"ކިހިނެއްވީ މީރާ؟... އަރ ޔޫ އޯކޭ..." މީރާގެ ބުރަކަށީގައި ފިރުމާލަމުން މަންޝާ ވާހަކަ ދެއްކިއެވެ.

"މަންޝާ... އަޅެ ވަރަށް އަވަހަށް ރިޔާޒަށް ގުޅައިދީ ބަލަ.. އައި ފީލް ސިކް.." އަތުގައި އޮތް ފެންފުޅިން ކޯވަރެއް ބޯލަމުން މީރާ ބުނެލިއެވެ. އެހެންކަމުން މަންޝާގެ ފޯނުން ރިޔާޒަށް ގުޅާލިއެވެ.

މާގިނަ އިރެއްނުވެ ރިޔާޒް ބީޗް ކައިރިއަށް ސައިކަލުގައި އައެވެ. މީރާ ރިޔާޒްއާ އެކީ ދިޔުމުން މަންޝާ ގެއަށް ދާން ހިތަށް އެރިއެވެ. އެވަގުތު މަންްޝާގެ އިސްތަށިގަނޑުގައި ވައި ރޯޅިއެއް އެޅިލިކަން އެނގުނެވެ. ސިހިފައި މަންޝާއަށް ފަހަތް ބަލާލެވުނެވެ. ބީޗްގެ މޫދާވީ ސަރަހައްދަށް ބަލާލުމަށް ފަހު އެ ދިމާއަށް ދާން މަންޗާ ބޭނުންވިއެވެ.

މަޑު ފިޔަވަޅުތަކެއްގައި މަންޝާ ގޮސް ހުއްޓުނީ ބީޗް ކައިރީގައެވެ. އިރުއޮއްސުނު ވަގުތުކަމުން ތަންކޮޅެއް މީހުން މަދެވެ. ކައްޗަކަށް ތިރިއަށް އަޅާފައިވާ ހިލަ ގައުތަކުގެ ކައިރިފަށުގައި ހުއްޓިގެން ހުއްޓާ މަންޝާގެ ބުރަކަށީގައި މީހަކު ޖެހިގެންހެން ހީވިއެވެ. ފައި އަރިއަޅާލުމުން މަންޝާ ވެއްޓެން ދިޔަ ވަގުތު މަންޝާގެ އަތުގައި މީހަކު ހިފިކަން އެއީ އޭނާގެ ނަސީބެވެ. ދެލޯ މަރާ ފިއްތައިގެން އޮތް މަންޝާ ލޯ ހުޅުވާލިއެވެ. މަންޝާގެ ލޯކުރިމަތީ މިހުރީ ޒިބާނެވެ.

"މަންޝާ މިތާ ކީއްކުރަނީ؟..." ޒިބާން އަވަސް އަވަހަށް ސުވާލުކޮށްލީ ބޯ އަރިކޮށްލަމުން މަންޝާގެ ފަހަތަށް ބަލަމުންނެވެ.

"މީރާއާ އެކީ ޑައިނަމޯއަށް އައީ... އެއީ ވަރަށް ގާތް ފްރެންޑެއް.... މީރާ ދިޔައިމަ މިތަނަށް އައީ... ވެދާނެއްނު ޒިބާނާ ދިމާވާން ހުރީމަކަމަށް މިތަނަށް މި އާދެވުނީ..." މަންޝާ ހުރީ ޒިބާން ފެނުމުން ވަރަށް އުފަަލުންނެވެ.

"އެހެންތަ... އަވަހަށް އަޒީމަށް ގުޅަައިގެން ގެއަށްދޭ... އަހަރެން މިދަނީ ތަނަކަށް ދާންޖެހޭތީ..." އެހެންް ބުނުމަށްފަހު ޒިބާން ހިނގައިގަތެވެ. އަވަސް އަރުވާލާފަ ހުރި ގޮތުން ޒިބާން ކަމަކާ ހާސްވެފަ ހުރިކަން އޭނާގެ މޫނުމަތިން ދޭހަ ވެއެވެ. މަންޝާގެ ފޯނު ރިންގްވުމުން ފޯނަށް ބަލާލިއެވެ.

"ހަލޯ.. މަންޝާ.. ކޮންތާކު؟.. ގޭގަ ނެތީމަ މި ގުޅީ..." އަޒީމް ގެއަށް ވަތްގޮތަށް މަންޝާ ފެންނަން ނެތުމުން ސުވާލުކުރިއެވެ. މަންޝާ މިހުރީ ބީޗްގައި ކަމަށާއި އަޒީމް ބަލާ އައިސް ދިނުމަށް އެދުނެވެ. އަޒީމް އަންނަން ވާއިރަށް މަޖީދީ މަގަށް ވާގޮތަށް ހުރި ސްޓޭޖާ ދިމާއަށް މަންޝާ ހިނގައިގަތެވެ.

