"ހެއި އަަވަހަށް އާދޭ...." ރިޒްވީ ބިއްލޫރިގަނޑު ތިރިކޮށްލަަމުން ބުންޏެވެ. އަޒީމް އެރީ ރިޒްވީއާ ޖެހިގެން އިން ސީޓަށެވެ. ރިޒްވީ ކާރު ދުއްވާލީ ރަނގަޅު ރެސްޓޯރަންޓަކާ ދިމާލަށެވެ. ޖެހިގެން އޮތް ގޯޅިއަށް ކާރު ލަނބާލި އިރުވެސް ފަސް އެނބުރިފައި އެ އަންހެން މީހާއާ ދިމާލަށް އަޒީމް ބަލާލިއެވެ. ލޮލުކޮޅަށް އޭނާ ގެއްލުމުން ސީޓުގައި އަޒީމް ހަމަޖެހިލިއެވެ. ހަމަ އެވަގުތު ވާރޭ ކަނި ޖަހަން ފެށިއެވެ. ވާރޭގަ ނުޖެހި އަޒީމް ސަލާމަތްވީ ހަމަ ކިރިިޔާއެވެ.

*** *** *** *** *** ***

އިރު އޮއްސެން ކައިރިވަނީއެވެ. މަންޝާ ސައިބޮއެގެން ބެލްކަންޏަށް ނިކުތެވެ. ފޫހިވާތީ ޒުހާމެން ގެއަށް ދާން ހިތަށް އެރިއެވެ. ނަމަވެސް އުޑުމަތި ބަނަކޮށްފައި އޮތުމުން ބޭރަށް ދާން ބޭނުން ނުވީއެވެ. މަންޝާ ލައިގެން ހުރީ ކަކުލާ ހަމައަށް އަންނަ ކުރު ހެދުމެކެވެ. ބެލްކަނީގެ ދަގަނޑުގަނޑުގައި ލެނގިލައިގެން ފޯނުން ފޭސްބުކް ޕޭޖް ހާވާލަ ހާވާލަ ހުއްޓާ ފޯނުގެ ޑިސްޕްލޭއަށް ފެންތިއްކެއް ޖެހުނެވެ. ވަގުތުން މަންޝާ ބަލާލީ އުޑު މައްޗަށެވެ.

ވާރޭކަނި ޖަހަން ފެށީއެވެ. ދެ ލޯ މަރާލަމުން މަންޝާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެވަގުތު މަންޝާގެ މޫނުމައްޗަށް ވެރިވީ އުފާ ވެރިކަމެވެ. ވާރޭވެހުމަކީ މަންޝާ ވަރަށް އުފާ ވާ ކަމެކެވެ. މީހަކު ތުނބުން ފުމެލި އަޑު އިވުމުން މަންޝާ ސިހިފައި ބޭރަށް ބަލާލިއެވެ. މަގުމެދުގައި ކަރު މައްޗަށް ޖަހައިގެން މަންޝާއާ ދިމާލަށް ބަަލަން މި ހުރީ ޒިބާނެވެ.

ވާރޭ ބޯކުރަން ފެށިއެވެ. ޒިބާން މަޑުމަޑުން އަސްކަނި ކައިރިއަށް ޖެހިލިއެވެ. ޒިބާންގެ މޫނު މައްޗަށް ވެއްޓިފައި އިސްތަށިތަކުގައި އަތް ހާކާލަމުން މައްޗަށް ބަލާލިއެވެ. ޒިބާންގެ ބެލުމުގައި ހުރީ މައުނަވީ ގޮތެކެވެ.

ޒިބާން ވާރޭގަައި ހުރެ ތެމޭތަން ފެނުމުން މަންޝާ ވަރަށް ދެރަވިއެވެ. ކުރިއަށް ވުރެއް ވާރޭ ބޯ ކުރަމުން ދިޔައެވެ. ބެލްކަނީގައި ހުރުމުން މަންޝާ ވެސް ހުރީ ތެމި ފޯވެފައެވެ. އުޑުމަތި ބަނަކޮށްފައި އޮތްގޮތުން އަވަހަށް ވާރޭ ނުހުއްޓާނެކަން ޔަގީނެވެ. މަންޝާ ގަސްތު ކުރީ ޒިބާން ގޭތެރެއަށް ވައްދާށެވެ. އެހެންކަަމުން މަންޝާ ބެލްކަނިން ބޭރަށް ލެނބިލަމުން ޒިބާނަށް ގޮވާލިއެވެ. އަދި އަތުގެ އިޝާރާތުން ގޭގެ ދޮރު ދައްކާލަމުން އެތެރެއަށް އައުމަަށް އެދުނެވެ.

އެގޭ މައި ދޮރާ ދިމާލަށް ޒިބާން ހިނގައިގަތީ މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކުން ރެކެން ދުރުދުރުގައި ފިޔަވަޅު އަޅަމުންނެވެ. ކޮޓަރިތެރެއަށް ވަދެ ރީތިވާ މޭޒުގެ ލޯގަނޑުން އަމިއްލަަ ނަފްސަށް މަންޝާ ބަލާލިއެވެ. އައްސާ ހުޅިޖަހާފައިވާ އިސްތަށިގަނޑު ނިއުޅުވާލަމުން އަތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން ރީތި ކޮށްލިއެވެ.

