ދެއަތް މުށްކަވާލައިގެން ހުރި މަންޝާ އޭނާގެ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެެވެ. ޒިބާންގެ ހަށިގަނޑުގައި ބައްދާލަން ބޭނުމެވެ. ހިތް ފުރެންދެން ޒިބާންގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރޯން ބޭނުމެވެ. މަންޝާގެ ހިތަށާއި ސިކުނޑިއަށް ވަމުން މިދާ ގޮތްތަކުން އޭނާގެ ބޯ ހަލާކުވާ ވަރު ވެއްޖެއެވެ. ޒިބާން އާ އެކުގާ ވާން އޭނާ ބޭނުމެވެ. ޒިބާނާ ކުރިން ދިމާވި ނަމައޭ ހިތަށް އެރިއެވެ.
އެވަގުތު ގެއިން ކަރަންޓު ކެނޑުނެވެ. މަންޝާގެ ހިތުން ޒިބާނަށް ވަނީ ހާއްސަ ޖާގައެއް ދެވިފައިކަން ޒިބާނަށް ނަގައިގަނެވުނެވެ. ޒިބާންގެ ހަށިގަނޑުގައި މަންޝާ ބައްދާލީ ކަރަންޓު ދިޔުމުން އެކަމާ ބިރުންނެވެ. ކުޑަ އިރުކޮޅެއް ފަހުން މަންޝާ ދުރަށް ޖެހިލަމުން މައާފަށް އެދުނެވެ. ޒިބާން ކުރިއަށް ޖެހިލަމުން މަންޝާގެ އަތުގައި ހިފާ ގެނެސް ޒިބާންގެ ގައިގައި ލަށް ކޮށްލިއެވެ. އިސްޖަހައިގެން ހުރި މަންޝާގެ މޫނުގައި ހިފާ އިސް އުފުލާލިއެވެ. އެވަގުތު އެ ދެމެދުގައި އެއްވެސް ދުރުކަމެއް ނުވާ ފަދައެވެ. އެ ވަގުތު ކޮޅު އަޒީމްގެ މަތިންވެސް މަންޝާ ހަނދާން ނެތުނު ކަހަލައެވެ.
*** *** *** *** *** ***
އަޒީމާ ރިޒްވީއާ ދެމީހުން ތިބީ ދެވަނަ ބުރީގައި އަޒީމަށް ދިން ކޮޓަރީގައި ވާހަކަ ދައްކާށެވެ. އަޒީމްގެ ޚިޔާލު ރިޒްވީއަށް ވަރަށް ކަމުދެއެވެ. އެހެންވެ އެ މަސައްކަތަށް އަޒީމަށް ފެންނަ ރަނގަޅު އަގެއް ކިޔަން ރިޒްވީ ހުށައެޅިއެވެ. އަޒީމް ބޭނުންވީ ވިސްނާލާފަ އެކަމަށް ޖަވާބެއް ދޭށެވެ. ދެމީހުން ވާހަކައިގައި ތިއްބާ ރިޒްވީއަށް ފޯނެއް އައެވެ. އެ ގުޅީ ހުޅުމާލޭގައި ހިންގާ ރިޒްވީގެ ފިހާރައިންނެވެ. ފޯނަށް ޖަވާބު ދިނުމަށްފަހު ރިޒްވީ އެނދުމަތިން ތެދުވިއެވެ.
"އަޒީމް.. ވަރަށް ބޮޑަށް ސޮރީ... ފިހާރަ ކަމެއްގަ އަހަރެން އެބަޖެހޭ އެކޮޅަށް ދާން... އެކޮޅުން ނިމުނުހާ އަވަހަކަށް އަންނާނަން... މިރޭ ވަރަށް ވިއްސާރަ ދޯ.. ސޯ އެހެން ދުވަހަކުން ޓެރަސްގެ ކުރެހުން ޕްލޭން ކުރާނީ... ދެން ދަނީ އިނގޭ... ކަމަކު ބޭނުން ވެއްޖިއްޔާ ޒޭބާ ކައިރީ ބުނޭ..." ރިޒްވީ ކޮޓަރިން ނުކުތުމުން އަޒީމް އެ އަންހެން މީހާގެ ނަން ތަކުރާރު ކޮށްލިއެވެ. "ޒޭބާ...."
އަޒީމް އިނީ ޑްރެސިންގް ޓެބަލް ގޮނޑީގައި އިށީނދެގެންނެވެ. ތެތް ޝޯޓާއެކީ އެނދުގައި އިށީނދެއްޖެ ނަމަ ގޮދަޑި ތެމިދާނެތީއެވެ. ކުއްލިއަކަށް އަޒީމް އޭނާގެ ފޯނު މަތިން ހަނދާން ވެގެން ބަލާލިއެވެ. ޝޯޓުގެ ޖީބު މަތިން އަތް ޖައްސާލިއެވެ. ކޮޓަރި ތެރެ ބަލަން ފެށީ ޖީބުގައި ފޯނު ނެތުމުންނެވެ. ފަސްވަނަ ބުރީގައި ހުރި ހަރުގަނޑު މަތީގައި ފޯނު ބޭއްވުނު މަތިން ހަނދާންވުމުން އަވަހަށް މައްޗަށް ދިޔުމަށް ސިޑިން އެރިއެވެ.