*** *** *** *** *** ***

ޒިބާންގެ ފިޔަވަޅު އަވަސްކޮށްލީ ޑައިނަމޯ ބިއްދޮށުގައިވާ އަނދިރި ގަސްތަކުގެ ނިވަލަށް އެމީހާ ވަނުމުންނެވެ. އެހިސާބަށް ދެވުނު އިރު ގަސްތަކުގެ މަަތިން އަލިގުޅައެއްހެން އޭތި ދަތުރު ފެއްޓިތަން ފެނުނެވެ. ދެފަަރާތަށް ބަލާލުމަށްފަހު މީހަކު ބަލަން ނެތްކަން ޔަގީންކޮށްފައި ޒިބާންވެސް އެނާގެ ހަށިގަނޑު ބިމުން މައްޗަށް އުފުލާލިއެވެ. ވައިގެތެރެއިން މައްޗަށް އެރުމަށްފަހު އަލިފާންކަނި ބުރުވަމުން އެ ނޫކުލައިގެ އަލިގުޅަފަހަތުން ޒިބާން މިސްރާބު ޖެހިއެވެ. އެ އަަލިގުޅަ ތިރިކުރީ މާލެއާ ދުރުން ކަނޑާދިމާލަށެވެ. ޒިބާންވެސް ވެސް އެހިސާބަށް އައިސް މަޑުކޮށްލިއެވެ. ދެމީހުންވެސް ތިބީ ލޮނުގަނޑުގައި ފައި ނުޖެހި ކިރިޔާއެވެ.

"ކަލޭ ކައިރީ އަހަރެން ބުނިންދޯ މަންޝާއާ އުނދަގޫ ނުކުރަން..." ޒިބާންގެ އަޑުވަނީ ބަދަލުވެފައެވެ. ސިފަވެސް ވަނީ ބަދަލުވެފައެވެ. ހުދުކުލައިގެ ދުންގަނޑެއްހެން އޮތް އޭނާގެ އިސްތަށިގަނޑު ވަޔާއެކު ވިހުރެމުން ދިޔައެވެ.

"ކަލެއަށް އަހަރެން ހަވާލުކުރި މަސައްކަތުން ތިހުރީ ފެއިލްވެފަ... ކަލޭ ކައިރީ އެހިސާބަށް ނުދައްޗޭ ބުނިންދޯ... މަންޝާ ބަނޑުގައިވާ ދަރިއަށްޓަކައި ކަލޭ ހަމްދަރުދީ ވަނީތަ؟... ކަލޭ ހާދަ ފިނޑިއޭ... އަހަރެމެން އުޅުނު ހާލާ ދޭތެރެ އެއްވެސް ވަރަކަށް ވިސްނާލިންތަ؟... ކަލެއަށް މިކަން ނުވާނެކަން އެނގިގެން އަހަރެންނަށް އަަންނަން މިޖެހުނީ... އަހަރެން ދެން ހުރިހާ ކަމެއްވެސް ކުރާނީ..." ނޫކުލައިގެ އަލިން ދިއްލިފައިވާ މަޚްލޫގު ވާހަކަ ދައްކަމުން ދިޔަ އިރު މޫދުގެ ލޮނުގަނޑު އެމީހުން ވަށާ އުފުއްލެމުން ދިޔައެވެ. ނަގުލު ރޯޅިއެއް ހެން އެދެމީހުން ވަށާ ވައި ދަރުވަމުން ދިޔައެވެ.

"މަންޝާ ގައިގަ އިނގިލި ކުރިވެސް ޖައްސާ ނުލާތި... އަޑު އިވިއްޖެތަ.. އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން..." ޒިބާން ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. ޒިބާންގެ ހަޅޭކުގެ އަޑާއެކީ ވިދާލުމަށްފަހު ގުގުރާލިއެވެ.

ދެން ހުރި މަޚްލޫގު ބަރު އަޑުން ހޭންފެށިއެވެ. "ކަލެއަކަށް ނޭނގޭތަ؟.. އިންސާނުންނަކީ ހާދަ މަކަރުވެރި ބައެކޭ... ކަލެއަށް އަދި ފަހުން ވިސްނޭނެ..."

