"ވާރޭ އޭ.... ނޫން އަހަރެން މިއުޅެނީ އިރު އޮއްސުނު ފަހުން ސައިކުގަ... 9 ޖަހަންވާ އިރަށް ކިތައްތަނަށް ދުއްވިން... މި މާލެއަކަށް ވާރޭއެއް ނުވެހޭ... ކޮންއިރަކު ވެހުނު ވާރޭއެއްގެ ވާހަކަ ތި ދައްކަނީ...." ނަވާފްގެ ޖަވާބުން މަންޝާއަށް ލިބުނީ ހައިރާން ކަމެކެވެ.
އަނގަޔަށް ވައްތަރެއް ޖައްސައިގެން ހުރެ މަންޝާ ވިސްނަމުން ދިޔައެވެ. ފެންފުޅި ބޯލާ ހުސްކޮށްލުމަށްފަހު ނަވާފް ތެދުވީ އެގެއިން ނިކުންނާށެވެ. "ހެއި ދެން ދަނީ އިނގޭ.... ޒުހާ އިންނާނެ މިހާރު ލަސްވެފަ.... ބާއި...."
ނަވާފް ގެއިން ބޭރަށް ނިކުމެ ސިޑިން ފައިބައިގެން ދިއުމުން މަންޝާ ބޭރު ބަލާލިއެވެ. އެވަގުތު ޖެހިލި ވައިރޯޅިއަކާ އެކީ ކާނިގަހުގައި ހަރުލާފައި ހުރި ފެންތިކިތައް މަންޝާގެ ހަށިގަނޑުގައި އައިސް ބީހުނެވެ. ދޮރު ލައްޕާލުމަށްފަހު މަންޝާ ގޮސް ނިކުތީ ބެލްކަންޏަށެވެ. ބެލްކަނި މަތީގައި އަދިވެސް ފެން ހެދިފައި އެބަހުއްޓެވެ. ބެލްކަނި ދޮރުގައި ވެސް ފެން ޖެހިފައި ހުރި ތަންތަން ފެންނަން ހުއްޓެވެ. އެހެންވީމަ އެވާނީ މިފަހަރު ނަވާފް ސަމާސާ ކޮށްލީ ކަމަށެވެ. މިރޭ ވާރޭ ވެހުނުކަން މަންޝާއަށް ޔަގީނެވެ.
ނަވާފް ގެނައި ޕާރުސަލް ހުޅުވާލިއިރު އެ ޕާރުސަލުގައި ހުރީ ބޮނޑިބަތާ ބަކަރިމަހެވެ. އެއީ މަންޝާއަށް ވަރަށް މީރު ކެއުމެކެވެ. އެހެންކަމުން މަންޝާ ސަމުސަލެއް ނަގާ އެއިން އެތިކޮޅެއް ރަހަބަލާލިއެވެ. މީރުކަމުން މަންޝާއަށް ހިނދުކޮޅަކަށް ދެލޯ މަރާލައިގެން ހުރެވުނެވެ. "ޔަގީން މީ ޒުހާގެ މަންމަ ކައްކާފަ ހުރި ބޮނޑިބަތް..." މަންޝާއަށް އެހެން ބުނެވުނީ ކުރިންވެސް ޒުހާގެ މަންމަ ކައްކާ ބޮނޑިބަތް ކެވިފައި ހުރުމުންނެވެ.
ފޯނުން ޒުހާ ގެ ނަންބަރަށް ގުޅާލިއެވެ. ޒުހާ ފޯނު ނެގުމުން ޕާރުސަލް ލިބުނު ވާހަކަ ބުންޏެވެ. "ޒުހާގެ މަންމަ ދޯ ބޮނޑިބަތް ކެއްކީ... ވަރަށް މީރު... އެހެންވެ މި ގުޅާލީ..."
"އާން މަންމަ ބޮނޑިބަތް ކެއްކީ.. އެކަމަކު ބަކަރި މަސް ހެދީ ތަނަކުން... އަޤީޤާ ކަތިލައިދޭ ތަނަކުން..." ފޯނުން ޒުހާ ވާހަކަ ދައްކަމުން ދިޔަ އިރު ފަހަތުން ޒަފްރީން ކުކުރަމުން ދިޔަ އަޑު އިވުނެވެ.
"ކިހިނެއްވީ... އެމަންޖެއަށް ރޮވެނީ... ވަރަށް ލޯބި ނަން..." މަންޝާ ވާހަކަ ދައްކަމުން އަނގަޔަށް ބޮނޑިބަތް ސަމުސަލެއް ލިއެވެ.
"މިއުޅެނީ އެމަންޖެ ކުޑަކޮށް ހުން އައިސްގެން.... އެހެންވެ އެ ރޮވެނީ... ޒައިކްވެސް ހުން އައިސްގެން މި އުޅެނީ...." ޒަފްރީން އާ ޒައިކް ބަލިވެ އުޅޭ ވާހަކަ ޒުހާ ބުނުމުން މަންޝާ ވަރަށް ދެރަވިއެވެ.