ފަސްވަނަ ބުރިއަށް ގޮސް ފޯނު ނަގާ ބަލާލިއެވެ. ފޯނަށް މިސްޑް ކޯލެއް ނޫނީ މެސެޖެއް އައިސްފައި ވޭތޯއެވެ. އޭރުވެސް ފުދޭވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. އަޒީމް ސިޑިން ފައިބަން ދިޔަ ވަގުތު ކުޑަކޮށް ހުޅުވިފައިވާ ޓެރަސްގެ ދޮރު ފެނުމުން މަޑު ޖެހިލިއެވެ. ޒޭބާ އެތާ ހުރިތޯ ބަލާލަން ހިތަށް އެރިއެވެ.
ޓެރަހަށް ނިކުތް އިރު އެތާ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރުމަށްފަހު ތިރިއަށް ދާން އެނބުރިލި ވަގުތު ފަހަތުން މީހަކު ގޮވާލި އަޑު އިވުމުން އަޒީމް ފަސް އެނބުރި ބަލާލިއެވެ. ޕޫލް ތެރޭ ހެދިފައިވާ ފެންގަނޑު ތެރެއިން ބޯ ދިއްކޮށްގެން ހުރި ޒޭބާ އައިސް ޕޫލް ކައިރި ފަށުގައިވާ ގާ ގަނޑުމަތީ އަތް ވިއްދާލައިގެން ބަލަން އިނެވެ. ޒޭބާގެ ދޮން މޫނު ހުރީ ހުދުވެފައެވެ. ތުންފަތުގެ ފިޔާތޮށިކުލަ ގަދަކަމުން ހިވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. މިހާރު ޕޫލްގެ ފެންގަނޑު އިސްކޮޅު ނުޖެހޭ ވަރަށް ވަނީ ބޮޑުވެފައެވެ.
އަތުގެ އިޝާރާތުން އައުމަށް ޒޭބާ އެދުނެވެ. އަޒީމް ޓެރަސްގެ ދޮރު ކައިރީ ހިޔާކޮށްފަ ހުރި ތަނަށް ދިޔައީ ޓީޝާޓު ބާލަމުންނެވެ. އެތާ ހުރި ފާރުބުރިއެއް މަތީ ޓީޝާޓާ ފޯނު ބޭއްވުމަށްފަހު އަޒީމް ޕޫލަށް ދިމާލަށް އައިސް ޑައިވެެއް ޖަހާލިއެވެ. ޕޫލުގެ ތެރެއަށް އަޒީމް ފުންމާލުމުން ޒޭބާ ހިނިގަނޑެއް ޖަހާލިއެވެ. ޒޭބާގެ ތޫލި އަޑު މުޅިތަނުގައި ގުގުމާލިއެވެ. ފެންގަނޑު މައްޗަށް އަޒީމް އަރަމުން ލޯ މައްޗަށް ވެއްޓިފައިވާ އިސްތަށިތައް މައްޗަށް އަރުވާލިއެވެ.
"ރިޒްވީ ބުނި ޒޭބާގެ ވާހަކަ... އަސްލު އަހަރެން އެހީ ތީ ކޮން ކުއްޖެއްހޭ... ބުނެބަލަ ޒޭބާ ކޮން ރަށެއްތަ؟..." ޒޭބާއާ ބެހޭ މައުލޫމާތުތައް އޮޅުން ފިލުވަން އަޒީމް ބޭނުންވިއެވެ.
"އަަހަރެެން މީ އައްޑޫ ކުއްޖެއް...." ޒޭބާ ޕޫލުން މައްޗަށް އަރަމުން ޖަވާބު ދިނެވެ. ޒޭބާ އިނީ ޕޫލް ވަށައިގެންވާ ފާރު މަތީ އިށިންދެލައިގެން ޕޫލް ތެރެއިން ފައި ބާލައިގެން އަޒީމާ ދިމާލަށް ބަލާށެވެ.
"އޯ ގަދަ... މަވެސް އައްޑޫ... ކޮބާ ޒޭބާގެ ޕޭރަންޓްސް.." ޒޭބާ އަށް ދިމާލަށް ދާން އަޒީމް ފަލި ޖަހާލަމުން ވާހަކަ ދެއްކީ އައްޑޫ ބަހުންނެވެ.
"ޕޭރަންޓްސްގެ ވާހަކަ ނުދައްކާ... ޕްލީސް.. އިޓް ސްޕޮއިލްސް މައި މޫޑް... ޓޯކް ސަމްތިންގް އެލްސް..." ދެކޮނޑު އަރުވާލަމުން ޒޭބާ ވާހަކަ ދެއްކީ ފޫހި ގޮތަކަށެވެ.
"އޯކޭ... ދެން ކީކޭ ކިޔަންވީ...." އަޒީމް ޒޭބާގެ އަތުގައި ހިފާ ޕޫލް ތެރެއަށް ދަމައިގަތެވެ. ނުވިސްނާ ހުރުމުން ޒޭބާއައިސް ގުޅަވަރަކަށް ފެންގަނޑު ތެރެއަށް ވެއްޓުނެވެ. ވާރޭ ތުނި ކޮށްލައިފިއެވެ. ނަމަވެސް ވައި ގަދަކަމުން ހީވަނީ ބީޗްގައި ހުރި ގަސްތައް މުލުން ލުހިގެން ވަޔާ ހިނގައި ދާނެހެންނެވެ.