އެބުނި އެއްޗަކާ ދެތެރޭ ޒިބާން ވިސްނާލަން ހުއްޓާ އޭނާ އެތަނުން ގެއްލުނެވެ. އަދި އެ ނަގޫރޯޅި މަޑުވެއްޖެއެވެ. ޒިބާން އަވަސްވެގަތީ މަންޝާ ހުރި ތަނެއް ހޯދާށެވެ. އިތުރު ހާނިއްކައެއް މަންޝާއަށް ދީފާނެތީއެވެ.

*** *** *** *** *** ***

އަޒީމާ އެކު ގެއަށް އައިސް ވަނުމަށްފަހު މަންޝާ އަވަސް ވެގަތީ އޭނާގެ ދަބަސް ތައްޔާރު ކުރާށެވެ. ބޭނުންވާނެ މުހިއްމު އެއްވެސް އެއްޗެއް ނުގަނެ ހުރިތޯ ޗެކްކުރާށެވެ. އަލަމާރި މަތީގައިވާ ލަގެޖް ނަގައި އޭގައި ހުރި ހިރަފުސްތައް ފޮޅާލީ ބެލްކަންޏަަށް ނެރުމަށް ފަހުގައެވެ. ލަގެޖް ރީތިކޮށްލުމަށްފަހު އަލަމާރި ތެރެއިން ބައެއް ސާމާނުތައް ނެގިއެވެ. މަންޝާ ގެންްގުޅޭ ގިނަ އަންނައުނުތައް ޕެކްކުރާތަން ފެނުމުން އަޒީމް ހުރީ ހައިރާން ވެފައެވެ.

"މަންޝާ ތިއުޅެނީ ރަށަށް އެއްކޮށް ބަދަލުވާންތަ؟... ހާދަ އެއްޗެއް ތި ގެންދަނީ..." އަޒީމް ސުވާލުކޮށްލީ ފާޚާނާއިން ނިކުމެ ގޭތެރޭގައިލާ ޝޯޓް ބުރި މަހާލަމުންނެވެ.

"މީ މަން ނުލާ ހެދުންތަކެއް... ރަަށުގަ އުޅޭނެ މި ލެވޭނެ ކުދިން.... އެއްލާލުމަށްވުރެއް އެކުދިންނަށް ދިނަސް މާ ރަނގަޅުވާނެ... މަންއަށް ބާރުވެގެން މި ހެދުންތައް ނުލެވިފަ މިހުރީ... އަނެއްކޮޅުން ނުލާހިކު އާ ވާނެ..." މަންޝާ ވާހަކަ ދެއްކީ ދެބަރިއަކަށް ހެދުންތައް ވަކި ކުރަމުންނެވެ.

މަންޝާ ކުރަމުން ދިޔަ މަސައްކަތަށް ބަލަން ހުރުމަށްފަހު އަޒީމް ކޮޓަރިން ނިކުތުމަށް ހިނގައިގަތީ ކާން ހަދައި ދިނުމަށް އެދެމުންނެވެ. ކޮޓަރިން ބޭރަށް ނިކުމެ ނިކުމެ ހުރި އަޒީމާ ދިމާއަށް މަންޝާ ބަލާލިވަގުތު ދެލޯ މުދުނަށް އެރިއެވެ. ހިނދުކޮޅަކަށް މަންްޝާގެ ހަރަކާތް ހުއްޓުނެވެ. އަޒީމްގެ ބުރަކަށީގައި ކުރެހިފައިވާ ވަކިތަކުގެ ރަތް ނިޝާންތަކެވެ. މަންޝާއަށް އޭނާގެ އިނގިލީގެ ނިޔަފަތިތަކަށް ބަލާލެވުނެވެ. މަންޝާގެ ނިޔަފައްޗަކީ އަބަދުވެސް ވަކި ނޭޅޭ ވަަރަށް ކުރުކޮށް ކަނޑާފަ ހުންނަ ނިޔަފައްޗެވެ. މަަންޝާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.

ޝައްކުގެ ނަޒަރަކުން އަޒީމާ ދިމާއަށް ބަލާލެވުނެވެ. ނަމަވެސް އެކަަން މަންޝާގެ ހިތެއް ގަބޫލެއް ނުކުރެއެވެ. އެކަންތައް ޔަގީން ކުރަން ބޭނުންވިއެވެ. މަންޝާ ކުރަން ހުރި މަސައްކަތް ބެހެއްޓުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީ އަޒީމަށް ކާން ހަދާށެވެ. މޭޒުމައްޗަށް ކާން ހެދުމުން އަޒީމް ކާން އައެވެ.