އެޕާޓްމަންޓް ދޮރު ކައިރިއަށް މަންޝާ ދިޔައީ ތުވާއްޔެއް ހިފައިގެންނެވެ. އެހިސާބަށް ދެވުނު އިރު މަންޝާގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަަވަސްވެފައެވެ. ޒިބާން އެތެރެއަށް ވަންނާނެ ބާއޭ އޭނާގެ ހިތަށް އެރިއެވެ. ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން މަންޝާ ދޮރާ ހަމައަށް ދިޔައެވެ. ހިންދިރުވާލަމުން މަންޝާ ދޮރު ހުޅުވާލީ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރި ކުރުވަމުންނެވެ.

ދޮރު ކަނީގައި އެއް އަތް ވިއްދާލައިގެން ޒިބާން ހުރީ އިސްޖަހައިގެންނެވެ. މަންޝާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ޒިބާން ގާތުގައި އެތެރެއަށް ވަނުމަށް އެދެމުން މަންޝާ ދޮރުފަތް އެއްކޮށް ހުޅުވާލިއެވެ. ޒިބާން އެތެރެއަށް ވަދެ ދޮރު ކައިރީ މަޑުކޮށްގެން ހުރުމުން މަންޝާ އަތުގައި އޮތް ތުވާލި ދިއްކޮށްލިއެވެ. އެ ތުވާލިން ޒިބާންގެ މޫނު ފޮހެލިއެވެ. ޒިބާން ލައިގެން ހުރި ގަމީސް ވަނީ އެއްކޮށް ތެމި ފޯވެފައެވެ. ލައިގެންހުރި ހެދުން ހިއްކަން ދިނުމަށް މަންޝާ އެދުނެވެ. އޭރު ޒިބާން ލައިގެން ހުރި ޖިންސާ ގަމީހުން ފައިބަމުން ދިޔަ ފެންތަކުން ޓައިލްސް މަތި ތެތްމަމުން ދިޔައެވެ.

އެއްމިޔަކަނަށް ތުންފަތް އަރުވާލަމުން ލައިގެން ހުރި ގަމީހުގެ ގޮށް ޒިބާން ނައްޓަން ފެށިއެވެ. މޭމަތިން ދެތިން ގޮށް ނައްޓާލުމުން މަންޝާ ކަރު ކެހިލިއެވެ. ޒިބާންގެ ތަނަވަސް މޭމަތި ފެނި މަންޝާއަށް ހިމޭނުން ނުހުރެވުނީއެވެ. އިސްއުފުލާލަމުން މަންޝާއާ ދިމާލަށް ޒިބާން ބަލާލިއެވެ. އަތުގެ އިޝާރާތުން މަންޝާ ކޮޓަރި ދައްކާލިއެވެ. މަންޝާ ބުނަން އުޅުނު އެއްޗެއް ދެނެގަންނަން ޒިބާނަކަށް އުނދަގުލެއް ނުވިއެވެ. މަންޝާ އިޝާރާތްކުރި ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތެވެ. އެކޮޓަރިއަށް ވަދެ ޒިބާން ފާޚާނާއަށް ވަނެވެ. ޒިބާން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި މަންޝާ މަޑުކޮށްގެން ހުރިއިރު މަންޝާގެ ހަތަރެސްފައި ފިނިވަމުން ދިޔައެވެ. ހިތް ނުތަނަވަސް ވަމުން ދިޔައެވެ.

މާގިނަ އިރެއްނުވެ ފާޚާނާއިން ޒިބާން ނިކުމެ މަންޝާއަށް އޭނާގެ ހެނދުންތައް ދިއްކޮށްލިއެވެ. މަންޝާ އެ ހެދުންތައް ހިފައިގެން ގޮސް ދޮންނަމެޝިނުގެ ހިއްކާ ބަޔަށްލާ ހިއްކަން ޖައްސާލިއެވެ. ކުޑައިރުކޮޅެއް ތެރޭ އެ ޖިންސާ ގަމީހާ ހިފައިގެން ކޮޓަރިއަށް ވަނެވެ. ޒިބާން ފެންނަން ނެތުމުން މަންޝާ ހައިރާން ވިއެވެ. ދެއަަތަށް ބަލާލިއެވެ. ބެލްކަނިން ބޭރުގައި ޒިބާން ހުރިތަން ފެނުނެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އެ ހެދުންތައް ކޮނޑެއްގައި އަޅުވާލަމުން އަލަމާރި ދޮރުފަތުގެ ގޮބުގައި އަޅުވާލިއެވެ. އޭރުވެސް މަންޝާގެ ނަޒަރު ހުރީ ބެލްކަންޏާ ދިމާލަށެވެ.

ޒިބާން ހުރީ މަންޝާ ދިން ރަތްކުލައިގެ ތުވާލި އޮޅާލައިގެންނެވެ. ޒިބާންގެ ކަސްރަތީ ހަށިގަނޑު ފެނި މަންޝާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވަމުން ދިޔައެވެ. ބެލްކަނިން ބޭރަށް މަންޝާ ނިކުތުމުން ޒިބާންގެ ހެދުން ކޮބައިތޯ އޭނާ އަހާލިއެވެ. ޒިބާން ބުނި ޖުމްލަ މަންޝާއަށް އަޑު ނީވުނު ކަހަލައެވެ. ދަގަނޑުގަނޑުގައި އަތް ވިއްދައިގެން ހުރި ޒިބާނާ ދިމާލަށް ކަޅި ޖަހާނުލާ ބަލަން މަންޝާއަށް ހުރެވުނެވެ. މަންޝާއަށް ސިހުމެއް ލިބުނީ މޫނު މައްޗަށް އަތް ދިއްކޮށްލަމުން ޒިބާން ފުއްޓައްކެއް ޖަހާލުމުންނެވެ. ކަރުކެހިލުމުން މަންޝާ ހަމަޖެހިލަން މަސައްކަަތް ކުރިއެވެ. ދެވަނަ ފަހަރަށް ޒިބާން ލައިގެން ހުރި ހެދުންތައް ދިނުމަށް އެދުނެވެ.