"އަޅެ އެކަމަކު މިއަދު އަހަރެން ތިގޭގަ އިން އިރު އެ މަންޖެ ނުލާހިކު ރަނގަޅު ދޯ..." މަންޝާއަށް ގަބޫލު ނުކުރެވިގެން އަހާލިއެވެ.
"އާން ނަވާފް އައިމަ މިއުޅެނީ ހޮސްޕިޓަލަށް ދާން... ދެން ބޭއްވީ އިނގޭ..." ޒުހާ ފޯނު ކަނޑާލިއެވެ. ދޮންނަ މެޝިނަށް އަޅާފައިވާ އަޒީމްގެ ޔުނީފޯމްތައް ދޮވެ ނިންމާލަން މަންޝާ ދިޔައީ ފާޚާނާއަށެވެ.
*** *** *** *** *** ***
ޖެހިގެން އައި ދުވަހަށް އިރު އަރައިފިއެވެ. ޑިއުޓީން އައިގޮތަށް އަޒީމް އަވަހަށް އޮށޯތީ ވެފައި ހުރި ވަރުބަލިންނެވެ. ގެއަށް އައި އިރު މަންޝާ އޮތީ ގަދައަށް ނިދާފައި ކަމުން އަޒީމް މަންޝާއަށް އުނދަގޫ ނުކޮށް ނިދީއެވެ. މަންޝާއަށް ނިދިފައި އޮވެ ހޭލެވުނީ އާދަޔާ ޚިލާފް އިހްސާސްތަކެއް ކުރެވޭތީއެވެ. ހޭލެވުމާ އެކީ އަވަހަށް ފާޚާނާއަށް ދިޔައެވެ. މަންޝާއަށް ހީވީ އޭނާ ޕީރިއަޑް ވީހެންނެވެ. ނަމަވެސް ޕީރިއަޑް ވީކީ ނޫނެވެ. ލޭގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ނަމަވެސް ފެންކުލައިގަ ހުރި އެއްޗެއް އައިސް ލައިގެން ހުރި އެއްޗިހި ވަނީ މުޅިންހެން ތެމިފައެވެ. ވަސް ބެލުމުންވެސް އެއިން އެއްވެސް ވަހެއް ނުދުވުމުން މަންޝާގެ ހިތުގައި އެތަައް ސުވާލުތަކެއް އުފެދުނެވެ.
ގައި ދޮވެލައިގެން މަންޝާ ފާޚާނާއިން ނިކުތެވެ. އޭރު އެނދުގައި ގަދައަށް ނިދާފައި އޮތް އަޒީމް ފެނުމުން މަންޝާއަށް ހެވުނެވެ. ކުޑަ ކުއްޖެއްހެން ކުރުވެގެން ބާލީހެއްގައި ބައްދާލައިގެން އަޒީމް ނިދަން އޮތް ގޮތް ފެނުމުންނެވެ. މަންޝާ ސައިބޮއިގެން އަވަސްވެގަތީ އަޒީމްގެ ޔުނީފޯމްތައް އިސްތިރި ކުރާށެވެ. އެއަށްފަހު އަޒީމް ހޭލަންވާއިރަށް ހާއްޞަ ކެއުމެއް ތައްޔާރު ކުރުމަށް މަންޝާ ބަދިގެއަށް ވަނެވެ. ނަމަވެސް ގޭގައި ބައެއް ސާމާނުތައް މަދުވާތީ މަންޝާއަށް ޖެހުނީ ރީތިވެގެން ފިހާރައަށް ދާށެވެ.
ރީތިވެގެން ގެއިން ނިކުތް ގޮތަށް މަންޝާ ގޮސް ވަނީ ގެ ކައިރީގައި ހުރި ފިހާރައަށެވެ. ފިހާރައިން ގެއަށް ބޭނުންވާ ސާމާނުތައް ނަގައިގެން ކައުންޓަރ ދޮށަށް ދިޔައެވެ. ފައިސާ ދައްކަން މަޑުކޮށްގެން ހުއްޓާ އެ ފިހާރައަށް ޒިބާން ވަނެވެ. ޒިބާން ފިހާރައަށް ވަދެ އެތެރެއަށް ދިޔަ ދިމާލަށް މަންޝާއަށް ބަލަން ހުރެވުނެވެ. ޒިބާނަށް މަންޝާ ނުފެނުނީ ކީއްވެ ހެއްޔެވެ. މަންޝާ ކުރިމަތިން ހުރަސްކޮށް ކުރިއަށް ދިޔަ އިރު މަންޝާ އެއީ އެތާ ހުރި މީހެއްކަން ވެސް ޒިބާން ނުހެދީތީ އެކަމާ މަންޝާ ދެރަވިއެވެ.