"މަން ނުކާނަންތަ؟..." އަޒީމަށް އެކަނި ކާން ހަދާފަ ހުރިތަން ފެނުމުން އޭނާ ސުވާލުކޮށްލިއެވެ.

ޑައިނަމޯއިން ސަބްމެރިންް ކައިގެން ހުރީމަ އަދި ބަނޑުހައި ނުވާ ވާހަކަ މަންޝާ ބުންޏެވެ. އަޒީމަށް ޖޫސް ތައްޓެއް ގިރައިދޭން ހުރި މަންޝާ ވަގުވަގަށް އަޒީމްގެ ހަށިގަނޑަށް ބަލަމުން ދިޔައެވެ. އަޒީމްގެ ކަންފަތް ދޮށުގައި ރަތްވެފައިހުރި ދެ ތަނެއް ފެނުނެވެ. ގިރަގިރާ ހުރި ޖޫސްތަށި އެވަގުތު ބަނޑުން ނުވީ ކިރިޔާ އެވެ.

"ކިިނެއްވީ މަން؟... " މަންޝާ ތެޅިގެންތަން ފެނިފައި އަޒީމް ސުވާލުކުރީ އަނގަފުރާ ބަތް ބަހައްޓައިގެން ހުރެއެވެ.

ކަމެއް ނުވެއޭ ބުނުމަށްފަހު މަންޝާ ގޮސްވަނީ ކޮޓަރިއަށެވެ. މަންޝާގެ ހިތަށް އުނދަަގޫވިއެވެ. އަޒީމާ އެހެން އަންހެނަކު ގާތްވުމަށް މަންޝާގެ ހިތެއް ނޭދެއެވެ. އަޒީމް ސިއްރު ގުޅުމެއް ހިންގަނީ ހެއްޔެވެ. މަންޝާ ހިތުގައި ޖެހުނެވެ. ނަމަވެސް އެވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ.

ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ މަންޝާއަށް ކަމެއް ހަނދާންވި ކަހަލައެވެ. އަޒީމް ބޭވަފާތެރިވުމުން އެކަމާ މަންޝާ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. އެވަގުތު މަންޝާއަށް ވެވިފައިވާ ބޭވަފާތެރިކަން ހިތަށް ވަނުމުން އެކަމާއި ކަންބޮޑުވިއެވެ. އަޒީމްދެކެ ރުޅިއައުމުގެ ހައްޤެއް މަންޝާގެ ކިބަޔަކު ނެތެވެ.

އެނދުމަތީ އޮތް އަޒީމްގެ ފޯނު ރިންގްވީ އެވަގުތެވެ. މަންޝާ ބަލާލިއެވެ. މަންޝާގެ އަންނައުނުތަކުގެ ތެރޭގައިވާ ފޯނު ނެގިއެވެ. އެ ނަންބަރަކީ ފޯނަށް ސޭވްކޮށްފައިވާ ނަންބަރެއް ނޫނެވެ. ފޯނު ނަގާ މަންޝާގެ ކަންފަތުގައި ޖައްސާލިއެވެ. ބަހެއް ނުބުނެ ހުރީ މަންޝާގެ ރުއިން ކޮންޓްރޯލް ކުރާށެވެ.

"އަންގާވެސް ނުލާދޯ ދިއައީ... މިރޭވެސް މިކޮޅަށް އަންނަންވީނުން... އަޒީމާ ނުލާ ނޫޅެވޭނެ... ތީ މި ހިތުގެ ވިންދަކީ... އައި މިސްޔޫ..." މަންޝާގެ އަތުން ފޯނު ދޫވިއެވެ. ފޯނު ވެއްޓުނީ އެނދު މައްޗަށެވެ. ފޮނު ދޫވިކަން އެނގުމުން އަވަހަށް ފޯނު ނެގިއެވެ. މަންޝާ ހުރީ ޝޮކެއްގައެވެ. މަންޝާ އަވަސް އަވަހަށް އެފޯނު ކޯލު ކަނޑާލިއެވެ.

ބަހެއް ބުނަން ބޭނުން ވިޔަސް ބަހެއް ބުނެވޭ ގޮތެއް ނުވިއެވެ. މަންޝާ ވެސް މިވަނީ އަޒީމަށް ބޭވަފާތެރި ވެފައެވެ. ހިތް ކުދިކުދި ވެފައިވާ ހާލުގައި މަންޝާ އެފޯނާ ދިމާއަށް ބަލަން ހުއްޓެވެ. އެކޮޅުން ދެއްކި ވާހަކަ ފުރިހަމައަށް ދޭހަ ނުވިއަސް އެއީ އަޒީމާ ގުޅުން ބާއްވާ އަންހެން މީހާ އޭނާއަށް ކަށަވަރެވެ. އެމީހަކު އެއީ އައްޑޫ މީހެއްކަން ޔަގީނެވެ. އެ މީހާ އެ ވާހަކަ ދެއްކީ އަޒީމްމެންގެ ރަށު ބަހުރުވައިންނެވެ.