"ހިއްކަން ވެގެން ކޮނޑުގަ އަޅުވާފަ އެހެރީ... އިރުކޮޅަކުން ހިކިދާނެ..." އަލަމާރި ދޮރުފަތުގައި އެޅުވި ހެދުން ދައްކާލަމުން މަންޝާ ޖަަވާބުދިނީ ވަށްކަޅިން ޒިބާން ހަށިގަނޑާ ދިމާލަށް ބަލަމުންނެވެ.

ޒިބާން ހިނިގަނޑެއް ޖަހާލަމުން ވާހަކަ ދެއްކިއެވެ. "އަހަރެން ހެދުން ލީމަ މާ އަވަހަށް ހިކޭނެ..."

"ތިބުނީ... ތީ ހީޓަރެކޭތަ؟...." ޒިބާން ކުރި ސަމާސާގައި މަންޝާ ބައިިވެރިވިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަމުން ޒިބާން ވާހަކަ ދެއްކީ ސީދާ މަންޝާގެ ލޮލަށް ބަލަން ހުރެއެވެ. "ނޫން މި ބުނީ އަހަރެންނަކީ އަލިފާނޭ...." ބަރު އަޑުން ޒިބާން ބުނި ޖުމްލައިން މަންޝާ ހުއްޓުން އެރިއެވެ. ޒިބާން އެބުނި އެއްޗަކާ ދޭތެރޭ ވިސްނަން މަޑުޖެހެވުނެވެ. ނަމަވެސް އެވަގުތު ވިދާލުމުން މަންޝާ އަވަހަށް ކޮޓަރި ތެރެއަށް ވަނެވެ. ޒިބާންވެސް މަންޝާގެ ފަހަތުން ވަނެވެ.

ޒިބާންގެ ޖިންސު ނަގައިދޭން އަލަމާރިއާ ދިމާލަށް ގޮސްގޮސްހުރި މަންޝާ ސިހިގެން ފަހަތަށް ޖެހެވުނީ ޖަހާލި ބާރު ގުގުރީގެ ސަބަބުންނެވެ. ފަހަތަށް އެޅި ފިޔަވަޅުގައި ނޭނގި ޒިބާންގެ ފައިމައްޗަށް މަންޝާއަށް އެރުނެވެ. ޒިބާންގެ އިނގިއްޔެއް ޗިސްވެދާނެތީ ފިޔަވަޅު އަވަހަށް ނަގަން މަންޝާ މަސައްކަތްކުރި ގަޑީގައި އޭނާގެ ފައި އަރި އަޅާލިޔެވެ. ޒިބާން ހުށިޔާރުކަމާއި އެކީ ވެއްޓެންދިޔަ މަންޝާގެ އަތުގައި ހިފެހެއްޓިއެވެ. މަންޝާ ހުރީ ދެލޯ މަރާ ފިއްތައިގެންނެވެ. ޒިބާންގެ އަތުގެ މުލައްދަނޑީގައި ބާރުބާރަށް ދެއަތުން ހިފާލިއެވެ. ޒިބާނަށް ހުރެވުނީ މަންޝާއާ ދިމާލަށް ބަލާށެވެ. މަޑުމަޑުން މަންޝާގެ ލޯ ހުޅުވާލި ވަގުތު ދެމީހުންގެ ނަޒަރު ބައްދަލުވެގެން ދިޔައެވެ.

*** *** *** *** *** ***

ދެމީހުން ކައިގެން ގެސްޓް ހައުސަށް އައީވެސް ރިޒްވީގެ ކާރުގައެވެ. އޭރުވެސް ފުދޭވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. ކާރުން ފޭބުމާއެކީ ދުވެލާފައި ކަހަލަ ގޮތަކަށް އަޒީމް ގޮސް ގެސްޓްހައުސް ތެރެއަށް ވަނެވެ. އަޒީމް ކާރުން ފޭބުމުން ރިޒްވީ ކާރު ދުއްވާލީ ކާރު ޕާކް ކުރުމަށެވެ. އަޒީމް އަތުގައި އޭރުވެސް ރިޒްވީ ދިން ފައިލް އޮތެވެ. އަޒީމް އެ ކުރެހުންތަކުގެ ގަނޑުތަކަށް ބަލާލިއެެވެ. ކައުންޓަރާއި ވެއިޓިންގް އޭރިޔާގެ ކުރެހުމަށް ބަލާލިއެވެ. ކައުންޓަރު މަތީ ހުރި ގަލަންޖަހާ ހޯލްޑަރު ތެރެއިން ފަންސޫރެއް ނަގައިގެން ވެއިޓިން އޭރިޔާގައި ހުރި ސޯފާގައި އިށީނެވެ.

ތިރީބުރީގެ އެ ސަރަހައްދަަށް ބަލަމުން ގަނޑުގައި ފަންސޫރުން 'ސްކެޗް' ކުރަމުން ދިޔައެވެ. އަޒީމް ހިތްހަމަ ޖެހޭ ވަަރު ވުމުން އެ ފައިލް ހިިފައިގެން ހަވަނަ ބުރިއަށް ދިޔުމަށް އަވަސްވެގަތެވެ. ސިޑިން މައްޗަށް އެރިއިރު ސިޑިމަތީގައި ކޮންމެވެސް ވަރަކަށް ފެންތިކިތިކީގެ ނިޝާން ފެންނަަން ހުއްޓެވެ. އެހެން ކަމުން އަޒީމް ސިޑިން މައްޗަށް އެރީ ވަރަށް ބަލައިގެންނެވެ.