މަންޝާ ފިހާރައިން ނިކުމެ މަގުގެ އެއްފަރާތެއްގައި މަޑުކޮށްލީ ޒިބާން ނިކުންނާނެ ވަގުތަކަށެވެ. މާ ގިނަ އިރެއް ނުވެ ޒިބާން ބޭރަށް ނުކުތީ "މައި-ބޭބީ" ބޮޑު ނެޕީ ބޮނޑިއެއް ގަނެގެންނެވެ. ފިހާރައިން ނިކުމެ ޕާކިން ޒޯނުގައިވާ ސައިކަލަށް އަރަން ދިޔަ އިރުވެސް ފިހާރަ ކައިރީ ހުރި މަންޝާއާ ދިމާލަށް އޭނާ ބަލާވެސް ނުލައެވެ. މަންޝާ އަތް ހަނާ އަޅަމުން ޒިބާނަށް ގޮވާ ލިއެވެ. ނަމަވެސް ބަލާލުމެއް ނެތި އޭނާ ސައިކަލަށް އަރާ ސްޓަރޓްކޮށްލިއެވެ.
ޒިބާންގެ މި ހަރަކާތުން މަންޝާ ހިތުގައި ޖެހުނެވެ. މަންޝާ ފެންނަ ކަމަށް ވެސް ނުހަދާ އޭނާ އެތަނުން އެ ދިޔައީއެވެ. "އެއީ ހާދަ ފޮނި މީހެކޭ..." މަންޝާގެ ހިތަށް އެރިއެވެ. އެވަގުތު ޒިބާން އެ ފިހާރައިން ގަނެގެން ނިކުތް ނެޕީބޮނޑިއާ ދޭތެރޭ މަންޝާ ވިސްނާލިއެވެ.
އަނެއްކާ ޒިބާންއަކީ މީހަކާ އިނދެގެން ދަރިއަކު ހުރި މީހަކީ ހެއްޔެވެ. މަންޝާ ފަހަތުން ޒިބާން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. އޭނާގެ އަމިއްލަ އުފާވެރި ދިރިއުޅުމެއް އޮތް އިރު މަންޝާ ފަހަތުން އެހެން އަންނަން ޖެހޭ ބޭނުމެއް އެބަ އޮތް ހެއްޔެވެ. ނޫނީ ޒިބާނަކީ ފެންނަ ކޮންމެ އަންހެނެއްގެ ފަހަތުން އުޅޭ ކަހަލަ ފިރިހެނަކީ ހެއްޔެވެ.
މަންޝާގެ ހިތުގައި އެތައް ސުވާލުތަކެއް އުތުރި އަރަމުން ދިޔައެވެ. ޒިބާން ކަންތައް ކުރިގޮތުން މަންޝާ ވަރަށް ދެރަވިއެވެ. މަޑުމަޑުން ގެއާ ދިމާލަށް ހިިނގައިގަތީ މެންދުރު ނަމާދަށް ބަންގި ގޮވަން ފެށި އަޑު ކަންފަތުގައި ޖެހުމުންނެވެ.
*** *** *** *** *** ***
މެންދުރުގެ ކެއުމަށްފަހު ޟިރާރު އަލިބެއަށް ގުޅައިގެން ގެއަށް ގެނައެވެ. މިއަދު ހޮސްޕިޓަލަށް ދިޔުމަށް އެމީހުން ވާން ޖެހޭ ތައްޔާރީތައް ވުމަށެވެ. ތިން މީހުންނަށް އަލިބެ ތަވީދެއް ލިޔެދިނުމަށްފަހު އެ ތަވީދު އަޅައިގެން އުޅުމަށް އިރުޝާދު ދިނެވެ. އޭރުން އެ ޖިންނިއަށް އެމީހުންނާ ގާތްވެ ގޯނާ ކުރަން ނުކުޅެދޭނެ ކަމަށް ވެސް އަލިބެ ބުންޏެވެ.
ހަވީރުގެ ވަގުތުކަމުން ރިޔާޒްމެން ދިޔައީ ހޮސްޕިޓަލަށެވެ. އައިސީޔޫއަށް މީހުން ވައްދާ ގަޑި ކައިރިވަމުން ދާތީއެވެ. ވަގުތު ޖެހުމުން އެންމެ ފުރަތަމަ އެތެރެއަށް ވަނީ ރިޔާޒެވެ. އެއަށްފަހު ވަނީ ޟިރާރެވެ. ދެން މީރާ އެވެ.
އެންމެން އައިމިނައާ ބައްދަލު ކުރުމަށްފަހު ބޭރުގައި މަޑުކޮށްލީ އަލިބެ ތައްޔާރުވެލަން ދެނެވެ. އައިސީޔޫ ތެރެއަށް އަލިބެ ވަނުމުން ރިޔާޒްމެން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އައިމިނައަށް ވެދާނެ ގޮތަކާ މެދު ކަންބޮޑުވެފައެވެ. ދިހަވަރަކަށް މިނެޓަށްފަހު އަލިބެ އައިސީޔޫ ތެރެއިން ނިކުތެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހާސްކަމެވެ. އަލިބެގެ މޫނު މައްޗަށް އަރާފައިވާ ކުލަވަރު ފެނުމުން ރިޔާޒަށް ކެތްނުކުރެވިގެން އަހާލިއެވެ. "ކޮބާ؟.. ކިހިނެއްވީ... އަލިބޭ... މަންމަަ ރަނގަޅުތަ؟..."
