެވުނީ އޭނާގެ މަގަތުގައި އޮތް އޭނާގެ މާމަ، ހަދީޖާ ކޮއްޓާލުމުންނެވެ. މާމަ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަން ދެވޭ ވަރެއް އަފްނާނަކަށް ނުވިއެވެ.
ގަނޑުކޮޅުގައި ބައްދަލުކުރަން އައުމަށް ލިޔެފައިވާ ތަނަކީ މަންޝާމެން ދިރުއުޅޭ ގެއާ މާ ދުރު ތަނެއް ނޫނެވެ. އަތިރި މައްޗަށް ނުކުތުމަށްފަހު ދެފަރާތް ބަލާލަމުން މަންޝާ ހިނގައިގަތީ ބަކަރި ކޮށި ހުރި ދިމާއަށެވެ. އެ ހިސާބުން އެއްވެސް މީހަކު ފެންނަން ނެތަސް ދުރުގައި ހުރި ކެފޭއެއް ކަހަލަ ތަނެއްގައި މީހުން ތިބިކަން މަންޝާއަށް އެނގެއެވެ. އެމީހުން ދައްކާ ވާހަކައާ ޖަހާލާ ބާރު ހިނިގަނޑުގެ އަޑު މަންޝާ ހުރި ހިސާބަށް ސާފުކޮށް އިވެއެވެ. އެހެންކަމުން އެތާހުރި ގަހެއްގެ ނިވަލުގައި މަންޝާ މަޑުކޮށްގެން ހުރީ އެ މީހެއްގެ އިންތިޒާރުގައެވެ.
ފަނަރަވަރަކަށް މިނިޓު ފަހުން ކެފޭ ކައިރީ ތިބި މީހުންތައް އެތަނުން ދިއުމުން އެ ސަރަހައްދު މުޅިން ހަމަހިމޭން ވިއެވެ. މޫދާ ކައިރި ހިސާބެއް ކަމުން އެހިސާބުން އިވެމުން ދިޔައީ ތޮށިގަނޑަށް ރާޅު ޖަހާ އަޑެވެ. ޖެހެމުން ދިޔަ ވައި ރޯޅިއާ އެކީ މަންޝާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. މަގުގެ ދެފަރާތަށް ބަލާލުމަށްފަހު މަންޝާ ގެއަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލަން ނިންމިއެވެ. މޫނުމައްޗަށް ވެއްޓޭ އިސްތަށިތައް ކަންފަތު ބުޑަށް މަހާލަމުން މަންޝާ އަތުގައި އޮތް ފޯނަށް ބަލާލީ ގަޑިން ވީއިރެއް ބަލާށެވެ.
މަންޝާގެ ފަހަތުން މީހަކު އައިސް އޭނާގެ ދެކޮނޑުގައި ހިފުމުން މަންޝާ ދިޔައީ ސިއްސައިގެންނެވެ. އިތުރު ހަރަކާތެއް ނުކުރެވެނީސް އެމީހަކު މަންޝާގެ ކަންފަތްދަށަށް ގުދުވެ، ވައިއަޑުން ބުނެލިއެވެ. "ޢީދު މުބާރިކް....."
އެ އަޑު ޖެހުމާ އެކު މަންޝާގެ ދެލޯ ބޮޑުވިއެވެ. އެއީ ކާކުކަން މަންޝާއަށް ޔަގީން ވިއެވެ.
ޒިބާންގެ ހޫނު ނޭވާ މަންޝާގެ ކަނދުރާގައި ބީހިލުމާ އެކީ ހިތުގެ ވިންދު އަވަސް ވިއެވެ. ޒިބާނާ ކުރިމަތިލަމުން މަންޝާ ވާހަކަ ދެއްކިއެވެ. "އޯހް... ކިހިނެއް މިރަށަށް އައީ... އައި މިސްޑް ޔޫ... އެންޑް ތޭންކްސް ފޯ ދަ ފްލާވާ... އިޓްސް ބިއުޓިފުލް..." މަންޝާގެ އިސްތަށިގަނޑުގެ އެއްފަރާތުގައި ހަރުކޮށްފައިވާ މަލުގައި އަތް ޖައްސާލަމުން ވާހަކަ ދެއްކި އިރު މަންޝާ ހުރީ އިސްޖަހައިގެންނެވެ.