"ޒޭބާ... ހީވެސް ނުކަރުވާތަ؟... އަހަރެން މިހާރު ތުރުތުރު އަޅަން ފަށައިފި..." އަޒީމް ޕޫލުން އަރަން ގޮސް ސިޑި ކައިރީ މަޑުކޮށްލިއެވެ. އަޒީމްގެ ފަހަތުން އައިސް އެނާގެ އުނަގަނޑުގައި ޒޭބާ ހިފަހައްޓާލިއެވެ.
ފަސް އެނބުރެމުން އަޒީމް ޒޭބާގެ މޫނަށް ބަލާލިއެވެ. އެއީ ހާދަ ފުރިހަމަ އަންހެނެކޭ އަޒީމްގެ ހިތަށް އެރިއެވެ. ޒޭބާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރަނގަޅު ކޮށްލިއެވެ. ކުއްލިއަކަށް އަޒީމްގެ އަތުގައި ޒޭބާ ހިފެހެއްޓިއެވެ. އެވަގުތު އަޒީމްގެ ލޮލުގައި އަޅައިގަތީ ކަންފަތު ބުޑުން ތިރިއަށްވާގޮތަށް ޒޭބާގެ ކަރުދޮށުގައި ވާ ބޮޑު ލަކުނެވެ.
"ހެއި މަޑުކޮށްބަލަ... ދަނީތަ؟..." ޒޭބާ ޕޫލުން އަރައިގެން ޓެރަސްއިން ނިކުންނަ ދޮރާ ދިމާލަށް ހިނގައިގަތެވެ. އަޒީމްވެސް ޕޫލުން އަރައިގެން ޒޭބާ ފަހަތުން ދުއްވައިގަތެވެ.
"ބުނެފާނަންތަ.. އެއީ ކޮން ލަކުނެއް.... ކިހިނެއް ވެފައި ހުރި ތަނެއް އެއީ..." އަޒީމްގެ ހިތުގައި ހުރި ސުވާލުތައް އެއް ފައްޗަކަށް ބަންޑުން ކޮށްލިއެވެ.
އެއް އަތުން ހެދުމުގެ ކަރުވަޅުގައި ހިފައިގެން އަނެއް އަތުން އިސްތަށިގަނޑު ގެނެސް އެ ލަކުނު ހުރި ފަރާތަށް ވައްޓާލަމުން ޒޭބާ އަޒީމްގެ މޫނަށް ބަލާލިއެވެ. އެ ސުވާލު ކުރުމުން ޒޭބާއަށް ވަރަށް ބޮޑު އަސަރެއް ކޮށްފިކަން އެނގިއްޖެއެވެ. ކުރަން ނުޖެހޭ ވަރުގެ ސުވާލެއް ކުރެވުނީކަން އަޒީމަށް އެނގުމުން އެކަމާ އަޒީމް ހުރީ ބޯ ސަކަރާތްވެފައެވެ. ޒޭބާގެ ލޮލުން ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ. ޖަވާބެއް ނުދީ ޓެރަސްއިން ނިކުންނަން ޒޭބާ ހިނގައިގަތެވެ.
"ސޮރީ.. ޒޭބާ... ޒޭބާ... ރުޅިއައީތަ؟..." އަޒީމް ދައްކަމުން ދިޔަ ވާހަކައަށް ފަރުވާލެއް ނުބަހައްޓާ ޒޭބާ ޓެރަސްއިން ފައިބައިގެން ސިޑިން ތިރިއަށް ދުއްވައިގަތެވެ.
އަޒީމް އޭނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. "ޝިޓް... ޝިޓް..." ޒޭބާ ހިތުގައި ޖެހޭ ފަދަ ދެ ސުވާލެއް ކުރެވުނީތީ އަޒީމް އެކަމާ ވަރަށް ދެރަވިއެވެ. އަޒީމްގެ ޓީޝާޓާ ފޯނު ނެގުމަށްފަހު މުށްކަވާފައި އެ ފާރު ބުރި މަތީގައި ޖެހިއެވެ. ޒޭބާ ހިތުގައި ޖެހޭ ކަހަލަ ސުވާލެއް ކުރެވުނީމަ އަޒީމްގެ ހިތަށް ތަދުވިއެވެ.
އިރުކޮޅަކު ޓެރަސްމަތީ މަޑުކޮށްލައިގެން ހުރުމަށްފަހު އަޒީމް ސިޑިން ތިރިއަށް ފައިބެގެން ދިޔައީ އޭނާ އުޅޭ ކޮޓަރިއަށެވެ. އަލަމާރިތެރޭ އަޅުވާފައިވާ އޭނާގެ ޔުނީފޯމް ދަބަހަށް ލިއެވެ. އަދި އަވަހަށް ތިރިއަށް ދިޔައީ ފޯނުން ރިޒްވީގެ ނަންބަރު ޑައަލް ކުރަމުންނެވެ. ކައުންޓަރު ކުރިމައްޗަށްވާ ގޮތަށް ހުރި ތިން ސީޓްގެ ސޯފާގައި އިށީނދެގެން އަޒީމް އިނީ ރިޒްވީ ފޯނު ނަގާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ރިޒްވީ ފޯނަށް ޖަވާބު ނުދިނުމުން އަޒީމް ގަސްތު ކުރީ ޓެކްސީއަކަށް ގުޅައިގެން ޓާމިނަލަށް ދާށެވެ. އެހެންކަމުން ފޯނުން ޓެކްސީއަކަށް ގުޅޭތޯ ފޯނުގެ ލޮކް ހުޅުވާލިއެވެ. ނަމަވެސް ހުޅުމާލޭ ސެންޓަރެއްގެ ނަންބަރު ނޭނގޭތީ އަޒީމަށް އެކަންވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.