"އާން.... އަހަރެން ކިޔަވަން ފެށީ... ދެން ކިޔަވާފަ އާމިނަގެ ނިތްކުރިއަށް ފުމެލިން... ދެން ކުއްލިއަކަށް އާމިނަ ދެލޯ ހުޅުވާލި... އެއަށްފަހު ވާހަކަ ދައްކަން މަސައްކަަތް ކުރި... ނަމަވެސް ބަހެއް ނުބުނެވެނީސް އާމިނަގެ ހަށިގަނޑަށް ފާޑެއްގެ ތުރުތުރެއް އަޅަން ފެށީ... އެހިސާބުން ޑޮކްޓަރުން އަހަަރެން ބޭރަށް ނެރުނީ... މީ އެ ނުލަފާ ޝައިޠާނާގެ ކަންތައް..." އަލިބެ ވާހަކަ ދައްކަމުން ދިޔަ އިރު އަލިބެގެ މޫނުމަތިން ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ.
*** *** *** *** *** ***
މެންދުރު ކެއުމަށް މަސްބަތާ ރިހާކުރާ ތައްޔާރުކުރުމަށްފަހު މަންޝާ އޮތީ ވާހަކަ ފޮތެއް ކިޔާށެވެ. ސިޓިންގް ރޫމް ސޯފާ މަތީ އަތްގަނޑު މައްޗަށް ފައި ނަގައިގެން އަނެއް އަތްގަނޑުމަތީ ބޯ އަޅައިގެން އޮތީ އިނގިރޭސި ވާހަކަ ފޮތެއް ހިފައިގެންނެެވެ. އެއީ މަންޝާއަށް އެންމެ ކަމުދާ ޒާތުގެ ލޯބީގެ ވާހަކައެކެވެ.
ވާހަކަ ކިޔަމުން ދިޔަ އިރު މަންޝާއަށް އެ ވަހާކައިގައި އުޅޭ ޒުވާނާ ސިފަ ކުރެވުމުން ދިޔައީ ޒިބާންގެ ގޮތުގައެވެ. އަދި އޭނާގެ ލޯބީގައި ދީވާނާ ވެފައިވާ ޖޫލިއަޓް ސިފަކުރެވެމުން ދިޔައީ މަންޝާގެ ގޮތުގައެވެ. ވާހަކަ ފޮތުން ހައެއްކަ ޞަފްޙާ ކިޔާލުމަށްފަަހު މަންޝާ އެ ވާހަކަ ފޮތް ލައްޕާލިއެވެ. މަންޝާއަށް އިތުރަށް އެވާހަކަ ކިޔޭ ގޮތެއް ނުވިއެވެ. ކޮންމެ ހިސާބަކުުން ޒިބާންގެ ހަނދާންތައް އާވުން ނޫން ކަމެއް ނުވެއެވެ.
މަންޝާގެ ސިކުނޑީގައި އެ ޚިޔާލުތައް މަސްހުނި ވާންވީ ސަބަބެއް ނޭނގުނެވެ. މަންޝާގެ ހިތުން ޒިބާނަށް ހާއްސަ މަގާމެއް ދެވުން އެއީ ކުށެކެވެ. ލޯބިވާ ފިރިއަކު އެބަހުއްޓެވެ. އޭނާގެ އެއްވެސް ކުށެއް ނެތެވެ. ނަމަވެސް މަންޝާ މިގޮތަށް ނުދަންނަ ހިލޭ ފިރިހެނަކާ ގާތް ވިސްނުމަކުން ވިސްނެންވީ ކީއްވެ ހެއްޔެވެ. މަންޝާ ބޭނުންވީ އެ ޚިޔާލުތަކުން ދުރަށް ދާށެވެ. އެކަންތަކާ ދޭތެރޭ ވިސްނަން އޮވެވުނީ ކިހާ އިރަކު ކަންވެސް މަންޝާއަކަށް ނޭނގުނެވެ. ކުއްލިއަކަށް ސިހިގެން ދިޔައީ މަންޝާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ.
ސޯފާއިން ފުންމައިގެން ތެދުވެ މަންޝާ ފަހަތް ބަލާލިއެވެ. "އަޒީމް... ހިނގާ ކާން...." ހަމަޖެހިލަން މަސައްކަތް ކުރަމުން މަންޝާ އެދުނީ ކާން އައުމަށެވެ. މޭޒުމަތީގައި ހުރި ތަށިތަކަށް އިޝާރާތްކުރަމުން މަންޝާ ތެދުވީ މޭޒު ދޮށަށް ދިޔުމަށެވެ. އެވަގުތު ފާރުގައި ހުރި ގަޑިއަށް ކަޅި ހިންގާލެވުނެވެ.
