ޓިޝާޓެއް ލާފައި ނެތުމުން ޒޭބާއަށް ބަލާލެވުނީ އަޒީމްގެ ފިރިހެންވަންތަ ހަށިގަނޑާ ދިމާލަށެވެ. އިސްތަށި ފަޅާފައިވާ ތަނަވަސް މޭ މައްޗަށެވެ.

"އަހަރެންގެ ފޯނު ނިވޭތީ މި އުޅެނީ.. ނެތްތަ ޗާޖަރެއް... އިނިއްޔާ ކެން އައި ބޮރޯ.... ފޯނު ނިވިއްޖެއްޔާ ވަރަށް ކަޑަވާނެ..." އަޒީމް އަތުގައި އޮތް ފޯނު ދައްކާލަމުން ވާހަކަ ދެއްކީ ކަރު އެލުވާލައިގެން ހުރެ އާދޭސް ކުރާ ފަދަ ގޮތަކަށެވެ.

ޒޭބާގެ ކޮޓަރި ދޮރު ހުޅުވާލަމުން އެތެރެއަށް އައުމަށް އެދުނެވެ. އަޒީމް އެ ކޮޓަރިއަށް ވަނެވެ. ޒޭބާގެ ކޮޓަރި ވަރަށް ވެސް ފުރިހަމައެވެ. ހުދުކުލަޔާ ރަތްކުލައިގެ ފަރުނީޗަރު ބަހައްޓާފައި ވާއިރު މުޅިތަން ފަޅު ފިލުވާލާފައި ވަނީ ފާރުގައި ހަރުކޮށްފައިވާ ރަތާ ކަޅުކުލައިގެ ސްޓިކާތަކުންނެވެ. ޑްރެސިންގް ޓޭބަލް ކައިރީގައިވާ ކަރަންޓް ސޮކެޓަށް ޖަހާފައިވާ ޗާޖަރު ދައްކާލަމުން އޭގެން ޗާޖަރު ވަކި ނުކުރެވޭ ވާހަކަ ޒޭބާ ބުންޏެވެ. އަޒީމް އެދިމާލަށް ގުދުވެ ޗާޖަރު ނައްޓަން މަސައްކަތް ކުރުމުންވެސް އެ ޗާޖަރު ވަކިވާ ގޮތެއް ނުވިއެވެ. ސޮކެޓް ބޯޑުގައި އެ ޗާޖަރުވަނީ ތަތްލާފައެވެ.

އެންމެފަހުން އަޒީމްގެ ފޯނު ޗާޖަށް ޖަހާފައި ޑްރެސިންގް ޓޭބަލް މަތީ ބޭއްވިއެވެ. "ތީނަ ކޯއްޗެއް ބޯނީ... ކޮފީއެއް ބޭނުންތަ؟.. ޒޭބާ މިއުޅެނީ ކޮފީއެއް ހަދަން..."

ޒޭބާ އެހުމުން ނޫނެކޭ ބުނާކަށް އަޒީމަކަށް ނުކެރުނެވެ. ޒޭބާގެ އަތުން މީރު ކޮފީއެއް ގެނެސް ދިނުމަށް އެދި އަޒީމް ފޯނު ކައިރީ މަޑުކުރީ ޒޭބާގެ އެދުމުގެ މަތިންނެވެ. ފޯނުން މަންޝާއަށް މެސެޖެއްކޮށްލީ އަޒީމްގެ ފޯނު ބެޓެރި ލޯވެފައިވާކަން އަންގާށެވެ. މިކޮޓަރީގައި އެފޯނު ޗާޖަށް ޖަހައިގެން ނުހުރެވޭނެކަން އެނގޭތީއެވެ. މާދަމާ ޑިއުޓީ ނިމެންދެން ޗާޖް ނުހިފާއްޓާނެތީއެވެ.

މާގިނަ އިރެއް ނުވެ ހޫނު ދެ ކޮފީ އާއި ފިނި ފެންފުޅިއެއް ހިފައިގެން އައިސް ޒޭބާ ކޮޓަރިއަށް ވަނެވެ. "ވާއު... ހާދަަ އަވަހޭ... މެޝިނުންތަ ގިރީ... ވަރަށް މީރުވާނެހެން ހީވަނީ...." ކޮފީތަށި ނަގާ ތުނބުގަ ޖައްސާލަމުން އަޒީމްގެ ދުލުން ތައުރީފްގެ ބަސްތައް ބަންޑުން ކޮށްލިއެވެ.

އަޒީމް އިށީނދެގެން އިނީ ޑްރެސިންގް ޓޭބަލް ކައިރީ ހުރި ގޮނޑިއެއްގައެވެ. ޒޭބާ އައިސް އިށީނީ އަޒީމްގެ ކުރިމައްޗަަށް ވާގޮތަށް އޭނާގެ އެނދުގައެވެ. ކޮފީތަށިން މަދު އެތިފޮދު ބޯންއިން ޒޭބާއާ ދިމާލަށް އަޒީމް ބަލަން އިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. "ޒޭބާ ހީވަނީ ޔޫރަޕް ކުއްޖެއްހެން... ޒޭބާ އަސްލު ވައްތަރީ ކާކާ... މަންމައާ ބައްޕަވެސް އައްޑޫތަ؟..." ޒޭބާގެ ރީތިކަން ފެނި އޭނާއަކީ ބޭރު މީހެއްގެ ދަރިއެއްތޯ ޔަގީން ކޮށްލަން އަޒީމް ބޭނުންވިއެވެ.

"ވަރަށް ގިނަ މީހުން ތިހެން ބުނޭ... އަސްލު ބައްޕައަކީ އައްޑޫ މީހެއް... މަންމައަކީ ރާއްޖެ މީހެއް ނޫން... މަންމައާ ޒޭބާ ވައްރަތުވާނީ... އެކަމަކު މަންމަ މިހާރު މި ދުނިޔެއަކު ނެތް... ޒޭބާ ވަރަށް ކުޑަ އިރު މަންމަ...." ޒޭބާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނާއަށް އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ކޮފީތަށި ޑްރެސިންގް ޓޭބަލްމަަތީ ބެހެއްޓުމަށްފަހު އަޒީމް ޒޭބާ ގާތުގައި އިށީނެވެ. ޒޭބާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ނުރޯށޭ ބުންޏެވެ. އަޒީމްގެ އަތަށް ޒޭބާ ބޯއިން ކޮފީތަށި ދެމުން ޒޭބާ ވާހަކަ ދެއްކިއެވެ.

"ޒޭބާ މިހެން ހާލުގަ އުޅެން ޖެހުނީ ޒޭބާގެ މަންމަ މި ދުނީޔޭގަ ނެތީމަ... ހިތަށް އަރާ މަންމަ ދުނިޔޭގަަ ހުރި ނަމައޭ..." ޒޭބާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ދެއަތުން މޫނު ނިވާ ކޮށްގެން ހުރެ ޒޭބާ ރޮމުން ދިޔަ އިރު އަޒީމްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާގެ ވާހަކަތައް ހުރި ގޮތުން އޭނާއަށް އަޅާލާނެ އެއްވެސް މީހަކު ނެތްކަން އަޒީމަށް އެނގުނެވެ. އޭނާގެ ނިކަމެތިކަން ހިތަށް އެރުމުން ޒޭބާއާ ދޭތެރޭ އަޒީމްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޒޭބާ ހިތްދަތިވާ ކަހަލަ ސުވާލުތަކެއް ނުކުރަން އަޒުމް ކަނޑައަޅަމުން ޒޭބާ ހުއްޓުވޭތޯ އަޒީމް މަސައްކަތް ކުރިއެވެ.