"މަންއާ ނުލާ ކިހިނެއް އުޅޭނީ... އެހެންވެ މަންގެ ފަހަތުން މިރަށަށް މި އައީ... ވަރަށް ހޮޑުލެވޭތަ؟... މަން މިހާރު ކިހިނެއް؟..." ޒިބާން ކޮށްލި ސުވާލުން މަންޝާއަށް ސިހުމެއް ލިބުނެވެ. މަންޝާ ހޮޑުލާކަން ޒިބާނަށް އެނގުނީ ކިހިނެއް ހެއްޔެވެ. ފަހަރުގައި ދޯނި މަތިން ފެނުނީ ކަމަށް ހީކޮށް އެހާ ކޫސަނި ސުވާލެއް ނުކުރާން މަންޝާ ގަސްތު ކުރިއެވެ.
"އާން މިހާރު އޯކޭ... މި މަލުން މަންއަށް ވަރަށް މީރު ވަސް ދުވާ... މީ ކޮން ނަމެއް ކިޔާ މަލެއްތަ؟..." ބޮލަށް ޖަހާފަ އިންމާ ނަގަމުން މަންޝާ އެ މަލުން ވަސް ބަލާލިއެވެ. ކޮންމެވެސް ނުބައެއް އުޅޭކަން ޒިބާނަށް ފާހަގަވިއެވެ. ވަށައިގެން އެ މާހައުލަށް އޭނާ ނަޒަރު ހިންގާލީ ދެން ވާން އުޅޭގޮތް އޭނާއަށް އިނގޭތީއެވެ.
"ތީ ޒިބާންގެ އާއިލީ މަލެއް... ވަރަށް ރީތި ދޯ... ތި މަލަށް ކިޔާނަން ބުންޏަސް މަންއަކަށް ނޭނގޭނެ... ދެން މާ ލަސްނުކޮށް ގެއަށް ދޭ... އަހަރެން އެބަ ޖެހޭ ތަނަކަށް ދާންވެސް... ބަލައިގެން އުޅެއްޗޭ ލަވް... ޒިބާން ތިގެއަށް ވަރަށް އަވަހަށް ދާނަން..." ޒިބާންގެ އަތުން މަންޝާގެ ބަނޑުގައި މަޑުމަޑުން ފިރުމާލިއެވެ. މިރޭ މަންޝާއާ ބައްދަލު ކުރީ ޒިބާންގެ އަސްލު މަންޝާއަށް ހާމަކުރާށެވެ. މަންޝާ ލޯބިވާނަމަ އޭނަ ބަލައިގަންނާނެ ކަމަށް ޒިބާން ހީކުރި ނަމަވެސް މިރޭ އެފަދަ ވާހަކައެއް ދައްކަން މާ ރަނގަޅު ނޫން ހެން ހީވުމުން އެހެން ދުވަހަކަށް ފަސްކޮށްލީއެވެ. ޒިބާން ބޭނުންވީ މަންޝާ އަވަހަށް ގެއަށް ފޮނުވާލާށެވެ.
އަތިރި މަގާ ދިމާއަށް ޒިބާން ހިނގައިގަތީ މަންޝާ ގާތުގަ ގެއަށް ދާށޭ ބުނަމުންނެވެ. ޒިބާން ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު މަންޝާ އަތުގައިވާ ރަތްކަން ގަދަ މަލުން ވަސް ބަލާލިއެވެ.