އެ އަންހެން ކުއްޖާ ބުނި ލަފްޒުތައް ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. "އައި މިސްޔޫ.... އައި މިސްޔޫ.... އައި މިސްޔޫ...." މަންޝާ ރުޅިއަންނަ ގޮތް ވިއެވެ. އެހެންކަމުން އެވަގުތު މަންޝާގެ ފޯނު ހޯދަން ފެށިއެވެ. ރުޅި އައިސްފައި ހުރުމުން ފޯނު ވީތަނެއްވެސް ނޭނގުނެވެ. އެއްލި ކަޅިން ރީތިވާ މޭޒުމަތީގައި އޮތް ފޯނު ފެނުމުން އަވަހަށް ފޯނު ނަގާ އެއަަންހެން މީހާ ކީ ބަސްތައް ހަނދާން ހުރި ގޮތަކަށް މެސެޖެއްގައި ލިޔެލިއެވެ. އަދި އެ މެސެޖް ސޭވްކޮށްލިއެވެ.

މަންޝާއަށް ސިހުމެއް ލިބުނީ އަނެއްކާވެސް އަޒީމްގެ ފޯނު ރިންގް ވުމުންނެވެ. ހަމަ އެ ނަަންބަރެވެ. މަންްޝާ ފޯނު ހިފައިގެން ގޮސް މޭޒުދޮށުގައި ކާން އިން އަޒީމްގެ އަތަށް ދިއްކޮށްލިއެވެ. ފޯނުގައި ހިފަމުން ކާކުހޭ އަޒީމް އަހާލީ ނިތަށް ރޫ ގިނަކޮށްލަމުންނެވެ.

ނޭނގޭ ބުނާ ފަދައަކުން މަންޝާ ދެކޮނޑު އަރުވާލަމުން ގޮސް ހުއްޓުނީ ސިންކުގައި ހުރި ތަށިތައް ނަގާށެވެ. އަޒީމް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. މަންޝާ ހުރީ އަޒީމްގެ މޫނަށް ބަލާށެވެ. މި ފޯނު ކޯލާ އަޒީމްއާ ހުރި ގުޅުން ފަހުމްކުރަން ބޭނުންވެފައެވެ. އެކޮޅުން ވާހަކަ ދެއްކުމުން އަޒީމްގެ މޫނުމަތީ ކުލަވަރު އެކީ ބަދަލުވެގެން ދިޔައެވެ. ހިނިތުންވަމުން އަޒީމް ހޫންއޭ އަޅުވާލިއެވެ. އަދި ސިންކު ދޮށަށް ގޮސް މަންޝާއާ ކައިރިވެލަމުން އިސްކުރުދަށަށް އަތްދިއްކޮށްލީ އަތް ދޮވެލާށެވެ.

އައިސްއަލަމާރި ތެރެއިން ފެންފުޅިއެއް ނަގައިގެން ކޮޓަރިއަށް ދިޔައީވެސް އެފޯނުގައި ހުރެއެވެ. މޭޒުމަތީ ހުރި ތަށިތައް ނެގި އިރު މަންޝާއަށް ހުރީ ރޮވިފައެވެ. އަޒީމަށް އެއަންހެން މީހާ ހާއްސަވެފައިވާ މިންވަރު އޭނާގެ މޫނުމަތިން މޭރުވުމުންނެވެ. މަންޝާއަށް މިހެން މި ދިމާވީ އޭނާއަށް އުޅެވުނު ގޮތުންނޭ އޭނާގެ ހިތަށް އެރިއެވެ.

ކޮޓަރިއަށް މަންޝާ ދިޔައިރު އަޒީމް ހުރީ ބެލްކަނީގައި ފޯނުން ވާހަކަ ދައްކާށެވެ. ކޮޓަރިއަށް މަންޝާ ވަނުމާއެކު އަޒީމް ބެލްކަނީގެ ދޮރު ކަހާލިއެވެ. ހިނިތުންވަމުން އަޒީމް ވާހަކަ ދައްކަމުން ދިޔައިރު އެދެމެދުގައިވާ ގާތްކަން މަންޝާއަށް އިހްސާސްވިއެވެ. މަންޝާއާ އަޒީމްގެ ކައިވެނީގެ ގޮށްމޮހެވެން އުޅޭކަމުގެ ސިގްނަލް އަޅަން ފެށިއެވެ. ބެލްކަނިތެރޭ ހުރެ ކޮޓަރިއަށް ވަންނަމުން އަޒީމް ވާހަކަ ދެއްކީ މަންޝާ އާއެވެ.