"އަސްތާ އެއޮއް ހައެއް ޖެހީ.... ހާދަ ލަސްވެއްޖޭ... ޑިއުޓީއަށް ދާން ގަޑިވެސް ޖެހޭނެ... އަވަހަށް އާދޭ ކާން..." މަންޝާ ހަލުވިކަމާ އެކު އައިސް މޭޒުމަތީ ހުރި ތަށިތަކުގެ މަތި ނެގުމަށްފަހު އަޒީމަށް ކާން އަޅާ ދިނެވެ.
މޭޒު ދޮށުގައި އަވަސް އަރުވާލާފަ މަންޝާ އުޅޭ ގޮތް ފެނިފައި އަޒީމްގާތަށް ހިނި އައެވެ. މަޑުމަޑުން މަންޝާ ގާތަށް ޖެހިލުމަށްފަހު ފަހަތުން މަންޝާގެ އުނަގަނޑުގައި ހިފާ ބައްދާލިއެވެ. މަންޝާ ހިމޭނުން މަޑުޖެހިލައިގެން ހުއްޓެވެ. އެވަގުތު އަޒީމްގެ ލޮލުގައި އަޅައިގަތީ މޭޒުމަތީ ހުރި މަސްބަތް ތައްޓެވެ.
"އޯހް... މަސްބަތްތަ؟... މަން ހާދަ ރަނގަޅޭ... ހުވަފެނުގަވެސް ފެނުނީ މަސްބަތް ކާން އުޅުނު ތަން..." އަޒީމް އަވަހަށް ގޮނޑީގައި އިށީނީ މަސްބަތް ތަށިން ދުވަމުން ދިޔަ މީރު ވަހުން ކުޅުދިޔާ ވުމުންނެވެ. މަންޝާ ވެސް އަޒީމްގެ މަގަތުން އިށީނދެ ކާންފެށިއެވެ. ދެމީހުން ކައި ނިމުމުން ދޮންނަންޖެހޭ ތަށިތައް ސިންކުތެރެއަށް ލުމަށްފަހު މަންޝާއާ އަޒީމް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމާއެކު އަޒީމް އެނދު މައްޗަށް ވެއްޓިގަތެވެ.
"ހެއި ޑިއުޓީއަށް ނުދާ ދުވަހަކީތަ؟ އަވަހަށްދޭ ތައްޔާރުވާން...." އަޒީމްގެ އަތުގަ ހިފަމުން މަންޝާ އޭނާ ތެދުކުރަން މަސައްކަތް ކުރިއެވެ. އަޒީމް ވަރަށް ހުށިޔާރެވެ. ތެދުވަން އުޅޭކަމަށް ހެދުމަށްފަހު މަންޝާގެ އަތުގައި ހިފާ އަޒީމްގެ ގަޔާ ދިމާލަށް ދަމައިގަތެވެ. އެކަހަލަ ދަނޑިވަޅަކަށް ނުބަލާ ހުރުމުން މަންޝާ އަޒީމްގެ ގައި މަައްޗަށް ވެއްޓުނެވެ.
"ދެން އަޒީމް.... ޑިއުޓީއަށް ދާން ޖެހޭ އިރު...." މަންޝާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އަޒީމްގެ ހަރަކާތް ހުރި ގޮތުންނެވެ. ދެމީހުންގެ ދެމެދުން ވައި ރޯޅިއަކަށްވެސް ދަތުރު ނުކުރެވޭނެހާ އެ ދެމީހުންނަށް ވަނީ ގާތްވެވިފައެވެ. ލަދުން މަންޝާ ދުރަށް ޖެހިލީ ތުންފަތުގައި އަތުގެ އިނގިލިތައް ޖައްސަމުންނެވެ. އެވަގުތު އިވެން ފެށި އަޑުން ދެމީހުންނަށްވެސް އެއްފަހަރާ ބަލާލެވުނީ ބެލްކަންޏާ ދިމާލަށެވެ.
ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފެށީއެވެ. އަޒީމް ތެދުވެގެން ބެލްކަންޏާ ދިމާލަށް ދަމުން މިއަދު ޑިއުޓީއަށް ދާން ނުޖެހޭ ވާހަކަ ބުންޏެވެ. އަޒީމްގެ ފަހަތުން މަންޝާވެސް އެނދުން ފޭބިއެވެ. އަދި ވަރަށް އަވަހަށް އެބަ އަންނަމޭ ބުނަމުން މަންޝާގޮސް ވަނީ ފާޚާނާއަށެވެ.