*** *** *** *** *** ***
ގަސްތަކުގެ ތެރޭ ނިވާވެގެން މަންޝާއާ ދިމާއަށް ބަލަން ހަސަނު ހުރީ ރަނގަޅު ވަގުތަކަށް ބަލަބަލައެވެ. މަންޝާއަށް ފާރަލަމުން ހަސަނު މިހިސާބަށް އައިސް މަޑުކޮށްގެން އެހުރީ މަންޝާ ކުރާ ކަމެއް ބަލާށެވެ. ހިރުނދު ގަސް ދަށުގައި ހުރި ހިލަ ގޮނޑިމަތީ މަންޝާ އިށީނދެލީ ހެދުން މައްޗަށް އަރުވާލަމުންނެވެ. ގޮނޑީގެ ދެފަރާތަށް ދެފައި ލައިގެން އިށީނދެ އިންއިރު މަންޝާގެ ފަލަމަސްގަނޑުގެ ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ. ބިންމަތީގައި ހުރި ހިކިފަތްތަކުގެ މަތިން ހިނގާފައި އައި މީހާގެ ފިޔަވަޅުގެ އަޑު އިވުމުން ބޯ އަރިކޮށްލަމުން އެ ދިމާއަށް ބަލާލި އިރު މަންޝާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.
ނުރުހުމުގެ އެއްވެސް އަސަރެއް މަންޝާގެ ލޮލުން ފެންނަން ނެތުމުން ހަސަނުގެ ހިތް ތެޅިގަތެވެ. އެހެންކަމުން މަންޝާ ގާތުގައި ހަސަނު އިށީނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. މަންޝާގެ ކުރިމައްޗަށް ވާ ގޮތަށް ހަސަނު އެނބުރިލަމުން މަންޝާ ގާތަށް ޖެހިލީ އެ މޫނަށް ބަލަން ހުރެއެވެ. އިސްޖަހައިގެން މަންޝާ އިނީ އޭނާގެ އަތުގައި އޮތް ރަތްމަލުގެ ފިޔަތަކާއި ކުޅެލަކުޅެލައެވެ. މަންޝާއާ ބޮޑަށް ގާތްވެލަމުން ހަސަނު މަގުގެ ދެފަރާތަށް ބަލާލީ އެހިސާބުން މީހެއްގެ ހިލަން ވޭތޯއެވެ.
މަޑުމަޑުން ހަސަނު ގުދުވެލީ މަންޝާގެ ކަންފަތާ ދިމާއަށެވެ. އެއްއަތުން މަންޝާގެ ކަނދުރާ މައްޗަށް ވެއްޓިފައިވާ އިސްތަށިތައް ފަހަތަށް ޖައްސާލަމުން ކަނދުރާއަށް ބޮސްދޭން ހަސަނު ގާތްވެލިއެވެ. ގަދަ ނުހަދާ މަންޝާ އިނުމުން ހަސަނަށް ކުރެވެމުން ދިޔަ އިހްސާސް ދެގުނައަށް އިތުރުވެގެން ދިޔައެވެ. ފަޓުލޫނު ޒިބާ ދިމާއަށް ވާންވެލާފައި ހުރުމުން ހަސަނުގެ އަތުން ޒިބުމަތީގައި އަތްހާކާލެވުނީ ބޭއިޚްތިޔާރުގައެވެ.
"މަންޝާ.... ހަސަންބެ އަށް..." ހަސަންބެގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ދުރުން ފެނުނު އޮރެންޖް އައްޔަކަށް ހަސަނު ބަލާލީ މަޑުމަޑުން މަންޝާއާ ދުރަށް ޖެހެމުންނެވެ. އެއީ އަތިރިމަގުން ދުއްވާފައި އެމީހުން ތިބި ދިމާއަށް އައި ސައިކަލެކެވެ. މަންޝާގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލަމުން ހަސަނު އެ ގޮނޑިމަތިން ތެދުވިއެވެ. ގެއާ ދިމާއަށް ދާން ހަސަނު ހިނގައިގަތީ މި ކަންތައް މީހަކަށް ފަޅާއަރާފާނެތީއެވެ. މަންޝާ ގާތު ހަސަންބެ ދަންދެން މަޑުކުރުމަށް ބުނެލިއެވެ. އެވަގުތުވެސް މަންޝާ ބަހެއް ނުބުނެ އިސްޖަހައިގެން އިނެވެ.