ފަސްވަނަ ބުރިއަށް އެރުމަށްފަހު ފައިލް ހިފައިގެން ޓެރަސްއަށް އެރުމަކީ ރަނގަޅު ކަމެއް ނޫންކަން ވިސްނުނެވެ. އެއީ ވާރޭ ވެހޭތީއެވެ. އެހެންކަމުން ފަސްވަނަ ބުރީގެ ކޮޓަރިތައް ކައިރީގައި ހުރި ހަރުގަނޑެއްގެ ހަރުމަތީގައި ފައިލާއެކު ފަންސުރުވެސް ބޭއްވިއެވެ. ޝޯޓުގެ ޖީބުން ފޯނު ނަަގާ ފޯނުވެސްް އެތާ ބޭއްވިއެވެ. ދެން ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ހަރުގަނޑު މަތީ އަޅުވާލީއެވެ. ހަވަނަ ބުރިއަކީ ޓެރަސް ބައެވެ. މިވަގުތު ވާރޭ ވެހޭތީ އަޒީމް ތެތްމަން ބޭނުންނުވާ ތަކެތި ހަރުމަތީ ބެހެއްޓިއެވެ. ޓެރަސްބަޔަށް ނިކުންނަށް ހުރި ދޮރު ހުޅުވާލި އިރު ޖެހެމުންދިޔަ ފިނި ވައިރޯޅިއާ އެކީ ސިޑިއާ ދިމާލަށް ފެން ވިއްސަމުން ދިޔައެވެ.

އަޒީމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހާދަ ވައިގަދައޭ ހިތަށް އެރުމުން ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލެވުނެވެ. ނަމަވެސް އަޒީމް ބޭނުންވަނީ މަސައްކަތް އަވަހަށް ނިންމާލާފަ ގެއަށް ދާށެވެ. އަވަހަށް ޓެރަސް ބައިތެރެއަށް ނުިކުތެވެ. އޭރު ވާރޭ ކޮންމެެވެސް ވަރަކަށް ވަނީ ތުނި ކޮށްލާފައެވެ. ވަށައިގެން އެމާހައުލަށް އަޒީމް ބަލާލީ ކުރެހުމުގައި ރިޒްވީ ހިތްހަމަނުޖެހިގެން ދެއްކި ތަންތަން ބަލާށެވެ. އެވަގުތު އެ އިމާރާތުގެ ބީޗާ ވީފަރާތުގެ ރެއިލިން ދަގަނޑުގަނޑުގައި ހިފަހައްޓައިގެން ވާރެއާ ތެމި ފޯވެގެން ހުރި އަންހެން މީހާ އަޒީމްގެ ލޮލުގައި އަޅައިގަތެވެ.

އެއީ އަޒީމަށް ބީޗްގައި ހުއްޓާ ފެނުނު އަންހެން މީހާއެވެ. ކަޅު ކުލައިގެ އަތްދިގު ޓޮޕްކޮޅަކާ އެކީ ޖިންސެއް ލައިގެން ހުރި ހިމަތޮޅި ރީތި އަންހެނެކެވެ. އަޒީމް ކުރިޔަށް ހިނގައިގަންނަމުން ކަރު ކެހިލިއެވެ. އެ އަންހެން މީހާ ފަސްއެނބުރި ބަލާވެސްނުލާ ހުރީއެވެ. އެމާހައުލުުން އިވެމުން ދިޔައީ ވާރޭގެ ތިކިތައް އައިސް ފުރާޅުތަކުގައި ބީހެމުން ދިޔަ އަޑާއި، ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުގެ އަޑާއި، ވައިގަދަކަމުން ވޫޝް ލާފައި ވައިރޯޅި ދައުރުކުރާ އަޑެވެ.

ކަޅި ޖަހާނުލާ އެ ޒުވާނާއާ ދިމާލަށް އަޒީމް ބަލަމުން ދިޔައެވެ. ޓައިލްސް މަތީ ބަހައްޓާފަހުރި ދަވާދު ދަޅެއްގައި ފައި އަޅައިގަނެ އަޒީމް ބުރައިގެން ދިޔައެވެ. "ޝިޓް... ޝިޓް.." އަޒީމްގެ ފަޔަށް ތަދުވުމުން އޭނާއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ދުރުގައި ހުރި ޒުވާނާ އެނބުރިލީ ފަހަތުން މީހަކު ވާހަކަ ދެއްކި އަޑު އިވުމުންނެވެ. އޭރު އަޒީމް އިނީ އުޑުފައިން އިށީީނދެގެން ފައިގެ ބޮޑުވައި އިނގިލީގައި ފިރުމާލަ ފިރުމާލައެވެ.

"ކިހިނެއްވީ؟..." ކުރިއަށް ޖެހިލަމުން އެ އަންހެން މީހާ ވާހަކަ ދެއްކިއެވެ. އަޒީމަށް އެ އަޑު އިވުނީ މަޑު މިޔުޒިކެއް ފަދައިންނެވެ. އިސް އުފުލާލަމުން އެ އަންހެން މީހާއާ ދިމާލަށް އަޒީމް ބަލާލިއެވެ. މޫނަށް ބުރަމުން ދިޔަ ވާރޭ ކަނިތަކުގެ ސަބަބުން އަޒީމްގެ ލޯ ހަނިކޮށްލިއެވެ. "ނޭނގެ އޭނި ދަޅުގަ އަޅައިގަތީ... ނަސީބެއް ތަނެއް ޒަޚަމް ނުވިކަަން..."