"މަން... ދެންމެ ފޯނު ނެގިންތަ؟..." އެނދުގައި އިށީނދެގެން އިން މަންޝާއަށް ސިހުމެއް ލިބުނެވެ. އަވަހަށް ވިސްނާލީ ދޭނެ ޖަވާބަކާއި ދޭތެރޭއެވެ.

"އާން... ފޯނު ނެގިން.. އެކަމު އެކޮޅުން ދެއްކި ވާހަކައެއް ނީވޭ... އެހެންވެ ފޯނު ކަނޑާލީ... ކިހިނެއްވީ؟..." މަންޝާއަށް އެ އަންހެން މީހާގެ އަޑު ނީވޭ ކަމަށް ހެދިއެވެ.

"އެގުޅީ ރިޒްވީއޭ.... ރޭގަ ވިއްސާރަކަމުން އެކޮޅުގަ ކުރަން ޖެހޭ މަސައްކަތްތައް އެއްކޮށް ނުނިންމުނު.. އެހެންވެ އަހަރެން މިދަނީ ހުޅުމާލެއަށް ދާން... އޭނަ ބުނި ރަނގަޅު އަގެއް މަސައްކަތައް ކިޔާށޯ... ދަބަހަށް ޔުނީފޯމެއް ލާބަލަ.. އޭރުން މާދަމާ ވަޒީފާއަށް ދާނީ އެކޮޅުން..." އަޒީމް އެހެންބުނަމުން ގޮސް އަލަމާރި ތެރެއިން ޓީޝާޓެއް ގަޔަށް މަހާލިއެވެ. އަދި މޫނު ބަލާ ލޯގަނޑު ކައިރީ ހުރެ ބޮލުގައި ހެއަރ-ޖެލްކޮޅެއް ލަމުން އިސްތަށިގަނޑު ރީތިކޮށްލިއެވެ.

މަންޝާ އިނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އަޒީމް އެހާ ފަސޭހައިން ބޮޑު ދޮގެއް އެ ހެދީ ކިހިނެއް ހެއްޔެވެ. މަންޝާއަށް ޔަގީނެވެ. އެގުޅީ އެއަންހެން މީހާއެވެ. މަންޝާ ބުނާ އެއްޗެއް ބަލާފައި އަޒީމްގެ ޖަވާބު ބަދަލު ކޮށްލީއެވެ. އަޒީމްގެ ދަބަހަށް ޔުނީފޯމް ލުމަށްފަހު އަޒީމަށް ހަވާލުކުރި މަންޝާ ހުރީ ބަޑިފަޅައިގެންދާން ކައިރިވެފައެވެ. މަންޝާގެ މޫނަށް ނުބަލާ، އަޒީމްގެ ބޮޑީސްޕްރޭ ފުޅިއާ ރީތިވާން ގެންގުޅޭ ބައެއް ސާމަނުތައް ދަބަހަށް ލިއެވެ.

ގެއިން ނިކުންނަން އަޒީމް ހިނގައިގަތް އިރު މަންޝާއާ ދިމާއަށް ބަލައިވެސް ނުލައެވެ. ދޮރުން ބޭރަށް އަޒީމް ނިކުތުމުން މަންޝާ ގޮވާލިއެވެ. އަޒީމަށް މަންޝާ އެއީ އެތާހުރި މީހެއްކަން ރޭކާނުލީމައެވެ. މަންޝާއާ ދިމާއަށް ބަލަން ހުރުމަށްފަހު އެތެރެއަށް ވަދެ މަންޝާގެ ގައިގާ އަޒީމް ބައްދާލިއެވެ. އަދި މަންޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އަޒީމް ގެއިން ނިކުމެގެން ދިޔައީއެވެ.

އަޒީމަށް އައިސްފައިވާ ބޮޑު ބަދަލު ފެނި މަންޝާ އެކަމާ ހިތާމަ ކުރިއެވެ. ނަމަވެސް ޝަކުވާއެއް ކުރަން މަންޝާ ފަސް ޖެހުނީ އޭނާއަށް ކުރެވިފައިވާ ކުށްް އިހްސާސްވުމުންނެވެ. ކުށްވެރިއަކީ އަޒީމް އެކަންޏެއް ނޫނެވެ. ދޮރު ތަޅުލުމަށްފަހު ކޮޓަރިއަށް މަންޝާ ވަނީ ރޮމުންނެވެ.