އަޒީމްގޮސް ބެލްކަނި ކައިރީ މަޑުކޮށްލިއެވެ. ވެހެމުން ދިޔަ ވާރޭން ކޮޓަރި ތެރެއަށް ވިއްސަމުން ދިޔަ ފެންތިކިތައް އަޒީމްގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ބެލްކަނި ދޮރު ކަހާލިއެވެ. އެއަށްފަހު ބެލްކަނި ބިއްލޫރިގަނޑުގެ މެދެއްހާ ހިސާބުގައިވާ އަތްތިލައިގެ ނިޝާން ފެނުމުން އެތަނުގައި މަޑުމަޑުން އަތް ވިއްދާލިއެވެ. އަޒީމްގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ދެލޯ މަރާލައިގެން ހުރެ އަޒީމް ކަމެއް މަތިން ހަނދާންކުރަމުން ދިޔަކަން އޭނާގެ މޫނުމަތިން އެނގުނެވެ.
*** *** *** *** *** *** ***
ދުވާލު ހަތަރުދަމު ހަސަނު އޮތީ ގޭގައެވެ. މަސައްކަތު ނުގޮސް އެހެން އޮތުމުން ހަސަނާ އެކީ މާރުކޭޓު ގޮޅީގައި މަސައްކަތްކުރާ އަފްރާހް އެގެއަށް އައީ ހަސަނަށް ވެފައި އޮތް ގޮތެއް ބަލާށެވެެ. އަފްރާހް ގެއަށް އައުމުން މުނީރާ އޭނާ ގެއަށް ވައްދާ ވަރަށް ރަނގަޅަށް މެހެމާން ދާރީ އަދާކުރިއެވެ. އަދި ހަސަނު ބަލިވެ އުޅޭ ކަމަށާ، މިވަގުތު އޮތީ ނިދިފައިކަމަށް ބުންޏެވެ.
ސައިބޮއި ނިމުމުން އަފްރާހް އެގެއިން ނުކުމެގެން ދިޔައީ ވާނުވާ އޭނާއަށް އަންގާލަން އެދެމުންނެވެ. އަފްރާހް ދިޔުމުން މުނީރާ ކޮޓަރިއަށް ދިޔައީ އިރު އޮއްސި މަޣްރިބް ނަމާދަށް ގޮވަން އުޅޭތީ ނަމާދު ކުރާށެވެ. ކޮޓަރިއަށް ވަދެ މުނީރާ ބުރުގާ ބޭލުމަށްފަހު ފާޚާނާއަށް ވަންނަން ދިޔަ ވަގުތު އެނދުގައި އޮތް ހަސަނާ ދިމާލަށް ބަލާލެވުނީ ހަސަނު ކުކުރާ އަޑު މުނީރާގެ ކަންފަތުގައި ޖެހުމުންނެވެ.
ހަސަނު ނިދާފައި އޮތީ މީހާ ކުރު ގެޅިގެންނެވެ. މުނީރާ އެނދު ކައިރިއަށް ދިޔައިރު ހަސަނު ތުރުތުރު އަޅަމުން ދިޔަކަން ފާހަގަވިއެވެ. އެހެންކަމުން ހަސަނުގެ ނިތްކުރީގައި މުނީރާގެ އަތުގެ ކަޅުހަން ޖައްސާލިއެވެ. ކަމަކުދާކަށްނެތެވެ. ހަސަނު ހުމާ ފިހެނީއެވެ. މުނީރާ އަވަހަށް ހަސަނަށް ގޮވިއެވެ. އަދި އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށް އަވަސް ވެގަތެވެ.
ހަސަނު ގައިގާ ކޮޅަށް ހުންނާނެ ވަރުވެސް ނެތެވެ. ހީވަނީ ކަށިތައް ތޮރުފަމުން ދާހެންނެވެ. ހަސަނުގެ ހަށިގަނޑުގައި އަޅަމުންދިޔަ ތޫނު ތަދަށް ކެތް ނުކުރެވި އޭނާއަށް ރޮވުނެވެ. އައިޖީއެމްއެޗް އަށް ހަސަނު ގެންދިޔުމުން އެމީހުން އަވަސް ފަރުވާދޭ ކޮޓަރީގައި ހަސަނު ބޭއްވިއެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ޑޮކްޓަރުން އަވަސްވެގަތެވެ.
ކުރީ ދުވަހު ހަސަނު ޑޮކްޓަަރަށް ދެއްކުމުން ދީފައިވާ ބޭސް ސިޓީ އާއި އެކްސްރޭ ރިޕޯޓްތައް މުނީރާ ޑޮކްޓަރަށް ދައްކާލިއެވެ. ރިޕޯޓްތައް ބަލާލުމަށްފަހު ޑޮކްޓަރ ބޭނުންވީ ހަސަނުގެ ބުރަކަށީގައި ފިހިފައޭ ބުނާ ޒާތަކަށް ހުރި ތަން ބަލާށެވެ. ލައިގެން ހުރި ޓީޝާޓް އަރުވާލަމުން ހަސަނު އެތަން ދައްކާލީ އެއް އަރިއަކަށް އެނބުރިލަމުންނެވެ. އާންމު ބަލީގެ ހާއްޞަ ޑޮކްޓަރ އަވަހަށް ބޭނުންވީ ހަމުގެ ހާއްޞަ މީހަކަށް އެތަން ދައްކާށެވެ. އެވަގުތު ޑިއުޓީގައި ހުރި ހަމުގެ ހާއްޞަ މީހަކު އެމަރޖެސީ ރޫމަށް ގެނައެވެ. އޭނަ އެތަން ބަލާ ހެދި އެވެ. އަދި އެ ޑޮކްޓަރު ބޭނުންވީ ލޭގެ ރިޕޯޓް ތަކެއް ހެދުމަށެވެ.