ސައިކަލު އައިސް އަތިރިމަގުން އަޅާލީ ހަސަނު އެޅި މަގަށެވެ. ތެޅި ތެޅި އޮތްހިތަކާއެކީ ހަސަނު ހިނގާފައި ދިޔައިރު ހިތް ބިރުގެންފައި ހުރީ އެމީހުންނަށް އެކަންތައް ރޭކާލަފާނެތީއެވެ. އޭރުން މުޅި ރަށުތެރޭ ވާހަކަ ފެތުރޭކަށް މާ ގިނަ އިރެއް ނުނަގާނެކަން ހަސަނަށް އެނގޭތީއެވެ. ސައިކަލު ފަސްދީ ކުރިއަށް ދިޔައިރު ވެސް އޭގައި ތިބި ދެ މީހުން ކުރެ އެކަކުވެސް އެއްޗެކޭ ނުބުނުމުން ހަސަނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ފަސްއެނބުރި އަތިރިއާ ވީ ފާރާތަށް ހަސަނު ބަލާލިއެވެ. ހަސަނު ބޭނުންވީ މަންޝާ އާދޭތޯ ޔަގީން ކޮށްލާށެވެ. ނަމަވެސް އެމަގުކޮޅުން މީހަކު ފެންނާކަށް ނެތެވެ. ހަސަނު ފަޔަށްބާރުލާ ގެއާ ދިމާއަށް އަވަސްވެގަތީ ކުރީބައިގައި ގެއަށް ވަންނާށެވެ. މިރޭ އެންމެން ނިދީމަ މަންޝާ ކައިރިއަށް ވަންނަން އަޒުމް ކަނޑައަޅައިގެންނެވެ.
ގެއަށް އައިސް ވަނުމަށްފަހު ހަސަނު ގޮސް ފެންޑާތެރޭ ހުރި އުނދޯލީގައި އިށީނދެގެން އިނީ މަންޝާ ގޭތެރެއަށް ވަދެގެން އަންނަތަން ބަލާށެވެ. އެއްފައި ކުރުކޮށްލައިގެން އަނެއްފައިގެ އިނގިލިކުރި ތަޅުންމަތީ ޖައްސައިގެން އުނދޯލި ހެއްލާލަ ހެއްލާލަ އިންއިރު ޓީވީއަށް ވުރެއް ބޮޑަށް ހަސަނުގެ ކަޅި އަމާޒުވަމުން ދިޔައީ ގޭގެ މައި ދޮރާ ދިމާއަށެވެ. އެހެން އިންއިރު ދޭތެރެއަކުން ދެފައިވަޅުތެރެ ކަހާވަރުން ފަޓުލޫނު މަތިން ކަހާލައެވެ. ހަސަނަށް ނުކަހާ އިނދެވޭ ވަރެއް ނުވިއެވެ.
"ސާބަސް ހަސަނާ... ވަރުގަދަ ކެހުމެއްދޯ!!..." ކައިރިން އިވުނު އަޑުން ހަސަނަށް ސިހުމެއް ލިބުނެވެ. ދެލޯ މަރާލައިގެން ބިޒީކޮށް ކަހަން އިން ހަސަނަށް ތެޅިގަނެވުނެވެ.
"އާން... މީ ކެހުމެއް ލައްވާލީއްޔޭ..." ހަސަނު ހިނިގަނޑެއް ޖަހާލުމަށްފަހު މުނީރާއަށް ޖަވާބުދެމުން ވަށައިގެން ބަލައިލީ އެތާ އިތުރު މީހަކު ހުރިތޯއެވެ.
"ކޮބާ މަންޝާ؟... އެމަންޖެ އަދިވެސް ގެއަކަށް ނާދޭ ދޯ!..." އުނދޯލިން ތެދުވެ ގޯތިތެރެއަށް ހަސަނު ނިކުތީ ބޭރުތެރޭން ގިނަބަޔަކު ވާހަކަ ދައްކާ އަޑު އިވޭތީއެވެ.