*** *** *** *** *** ***

ސޯފާގައި އިށީނދެގެން އިން މީރާގެ އަތަށް ފޯނުލައިގެން އިނީ އޭނާގެ ކޮއްކޮއަށް ގުޅޭތޯ ބަލަބަލައެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ގެއްލިފައި އިން މީރާއަށް ސިހުމެއް ލިބުނީ އަތުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. ފޯނަށް މީރާ ބަލާލީ އެއީ އޭނާގެ ކޮއްކޮގެ ކޯލެއް ކަމަށް ހީވުމުންވެ. ނަމަވެސް އެއީ މަންޝާގެ މެސެޖެކެވެ. މެސެޖް ހުޅުވާލުމަށްފަހު މީރާ އެ މެސެޖް ކިޔަން މަސައްކަތް ކުރިއެވެ. ނަމަވެސް މީރާއަށް މެސެޖްގެ ކުރީބައި ދޭހައެއް ނުވިއެވެ. މެސެޖްގެ ފަހަތުގައި ލިޔެފައިވާ ލިޔުންކޮޅު އޭނާ ކިޔާލިއެވެ. އަދި އެއަށްފަހު ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާއަށް ދިޔައީ ރިޔާޒް ހޯދާށެވެ.

ކޮޓަރީގެ ދޮރު ހުޅުވާލަމުން ރިޔާޒަށް މީރާ ގޮވާލިއެވެ. އެނދުގައި އޮށޯވެގެން އޮތް ރިޔާޒް މީރާއާ ދިމާއަށް އެނބުރެމުން އޭނާ ހިނިތުންވެލިއެވެ. ކިހިނެއްވީތޯ ސުވާލު ކުރުމުން މީރާ އޭނާގެ ފޯނު ދިއްކޮށްލަމުން އެ މެސެޖްގައި ލިޔެފައިވާ އެއްޗެއް ކިޔައި ދީބަލާށޭ ބުންޏެވެ.

ދެލޯ ހަނިކޮށްގެން ހުރެ އެ ލިޔުންކޮޅު ކިޔާލިއެވެ. ރިޔާޒްގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ރިޔާޒްގެ މޫނު މައްޗަށް ޖައްސަމުން ދިޔަ ވައްތަރު ފެނިފައި މީރާއަށް ހެވުނެވެ. އަދި ކިހިނެއްތޯ ވީ ސުވާލު ކޮށްލިއެވެ.

"ބަލާބަލަ މަންޝާ ރަނގަޅުކަން... ޔަގީނޭ އޭނާ އެ މަސައްކަތް ކުރަނީ އަޒީމަށް އައްޑޫ ބަހުން މެސެޖް ކުރަންކަން... އެކަމަކު މިއޮތީ ރޯ ނުބައިކޮށް..." ރިޔާޒް އެމެސެޖްގެ ކުށްތަންތަން ރަނގަޅު ކުރުމަށްފަހު އޭގެ މާނައާއެކީ ލިޔެދިނުމަށްފަހު މަންޝާއަށް ފޮނުވާލިއެވެ. ރިޔާޒް މެސެޖްކޮށް ނިމުމުން މީރާ އެ މެސެޖް ކިޔާލިއެވެ.

"އަންގާސް ނިލައި ދީ ގެއީ... މިރެއިއަސް މިކެޑަށް އޭއްވީނު... ވަރަށް ލޯބިވެއި... އަޒީމާ ނިލައި ނިވޭނޑުވޭހެއް... ތޭމި ހިތުގެ ވިންދަކީ... އައި މިސްޔޫ...."

"އާން ވަރަށް ސްވީޓް.....ރިޔާ އަަހަރެން ވެސް ބޭނުން އައްޑޫ ބަސް ދަސްކުރަން..." ތުންގަނޑު ދަމައިގެން ހުރެ މީރާ އެހެން ބުނެލީ ޅަ ގޮތަކަށެވެ. ރިޔާޒް މީރާ ގާތު އެނދުގައި އިށީނުމަށް އެދުނެވެ.