ގެސްޓް ހައުސްއިން ބޭރަށް ނިކުތްއިރު ވާރޭ ވަނީ މުޅިންހެން ހުއްޓާލާފައެވެ. ނަމަވެސް ވަރަށް ވައި ގަދައެވެ. މަގުގެ ދެފަރާތަށް ބަލަން ހުރުމަށްފަހު އަޒީމް ހިނގައިގަތީ އެންމެ ގާތުން ފެންނަން އޮތް ގޯޅިގަނޑާ ދިމާލަށެވެ. ހުޅުމާލޭ މައި މަގަށް ނިކުތުމުން ފަސޭހައިން ޓެކްސީއެއް ލިބޭނެ ކަމަށް ހީކޮށް، ފިޔަވަޅު އަވަސް ކޮށްލީ އެއްކޮނޑުގައި ދަބަސް އަޅުވާލަމުންނެވެ. މާގިނަ އިރުތަކެއްނުވެ މަގުމަތިން ދިޔަ ހުސް ޓެކްސީއެއް މަޑުކޮށްލިއެވެ. ވީ އުފަލުން ކާރަށް އެރުމާ އެކީ ހުޅުމާލެ ފެރީ ގިމަތައަށް ދާން ބޭނުންވާ ވާހަކަ ބުނުމުން ޑްރައިވަރު ކާރު ދުއްވާލިއެވެ.
"ކޮއްކޯ.. މާލެ ދާންވެގެންތަ ތިއުޅެނީ...." މެދު އުމުރުގެ ޑްރައިވަރު ވާހަކަ ދެއްކީ އަޒީމާއެވެ. ޑްރައިވަރު ސީޓާ ދިމާލުން ބޯމަތީގައިވާ ލޯގަނޑުން އަޒީމްގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. "އާން.. މަސައްކަތެއް ކޮށްލަން އައިސް މި އުޅެނީ..... ދެން ދާންވީ...." ފޯނުގައިވާ ގަޑިއަށް ބަލަމުން އަޒީމް ވާހަކަ ދެއްކިއެވެ. އޭރު ގަޑިން އަށެއް ޖަހަނީއެވެ.
"ކޮއްކޯ... ބޭބެއަށް ހީވަނީ ފެރީތައް ދަތުރު ކުރުން ހުއްޓާލައިފިހެން... ވިއްސާރަވެ ވައިގަދައިއްޔާ ހުޅުމާލެއާ މާލެއާ ދޭތެރޭ ވަރަށް އޮއެބާރުވާނެ...." ޑްރައިވަރު ބުނި ބަހުން އަޒީމް ފަސްޖެހޭ ގޮތް ވިއެވެ. ޓެކްސީ އައިސް ހުޅުމާލެ ފެރީ ގިމަތަ ކައިރިއަށް މަޑުކުރުމުން ފަންސަވީސް ރުފިޔާ ވޮލެޓުން ނެގުމަށްފަހު ޑްރައިވަރަށް ދިއްކޮށްލިއެވެ. ކާރުން ފޭބުމަށްފަހު އެމްޓީސީސީ ތެރެއަށް ފިޔަވަޅު އަވަސްކޮށްލިއެވެ. އޭރު ގިނަ އަދަދެއްގެ މީހުން ވަނީ އެހިސާބަށް ޖަމާވެ ތޮށް ޖެހިފައެވެ.
ފެރީ ޓިކެޓް ދޫކުރާ ކައުންޓަރާ ހަމައަށް އަޒީމަށް ދެވުނީ ވަރަށް ހާލުންނެވެ. ތޮށް ޖެހިފައިވާ މީހުންގެ ގައިން ރެކެމުން އެހިސާބަށް ގޮސް ޓިކެޓެއް ދިނުމަށް އެދި ދިހަ ރުފިޔާ ދިއްކޮށްލީ ކައުންޓަރުގައި ހުރި އަންހެން ކުއްޖާއާ ހަތަރުކަޅި ހަމަކޮށްލަމުންނެވެ. "ސޮރީ.. މޫސުން ގޯސް ވުމުގެ ސަބަބުން ފެރީގެ ޚިދުމަތް މިވަގުތު ވަނީ ހުއްޓާލާފަ..." އަދަބުވެރިކަމާ އެކު އެ އަންހެން ކުއްޖާ ޖަވާބު ދިނެވެ. "ދެނޯ... ކޮން އިރަކު ދެން ފެރީ ދުއްވަން ފައްޓާނީ... އަހަރެން ވަރަށް އަވަހަށް މާލެ ދާން ޖެހޭ..." އަޒީމަށް ސުވާލު ކުރެވުނީ ވަރަށް ހަރުކަށި ގޮތަކަށެވެ. އެ އަންހެން ކުއްޖާ ދެ ކޮނޑު އަރުވާލަމުން ނޭނގޭ ކަމަށް ބުންޏެވެ.