"މަންޝާ އައިތާ ކޮންއިރެއް... އެބަ އުޅޭ ބަދިގެ ފަރާތުގަ..." މުނީރާ ވެސް ހަސަނުގެ ފަހަތުން ނިކުމެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.
ބަދިގެއާ ކާގެ ހުންނަނީ އެމީހުން ދިރިއުޅޭ ގެއާ ވަކިންނެވެ. ހަސަނު ގޮސް ޖޯލިފަތީގައި އޮށޯވެލަމުން ވިސްނާލިއެވެ. މަންޝާ އެހާ އަވަހަށް ގެއަށް އައީ ކިހިނެއް ހެއްޔެވެ. އޭނަ އެ އައި ގޮތެއް ހަސަނަކަށް ނަގައެއް ނުގަނެވުނެވެ.
ބަދިގެ ތެރެއިން ތެއްޔެއް ހިފައިގެން މަންޝާ ނިކުތީ ބޭރު ވަޅު ކައިރިއަށެވެ. މަންޝާ ލައިގެން ހުރި ހެދުން ވަނީ ބަދަލުވެފައެވެ. އޭނާ މިހާރު ލައިގެން ހުރީ ހަރުވާޅަކާއި ޓީޝާޓެކެވެ. އިސްތަށިގަނޑު ވަނީ ވޫލްކޮޅަކުން އައްސާލާފައެވެ.
ވަޅުމަތީ އޮތް ދާނި ނެގުމަށްފަހު ދާނި ފުރާ ފެން ނަގައިގެން، ވަޅުދޮށުގައި އުޑުފައިން އިށީނދެ، ތެލީގައި ނަރުގަނޑު ހާކަމުން ދިޔައިރު ހަސަނާ ދިމާއަށް މަންޝާއަށް ބަލާލެވުނީ ހަސަނު ބަލަން އޮތް ގޮތް ފެނުމުންނެވެ. މަންޝާއަށް ތެޅިގަނެވުނެވެ. ހަސަނު ބަލަންއޮތް ގޮތުންނެވެ. ހީވަނީ ދެންމެ ދެންމެ އައިސް ސިންގާއެއްހެން ގަޔަށް އަރައިގެންފާނެ ހެންނެވެ.
ހަސަނާ ދިމާއަށް ބަލަން ބޭނުން ނުވާތީ މަންޝާގެ ނަޒަރު ދުރުކޮށްލީ ފެންޑާއަށް ވަދެވޭ ދޮރާ ދިމާއަށެވެ. އެވަގުތު ފެނުނީ އެ ދޮރުމަތީގައި ހުއްޓިގެން ހުރި އަފްނާނެވެ. އޭނާ ހުރީ ފެންޑާއިން ބޭރަށް ނިކުންނަ ދިމާލުގައި ބަހައްޓާފައި ހުރި ފައިވާންތައް ކައިރީގައެވެ. އަފްނާނުގެ ނަޒަރު ހުރީ ހަސަނާ ދިމާއަށެވެ. އަފްނާނަށް ކޮންމެސް ކަމެއް އެނގޭކަމަށް މަންޝާއަށް ޝައްކު ކުރެވުނެވެ. ތެލި ދޮވެލުމަށްފަހު ދާނީގައި ހުރި ފެނުން ފައި ދޮވެލައިގެން ބަދިގެއަށް ވަނުމަށް މަންޝާ އަވަސްވެގަތެވެ.
*** *** *** *** *** ***
ޢީދު ނަމާދަށް އެންމެން ދިޔައިރު މަންޝާއަށް ނުދެވި ގޭގައި އޮންނަން ޖެހުނީ ބޮލަށް އެނބުރުން އަރާތީއެވެ. ކޮޓަރީގައި ހުރި ފެންފުޅި ހުސްވުމުން ފެންފޮދެއް އަޅަން ނިކުތް މަންޝާގެ ލޮލުގައި އަޅައިގަތީ އުނދޯލީގައި އިށީނދެގެން ޓީ ވީބަލަން އިން ހަސަނެވެ. ގޭގައި އެއްވެސް މީހަކު ނެތްކަން ހަނދާންވުމުން މަންޝާ ފަސްޖެހުނެވެ. އެންމެން ވީ ޢީދު ނަމާދަށް ގޮހެވެ.