އަޒީމް ގާތަށް އައިސް ހުއްޓި ހުރި ޒުވާނާ އަތްދިއްކޮށްލީ އަޒީމް ތެދު ކުރުވާށެވެެ. އަޒީމް އެ އަންހެން މީހާގެ އަތުގައި ހިފާ ތެދުވިއެވެ. އެ އަތްތިލަ މަޑުވެފައި ވަރަށް ފިންޏެވެ. ކޮޅަށް ތެދުވެ ހިންދެމިލުމަށްފަހު ދަވާދު ދަޅުގައި ޖެހުނު ފައިގެ ފުއްނާބު ޖައްސައިގެން ހުރެ ފައިގެ އިނގިލިތައް ތަޅުވާލިއެވެ. އަޒީމް އިސް އުފުލާލަމުން އެ އަންހެން މީހާ ބަލާލިއެވެ. އެ އަންހެން މީހާގެ އުނަގަނޑާ ހަމަޔަށް އޮތް ބުޅި އިސްތަށިގަނޑު ވަނީ ތެމުމުގެ ސަބަބުން ބުޑުން ތިރިއަށް ފައިބާފައެވެ. އަޒީމަށް ފުރަގަސް ދެމުން އޭނާ މިސްރާބުޖެހީ ޓެރަސްގައިވާ ޕޫލާ ދިމާލަށެވެ. ޕޫލުގެ ސިޑިން ފެންގަނޑު ތެރެއަށް ފޭބިއެވެ. އޭރު ޕޫލް ތެރޭގައިވަނީ ކަކޫތާ ފެނަށް ފެން ހެދިފައެވެ.

"ހެހެހެ... ސަޅި ގޮތެއްތީ... ތީނަ މި ގެސްޓް ހައުސްގަ ކީއްކުރަނީ؟..." އަޒީމް ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ.

"އަހަރެން މިތާ ވަޒީފާގައޭ ބުންޏަސް ދޮގަކަށް ނުވާނެ... ރިޒްވީގެ ކޮއްކޮއާ އަހަރެން ވަރަށް ފްރެންޑް ވާނެ... މިހާރު މިތާ ދެވަނަ ފްލޯގަ އަހަރެން މިއުޅެނީ... މިތަން ހަދާ ނިމުނީމަ މިތާ ކައުންޓަރުގަ މަސައްކަތް ކުރަން ހުންނަ ގޮތަށް... އަސްލު ރަށުން އައިސް އަހަރެން ހުންނާނެ ތަނެއް ނެތިގެން އެވާހަކަ ރަމްޒީ ކައިރީ ބުނީމަ އޭނަ ހޯދައިދިން ތަނެއްމީ..." އެ އަންހެން ކުއްޖާ ކަކޫޖަހާ ފެންގަނޑު ތެރޭ އިށީނދެގެން އިނީ އަތުންފެންގަނޑާ ކުޅެލަ ކުޅެލައެވެ.

"އެހެންތަ؟... ރަމްޒީ އެއީ ރިޒްވީ ކޮއްކޮ ދޯ... އަހަރެންމީ ރިޒްވީގެ ފްރެންޑެއް... އަހަރެން..." އަޒީމްގެ ޖުމްލަ އެކީ ފުރިހަމަ ނުކުރެވެނީސް އެ އަންހެން މީހާ ވާހަކަ ދެއްކިއެވެ. "މިތާ އިންޓީރިއާ މަސައްކަތްތަކެއް ނިންމަން ގެނައި މީހެއް.... އައި ނޯ..."

"އާން... ޕޫލަށް ކިހިނެއް ހަދައިގެން ތިއުޅެނީ.." ހިނިތުންވަމުން އަޒީމް ސުވާލެއް ކޮށްލިއެވެ.

"ހޫން... ވާރޭ ވެހެންފެށީމަ ޕޫލްގެ ފެންދާން އިންނަ ތަނުގަ ކެޕެއް ހަރުކުރަނީ.... ދެން ވާރޭ ވެހޭ ވަރަކަށް ޕޫލްގަ ފެން ހެދޭނެ... ކިހާ މަޖާތަ... އާދެބަލަ...." ފެނާ ކުޅެން ހުރި އެ ޒުވާނާ ވާހަކަ ދެއްކީ ވަރަށް މަޖާވެފައެވެ. އަޒީމަށް އެ އަންހެން މީހާގެ މި ސިފަ ވަަރަށް ކަމުދިިޔައެވެ. އެ ވަގުތު އަޒީމްގެ ކަންފަަތުގައި ޖެހުނީ ރިޒްވީ ގޮވާ އަޑެވެ. އަވަސް އަވަހަށް ޓެރަސް ބައިން ނިކުތުމަށް އަޒީމް ހިނގައިގަތެވެ. އަޒީމް ދިޔައީ ކުޑަކޮށް ކޮރެއް ޖަހަމުންނެވެ.

"ހޭ... އަޒީމް... ސިޑިކައިރީ އިންނާނެ ތުވާއްޔެއް.... އެ ނަގައިގެން ގައި ހިއްކާލާ..." އެ ޒުވާނާ އަޒީމް ފަސް އެނބުރުމުން ބުނެލިއެވެ. އަޒީމް ޓެރަސްއިން ނިކުންނަން ދޮރު ހުޅުވާލި އިރު އެތާ ހޮޅިމަތީ ތުވާއްޔެއް އަޅުވާފައި އޮތެވެ. އެ ތުވާލިން ގައި ހިއްކާލުމަށްފަހު ޓީޝާޓު ގަޔަށް މަހާލިއެވެ.ފަންސޫރާއި ފައިލް ހިފައިގެން ތިރިއަށް ދިޔައީ ހަނދާންނެތި ހަރުގަނޑު މަތީ ފޯނު ބާއްވާ ފައެވެ.