ފަަސް އެނބުރި ޓަާމިނަލުން ބޭރަށް އަޒީމް ނިކުތެވެ. އޭރުވެސް ޖެހެމުން ދިޔަ ބާރު ވައި ރޯޅިތަކުގެ ސަބަބުން ތޮށިގަނޑު ކައިރީ ހައްދާފައިވާ ރުއްތަކާއި ގަސްތައް ހީވަނީ ވަޔާ ލުއްސައިގެން ހިނގައިދާނެ ހެންނެވެ. އަރިމަތީ ހުރި ޕާކިން ޒޯނުގައިވާ ސައިކަލުތަކާ ހަމަޔަށް ދަމުން މަންޝާގެ ނަންބަަރަށް އަޒީމް ގުޅާލިއެވެ. މަންޝާގެ ފޯނު ވަނީ ގުޅޭ ސަރަހައްދުން ބޭރުގައި ކަމަށް ބުނުމުން އެ ނަންބަރަށް އަޒީމް މެސެޖެއް ފޮނުވާލިއެވެ.
"ހެއި މަން... މި ހުރީ ހުޅުމާލޭގަ ތާށިވެފަ... މޫސުން ގޯސްވެގެން ފެރީ ހުއްޓާލައިފި... މިރޭ ފެރީ ދަތުރު ކުރަންޏާ އަޒީމް ދާނަން... އައިމް ސްޓިލް އެޓް ޓާމިނަލް... ދެންމެ މަންއަށް ވަރަށް ގުޅައިފިން... ބަޓް ޔޯ ފޯން އިޒް އައުޓް އޮފް ކަވަރޭޖް.. އެހެންވެ މި ޓެކްސްޓް ކުރީ... ބާއި... މިސް ޔޫ...."
ފޯނުން މެސެޖް ފޮނުވާލިތަނާ ހެން އަޒީމްގެ ފޯން ވައިބްރޭޓް ވިއެވެ. އަޒީމް އަވަހަށް ސްކްރީނަށް ބަލާލީ އެގުޅަނީ މަންޝާ ކަމަށް ހީކޮށެވެ. އެ ގުޅަނީ ރިޒްވީއެވެ. އަޒީމް ފޯނު ނަގާ ފިތަށް ފިތާލަމުން ކަންފަތުގައި ފޯނު ޖަހާލިއެވެ. "ދެންމެ މި ފޯން ބަލާލީވެސް... ގެސްޓް ހައުސަށް އައި އިރު ނެތިގެންނާ އެކީ މިގުޅީ... މާލެއަށް ދިޔައީތަ؟..." ހާސްވެ ހުރެ ރިޒްވީ ވާހަކަ ދެއްކީ އަޒީމް ހުރި ތަނެއް ބަލާށެވެ.
"ވާރޭ ހުއްޓާލީމަ މާލެ ދާންވެގެން އައިސް ޓާމިނަލްގަ މި ހުރީ.. ވަރުގަދަ ލަނޑެއް ލިބުނީ... އަހަރެން އައި އިރު ފެރީ ހުއްޓާލައިފި... ކިހިނެއް ދެން ހަދާނީ..." ޖީބަށް އަތް ޖަހާލައިގެން ފޯނުގައި ހުރެ އަޒީމް ހިނގައިގަތީ ޓާމިނަލް ކުރިމައްޗަށް ވާ ގޮތަށް ހުރި ފިހާރައާ ދިމާލަށެވެ.
"އަޅެ ހާދަ ކަޑައޭ... ދެން ހެދޭނެ ވަކި ގޮތެއް އޮންނާނެތަ؟... މަ ދެންމެ ޚަބަރު ބަލާލިން... ކޮންމެސް ތޫފާނެއްގެ އަސަރެކޯ އޭޝިޔާއަށް މިކުރަނީ... ސޯ ކުރިއަށް އޮތް ހަތަރު ދުވަހެއްގެ މޫސުން ގޯސްވާނެ ކަމަށްވަނީ... މިރޭ ދެން މިކޮޅުގަ މަޑު ކުރޭ... ޔޫ ކޭން ސްޓޭ މިތާ މި ގެސްޓް ހައުސްގަ... އަހަރެން އެބަދަން އަޒީމް ނަގަން... ތިތާ މަޑުކުރޭ.." ރިޒްވީ ދެއްކި ވާހަކަ އަޑު އަހަން ހުރުމަށްފަހު އަޒީމް ޖަވާބު ދިނެވެ.
"ދެން ނޯ އަދާ ޗޮއިސް ދޯ... އާދޭ މަ މިހުރީ ޓާމިނަލް ކުރިމައްޗަށް ވާގޮތަށް ހުރި ފިހާރަ ކައިރީ..." ފޯނު ކަނޑާލުމަށްފަހު ފިހާރައިގައި ހުރި ސޭޓުގާތުގައި 'ރެޑްބުލް' ދަޅެއް ދިނުމަށް އަޒީމް އެދުނެވެ. ފަނަރަވަރަކަށް މިނެޓް ފަހުން ރިޒްވީގެ ކާރު އައިސް އެ ފިހާރަ ކައިރިއަށް މަޑުކޮށްލިއެވެ. ދަޅު ހުސްކޮށްލުމަށްފަހު ޑަސްބިނަށްލިއެވެ. އަދި ކާރަށް އަރާ ހަމަޖެހިލިއެވެ.