ބަދިގެއަށް ގޮސް އެ ފެންފުޅިއަށް ފެން އެޅުމަށްފަހު މަންޝާ ބޭނުންވީ އަވަހަށް ކޮޓަރިއަށް ދާށެވެ. އަވަސް އަރުވާލާފަ ބަދިގެއިން ނިކުންނަން އެނބުރިލީ އިރު ދޮރުކަނީގައި އަތްވިއްދާލައިގެން ހުރި ހަސަނު ފެނުމުން މަންޝާއަށް ހިންދިރުވާލެވުނެވެ.
"ހަސަންބޭ... އަހަރެން މިއުޅެނީ ބޮލުގަ ރިއްސާތީ... އަހަރެން..." މަންޝާ ދައްކަމުން އައި ވާހަކަ މެދުކަނޑާލީ ހަސަނު ތުންފަތުގައި އިނގިލި ޖައްސާލަމުން ޝްޝްޝް އޭ ބުނުމުންނެވެ.
"އަހަރެން ނޫޅެން މާބޮޑު ކަމެއް ކުރާކަށް... ބައްދާލަނިކޮށް ފުދޭނެ... މިއުޅެނީ ދޮންހައްވަ އަޅައިދިން ބޭސް ގަނޑަކުން ގުދުވެވޭ ވަރުވެސް ނުވެގެން..." ދެއަތް ފުޅާކޮށްގެން ހުރެ ހަސަނު އެތެރެއަށް ވަނުމަށް ފިޔަވަޅު އަޅާލިއެވެ. މި މުސީބާތުން ސަލާމަތް ވާނީ ކޮންދުވަހަކުން ބާއޭ މަންޝާ ހިތަށް އެރިއެވެ. މި މުޑުދާރު ހަސަންބެ ބިރުވެސް ނުގަންނަނީ ހެއްޔެވެ. ހަތްއަހަރު ފަހުން ދިމާވި އިރުވެސް މީނާގެ މި އެދުންވެރިކަމަށް ބަދަލެއް ނާދެއެވެ.
ދެމީހުންވެސް ސިއްސައިގެން ދިޔައީ ފުރާޅު މައްޗަށް އެއްޗެއް ވެއްޓުމާއެކު އިވުނު ބާރު އަޑުފަށްގަނޑަށެވެ. އެ އިވުނީ ޖެހިގެން ހުރިގޭގެ ރުކުން ކާއްޓެއް ވެއްޓުނު އަޑުކަމަށް މަންޝާގެ ހިތް ބުންޏެވެ. ދެމީހުންނަށް ވެސް ބަލާލެވުނީ ބޯމަތީގައިވާ ޓިނުގަނޑަށެވެ.
މަންޝާގެ ނަޒަރު އަވަހަށް ތިރިކޮށްލީ ހަސަނު އޭނާއާ ދިމާއަށް އައިސްދާނެތީއެވެ. އެވަގުތު ހަސަނުގެ ފަަހަތުން މީހަކު އަންނަތަން ފެނުމުން މަންޝާ ބޯއަރިކޮށްލީ އެ މީހަކު ބަލާށެވެ. ގޭގެ މައިދޮރުން އެތެރެއަށް އަފްނާނާއެކު މުނީރާއާ މަދީހާއާ ވަންނަނީއެވެ. މަންޝާ ބަދިގެއިން ނިކުންނަން ހިނގައިގަތީ މުނީރާމެން އަންނާތީ އެކަން ހަސަނަށް އަންގާލަމުންނެވެ.