"ޒޭބާއާ އަހަރެންނާ ވަރަށް ކޮމަންވާ ކަންތައްތަކެއް އެބަހުރި..." އަޒީމް ވާހަކަ ދައްކަން ފެށުމުން ޒޭބާ ރުއިން ހުއްޓާލަން މަސައްކަަތް ކުރިއެވެ. އަދި އަޒީމް ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން އިނެވެ. "އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތް... މަަންމަ އެބަހުރި... އެކަަމަަކު މަންމަ އަހަރެންނާ ވަރަށް ދުރު... އެއްވެސް ގުޅުމެއްނެތި މިހެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ...."

ޒޭބާގެ ކޯތާފަތުގައިވާ ކަރުނަތައް ފޮހެލަމުން ވާހަކަ ދެއްކިއެވެ. "ކީއްވެ އަޒީމްގެ މަންމަ އަޒީމާ އެހާ ދުރީ... ކޮންމެވެސް ވެލިޑް ރީޒަންއެއް އޮންނަަން ވާނެދޯ...."

"އަސްލު ވީގޮތަކީ އަހަރެންނަށް ކުއްޖަކު ދެކެ ލޯބިވެވުނީ... މަންމަަ އެކައިވެންޏަކާ ގަބޫލެއް ނޫން... ބަޓް މަންމަަ ބުނި ރީޒަންއަކީ އަހަރެން އެހާ ގަބޫލުކުރާ ކަންކަމެއް ނޫން... ނަހަލާލު ކުއްޖަކަށް ވީމަ މަންމަ އެކަމާ ގަބޫލުނުވީ... އެކަަމުން މަަންމަގެ ފެމިލީއަށް ލިބޭނެ ހަޑި ނަމަކާ ހެދިޔޯ.. ދެން އަހަރެން އެ ކައިވެނި ކުރި ހިސާބުން މަންމަަ އަހަރެންނާ ގުޅުން ކަނޑާލީ،... މަންމަމެން އާއިލާ އަކީ ބޭސްވެރިކަމަށް ވަރަށް މަޝްހޫރު ބައެއް... މީގެ ދެ އަހަރު ކުރިންވެސް އަހަރެން ގުޅިން... އެކަމަކު... އަހަރެން މި ކައިވެނިމަތީ ހުރީމަ ވާހަކަ ދައްކާކަށް މަންމަ ބޭނުމެއް ނުވި..."

އަޒީމް ވާހަކަ ދައްކަމުން އެނދުމަތިން ތެދުވެގެން ބެލްކަަންޏާ ދިމާލަށް ހިނގައިގަތެވެ. އަޒީމްގެ ފަހަތުން ޒޭބާވެސް ބެލްކަންޏަަށް ނިކުތެވެ. ރޭލިންގް ދަގަނޑު ގަނޑުގައި ހިފަހައްޓައިގެން ހުރި އަޒީމްގެ އަތަށް ޒޭބާ ބަލާލިއެވެ. އަޒީމްގެ އިނގިލީގައި އަޅާފައިވާ ރިހިކުލައިގެ އަނގޮއްޓި ފެނުމުން އަޒީމް ދައްކާ ވާހަކައިގެ ތެދުކަން ޒޭބާއަށް ހާމަވިއެވެ.

"ސޮރީ... އަހަރެން ހިއެއް ނުކުރަން އަޒީމް މެރީޑް ކަމަށް... އެކަމަކު ޒޭބާއަށް އަޒީމް ވަރަށް ކަމުދޭ... ކޮބާ އަންހެނުން... އޭނަ ރަނގަޅުތަ؟.." ޒޭބާ ހަމަޖެހިލަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. ޒޭބާއާ ކުރިމަތިލަމުން އަޒީމް ޖަވާބު ދިނެވެ. "އަންހެނުން ވާނީ ގޭގަ... މި އުޅެނީ އޭނަގެ ފޯނަށް ނުގުޅިގެން..."

ޒޭބާ ހުރީ ކަޅިޖަހާނުލާ އަޒީމާ ދިމާލަށް ބަލާށެވެ. ޒޭބާ ބަލަމުން ދިޔައީ ސިދާ އަޒީމް ތުންފަތަށެވެ. އަޒީމަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ލަދުގަންނަ ގޮތް ވިއެވެ. މީ މީގެ ކުރިން އަަންހެނަކާ ހެދި އަޒީމަށް ކުރެވުނު އިހްސާސެއް ނޫނެވެ. ބެލްކަަނިން ބޭރު ބަލަން އަޒީމް ހުރީ ޒޭބާގެ ބެލުމުން އޭނާއަށް ކޮންމެވެސް ވަރަކަށް އުނދަގޫ ވަމުން ދާތީއެވެ. ޒޭބާ ކޮޓަރި ތެރެއަށް ވަދެ އެނބުރި އައީ ދެމީހުންގެ ކޮފީތަށި ހިފައިގެންނެވެ.

ކޮފީތަށީގައި އަޒީމް ހިފިއިރު އަޒީމްގެ އަތުގައި ތުރުތުރެއް ހުއްޓެވެ. އަޒީމް ހުރީ ހިތް ނުތަނަވަސް ވެފައެވެ. ދެމީހުން އެކުގައި ވާހަކަ ދައްކަން ތިބީ ކިހާ އިރެއް ވަންދެންކަަން ވެސް ރޭކާ ނުލިއެވެ. އެހެން ތިއްބާ ކުއްލިއަކަށް މޫސުން ގޯސްވެ ވާރޭ ވެހިގަތެވެ.

އަޒީމް ބޭނުންވީ ނުތެމި އެތެރެއަށް ވަންނާށެވެ. ނަމަވެސް ޒޭބާ އަޒީމްގެ ކުރިމައްޗަށް އެރިއެވެ. އެއީ ވަރަށް ކުޑަ ބެލްކަންޏެއް ކަމުން އަޒީމަށް ޒޭބާ ގައިގާ ނުޖެހި ނުކުމެވޭ ގޮތެއް ނުވާނެކަން އެނގޭތީ މަޑުކޮށްލީއެވެ. ޒޭބާ އާ ތަންކޮޅެއް ދުރަށް ޖެހިލީ މިވަގުތު އަޒީމަށް ކުރަމުން ދިޔަ އިހްސާސްތަކުންނެވެ. ޒޭބާއާ ދިމާލަށް ނުބަލަން މަސައްކަތް ކުރިނަމަވެސް އެކަންވާ ގޮތެއްވެސް ނުވިއެވެ.

ވާރޭ ކަނިތަކުން ދެމީހުން ތެތްމަމުން ދިޔައެވެ. ޒޭބާ ލައިގެން ހުރި ރަތްކުލައިގެ ކުރު ހެދުން ގައިގައި ތަތްލަމުން ދިޔައެވެ. ޒޭބާގެ ހަށިގަނޑުގެ ބައްޓަމާ ވަނާތަށް ފާޅުވަމުން ދިޔައެވެ. ނުބަލާން ހުއްޓަސް އަޒީމަށް ކެތްވަނީކީ ނޫނެވެ. ޒޭބާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. ޒޭބާއާ ދިމާލަށް އަޒީމްް ބަލާލީ ނޫނެކޭ ބުނާށެވެ. ނަމަވެސް ޒޭބާގެ ލޮލާ އަޒީމްގެ ކަޅި ބައްދަލުވެގެން ދިޔަ ވަގުތު އޭނާއަށް ކުރި އިހްސާސަކީ މީގެކުރިން ކުރި އިހްސާސެއް ނޫނެވެ. މަޑު މުށިކުލައިގެ ލޮލުގެ ތެރޭގައި ގެނބިގެން ގަރަގުވާން އަޒީމް ބޭނުންވިއެވެ. އެހެންކަމުން އަޒީމްވެސް ކުރިއަށް ޖެހިލިއެވެ.