"ކައިގެން ދޯ ދާނީ.... މާދަން އަހަރެން ހެނދުނު ޑިއުޓީއަށް ދާން ޖެހޭ... ސޯ އަވަހަށް ނިދަން ބޭނުން... އަޒީމްގެ ޑިއުޓީ އޮތީ ކިހާއިރަކު..." ރިޒްވީ ވާހަކަ ދައްކަމުން ކާރުގެ ލަވަޖަހާ ސެޓުގެ އަޑު މަޑުކޮށްލިއެވެ. "އަހަރެންވެސް ހެނދުނު ޑިއުޓީ... އޭ ތީ ހާދަ ސަޅި ލަވައެކޭ... މަ ތިލަވަ ޑައުންލޯޑް ނުވެގެން އުޅުނިން،.." ލަވަޖަހާ ސެޓުގެ ވޮލިއުމް ފިތް އަނބުރާލަމުން އަޒީމް އަޑު ބާރު ކޮށްލިއެވެ. ދެމީހުން އެކުގައި ރޭގަނޑުގެ ކެއުމަށް ދިޔައީ ކޮންމެވެސް ކެފޭއަކަށެވެ.
*** *** *** *** *** ***
ރޭގަނޑު ކެއުމަށްފަަހު މީރާ އާއި ރިޔާޒް ތިބީ ޓީވީ ބަލާށެވެ. ރިޔާޒްމެނަށް ގަޑިން ވީއިރު އެނގުނީ ގަޑިން 8:45 ވީ ފަހުންނެވެ. ދެމީހުން އެކުގައި ބޭރަށް ނިކުތީ ހޮސްޕިޓަލާ ދިމާލަށް ދާށެވެ. އޭޑީކޭ ހޮސްޕިޓަލަށް ވަނުމަަށްފަަހު ދެމީހުން ދިޔައީ ރިޕޯޓްތައް ދޫކުރާ ކައުންޓަރު ދޮށަށެވެ.
ރިޕޯޓް ލިބުމާ އެކީ ދެމީހުން ވެސް ބޭނުންވީ ރިޕޯޓްގައިވާ ނަތީޖާ ކިޔާލުމަށެވެ. ކެތްމަދުވެފައިވާ މީރާ ރިޔާޒް އަަތުން ރިޕޯޓް ޖަހައިގަތުމަށްފަަހު ސިޓީއުރަ ތެރެއިން ރިޕޯޓް ނަގާ ނިއުޅުވާލިއެވެ. 'ޕޮސިޓިިވް' ޖަހާފައިވާ އަކުރުތައް ކިޔާލުމަށްފަަހު ތޫލިއަޑަކުން މީރާ ހަޅޭއް ލަވައިގަތެވެ. ހިނިތުންވެލަމުން ވަށައިގެންވާ މާހައުލަށް ރިޔާޒް ނަޒަރު ހިންގާލަމުން މީރާގެ އަަތުގައި ކޮއްޓާލިއެވެ.
އޭޑީކޭ ތެރޭގައި ތިބި ބަލި މީހުންނާ އެމީހުންގެ އެހީތެރިންގެ ނަޒަރު ހުއްޓިފައިވަނީ އެމީހުންނާ ދިމާލަށެވެ. ލަދުން ހުރެ އަަތުގައިވާ ރިޕޯޓް ކަރުދާހުން މީރާ އޭނާގެ މޫނު ނިވާކޮށްލީ ދުލުކުރީގައި ދަތް އަޅާލަމުންނެވެ. ފަސް އެނބުރި ލެބޯޓްރީއާ ދިމާލަށް ހިނގައިގަތެވެ. ޑޮކްޓަރު ހަދަން ދީފައިވާ އިތުރު ޓެސްޓުތައް ހެދުމަށްޓަކައި ލޭ ދިނުމަށެވެ. އެއަށްފަހު އެ ދެމަފިރިން އެކީގައި ނިކުމެގެންް ގެއަށް ދިޔައީ މާދަމާ ޑޮކްޓަރު ޑިއުޓީގައި ހުންނަ ގަޑި ސާފުކުރުމަށް ފަހުއެވެ. ދެމީހުން އެކީގައި ގެއަށް އައި މަގުމަތީ ރިޔާޒްގެ އަތުގެ މުލަށް ދަަނޑީގައި ދެ އަަތުން ހިފާ މީރާ ފިތާލައެވެ. މީރާއެކޭ ތުއްތު ކުއްޖެކޭ ތަފާތެއް ނެތެވެ. އުފަލުން ގޮސް މީހުންގެ ތެރޭގައި ވައްތަރު ޖެއްސޭކަން ވެސް މީރާއަކަށް ނޭނގެއެވެ.
ގެއަށް ވަނުމަށްފަަހު މީރާ ބޭނުންވީ ހެދުން ބަދަލުކޮށް ފެންވާރާލާށެވެ. އެހެންކަމުން އޭނާ ގޮސް ވަނީ ފާޚާނާއަށެވެ. މިއަދު މީރާ ގޮވައިގެން ރިޔާޒް އޭޑީކޭ ހޮސްޕިޓަލުގައި އުޅެންޖެހުމުން އައިޖީއެމްއެޗަށް ދެވޭ ގޮތެއް ނުވިއެވެ. އެނދުގައި ޖައްސާލައިގެން އޮއްވާ މަންމަ ކައިރިއަށް މިއަދު ނުދެވުނު މަތިން ހަނދާން ވުމުން ބައްޕަގެ ނަންބަރަށް އަޒީމް ގުޅާލިއެވެ.