އެތައް ޓެސްޓުތަކެއް ހެދުމުންވެސް އެއްވެސް ޓެސްޓަކުން ނުބައެއް އުޅޭ ކަމަކަށް ނުދައްކައެވެ. އެހެންކަމުން ޑޮކްޓަރ ލަފާކުރީ މައި ބަނދައިގައި ރެނދެއްލާ ފައި ހުރުމުން ހުން އަންނަނީ ކަމަށެވެ. ހުން މަޑުކުރަން އިންޖެކްޝަނެއް ޖެހުމަށްފަހު ހަސަނު ގެއަށް ފޮނުވާލިއެވެ. އަދި ފިހިފައިވާ ތަނުގައި އުނގުޅަން އިތުރު ބޭސްތަކެއް ހަމުގެ ހާއްޞަ ޑޮކްޓަރ ލިޔެދިނެވެ.
*** *** *** *** *** ***
މަންޝާ ފާޚާނާއިން ނިކުތް އިރު ކޮޓަރި ތެރޭން ފެންނަމުން ދިޔައީ އަނދިރިކަމެވެ. މަންޝާ ފާޚާނާއިން ނިކުތީ ގައި ދޮވެލައިގެން ތާޒާ ވެލައިގެންނެވެ. ތުވާލި އޮޅައިގެން ހުރެ މަންޝާ ނިކުމެ ރަނގަޅަށް ކޮޓަރި ތެރެއަށް ބަލާލިއެވެ. އަޒީމް ފެންނަން ނެތުމުން މަންޝާ ފަސްޖެހޭ ގޮތް ވިއެވެ. ކޮޓަރީގެ އެއްވެސް އަލިކަމެއް ނެތުމުންނާ އެކީގައެވެ.
ބޮކި ދިއްލަަން ކޮޓަރި ދޮރުކައިރީ ހުރި ސްވިޗްތަކާ ދިމާލަށް ދިޔައެވެ. ބޮކި ނުދިއްލެނީސް ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު އެތެރެއަަށް ވަނީ އަޒީމެވެ. އަޒީމްގެ ހުރީ ރޯކޮއްފަ ހުރި ދެ އުއްބައްތި ހިފަހައްޓައިގެންނެވެ. އަޒީމް އެތެރެއަށް ވަންނަން ތަން ދައްކާލަމުން މަންޝާ ދުރަށް ޖެހިލީ ތުވާއްޔާ އެކީ މޭމަތީގައި ހިފަހައްޓަމުންނެވެ.
އެ އުއްބައްތި ހިފައިގެން އައިސް ސައިޑް ޓޭބަލްމަތީ އަޒީމް ބެހެއްޓިއެވެ. އޭރު އަޒީމްގެ ލައިގެން ހުރި ޓީޝާޓްވަނީ ބާލާފައެވެ. އަޒީމްގެ ގައިގައި ފެންތިކިތިކީގެ އަސަރު ފެންނަން ހުއްޓެވެ. ކަސްރަތީ ހަށިގަނޑު ފެނުމުން މަންޝާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އުއްބައްތީގެ އަލިން މުޅި ކޮޓަރިއަށް ވެރިވެފައި ވަނީ ފަނޑު އަލިކަމެކެވެ. ބެލްކަނީގެ ދޮރުވަނީ ކަހާލާފައެވެ. ނަމަވެސް ދޮރުފޮތި ހުރީ ނުކަހައެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މުޅި ކޮޓަރީގައި އެއް އަޑެއްހެން ހިއްޕާލާފައިވަނީ ވާރޭ ވެހެމުން ދާ އަޑެވެ.
ބެލްކަނިން ފެންނަމުން ދިޔަ ވާރޭ ވޭހޭ މަންޒަރަށް ބަލަންހުރި މަންޝާއަށް ސިހުމެއް ލިބުނީ އަޒީމް އޭނާގެ އުނަގަނޑުގައި ހިފާ އަޒީމްގެ ގަޔާ ގާތްކޮށްލުމުންވެ. މަންޝާ އިސްއުފުލާލީ ހިނިތުންވަމުންނެވެ. ތުވާލިން އަތް ދޫކޮށްލުމަށްފަހު މަންޝާ އަޒީމްގެ ހަށިގަނޑުގައި ބައްދާލިއެވެ. އެވަގުތު މަންޝާގެ ފައި ބުޑަށް އޭނާގެ ގައިވަށާ އޮޅާފައިވާ ތުވާލި ވެއްޓުނެވެ. އަޒީމްގެ ހަށިގަނޑުން ވަމުން ދިޔަ ހޫނުން މަންޝާއަށް އިހްސާސް ކުރެވުނީ އަރާމްކަމެވެ.