ރެއިލިންގް ދަގަނޑުގަނޑުގައި އަޒީމް ހިފަހައްޓައިގެން ހުރީ އެނާގެ އަަތް ކޮންޓްރޯލް ކުރާށެވެ. ޒޭބާގެ އަތުގެ އިނގިލިތައް ދަގަނޑުގަނޑުގައިި ކާއްތަމުން ކުރިއަށް ޖެހިލިއެވެ. އަަޒީމްގެ އަތުގައި ޒޭބާގެ އަތް ޖެހުމުން ސިހިފައި އަަޒީމަށް ބަލާލެވުނެވެ. އެދެމީހުން ލޮލާލޯ ވަނީ ބައްދަލުވެފައެވެ. އަޒީމްގެ އަތުގެ އިނގިލިތައް ހުޅުވާލުމުން ޒޭބާގެ އިނގިލިތައް އަޒީމްގެ އަތުތެރެއަށް މަހާލިއެވެ. ދެމީހުން ގާތްވަމުން ދިޔަވަރަަކަށް، ވެހެމުން ދިޔަ ވާރޭވެސް ދިޔައީ ބޯކުރަމުންނެވެ. ތެމި ފޯވެގެން ތިބި ދެމީހުން މިހާރު ތިބީ އެކަަތި ގަނޑެއް ހެންނެވެ. އަޒީމްގެ އަަތުތެރޭގައި ޒޭބާގެ ހަށިގަނޑު ވަނީ ފޮރުވާލާފައެވެ. މަޑުމަޑުން ޒޭބާ ދުރަށް ޖެހިލިއެވެ. ކުރިއަށް ޖެހި ޒޭބާ އުރާލައިގެން އަޒީމް ކޮޓަރިިއަށް ވަނެވެ. އެނދާ ހަމަޔަށް ގޮސް ޒޭބާ ތިރިކޮށްލުމުން އޭނާގޮސް ކޮޓަރީގައި ދިއްލާފަ ހުރި ބޮކިތައް ނިއްވާލިއެވެ.

މުޅި ކޮޓަރީގައި ވަނީ އަނދިރިކަމެވެ. ލޮލަށް ތަނެއް ފެންނަ ވަރެއް ނޫނެވެ. އަޒީމްގެ ފަހަތުގައި މީހަކު ހުރިހެން ހީވިއެވެ. ވިސްނަން ހުރި އަޒީމްގެ އުނަގަނޑުގައި ފިނި އަތްތިލައެއް ޖެހުނެވެ. އެއީ ޒޭބާކަން ކަށަވަރެވެ. ފަސް އެނބުރި ބަލަން އަޒީމް ބޭނުން ވިނަމަވެސް ޒޭބާ އެއަށް ވުރެއް ހުށިޔާރެވެ. ފުރަގަހުން އަޒީމްގެ ހަށިގަނޑުގައި އޭނާ ބައްދާލަމުން ބުންޏެވެ. "ޕްލީސް... ނޯ ލައިޓްސް..." އެވަގުތު އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތްކަން އަޒީމަށް އެނގުނެވެ. އަޒީމްގެ ހިއްސުތަކަށް ކެތްނުކުރެވުނެވެ. މަޑުމަޑުން ކުރިއަށް ޖެހި އެނދު މައްޗަށް ޒޭބާއާ އެކީ ވެއްޓިގަތެވެ. އަދި ޒޭބާގެ ހަށިގަނޑުގައި ދެއަތް ވަށާ ބައްދާލިއެވެ.

*** *** *** *** *** ***

ވަރުބަލިވެގެން މަންޝާއަށް އޮތީ ނިދިފައެވެ. ޒިބާންގެ އަތުތެރޭގައި މަންޝާ ނިދާފައި އޮތީ ތުއްތު ކުއްޖެއް ހެންނެވެ. އޭރުވެސް ހުއްޓުމެއް ނެތި ވާރޭ ވެހެމުން ދިޔައެވެ. ގަޑިން އޭރު ދަންވަރު ދެގަޑި ބައިވަނީއެވެ. ޒީބާން އޮތީ ފިކުރު ބޮޑުވެފައެވެ. އިރުއިރުކޮޅުން މަންޝާއާ ދިމާލަށް އޭނަ ބަލާލައެވެ. މަންޝާއަށް ގެއްލުމެއް ދޭން ޒިބާން ނޭދެއެވެ. މަންޝާ މި ހުރިހާ ކަމެއްގެ ތެރެއިން ސަލާމަތް ކުރަން ބޭނުމެވެ. ޒީބާންގެ ހަގީގަތްވެސް ހާމަކުރަން ބޭނުމެވެ.

ވިދާލި ވިދުވަރާއެކީ ބެލްކަނި ކައިރީގައި މީހަކު ހުރިހެން ޒިބާނަށް ހީވިއެވެ. ބެލްކަނީގެ ފަރުދާ ކަހާފައި ހުރުމުން ބޭރު ނުފެނެއެވެ. ނަމަވެސް ޒީބާނަށް އެތާ ހުރީ ކާކުކަން ދެނެގަންނަން އެނގުނެވެ. އެނދުމަތިން ތެދުވެގެން ބެލްކަންޏަށް ނިކުންނަން ދިޔައިރު އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. ބެލްކަނީ ކައިރީގައި ވެއްޓިފައި އޮތް އޭނާގެ ޖިންސުނަގާ މަހާލަމުން ބެލްކަނި ދޮރުހުޅުވާ ބޭރަށް ނިކުމެ ދޮރު ލައްޕާލީ މަންޝާ ދިމާލަށް ބަލާލަމުންނެވެ. މޭމައްޗާ ހަމަޔަށް ރަޖާ އަޅައިގެން މަންޝާ އޮތީ ގަދައަށް ނިދާފައެވެ.

ދޮރުފަތް ލެއްޕުމާއެކީ މަންޝާ ބިތްދޮށަށް އެނބުރުނެވެ. ގާތުގައި މީހަކު ނެތުމުން މަޑުމަޑުން ލޯހުޅުވާލިއެވެ. ބާލިސްދަށުގައި އޮތް ފޯނު ނަގާ ގަޑިއަށް ބަލާލަން ފިތަކަށް ފިތާލިއެވެ. ފޯނު ވަނީ ނިވިފައެވެ. ފޯނު ޗާޖަށް ޖަހާލުމަށްފަހު އެނދުމަތިން ތެދުވިއެވެ. ރަޖާ ގަނޑުތެރެއިން މަންޝާ ތެދުވި އިރު އެނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. ފާޚާނާއަށް ވަދެ ފެންވަރާލައިގެން ބޭރަށް ނިކުމެ މަންޝާގެ ތުވާލި ހޯދާލިއެވެ. އެވަގުތު ތުވާލި ފެނުނީ އެނދު ކައިރިއަށް ވެއްޓިފައި އޮއްވައެވެ.

މަންޝާގެ ރަތް ތުވާލި ނަގައިގެން ގައި ހިއްކަން ހުރި އިރު އެ ތުވާލިން ދުވަމުން ދިޔައީ ޒިބާންގެ ހަށިގަނޑުން ދުވާ މީރު ވަހެވެ. ޒިިބާނާ އެކު ރޭގައި ހޭދަކުރެވުނު ލޯބީގެ ވަގުތުކޮޅު މަތިން ހަނދާންވިއެވެ. އެވަގުތު ޒިބާން ކޮބައިތޯ، ގެއަށް ދިޔައީތޯ ބަލާލަން ބޭނުންވިއެވެ. ނަމަވެސް ހަމަ އެދަނޑިވަޅުގައި އަޒީމް އައިސްދާނެ ކަމާއި، މިކަން އެނގިއްޖިއްޔާ އަޒީމަށް ވާނެގޮތް ހިތަށް އެރުމުން އެކަމާ މަންޝާ ކަންބޮޑުވިއެވެ.