ޟިރާރު ފޯނަށް ޖަވާބު ދެމުން އަޒީމް ހޮސްޕިޓަލަށް ނައީ ބަލިވެގެންތޯ ސުވާލު ކުރިއެވެ. "ނޫން ބައްޕާ... މީރާ ހޮޑުލާ ވަރުން ހޮސްޕިޓަލަށް ދިޔައީ... ދެން ޓެސްޓުތަކެއް ހެދީ.... ދެން..."
އަޒީމްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޟިރާރު ސުވާލުކުރަން ފެށިއެވެ. "(ކީކޭ؟... މީރާ ހޮޑުލަނީއްޔޭ.... ބޭރުން ކައިގެން ވީ ކަމެއްދޯ... ބައްޕަ ކިހާ ވަރަކަށް ބުނަން މީރާ ކާ އެއްޗިއްސަށް ބަލާށޭ... އޭނާ ނުލާހިކު އެލާޖިކް ވާނެ..." ޟިރާރު ވާހަކަ ދެއްކީ ވަރަށް ހާސްވެ ހުރެއެވެ. މީރާއަކީ ވަރަށް ފަސޭހައިން ފުޑް ޕޮއިސަންވާ މީހެއްކަމުން އަބަދުވެސް ބޭރުން ނުކާން އަންގާފައި ވެއެވެ.
ޟިރާރުގެ ވާހަކަތައް އަަޑުއަހަން އޮތް ރިޔާޒް ގާތަށް ހިނިއައެވެ. "ނޫން ބައްޕާ... އެއީ އެލާޖިކެއް ނޫނޭ... މީރާ ބަނޑުބޮޑު...."
ޟިރާރަށް ލިބުނީ ހައިރާންކަމެކެވެ. "އަލްޙަމްދު ލިﷲ.... ކޮބާ މީރާ؟.. އެމަންޖެ ރަނގަޅުތަ؟..." ޟިރާރު ލޮލުން ކަރުނަ ހިލުނެވެ. އެއީ އެ އާއިލާއަށް އެތައް ދުވަހަކަށް ފަހުން ލިބުނު އުފާވެރި ޚަބަރެކެވެ.
"މީރާ ވީ ފާޚާނާގައި... މިރޭ މަންމަ ކަންތައް ކިހިނެއްވީ.. އަލިބެ މިއަދު ކިޔަވަން ދިޔަތަ؟..." ރިޔާޒް ވާހަކަ ދައްކަމުން އެނދުން ތެދުވެ ބޯ ހިއްލާލީ ގަމީހުގެ ގޮށްތައް ނައްޓަމުންނެވެ.
"އާން އަލިބެ އައި.... މަންމަ މިހާރު ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ... މިހާރު ކުޑަކޮށް ރަނގަޅު... މިރޭ ރިޔާޒް މިކޮޅަށް އަންނަންތަ؟..." ވަރުބަލިވެފައި ހުރުމުން ޟިރާރު ހުރީ ގެއަށް ދާން ބޭނުންވެފައެވެ.
"އާން ފެންވަރައިގެން މިދަނީ.... މާ ގިނަ އިރެއްނުވާނެ..." ރިޔާޒް ފޯނު ކަނޑާލުމަށްފަހު މީރާއަށް ގޮވާލިއެވެ. އެވަގުތު ފާޚާނާއިން މީރާ ނިކުތީ ތުވާލި އޮޅާލައިގެންނެވެ. "ކިހިނެއްވީ؟..." އަލަމާރި ކައިރިއަށް ގޮސް ދޮރުފަތް ހުޅުވާލަމުން މީރާ އަހާލިއެވެ.
"މިއަދު އަދި އެއްފަހަރުވެސް ހޮސްޕިޓަލަށް ނުދަން.... ދެންމެ ބައްޕައަށް މި ގުޅީ... ވަރަށް އުފަލުން ހުރީ ކާފައަކަށް ވާން އުޅޭތީ... އަހަރެން ފެންވަރައިގެން މިއުޅެނީ ހޮސްޕިޓަލަށް ދާން... މިރޭ ބައްޕަ ގެއަށް އަންނާނެ.... އަވަހަށް މަންމައަށް ގުޅާފަ މީރާ ބަނޑުބޮޑު ވާހަކަ ބުނަންވީނުން..." ރިޔާޒް ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ ހޮސްޕިޓަލަށްދާން ތައްޔާރުވާށެވެ.
*** *** *** *** *** ***
އަޒީމާއި ރިޒްވީ ގެސްޓް ހައުސަށް ދިޔައީ އެރޭ ނުވައެއް ޖެހި ފަހުންނެވެ. ކޮޓަރިއަށް ދިޔުމުގެ ކުރިން އަޒީމް އިތުރު އެއްޗެއް ބޭނުންތޯ ރިޒްވީ އަހާލިއެވެ. އެންމެ ރަނގަޅުކަމަށް ބުނުމަށްފަހު އަޒީމް އޭނާގެ ކޮޓަރިއަށް ވަނެވެ. ޓީޝާޓް ބޭލުމަށްފަހު އެނދުގައި ޖައްސާލައިގެން އޮތީއެވެ. ފޯނު ނަގާ މަންޝާއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އަދިވެސް މަންޝާގެ ފޯނަށް ގުޅޭ ގޮތެއް ނުވެއެވެ.