"ނަމާދުކޮށް ނިމުނީދޯ... ދެން ހިނގާ ސައި ބޯން...." މުނީރާމެންނާ ވާހަކަ ދައްކަމުން ގެއާ ހަމައަށް ނުދެވެނީސް މަންޝާގެ ބޮލަށް އެނބުރުން އެރިއެވެ. މަންޝާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނު އިރު މަންޝާ ބިންމައްޗަށް ވެއްޓިއްޖެއެވެ. މަދީހާމެންނަށް އެހިސާބަށް ދެވެންވާއިރަށް ބަދިގެއިން ނިކުތް ހަސަނު މަންޝާގެ އަތުގައި ހިފާ ތެދުކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ހަސަނުގެ ބުރަކަށީގައި އަޅާފައިވާ ބޭސްގަނޑުން އޭނާއަށް މާ ބޮޑު ބާރެއް ލެވޭ ގޮތެއް ނުވިއެވެ. މަންޝާގެ އަތުން ދޫވި ފެންފުޅި އަފްނާނު ނެގުމަށްފަހު މުނީރާ އަތަށް ދިނެވެ. އެ ފެންފުޅިން ފެންފޮދެއް މުނީރާގެ އަތަށް އަޅާ މަންޝާގެ މޫނުގައި ހާކާލިއެވެ.
ރަށު ހޮސްޕިޓަލަށް މަންޝާ ގެންދިޔައީ މަންޝާގެ ބޮލުގެ ރިހުމަށް ލުޔެއް ނުލިބޭތީއެވެ. އާންމުބަލީގެ ހާއްސަ ޑޮކްޓަރު މަންޝާ ގާތު އެތައް ސުވާލެއް ކުރިއެވެ. އެންމެ ފަހުން ކެއީ ކޮން އިރަކުތޯއާ، ޕީރިއަޑްވީ ދުވަހަކީ ކޮބާތޯއާ، ބޮލުގެ ރިހުމުގެ އިތުރަށް އެހެން އުނދަގުލެއް ވޭތޯއާ، އެއްވެސް ބައްޔަކަށް ބޭސްކުރާ މީހެއްތޯ އެވެ. މަންޝާގެ ޖަވާބުތަކަށް ބުރަވެ ޑޮކްޓަރ ބޭނުންވީ ބަނޑުބޮޑުތޯ ބަލަން ޓެސްޓް ހަދާށެވެ. އަދި މަންޝާ ރަނގަޅަށް ނުކައި ނުބޮއި އުޅޭތާ ގިނަ ދުވަސްވުމުން މީހާ ގައިން ފެންމަދުވެފައިވާ ވާހަކަވެސް ޑޮކްޓަރު ބުންޏެވެ. ނަތީޖާ ލިބެންދެން އައިވީ ފުޅިއެއް ގުޅާފައި ވޯޑުގައި މަންޝާ އެޑްމިޓް ކުރިއެވެ.
މަންޝާގެ މަގަތުގައި މަދީހާ އިށީނދެގެން އިނެވެ. ފަހަކަށް އައިސް މަންޝާ ނުކަނީ ކީއްވެތޯ ވަރަށް ސުވާލު ކުރިއެވެ. ނަމަވެސް މަންޝާ އެކަމަށް ޖަވާބެއް ނުދީ ހިމޭނުން އޮތީއެވެ. އަޒީމްގެ އުޅުމަށް ބަދަލު އަންނަން ފެށި ހިސާބުން މަންޝާ ވަނީ ކެއުން ބުއިމާ ވަރަށް ދުރުވެފައެވެ.
ރިޕޯޓް އައުމާއެކީ މަންޝާއާ ބައްދަލުކުރަން ޑޮކްޓަރ ދުރުވީ އިތުރު ޑޮކްޓަރަކާ ވެސް އެކީގައެވެ. "އާމިނަތު މަންޝާ... މިހާރު ބޮލުގެ ރިހުން ކިހިނެއް؟.... މީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް.. މަންޝާގެ ބްލަޑް ރިޕޯޓްއިން ދައްކާ ގޮތުގައި މަންޝާ ބަނޑުބޮޑު..." ޑޮކްޓަރު ވާހަކަ ދައްކަމުން މަންޝާގެ އަތަށް ރިޕޯޓްތައް ހަވާލު ކުރިއެވެ.
(ނުނިމޭ)