ޗާޖަށް ޖަހާފައިވާ ފޯނު ހުޅުވާލަން ދިޔަވަގުތު މޭމަަތިން ވަށާ ތުވާލި އޮޅާލިއެވެ. އަދި އެނދުގައި އިށީނދެ ހަމަޖެހިލުމަށްފަހު ފޯނު ހުޅުވާލިއެވެ. އޭރު ގަނޑިން ދަންވަރު 3 ޖަހަނީއެވެ. އެހާ ލަސްވި އިރު އަޒީމް ގެއަށް ނައީ ކީއްވެބާއޭ މަންޝާގެ ހިތަށް އެރިއެވެ. ފޯނު އޮންކޮށްގެން ޚިޔާލެއްގެ ތެރޭގައި އިންދާ ފޯނަށް މެސެޖެއް އައެވެ. އެ މެސެޖް ކިޔާލަން ހުޅުވާލިއެވެ. އެއީ އަޒީމް ފޮނުވާފައިވާ މެސެޖްތަކެކެވެ. އެއް މެސެޖްގައި ވިއްސާރަވެގެން ނާދެވޭ ވާހަކަ އޮތެވެ. އަނެއް މެސެޖްގައި މަންޝާ ފޯނު ނިއްވާލައިގެން ކީއްކުރަނީތޯ އަހާފައި އޮތެވެ. އެންމެ ފަހު މެސެޖްގައި ހުޅުމާލޭގައި މިރޭ މަޑުކުރާ ކަމާއި މާދަން ޑިއުޓީ ނިންމާފަ މާލެ ދާނެ ވާހަކަ އޮތެވެ.

މަންޝާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަޒީމް މިރޭ ގެއަށް ނައިކަން އެއީ މަންޝާގެ ނަސީބޭ ހިތަށް އެރިއެވެ. ބެލްކަނީގައި މީހަކު އުޅޭހެން ހީވެގެން މަންޝާ ކުރިއަށް ޖެހިލިއެވެ. ނަމަވެސް ތުވާލި އޮޅައިގެން ހުރުމުން ބެލްކަނި ހުޅުވާކަށް މަންޝާ މަސައްކަތެއް ނުކުރެއެވެ. ބެލްކަނީގައި އެހުރީ ޒިބާނެވެ. އެއިވެނީ ޒިބާންގެ އަޑެވެ. އަޑުބާރުކޮށް މީހަކާ ޒުވާބު ކުރާ އަޑެވެ. އެ ދައްކާ ވާހަކަ އަޑުއަހަން މަންޝާ ހުރީ ދޮރުފޮތިގަނޑުގައި ހިފަހައްޓައިގެންނެވެ.

"ކިހާދެރަކަމެއް... އަހަރެންނަކަށް މިކަމެއް ނުހުއްޓޭނެ... މިކަން ފެށީ ކަލޭ ބުނެގެން... އަހަރެން ދެން ކަލޭ ބުނާގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން... އޭނާއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނޫން... ނުވެސް ދޭނަން... ކަލޭވެސް އޭނަޔާ ދުރުގަ ހުރޭ... އެއީ އޭނަ ކުރިކަމެއް ވެސް ނޫން..." ޒިބާންް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި މަންޝާއަށް އެ ދެއްކި ވާހަކަތައް ދޭހައެއް ނުވިއެވެ. އޭނަ ވާހަކަދެއްކީ ކޮންމެވެސް ރަށެއްގެ ބަހުރުވައިންނެވެ. ދޫ ފަރިތަވެފަ ކިޔާނުކިޔާ އެއްޗެއް ރަނގަޅަށް ދޭހަނުވާހާ އަވަހަށް ވާހަކަ ދެއްކުމުން މަންޝާއަށް އެބުނި އެއްޗެއް ނޭނގުނެވެ. ކުއްލިއަކަށް ބެލްކަނީ ދޮރު ހުޅުވާލަމުން ޒިބާން ކޮޓަރިއަށް ވަނެވެ. މަންޝާ ފެނުމުން ހުއްޓުން އެރިއެވެ.

"ކާކާ ތި ވާހަކަ ދެއްކީ.... ހާދަ ރުޅިއައިސްފައޭ ތިހުރީ..." މަންޝާ ސުވާލުކުރީ ވީ ނުވީއެއް އޮޅުން ފިލުވަން ބޭނުންވެގެންނެވެ.

"އެއީ... އެއީ... އަޅާނުލާ..." ކޮނޑުގައި އަޅުވާފައި އިން ޒިބާންްގެ ގަމީސް ނަގާ އޭގެ އަތުކުރި ތެރެއަށް އަތްމަހަމުން ޒިބާން ވާހަކަ ދެއްކިއެވެ.

"ގޭ މީހަކުދޯ އެގުޅީ.. މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ.. މަންޝާއަކަށް ނޭނގުނު ގަޑިން ވީއިރެއް ވެސް... ދެން ދޭ... އިނގޭ..." ޒިބާންގެ ގަމީހުގެ ގޮށްތައް އަޅުވާދެމުން މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ނަމަވެސް ޒިބާންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

ޒިބާން ބަހެއް ބުނަން ބޭނުން ނުވެފަ ހުރި ކަހަލައެވެ. މަޑުމަޑުން ކޮޓަރިން ނިކުތެވެ. އަދި އެޕާޓްމަންޓް ދޮރު ކައިރިއަށް ދިޔައެވެ. ދޮރުން ނިކުންނަށް ތައްޔާރަށް ހުރި ޒިބާންގެ އަތުގައި ހިފަމުން މަންޝާ ވާހަކަ ދެއްކިއެވެ. "އޭއި... ޔޫނޯ... މީ އެހާ ރަނގަޅު ކަމެއް ނޫން ކަން.... އައިމް މެރީޑް.. އަސްލު އަހަރެމެން މިރޭ މާ މައްޗަށް ދިޔައީ ދޯ... ދެން މިކަން ތަކުރާރު ވެގެން ނުވާނެ... އަަހަރެން ޒިބާން ދެކެ ވަރަށް ލައިކް ވޭ.. އަހަރެން ބޭނުމެއް ނޫން މިކަމުގެ ސަބަބުން އަހަރެންގެ ކައިވެނި ރޫޅޭކަށް... ޒިބާން ޕްލީސް... އަހަރެން މިދައްކާ ވާހަކައަށް ވިސްނާތި؟... އައި ކާންޓް ރިސްކް މައިލައިފް... ބަޓް އައި ރިއަލީ ލައިކް ޔޫ..."

މަންޝާގެ ދުލުން ޒިބާން ކަމުދާ ވާހަކަ ބުނުމުން ޒިބާންގެ ތުންފަތަށް އުފާވެރިކަން ވެރިވިއެވެ. އެ ގެއިން ނިކުންނަމުން ފަހުފަހަރަށް މަންޝާއަށް ބަލާލަމުން ވާހަކަ ދައްކަން ޒިބާން އަނގަ ހުޅުވާލިއެވެ. "މަން... އަަހަރެން މަންއަށް ދެރަގޮތެއް ނުހަދާނަން... ކޮންމެ ކަހަލަ ކަމަކު ބޭނުންވިޔަސް ގޮވާލާ.. އަހަރެން އަންނާނަން.. މަންޝާޔާ އެންމެ ގާތުގައި އަހަރެން އަބަދުވެސް ވާނަން.. އަދި އަހަރެން މަންޝާއަށް ދެރައެއް ދޭކަށް ނުވިސްނަން..." ޒިބާން ސިޑިން ތިރިއަށް ފައިބަން ފެށުމުން މަންޝާ ސުވާލެއް ކޮށްލިއެވެ. "ގޮވާލާށޭ.... ތިބުނީ..."