އަޒީމް ހުރި ކޮޓަރިން ބޭރަށް ނުކުމެވޭ ބެލްކަންޏެއް ހުރުމުން އަޒީމް އެދިމާލަށް ދިޔުމަށް އެނދުން ތެދުވެ ހިނގައިގަތެވެ. އެ ބެލްކަންޏަކީ ވަރަށް ކުޑަ ބެލްކަންޏެކެވެ. ނަމަވެސް ބީޗް ފަރާތަށް ހުރުމުން އެތަން ވަަރަށް ހިތްފަސޭހައެވެ. ވައި ގަދަކަމުން ކުޑަދޮރުގައި ހަރުކޮށްފައި ހުރި ދޮރު ފޮތިތަށް ވެސް ހީވަނީ ވިއްސައިގެން ހިނގައިދާނެ ހެންނެވެ. ބެލްކަނީގައި ހުރެ ދެ ފަރާތަށް ބަލާލެވުނީ މީހެއްގެ ހިލަން ވީހެން ހީވުމުންނެވެ.
ޖެހިގެން ފެންނަން ހުރި ބެލްކަނީގައި އެ ހުރީ ޒޭބާއެވެ. ޒޭބާގެ ހެދުން ވަނީ ބަދަލުވެފައެވެ. ގަދަ ރަތް ކުލައިގެ އަތް ދިގު ކުރު ހެދުމެކެވެ. ހެދުމުގެ ކަރުވެސް ވަރަށް ކުރުކަން އަޒީމަށް ފާހަގަ ވިއެވެ. ޒޭބާލާ ހެދުންތަކުގެ ކަރު ކުރުކޮށް އެ ހުންނަނީ އެ ލަކުނު ފޮރުވުމުުގެ ބޭނުމުގައި ކަން އަޒީމަށް ނަގައިގަނެވުނެވެ. އެހާ ބޮޑު ލަކުނެއް ހުރި އިރު އެފަދަ ކަމަކީ ބޮޑު ހާދިސާއަކާ ގުޅުން ހުރިކަމަކަށް ވާނެކަން ކަށަވަރެވެ.
ޒޭބާ ހުރީ މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ނިއުޅުވާލާފައެވެ. ވައިގަދަކަމުން ވަޔާ އެކު އޭނާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. ކަޅިޖަހާނުލާ ޒޭބާއާ ދިމާލަށް ބަލަން އަޒީމަށް ހުރެވުނެވެ. އޭނާގެ ހަމުގެ ކުލަޔާއި ލޮލުގައިވާ މަޑު މުށިފާޑުގެ ކުލައިން އޭނާއަކީ އެހެން ގައުމެއްގެ ކުއްޖެއްހެން ހީވާ ފަހަރުވެސް އާދެއެވެ. ޒޭބައާ ދޭތެރޭ އެކި ގޮތްގޮތަށް ވިސްނަން ހުރި އަޒީމަށް ހޭވެރިކަމެއް ވީ ޒޭބާ ބެލްކަނިން އެތެރެއަށް ވަނުމުންނެވެ.
އަޒީމް ހުރީ އިސްނަގައިގެން ޒޭބާއާ ވާހަކަ ދައްކާށެވެ. ނަމަވެސް އެހެން ޚިޔާލުތަކެއް އެނބުރެން ފެށުމުން ބަހެއް ނުބުނެ މަޑުކޮށްލެވުނީއެވެ. ކުއްލިއަކަށް އަތުގައި އޮތް ފޯނަށް ބަލައިލެވުނީ ފޯނުން ފާޑެއްގެ އަޑެއް ކިޔުމުންނެވެ. އޭރު ފޯނުގެ ޑިސްޕްލޭއަށް ބެޓެރި ލޯވަމުން ދާކަމަށް އަރާފައި އޮތެވެ. ފޯނުގެ ޗާޖަރު ނުލާ އާދެވުުނު މަތިން ހަނދާންވީ ދެނެވެ. އެހެންކަމުން އަވަހަށް ޗާޖަރެއް ހޯދަން އަޒީމް ބޭނުން ވިއެވެ.
ކޮޓަރިން ބޭރަށް ނިކުމެ ރިޒްވީގެ ކޮޓަރި ކައިރިއަށް ދިޔައެވެ. އެވަގުތު ރިޒްވީ އަވަހަށް ނިދަން ބޭނުންވެފައިވާ ވާހަކަ ބުނި ހަނދާން ވިއެވެ. އެހެންކަމުން ރިޒްވީއަށް ގޮވާކަށް ނުކެރުނެވެ. އެނބުރި ކޮޓަރިއާ ދިމާލަށް ދިޔަވަގުތު ޒޭބާ އޭނާގެ ކޮޓަރިން ނިކުތްތަން ފެނުމުން އަޒީމް ޒޭބާއަށް ގޮވާލިއެވެ. ޒޭބާ ކޮޓަރި ދޮރުކައިރީ މަޑުކޮށްލަމުން އިސް އުފުލާ އަޒީމާ ދިމާލަށް ބަލާލިއެވެ. އަޒީމްހުރީ ޝޯޓު ބުރިއެއް ލައިގެންނެވެ. ޓިޝާޓެއް ލާފައި ނެތުމުން ޒޭބާއަށް ބަލާލެވުނީ އަޒީމްގެ ފިރިހެންވަންތަ ހަށިގަނޑާ ދިމާލަށެވެ. އިސްތަށިފަޅާފައިވާ ތަނަވަސް މޭމައްޗަށެވެ.
(ނުނިމޭ)