ހަތަރުވަނަ ބުރިއާ ހަމަޔަށް އަޒީމް ފޭބި އިރު ރިޒްވީ މަޑުކޮށްގެން ހުރިތަން ފެނުނެވެ. އަޒީމް ސިޑިން ފައިބައިގެން އަންނަތަން ފެނުމުން ރިޒްވީ ޝަހާދަތް އިނގިލި ތުނބުގައިި ޖައްސާލިއެވެ. "ސުބުހާނަﷲ... އަޒީމް ތެމުނީތަ.... އަހަރެން ހީކުރީ ދިޔައީ ކަމަށް... ޓެރަސްް އެކަަނި ނުބަލާ މިއައީ... ވާރޭ ވެހޭތީ އަހަރެންް ހީކުރީ މަސައްކަތް ނުކޮށް އަޒީމް މަޑުކޮށްލާނެ ކަމަށް...."

ރިޒްވީ އަަތަށް ފައިލްގައި އަޒީމް ކުރެހި ކުރެހުން ދައްކާލިއެވެ. އެ ޑިޒެއިނާ ބަދަލުތައް އޭނާއަށް ވަރަށް ކަަމުދިޔައެވެ. "އަދި ޓެރަސް ބައި ކުރަހާލާނަން ފަހުން... މި ގެސްޓް ހައުސްގަ އަންހެން ކުއްޖެއް އެބަ އުޅޭ.. އެއީ ކޮން ކުއްޖެއް..." އަޒީމް ބޭނުންވީ އެ އަންހެން މީހާ ދެއްކި ވާހަކައަކީ ތެދުތޯ ޔަގީން ކުރާށެވެ. ދެމީހުން ވާހަކަ ދައްކަމުން ސިޑިން ފައިބަމުން ދިޔައީ ދެވަނަ ބުރީގެ އަޒީމަށް ދިން ކޮޓަރިއާ ދިމާއަށެވެ.

"ހޫން... އެއީ ރަމްޒީ ކޮއްކޮގެ ރައްޓެއްސެއް.. ހުންނާނެ ތަނެއް ނެތީމަ މިތާ ބެހެއްޓީ... ދެން މިތަން ހުޅުވީމަ އޭނަ ބުނި ކައުންޓަަރުގަ މަސައްކަތް ކުރާނަމޯ.. ރަނގަޅެއްނު..." ރިޒްވީ އަދިވެސް އިނީ އަޒީމް ދިން ކުރެހުންތަކަށް ބަލާށެވެ. އެގޮތުގައި ދެމީހުން އެތަައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ.

*** *** *** *** *** ***

ޑޮކްޓަރަށް ދެއްކުމަށްފަހު ރިޔާޒްމެންގެ ދެމަފިރިން އޭޑީކޭއިން ނިކުމެގެން ގެއަށް ދިޔައީ ކުޑައެއް ނަގައިގެންނެވެ. އެމީހުން ދިރިއުޅޭ ގެ ހުންނަނީ ސޯސަން މަގުގައި ކަމުން އޭޑީކޭ ހޮސްޕިޓަލާ ވަރަށް ކައިރިއެވެ. ގޭ މައިދޮރުން އެތެރެއަށް ވަނުމަށްފަހު ރިޔާޒްމެން ލިފްޓަށް އަރަން ސްވިޗަށް ފިތާލިއެވެ. މާ ގިނަ އިރެއް ނުވެ ލިފްޓް އައިސްފިއެވެ.

ރިޔާޒް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޑޮކްޓަރަށް ދެއްކުމުން ދިނީ ޓެސްޓުތަކެއް ހަދާށެވެ. ފުރަތަމަ ހަދަން ބުނީ ބަނޑުބޮޑުތޯ ބަލާ ޓެސްޓެކެވެ. އެ ޓެސްޓުގެ ނަތީޖާ ޕޮސިޓިވް ވެއްޖިއްޔާ ހަދަން އިތުރު ޓެސްޓު ތަކެއް ލިޔެ ދިނެވެ. އެހެންކަމުން އެމީހުން އައީ ބަނޑުބޮޑުތޯ ޓެސްޓު ހަދަން ލެބޯޓްރީއަށް ގޮސް ލޭ ދީފައެވެ.

އެޕާޓްމަންޓަށް ވަނުމާ އެކީ މީރާގެ އަތުން ލޭނެގި ތަނުގައި ހަރުކޮށްފައިވާ މަލަންކޮޅު ނައްޓާލިއެވެ. "އަޅެ ހާދަ ތަދެއް ވިޔޭ... އެތާ އިން ކުއްޖާއަށް ލޭ ނަގަން ނޭގުނީ ތޯއްޗެއް... ނާރަށް ދިމާނުވެގެން ކަށިކޮއްޕައިގެން ތަޅުވަން ޖެހޭތަ... ބަލާބަލަ ރިޔާޒް.. އެތަން އޭނީ މިހާރު ފުއްޕާފަ... ނޫފައިގެންފަ... ވަރަށް ފޫހިވޭ... ހިތަށް އެރި މޫނުމަތީ ޖަހާފާނަމޭ..." މަލަންކޮޅު ނައްޓާލި ތަން ރިޔާޒަށް ދައްކާލަމުން މީރާ ބުންނެވެ.