އަތުގެ އިޝާރާތުން ކަންފަތުގައި އަތް ޖައްސާލަމުން ގުޅާށޭ ބުނީ ޒިބާނަށް އެބުނެވުނު ބަސް އޮޅުވާލާށެވެ. ޒިބާން އެގެއިން ނިކުތުމަށް ސިޑިން ފޭބިއެވެ. އެޕާޓްމަންޓް ދޮރު ލައްޕާލަމުން ކޮޓަރިއަށް ދިމާލަށް މަންޝާ އަވަސްވެގަތީ މޭމައްޗާ ހަމަޔަށް އޮޅާފައިވާ ތުވާލީގައި ހިފަހައްޓައިގެން ހުރެއެވެ.

ޒިބާން ގެއިން ބޭރަށް ނިކުތެވެ. ދަންވަރުގެ ވަގުތެއް ކަމުން މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހާވެސް ހަމަހިމޭނެވެ. މަންޝާގެ ކޮޓަރިން ބޭރަށްވާ ބެލްކަންޏާ ދިމާލަށް ޒިބާން ބަލާލީ ރުޅި ވެރި ގޮތަކަށެވެ. އޭރު ބެލްކަނި ތެރޭގައި ހުރި އަލިގުޅަ ޒިބާނަށް ފެނުނެވެ. އެހިނދު ޒިބާންގެ ދެލޯ ރުޅިވެރިކަމާ އެކީ ރަތްކުލައިން ދިއްލިގެން ދިޔައެވެ. މަންޝާ ކައިރިއަށް ނައުމަށް އިންޒާރު ދިނުމުންވެސް އޭނާއަށް ހިމޭނުން ނުހުރެވުނީ ހެއްޔެވެ. ދެއަތް މުށްކަވާލަމުން ޒިބާން ކުރިއަށް ޖެހިލަމުން ހަޅޭއްލަވައިގަތެވެ. "މިތަނުން ރައްކާވޭ..."

*** *** *** *** *** ***

ރޭގަނޑު ހަތަރުދަމު ހޮސްޕިޓަލުގައި އިންނަން ޖެހުމުން ރިޔާޒް އިނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ނިދިގެން ތާއްޔާ ޖެހެމުން ދާތީ ރިޔާޒް ފޯނު ނަގައިގެން ފޯނުން ގޭމެއް އަޅުވާލިއެވެ. އެހެން އިންނަތާ އިރުކޮޅެއް ވީފަހުން އައިސީޔޫއިން އާމިނަަގެ އެހީތެރިޔާއަށް ގޮވާލިއެވެ. ރިޔާޒްގެ ހިތުގައި އެތައް ސުވަލުތަކެއް ފެންމަތިވިއެވެ. މަންމައަށް ކަމެއްވީކަމަށް ހީކުރެވުނެވެ. އެހެންކަމުން ގޮނޑިން ތެދުވެ އައިސީޔޫއާ ދީމާއަށް އަވަސްވެގަތެވެ.

ނަރުސް ކުއްޖާ ހުރީ ރިޔާޒް އަަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ރިޔާޒް ފެނުމާ އެކީ އައިސީޔޫ ތެރެއިން އެއްކައިރިއަށް ނަރުސްކުއްޖާ ޖެހިލިއެވެ. އިންތިޒާރުގައި ހުރި ރިޔާޒް ދިޔައީ ސީރިއަސް ކަމާއެކީ ނަރުސް ކުއްޖާއަށް ބަލަމުންނެވެ.

"އާމިނަގެ ހާލު މިހާރު ރަނގަޅުވަމުން ދާތީ ޑޮކްޓަރު އިރުޝާދު ދިނީ ރޫމަށް ބަދަލުކުރަން... ރޫމްގައި ބާއްވައިގެން އާމިނަގެ ހާލު އޮބްޒާވް ކުރާނީ... މި ފޯމް ހިފައިގެން ތިރިން އެޑްމިޝަން ކައުންޓަރަށް ދުރުވޭ... އޭރުން ތި ބޭފުޅުން ބޭނުންވާ ގޮތަށް އާމިނަ ވޯޑަށް ނޫނީ ރޫމަށް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސޭނެ..." ނަރުސްކުއްޖާ ދިއްކޮށްލި ގަނޑުތަކުގައި ހިފަމުން ރިޔާޒް ކައުންޓަަރާ ދިމާއަށް ދިޔައެވެ. ރިޔާޒަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ކައުންޓަރުން ހަވާލުކުރި ފޯމް ފުރުމަށް ފަހު ޕްރައިވެޓް ކޮޓަރިއަކަށް އާމިނަ ބަދަލު ކުރުމުގެ މަސައްކަތް ފެށިއެވެ.

ހެނދުނު ދިހައެއް ޖެހި އިރުވެސް ޟިރާރުގެ ޚަބަރެއް ނުވުމުން ރިޔާޒް އޭނާގެ ބައްޕައަށްް ގުޅާލިއެވެ. ފޯނަށް ޖަވާބު ދިން ޟިރާރު އޮތީ އަދިވެސް ނިދާފައެވެ. އާމިނަ ކޮޓަރިއަށް ބަދަލުކުރާ ވާހަކަ ބުނުމުން ޟިރާރު ދެލޯ ހުޅުވުނެވެ. ލޮލުގައިވާ ނިންޖާއި ވަރުބަލިކަން އެކީ ފިލައިގެން ދިޔަ ކަހަލައެވެ. ޟިރާރު އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.

*** *** *** *** *** ***

ގަދައަށް ނިދާފައި އޮތް އަޒީމަށް ހޭލެވުނީ ހޫނު ވާން ފެށުމުންނެވެ. ބެލްކަނީ ދޮރުން ކޮޓަރި ތެރެއަށް ވަދެފައިވާ އިރުގެ ދޯދީތަކުން ހޫނުކަން އިހްސާސް ވަމުންދިޔައެވެ. ދެލޯ ހަނިކޮށްލަމުން ކޮޓަރި ތެރެއަށް ބަލާލިއެވެ. އަޒީމަށް މި އޮވެވުނު ތަން ރޭކާލިއެވެ. އޭނާ މިއޮތީ ޒޭބާގެ ކޮޓަރީގައެވެ. ވަށައިގެން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނެވެ. ކޮޓަރިތެރެ ވަނީ އެބަަޑި ބަޑިން ޖަހާފައެވެ. އެނދުމަތީގައި އޮތް ހަތަރު ބާލިސް އޮތީ ތަޅުން މަތީގައެވެ. ބެޑްޝީޓް ގަނޑުވަނީ އެއްކޮށް ހޭވިފައެވެ. ސައިޑް ޓޭބަލް މަތީ ހުރި ސާމާނުތައްވެސް ވަނީ ބިންމައްޗަށް ވެއްޓިފައެވެ. ވާނުވާ ނޭނގި ހުރެ އަޒީމް އެނދުމަތިން ތެދުވީ ކޮޓަރިއަށް ވެފައޮތް ވަރު ފެނުމުންނެވެ.

އަޒީމަށް އޭނަހުރި ސިފަ ފެނުނީ ކުރިމަތީ ހުރި ރީތިވާ މޭޒުގެ ލޯގަނޑުންނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތެވެ. ކައިރިން ފެންނަން އޮތް ފިޔާތޮށި ކުލައިގެ ތުވާލިން އޭނާގެ ހަށިގަނޑު ނިވާ ކޮށްލިއެވެ. އަދި ހިނގާފައި ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އަޒީމްގެ ތުންފަތް މަތީގަޔާ ދަތްދޮޅިގައި ރަތްކުލައިގެ ލިޕްސްޓިކް ހޭކިފައި ހުއްޓެވެ. ތުންފަތުގައި އަތް ޖައްސާލި ވަގުތު ޒޭބާގެ ތުންފަތާ އަޒީމްގެ ތުންފަތް ބައްދަލުވެގެން ދިޔަ ވަގުތު ހަނދާންވިއެވެ. ޒޭބާގެ ތުންފަތުގައި ޖައްސާފައިވާ ލިޕްސްޓިކުން މަޑު ފޮނި ރަހައެއް ލިއެވެ. ދުވީ މީރު މޭވާއެއްގެ ވަހެވެ.