އެނދުގައި އިށީންނަމުން މީރާ ވާހަކަ ދެއްކިއެވެ. "ރިޔާ.... އަހަރެން ކޮއްކޮއަށް ނުގުޅިގެން މިއުޅެނީ... ޕްރެގް ވާހަކަ ބުނަންވެގެން... ރިޔާޒް ވެސް ޓްރައި ކޮށްބަލަ... މަންމަ ކައިރީ ބުނެފިން،... ވަރަށް އުފަލުން ހުރީ... އެކަމު އަހަރެން ބުނިން މަންމަ ކައިރީ މާޝާ ކައިރީ ނުބުނައްޗޭ.. އަހަރެންނޭ ބުނާނީ.... މާޝާގެ ފޯނަށް ގުޅޭތޯ ބަލާ... ގުޅިއްޖިއްޔާ ގޮވާލާ..." މީރާ ކޮޓަރިން ނިކުތީ ޓީވީން ދައްކަމުންދާ ޕްރޮގްރާމް ބަލާށެވެ.

*** *** *** *** *** ***

ޒަފްރީން އޮތީ ކުޑަ އެނދުގައި ނިދާފައެވެ. ޒުހާ އޮތީ ޒައިކާއެކު އޭނާގެ އެނދުގައި އޮށޯވެގެން ޒައިކަށް ވާހަކައެއް ކިޔައިދޭށެވެ. ފޮތުން ވާހަކަ ކިޔައިދެމުން ދިޔައިރު ޒައިކް އޮތީ މަންމަގެ އަތްމަތީ އޮށޯވެގެން ފޮތުގައި ކުރަހާފައިވާ މަންޒަރުތަކަށް ބަލާށެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ޒައިކް ނިދުމުގެ ކުރިން ވާހަކައެއް ކިޔައިދޭން ޖެހޭނެއެވެ. ޒައިކްއަކީ ވާހަކައަށް ލޯބިކުރާ ކުއްޖެކެވެ.

ވާހަކަ ކިޔައި ނިމުމާއި އެކީ ޒުހާ އަހާލިއެވެ. "އަދި ވާހަކައެއް ކިޔައިދެންތަ؟... މިފަހަރު ކިޔައިދޭނީ ލިޓްލް ރެޑް ރައިޑިންގް ހުޑްގެ ވާހަކަ...."

ޒުހާގެ ބަހަށް ޒައިކްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން މަޑުމަޑުން ބޯ ހިއްލާލާ އެސޮރާ ދިމާލަށް ޒުހާ ބަލާލިއެވެ. ޒައިކަށް އޮތީ ނިދިފައެވެ. ހިނިތުންވަމުން ޒައިކްގެ ނިތްކުރިއަށް ޒުހާ ބޮސްދިނެވެ. އަދި ޒައިކްގެ ބޯދަށުން ޒުހާގެ އަތް މަޑުމަޑުން ދަމައިގަތެވެ. އެސޮރުގެ މަގަތުން ބާލީހެއް ޖައްސާލުމަށްފަހު އެނދުމަތިން ތެދުވެ ޒުހާ މޯޅިއަކަށް ދެމިލިއެވެ. ހަމައެވަގުތު ފޯނުގެ ރިންގް ޓޯން އަޑުން ކޮޓަރީގެ ހަމަހިމޭންކަން ކަނޑުވާލިއެވެ. ޒުހާ ތެޅިގަތީ އަވަހަށް ފޯނު ނަގާ އޭގެ ރިންގް ކަނޑާ ލެވޭތޯއެވެ. ދެކުދިން ކުރެއް ކުއްޖަކު ހޭލަފާނެތީއެވެ.

"ހަލޯ..." ކަންފަތުގައި ފޯނު ޖަހަމުން ޒުހާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. އެއް އަތުން ޒަފްރީންގެ ކުޑަ އެނދުން ހެއްލާލަމުންނެވެ. ކުޑަކޮށް ލޯ ހުޅުވިފައިވާ އެ ތުއްތު ކުއްޖާ ޒުހާ ލައްވާލި ނާނާގެ އަޑަށް މަޑުމަޑުން ލޯ މަރާލިއެވެ.

"ޒުހާ... މަން... މަންއަށް ހީވަނީ އަޒީމް ވަގު ބިޓެއް ގެންގުޅެނީ ހެން..." މަންޝާ ފޯނުގައި ހުރެ ވާހަކަ ދެއްކީ ރޮމުންނެވެ. މަންޝާގެ އަޑު ބަދަލުވެފައި ހުރިކަން ޒުހާއަށް ނަގައިގަނެވުނެވެ. ޒުހާއަށް އެ ލިބުނު މެސެޖުން ހިނދުކޮޅަކަށް ބަސްހުއްޓުނެވެ.

(ނުނިމޭ)