"އަޅެ ހާދަ ވަރެއް ކޮށްލައިފިޔޭ... އެހެންވެޔޭ އަހަރެން ބުނީ އަހަރެން ވައްނަންހޭ.. އެކަމު މީރާ ވެއްޖެ އެކަނި ވަންނަން... ބްލާ ބްލާ ބްލާ ކިޔަން..." ރިޔާޒް ވާހަކައިގައި ހުރެ މީރާގެ އަތަށް ފިތާލިއެވެ. "އައްދޯއި ރިޔާ...." މީރާ އަތް ދަމައިގަންނަމުން އައިސް ސޯފާގައި އިށީނެވެ.

"އަދި އޭޑީކޭ ކައިރީގަ އެތިބޭ ފިރިހެނުންތަކެއް ދޯ... މަގުމަތިން ދާ މީހުންގެ މޫނަށް ސިނގިރޭޓު ދުން ބުރުވާލަ ބުރުވާލަ... ހާދަ ފޫއްސެއްވެޔޭ...." މީރާ ރުޅިގަދަވެގެން ގޮސް ހަލާކުވަނީއެވެ.

މީރާ ގާތުގަ އިށީންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. "ދެން މީރާއަށް ނުބައިވަސް ދުވަނީޔޭ ކިޔާފަ މާލޭގެ ހުރިހާ ރައްޔިތުން ސިނގިރޭޓު ބުއިން ހުއްޓާލަން ވީތަ؟ އެކަމެއް ނުވާނެ ދޯ... ބަލާބަ އަހަރެން ރަނގަޅުކަން އަދި މިއަދު މީރާ ޕްރެގް ވާހަކަ ބުނި ފަހުން އެންމެ ސިނގިރޭޓެއްވެ ސް ނުބޮން... މީރާ ތިހާ ރުޅިގަދަވާކަށް ނުވާނެ.... ލޭ މައްޗަށް ގޮއްސިއްޔާ ޔޯ..." މީރާގެ ކޮލުގައި ހިފާލަމުން ރިޔާޒް ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

ރިޔާޒްގެ ކޮނޑުގައި ބޯ އަޅާލަމުން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް މީރާ ބަލާލިއެވެ. ދެގަޑި އިރުފަހުން ނަތީޖާ ލިބޭނެ ކަމަށް ބުނެފައި ވާތީއެވެ. ރިޔާޒް ކޮނޑުގައި ބޯ އަޅައިގެން އޮތް މީރާގެ ނަޒަރު ހުއްޓިފައިވަނީ ބެލްކަންޏާ ދިމާލަށެވެ. "ހާދަ އަރާމު ރެޔެކޭ... ބަލާބަލަ ވާރޭ ވެހޭލެއް ބޯކަން.... ތެމެން ދާ ހިތްވަނީ.... ރިޔާޒް ހިނގާ ތެމެންދާން...." ބެލްކަންޏާ ދިމާލަށް މީރާ މިސްރާބު ޖެހިއެވެ.

ރިޔާޒްވެސް ސޯފާއިން ތެދުވެ ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ. "އެކަމަކު މީރާ މީ ދެން ކޮން ގަޑިއެއް ވާރެއާ ތެމެންދާން... މީ ދެނަމާދު ދޭތެރެއޭ... މަޣްރިބް ނަމާދަށް ގޮވި އިރުވެސް ނަންބަރު ނުޖެހޭތީ ހޮސްޕިޓަލުގަ މަޑުކުރަން ޖެހުނީމަ ނަމާދެއް ވެސް ނުކުރެވުނު... ހިނގާ ދެން ނަމާދުކޮށްލަން... މީރާ އާދޭ އެތެރެއަށް...." ބެލްކަނި ދޮރު ކައިރީ ރިޔާޒް ހުރެ މީރާއާ ވާހަކަ ދެއްކަމުން ދިޔައެވެ. ނަމަވެސް މީރާ ހުރީ ބެލްކަނިން ބޭރަށް އަތް ދިއްކޮށްގެންނެވެ.

ވާރޭ ކަނިތައް މީރާގެ އަތުގައި ހަރުލާފައި ހުއްޓެވެ. އެވަގުތު ވިދާލުމުން ރިޔާޒް މީރާއަށް ބަލާލީ މީރާ ބިރުން އެތެރެއަށް ވަންނާނެ ކަމަށް ހީކޮށެވެ. ނަމަވެސް އޭރު މީރާ ހުރީ ދެލޯ މަރާލައިގެންނެވެ. ފުން ނޭވާތަކެއް ބޭރުކުރަމުން ދިޔައިރު މީރާގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަ ފާޅުވަމުން ދިޔައެވެ. ޖަހާލި ބާރު ގުގުރިއާ އެކީ މީރާއަަށް ހަޅޭއްލަވައި ގަނެވުނީ ސިއްސައިގެން ދިޔުމުންނެވެ. އަދި ދުވެފައި އައިސް ރިޔާޒް ގައިގައި އޮޅުލައިގަތެވެ.

"ކޮބާ؟.. މަ އޭރުވެސް ބުނިން އެތެރެއަށް އަންނާށޭ... ހިނގާ ދެން ނަމާދުކޮށްގެން ކާން... ވަރަށް ބަނޑު ހައިވެއްޖެ... 8:30 ވީމަ ރިޕޯޓް ނަގަންވެސް ދާން ޖެހޭނެއްނު..." ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން މީރާ ގޮސް ކޮޓަރިއަށް ވަނެވެ. ދެމީހުން ވެސް އަވަސްވެގަތީ ނަމާދު ކުރާށެވެ.