ލޯގަނޑާ ކައިރިވަމުން އަޒީމްގެ ކަރު ދަށާއި، މޭމައްޗަށް ބަލާލުމަށްފަހު ލޯގަނޑަށް ފުރަގަސްދެމުން އަޒީމްގެ ބުރަކައްޓަށް ބަލާލިއެވެ. ބުރަކަށީގެ ދެ ދިމާލެއްގައި ވަކި އެޅިފައި ހުރި ނިޝާނެއް ފެނުނެވެ. އަޒީމް ލޯ މަރާލީ އެވަގުތު ހަނދާން ކުރުމަށެވެ. ޒޭބާގެ ހަށިގަނޑުމަތީގައި އަޒީމް އޮތްވަގުތެވެ. ޒޭބާގެ ހަށިގަނޑާ ގާތް ވަމުން ދިޔަވަގުތެވެ. ދެމީހުން ތިބީ ދާ ހިތްލާ ފޯވެފައެވެ. ޒޭބާ އަޒީމްގެ ގައިގާ ބައްދާލިއެވެ. އަޒީމްގެ ބުރަކަށީގައި ވަކި އަޅުވާޅިލިއެވެ. އެވަގުތު ޒޭބާގެ އަނގައިން ނުކުތް އާހް އަޑާއި އެކީ ދެލޯ މަރާލިއެވެ.

އަޒީމްގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ފާޚާނާއަށް ވަނީ ފެންވަރާށެވެ. އެ ފާޚާނާގައި ފެންވަރާ ދިމާ ވަކިކުރަން ދަމާފައިވާ ރަބަރު ގަނޑުވަނީ ހަލާކުވެފައެވެ. އެތަނުގައި ހަރުކޮށްފައިވާ ހޮޅިއާ އެކީ އެ ރަބަރުގަނޑު ވަނީ ނެއްޓިފައެވެ. އަޒީމްމެން ފާޚާނާ ތެރޭ އުޅުނު މަންޒަރު ސިފަވެގެން ދިޔައެވެ. މާގަނޑު ދަށުގައި ދެމީހުން ތިބި ގޮތެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ދުރުކަމެއް ނުވާފަދައެވެ.

އަަޒީމް ފެންވަރައިގެން ފާޚާނާއިން ނިކުތެވެ. ރީތިވާ މޭޒުމަތީ ޗާޖަށް ޖަހާފައި އޮތް ފޯނު ރިންގްވާން ފެށުމުން ފޯނަށް ޖަވާބުދިނެވެ. އެ ގުޅަނީ ނަވާފެވެ. "ހެއި... ކިހިނެތްވީ އޮފީހަށް ނާންނަ ދުވަހަކީތަ؟.. ބަލީތަ؟..." ނަވާފްގެ ސުވާލުތައް އަޑުއިވުމުން އަޒީމް އޮފީހަށް ދާން ޖެހޭކަން ހަނދާންވިއެވެ.

"މިއުޅެނީ ދާން... ކުޑަކޮށްލަސްވީ ފަހުން ކިޔައިދޭނަން..." އަޒީމް އަވަސްވެގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.

"އޯކޭ... އަޒީމް އަންނަން ދެން މަޑުކުރާނަން... އަހަރެން ސައިބޯން ދާންވެގެން އަޒީމް ނެތީމަ މިގުޅީ....އަވަހަށް އާދޭ..." ނަވާފް ފޯނު ކަނޑާލުމުން އަޒީމް ކޮޓަރިއަށް ވަދެ ޔުނީފޯރމް ލިއެވެ. އަވަސް އަރުވަލައިގެން އެ ގެސްޓް ހައުސުން ނުކުމެ ބަސް ސްޓޮޕާ ދިމާއަށް ދިޔައީ ފިހާރައަކުން ދަޅެއް ގަނެގެން އެ ބޮމުންނެވެ.

*** *** *** *** *** ***

ހެނދުނު ހެނދުނާ ހޭލައިގެން މަދީހާ ގޭތެރޭގައި އެކި މަސައްކަތްތައް ކުރުމުގައި އުޅުނެވެ. ވަރުބަލިކަމެއް އިހްސާސް ވާތީ ޖަގުން ޖޫސްފޮދެއް އަޅައިގެން ޖޯލިފަތީގައި އިށީނެވެ. މަދު އެތިފޮދު ބޮމުން ދިޔައިރު މަދީހާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދެއަހަރު ބައިގެ ކުއްޖެއް ކިހިލި ޖަހައިގެން ޖެހިގެން ހުރިގޭ ފާޒިރާ އެގޭތެރެއަށް ވަދެގެން އައިތަން ބަލަން މަދީހާ އޮތެވެ. ގޭ ވަށައިގެން ބޭރު ފާރު ހުންނަނީ މަގުމަތިން ދާ މީހުން ފެންނަހެން ދެ ފޫޓުގެ އުސްމިނަކަށެވެ.

"މަދީހާ... މިގޭ މިރުސް ގަހުން މިރުސްކޮޅެއް ލިބިދާނެތަ؟..." އެތެރެއަށް ވަދެގެން އައި ފާޒިރާ އަހާލިއެވެ.

"އާދޭ... މަ އެބަ އަންނަން މިރުސް ކޮޅެއް ބިނދެގެން... ކިތައް މިރުސް..." މަދީހާ ތެދުވެ ޖޫސްތަށި އަށިމަތީ ބަހައްޓަމުން ގަސްތައް ހައްދާފަ ހުރި ދިމާއަށް މިސްރާބު ޖެހިއެވެ. މަދީހާމެން ގޭގައި ތަފާތު އެކި ބާވަތްތަކުގެ ގަސްތައް ހައްދާފައި ހުރެއެވެ. އެހެންކަމުން ހިސާބުގަނޑު އަވަށްޓެރިން އެއްޗެއް ބޭނުންވިޔަސް މަދީހާ ގާތަށް އާދެއެވެ.

"5 ވަރަކަށް މިރުސް ދީބަލަ... މިއުޅެނީ ހަވީރަށް ހެދިކާ ހަދާށާ މިރެއަށް ކައްކަން... ބޮޑު އީދަށް ޝޯވް ބާއްވާތަން ރީތިކޮށް ސްޓޭޖް ތައްޔާރުކުރާ މީހުންނަށް... އަހަރެމެން ގޯތީ ޒަކީ ބުނި މަދީހާ އަންނާށޭ ބުނި ވާހަކަ... އޭނާއަށް ނާދެވިގެން އެއުޅެނީ އެތާ މަސައްކަތުގައި އުޅެން ޖެހޭތީ..." ފާޒިރާ ވާހަކަ ދައްކަމުން ޖޯއްޔެއްގައި އިށީނީ އޭނާގެ އުރުގައި އިން ދެ އަހަރުގެ އަންހެން ކުއްޖާ އުނގަށް ލައިގެންނެވެ.

"އެހެންތަ... އެހެންވިއްޔާ އަޅާނުލާ.. ފާޒިރާ ދުފާ ނުލާނަންތަ؟..." އަށިމަތީ އިން ފޯއް ތަބަށް ދިއްްކޮށްލަމުން ޖެހިގެން ހުރި ޖޯލީގައި މަދީހާ އިށީނެވެ. ފާޒިރާގެ އުނގު ތެރޭގައި އިން ކުޑަކުއްޖާ އަތުން ވީއްލިގެން ދުވެފައި ދިޔައީ އަނބު ގަސް ދޮށުގައި އޮތް ބޯޅައެއް ފެނިގެން އެ ނަގާށެވެ. ފޯއް ތަބަށް ތެރެއިން ފޯކާ ބިލަތް ގަނޑެއް ނަގާ އެއްކޮށްލާ، އޮޅާލަމުން ފާޒިރާ އަނގަޔަށް ލިއެވެ. އެވަގުތު ގޭތެރެއިން އިވެމުން ދިޔަ އަޑު ފައްގަނޑަށް ސަމާލުކަން ދެމުން ފާޒިރާ ވާހަކަ ދައްކަން ފެށިއެވެ. "މީ ކޮންކަމެއް؟... އީދަށް ގޭތެރެ ރީތި ކުރަނީ ދޯ..."

"އާން.. އަސްލު މި މަސައްކަތް އަވަހަށް ނިންމަންވެގެން ޒަކީއަށް ގުޅީ... މިއުޅެނީ އީދަށް ކުލަލާ... ބަދިގެތެރޭ މޭޒެއް ޖަހާ... ގޭތެރެ ބަދަލުކޮށްލަން..." ފާޒިރާ އުނގުގައި އިން ފޯއް ތަބަކުން ފޯއްކޮޅެއް ނަގާ އަނގަޔަށް ލަމުން މަދީހާ ވާހަކަ ދެއްކިއެވެ.

"އެހެންތަ... މިގޭގަ ބޮކި ފައްޗެއް އެއްޗެއް ދަމާ ނުލަންތަ؟... މި ފަހަރު ބޮޑު އީދަށް ގިނަ ސްޓާރުންތަކެއް ވެސް އަންނާނެ ކަމަށްވަނީ... ފަރާ... ބޭރަށް ނުނިކުމޭ އާދޭ އެތެރެއަށް..." މަދީހާ އަތަށް ފޯއް ތަބަށް ދެމުން ފާޒިރާ ހިނގައިގަތީ އޭނާގެ ދަަރިފުޅު ބަލައެވެ. އެ ކުއްޖާ އެތެރެއަށް ވެއްދުމަށްފަހު މަދީހާއާ ކުރިމަރިލިއެވެ. "މިގޭގަ ބޮކިފަތި ވެސް ހަރު ކުރާނަން... އެހެންޏާ... މަގޭ މަންޝާ އީދަށް އާދެޔޭ...." އަތުގައި ހުރި މިރުސްތައް ދިއްކޮށްލަމުން މަދީހާ ވާހަކަ ދެއްކިއެވެ.

"ނާހަމަދެތެއް... ވަރަށް ދުވަސްކޮށްފައި ދޯ އެ އަންނަނީ... މުނީރާމެން ވެސް އާދޭ ދޯ... މިގެއަށް ހީވާނެ އީދެއް އަައިސްގެން އުޅޭހެން.... އޭ.. ދެން ދަނީއްޔޭ.. މަމީ މިގެއަށް މިރުސްް ބަލާ އައި މީހާ... ބަޝީރާމެން ތިބޭނެ ލަސްވެފަ..." މިރުސްތައް ހިފައިގެން ފާޒިރާ މިސްރާބު ޖެހީ އޭނާގެ ދަރިފުޅު ނަގާށެވެ. ގޭތެރެއިން ނިކުމެގެން އައި މަޖުދީ ފެނުމުން މަދީހާ އަވަހަށް ޖޫސްތައްޓެއް އަޅައިދިނެވެ.

ޖޫސްތަށީގައި މަޖުދީ ހިފަމުން ވާހަކަ ދެއްކިއެވެ. "ދައްތާ.. މިހާރު ބަދިގެ މުޅިން ކަހަލަ ގޮތަކަށް މި ނިމުނީ... ދެން ފާޚާނާ ހަދަން ފަށަންވީ... ސާމާނުތައް ގަންނަން ދާން މިއުޅެނީ..." އެވަގުތު މަދީހާގެ ފޯނަށް ބަލާލިއެވެ. ފޯނަށް އެ ގުޅަނީ މަންޝާއެވެ. ދުރަށް ޖެހިލަމުން މަޖުދީ ގާތު އަހާލިއެވެ. "އީދަށް މުޅިން ނިމޭނެ ދޯ... އީދަށް މިގޭ ކުދިންތައް އަަންނާނެ.. އެހެންވެ މިހާ އަވަސް އަރުވާލައިގެން މިއުޅެނީ...."

ޖޫސްތަށި ބޮއި ނިންމާލަމުން މަޖުދީ ބުނެލިއެވެ. "އާން އޭރަށް ނިމޭނެ.... އެކަމާ ހާސްނުވޭ..."

*** *** *** *** *** ***

ފޯނު ރިންގް ވޭވޭ ގޮސް ކެނޑުނު އިރުވެސް މަދީހާ ފޯނަކަށް ޖަވާބެއް ނުދިނެވެ. ފޫހިވެފައި ގޭތެރޭގަ މަންޝާ އިނީ ބޭރަށް ދާން ބޭނުން ނުވެފައެވެ. ރޭގައި ހިނގާދިޔަ ކަންތައް މަތިން ހިތަށް އަރާފައެވެ. އަޒީމަށް ވެވުނު ބޭވަފާތެރިކަން ހިތަށް އަރާފައެވެ. އެ ޚިޔާލުގެ ތެރޭ ގެނބެމުން ދިޔަ މަންޝާއަށް ސިހުމެއް ލިބުނީ އަތުގައި އޮތް ފޯނު ވައިބްރޭޓްް ވާން ފެށުމުންނެވެ. ފޯނަށް އެ ގުޅަނީ މަންޝާގެ މަންމައެވެ. އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.

"ދަރިފުޅު ގުޅި ގަޑި ވަރަށް ބުރަކޮށް ހުރީ... އެހެންވެ ފޯނު ނުނެގުނީ... ކިހިނެއްވީ ދަރިފުޅާ...." މަދީހާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

"ކަމެއް ނުވޭ ހަމަ މަންމަ މަތިން ހަނދާންވީމަ ގުޅާލީ.... މަންމަ ކީއްތަ ތިކުރަނީ... ކޮން އަޑެއް އެ އިވެނީ..." ފޯނުގައި ހުރެ މަންޝާއަށް އިވެމުން ދިޔަ އަޑުތަކަށް ސަމާލުކަން ދެމުން ސުވާލުކޮށްލިއެވެ.

"މިއުޅެނީ ދަރިފުޅު ރަަށަށް އަންނަންވާ އިރަށް ފާޚާނާއެއް ހަދާ ބަދިގެތެރެ ހަމަޔަކަށް އަޅުވާލެވޭތޯ... މަންމައާ މާމައާ އެކަނި އުޅޭއިރު ކާމޭޒެއް ބޭނުމެއް ނުވާނެދޯ.. ދެން މިފަހަރު ގެއަށް މީހުން ގިނަވާނެތާ... މުނީރާމެން ވެސް އަންނަ ވާހަކަ ބުނި.... އެހެންވެ މޭޒެއް ވެސް ޖަހާލަނީ..." މަދީހާ ކުރަމުން ދިޔަ މަސައްކަތަށް މަންޝާ ތައުރީފް ކުރިއެވެ. ރަށަށް ދާ ދުވަސް އައިސް ޖެހެންދެންް ކެތްނުކުރެވޭނެ ކަމަށް މަންޝާ ބުންޏެވެ. މަސައްކަތުގައި އަވަދިނެތި އުޅޭތީ މަދީހާއަށް މާ ގިނަ އިރަކު ފޯނުގައި މަޑެއް ނުކުރެވުނެވެ. އެހެންކަމުން އަޒީމަށް ސަލާމް ބުނަމުން މަދީހާ ފޯނު ބޭއްވިއެވެ.