*** *** *** *** *** ***

މަންޝާ ހަމަޖެހިލަމުން ޒިބާނާ ދުރަށް ޖެހިލިއެވެ. ހެދުން ރަނގަޅު ކޮށްލަމުން މަންޝާ އިސްޖަހާލީ ލަދުން ހުރެއެވެ. ޒިބާން ކުރިއަށް ހިނގައިގަތީ ކޮނޑުގައި އަޅުވާފަ ހުރި އޭނާގެ ޖިންސު ނެގުމަށެވެ. ޒިބާން އޮޅައިގެން ހުރި ތުވާލި ގައިން ވަކި ކޮށްލިކަން މަންޝާއަށް އެނގުނީ އޭނާ ތުވާލި އެނދުމަތީ ބޭއްވުމުންނެވެ. މަންޝާ ވަގުތުން ޒިބާނަށް ފުރަގަސް ދިނެވެ. މަންޝާއަށް ވީ ގޮތް ފެނި ޒިބާންގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ.

ޖިންސުލައިގެން ޒިބާން އައިސް ހުއްޓުނީ ބެލްކަނީ ކައިރީގައެވެ. ހީކަރުވާފަ ހުރުމުން މަންޝާ ހުރީ ހަށަން ބަނދެލައިގެންނެވެ. ވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭނގިފައި މަންޝާއަށް ހުރެވުނެވެ. މުޅި ކޮޓަރިތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. އިވެމުން ދިޔައީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑެވެ.

އެންމެފަހުން ޒިބާން ވާހަކަ ދެއްކިއެވެ. "މަންޝާ... ވަރަށް ބަލައިގެން އުޅޭތި... ދެންމެ މަންޝާ ވެއްޓުނު ނަމަ އަހަރެން ވަރަށް ދެރަ ވާނެ... މަންޝާގެ ހަށިގަނޑަށް ވަރަށް ބަލާތި... ތިހުރި ހާލަތުގަ އަހަރެން މަންޝާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން...." ޒިބާން ދައްކަމުން ދިޔަ ވާހަކަ މަންޝާއަށް އޮޅުމެއް ނުފިލިއެވެ. "ކީކޭ.... އަދި އެއްފަހަރު ބުނެބަލަ..." ޒިބާން ދެއްކި ވާހަކަ މަންޝާއަށް ސާފުކޮށް އަޑު ނީނުވީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުންނެވެ.

ޒިބާންގެ ގާތަށް ގޮސް މަންޝާ ހުއްޓުނެވެ. ޒިބާނަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ކަމުގެ ހަޤީޤަތް އެނގިއްޖިއްޔާ ޒިބާންދެކެ މަންޝާ ރުޅި އަންނާނެކަން އޭނާއަށް އެނގޭތީއެވެ. މަންޝާގެ ހުއްދަނެތި އޭނާވަނީ ވަރަށް ބޮޑު ގޯހެއް ހަދާފައެވެ. "އެއްޗެކޭ ނޫން..." ޒިބާން އިތުރަށް އެވާހަކަ ބުނަން ޖެހިލުންވިއެވެ.

ބަދަލު ހިފުމުގެ ނިޔަތުގައި އައިސް ހުރި ޒިބާނަށް އަންނަަން ފެށި ބަދަލުތަކުން ޚުދު ޒިބާން ވެސް ހައިރާން ވިއެވެ. މަންޝާގެ ރަނގަޅު ކަމާއި، ރީތި ކަމާއި، ހިތްހެޔޮ ކަމާ މިފަދަ ސިފަތަކުން ޒިބާންގެ ހިތުން މަންޝާއަށް ހާއްސަ މަގާމެއް ދެވުނެވެ. މަންޝާއަށް ދެރައެއް ދޭން ޒިބާން ބޭނުމެއް ނޫނެވެ.

"އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.... ޒިބާން... އަަހަރެންނަށް އިނގޭ މީ ގޯހެއް ކަން... އެކަމަކު އަހަރެންނަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވަމުން މިދަނީ... އަހަރެންނަށް... އަހަރެންނަށް ޒިބާން ވަރަށް ކަމުދޭ.... އަހަންނަކަށް ނޭނގެ މިވާ ގޮތްތައް ކިޔައި ދޭން ވެސް...." މަންޝާ ކައިރިއަށް ޒިބާން ޖެހިލަމުން މަންޝާގެ ތުންފަތުގައި އަތް ޖައްސާލިއެވެ.

މަންޝާ ވާހަކަ މެދުކަނޑާލަމުން ޒިބާނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. މަންޝާގެ ލޮލަށް ބަލަން ހުރި ޒިބާން މަސައްކަތް ކުރަމުން ދިޔައީ މަންޝާ ދައްކަން އުޅޭ ވާހަކަ ދެނެގަންނާށެވެ. އެއީ ޖިންނިންނަށް ލިބިފައި ބާރެކެވެ.

"އަބަދު އަަހަރެން ފެނޭތޯ މަންޝާ އިންތިޒާރު ކުރާކަން އަހަރެންނަށް އެނގޭ.... އަހަރެންގެ ޚަބަރެއް ނުވުމުން އެކަމާ މަންޝާ ވަރަށް ދެރަވިކަން ވެސް އެނގޭ.... މަންޝާ... އަހަރެން ވެސް...." ޒިބާންގެ ލޮލު ތެރެއިން ވިދަމުން ދިޔަ ކަރުނަތައް މަންޝާއަށް ފެނުނެވެ. އޭރުވެސް މަންޝާގެ ހަށިގަނޑަށް ވަމުން ދިޔަ ގޮތްތަކުން މަންޝާ ކެތްކޮށްގެން އެހުރީ ހަމަ ކިރިޔާއެވެ.

(ނުނިމޭ)