މަންޝާގެ މަންމަ އެ ބުނި އެއްޗަކާ ދޭތެރޭ ވިސްނާލެވުނީ ދެނެވެ. ރަށަށް ހަސަންބެ ދާކަށް އިނގޭނަމަ މަންޝާ ދާން އެއްބަސް ނުވާނެއެވެ. ފޫހިވެފައި ހުރެ ޓީވީ ހުޅުވާލިއެވެ. ޓީވީން ދައްކަަމުން ދިޔަ މަންޒަރަށް ބަލަން ހުރި އިރު މަންޝާގެ ހިތުގައި އެނބުރިގަތީ ޒިބާންގެ ހިޔާލެވެ. ރަށުގައިވާ ހަފްތާއެއްހާ ދުވަަސްތެރޭ ޒިބާން ނުފެންނާނެތީ އެކަމާ ވަރަށް ދެރަވިއެވެ. މިހާ ލަސްވުމުން ދަތުރު ކެންސަލްކުރާކަށް މަންޝާގެ ހިތެއް ނޭދެއެވެ. މަންމަ ރަށުގައި ހުރެ އެހާ ބޮޑު ތައްޔާރީ ތަކެއް ވަމުންދާ ދަނޑިވަޅެއްގައި ދެން ނުދާނަމޭ ބުނެފިނަމަ މަންމަ ހިތުގައި ޖެހޭނެ ވަރު އޭނާއަށް އިހްސާސް ކުރެވެއެވެ.

ސޯފާ ކައިރީ ބަހައްޓާފަ އިން ދަޅުން މުށު ފުރާ ގުޅަކޮޅެއް ނަގާ އެ ކަމުން ސޯފާގައި މަންޝާ ހަމަޖެހިލިއެވެ.

*** *** *** *** *** ***

އާމިނަ ގާތަށް ޟިރާރު އައުމުން އެމީހުންނަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހޯދައި ދިނުމަށްފަހު ރިޔާޒް ގެއަށް ދާން ހިނގައިގަތެވެ. އޭރު އާމިނައަށް އޮތީ ނިދިފައެވެ. އާމިނަ ގާތުގައި ޟިރާރު މަޑުކޮށްގެން އިނީ މުސްހަފެއް ނަގައިގެން ކިޔަވާލަ ކިޔަވާލައެވެ.

ރިޔާޒަށް ގެއަށް އާދެވުނު އިރު މެންދުރު ވާން ގާތް ވަަނީއެވެ. ގެއަށް ވަދެ ފައިވާން ބާލައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކާ މޭޒުމަތީ ބަހައްްޓާފައިން ޖޫސްތައްޓާއި ޕެކެޓް ފެނުނެވެ. ޖޫސް ޕެކެޓް އައިސް-އަލަމާރިއަށް ލުމަށްފަހު ކޮޓަރިއަށް ވަނުމަށް އަވަސް ވެގަތެވެ. އޭރުވެސް މީރާއޮތީ އެނދުގައެވެ. ނުތެދުވެ އޮތުމުން ރިޔާޒް ކަންބޮޑުވިއެވެ. މީރާ ގާތަށް ޖެހިލަމުން މީރާގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. ކަމަކު ދާކަށް ނެތެވެ. މީރާ އޮތީ ހުން އައިސްފައެވެ.

އަވަހަށް މީރާއަށް ގޮވާލިއެވެ. މިރާ ޖަވާބު ދިނީ ކުރަކި އަޑަކުންނެވެ. މީރާއަށް ޖޫސް ތައްޓެއް ގެނެސްދޭންވީތޯ އަހާލިއެވެ. ނަމަވެސް މީރާ ދެއަތަށް ބޯހޫރާލިއެވެ. ކިހިނެއްވީތޯ ރިޔާޒް ސުވާލު ކޮށްްލިއެވެ. "ރިޔާ.. އެ ޖޫސް ވަރަށް ނުބައި... އެ ޖޫސް ބޮއިގެން އަހަރެން ތިން ބުރަށް ހޮޑުލައިފިން... ޕްލީސް އެނޫން އެހެން ޖޫހެއް ގެނެސްދީ..." މީރާ އެނދުގައި އޮވެ ދެއަތަށް ފުރޮޅެމުން ބުނެލިއެވެ.

ރިޔާޒް އަވަހަށް އެ އެޕާޓްމަންޓުން ބޭރަށް ނިކުތީ ކުރުނބާ ކޮޅެއް ގަންނާށެވެ. ދެތިން ކުރުނބާ އާއި، ލުނބޯ ކޮޅަކާއި، އާފަލާ އޮރެންޖް ކޮޅެއް ގަނެގެން ރިޔާޒް އައެވެ. މީރާ ފާޚާނާއަށް ވައްދާ ފެންވަރުވައިގެން ނެރުމަށްފަހު އެތަނުން ކުރުނބާއެއް ހަދައި ދިނެވެ. މީރާއަށް ކުރުނބާ ފެންވީ ވަރަށް މީރު ބުއިމަކަށެވެ. އިރުއިރުކޮޅާ މީރާއަށް ޖޫސްފޮދު ދެމުން ގޮސް މެންދުރުފަސްވީ އިރު މީރާ ގައިގާ ވަރުޖެހި ހުން މަޑު ވެއްޖެއެވެ. ދެން އެދެމަފިރިން ތައްޔާރުވީ ޑޮކްޓަރަށް ދައްކަން ދާށެވެ. މެންދުރުފަހު ތިނަކުން ބަލަންފަށާ ޑޮކްޓަރަށް ދައްކަން މީރާމެންނަށް ލިބުނީ ހަތްވަނަ ނަންބަރެވެ. އެހެންކަމުން ތިނެއް ޖަހާއިރަށް ދާން އެމީހުން ގެއިން ނުކުތެވެ.

*** *** *** *** *** ***

އިރުއޮއްސެމުން އައިވަގުތެވެ. މަންޝާ ހުރީ އާޓިފިޝްލް ބީޗް ގައެވެ. މީރާއާ ބައްދަލުކުރަން އައިސް އެމީހުން ވަނީ ބީޗުގައި ހުންނަ ޑައިނަމޯ އަށެވެ. ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ. މީރާގެ ބަނޑުބޮޑުވުމާ ބެހޭ ގޮތުންނެވެ. އެކަަމާ މީރާ ހުރީ ވަރަށް ބޮޑަށް އުފަލުންނެވެ. ދުނިޔެ ރަންވެފައެވެ. މީރާއަށް ކުރަމުން ދިޔަ އިހްސާސްތައް ކިޔައިދޭން މަސައްކަތް ކުރިއެވެ. އެވާހަކަތައް އަޑުއަހަން މަންޝާ ހުރީ ހިނިތުންވެގެންނެވެ. ނަމަވެސް މަންޝާގެ ހިތް ރޮމުން ދިޔައެވެ. އޭނާ އެހެން ހުއްޓާ އޭނާގެ ހުރިހާ ރަހްމަތްތެރިންނަށް ކުދިން ލިބެނީއެވެ. ފުން ޚިޔާލެއްގެ ތެރޭ މަންޝާ އިންދާ ސިއްސައިގެން ދިޔައީ މީރާ އޯކާ ދެމެން ފެށުމުންނެވެ. އެމީހުން އަވަހަށް ޑައިނަމޯ ތެރެއިން ބޭރަށް ނިކުތެވެ.

"ކިހިނެއްވީ މީރާ؟... އާ ޔޫ އޯކޭ..." މީރާގެ ބުރަކަށީގައި ފިރުމާލަމުން މަންޝާ ވާހަކަދެއްކިއެވެ.

(ނުނިމޭ)