އަޒީމް ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެނދުމައްޗަށް ވެއްޓިގަތީ މަންޝާއާ އެކީގައެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އަޒީމްގެ ބަލާލުމުން އޭނާގެ ބޭނުން މަންޝާއަށް ނަގައިގަނެވުނެވެ. ދެމީހުންގެ މިލޯބީގެ ވަގުތަކީ އެ ދެމަފިރިންނަށް އެތައް ދުވަހަކަށް ފަަހު ލިބުނު ވަގުތެކެވެ. ބިޒީކޮށް އަބަދު މަސައްކަތުގައި އުޅެން ޖެހުމުން ދެމަފިރިންނަށް މިފަދަ ވަގުތެއް ހުސްކޮށް ނުލިބި ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އަޒީމްގެ ބީހުންތަކަށް މަންޝާގެ ހިތް ލެނބެމުން ދިއައެވެ. އެ ދަނޑިވަޅަކީ ދެމީހުން ހަތަރުކަޅި ބައްދަލުވެގެން ދިޔަވަގުތެވެ. މަންޝާގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތިކި ފެނިފައި އަޒީމް މަޑު ޖެހުނެވެ.
"އަހަރެން ބޭބީ އެއް ބޭނުން.... އަހަރެން..." މަންޝާގެ ދުލުން ނިކުތް ޖުމްލަ މެދު ކެނޑުނީ އަޒީމްގެ ޝަހާދަތް އިނގިލި އައިސް މަންޝާގެ ތުންފަތުގައި ޖެހުމުންނެވެ. މަންޝާގެ ހަށިގަނޑުގައި އަޒީމް ބާރަށް ބައްދާލިއެވެ. ދެމީހުން ވަނީ ދާހިތްލާ ފޯވެފައެވެ. ނޭވާ ކުރުވެފައެވެ. ވެފައި ހުރި ވަރުބަލިން ދެމީހުންނަށް އެނދުގައި އެހެން އޮވެވުނެވެ.
"މަންޝާ..... ފުރަތަމަ ފެނިލުމުންވެސް އަހަންނަށް މަންޝާ ވަރަށް ކަމުގޮއްސި..... އައި ލަވް ޔޫ..." އަޒީމް މިހެން ބުމުމަށްފަހު އަނެއް ފަރާތަށް އެނބުރި އޮށޯވެލިއެވެ. މަންޝާގެ ކަންފަތުގައި އެ ޖެހުނު ޖުމްލައިން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން ސީލިންގާ ދިމަލަށް ބަލަން އޮވެވުނެވެ.
އެއީ ހަމަ އެ ދުވަހު ފެނުނު ހުވަފެނުގައި ޒިބާންގެ ދުލުން ބޭރު ކުރި ޖުމްލައެވެ. ޒިބާން ބުނި ބަހެވެ. ބެލްކަނީގައި ހުރެފައި މަންޝާގެ ހަށިގަނޑާ ގާތްވަމުން ބުނި ތަންކޮޅެކެވެ. އިތުރު ވަނީ ލޯބިވާ ވާހަކައެވެ. ވާހަކަ ދެއްކުމުގެ ރާގުވެސް އެ ހުރީ ހަމަ އެހެންނެވެ. އެހެންވާނީވެސް ކިހިނެއް ހެއްޔެވެ. އަޒީމަށް އެހެންބުނަން އެ ގޮތަށް އެނގުނީ ކިހިނެއް ހެއްޔެވެ. މަންޝާ އަޒީމާ ދިމާލަށް އެނބުރުނެވެ. އޭރު އަޒީމަށް އޮތީ ނިދިފައެވެ. ހޫނުވެފައިވުުުމުން ފިނިކޮށްލަން ބޭނުންވާތީ މަންޝާ އޭސީ ޖައްސާލީ ހެޑްބޯޑު މަތީގައި އޮތް އޭސީ ރިމޯޓުންނެވެ. އަދި އެއަށް ފަހު ފާޚާނާއަށް ވަނީ ގައިދޮވެ ރީތިވާށެވެ.
މާގަނޑު ދަށުގައި ހުރި އިރު މަންޝާގެ ބޮލުގައި އެނބުރެމުން ދިޔައީ އަޒީމް ބުނި ޖުމްލައެވެ. މަންޝާ ވަރަށް ރަނގަޅަށް ހަނދާންކުރިއެވެ. ޒިބާންއާ ދިމާވެގެން ދެކެވުނު ހުރިހާ ވާހަކައެއް ފިލްމެއްހެން ސިފަވަމުން ދިޔައެވެ.
"އޯކޭ.. އެކަމަކު އަހަރެންނަށް މަންޝާ ވަރަށް ރީތި... ފުރަތަމަ ފެނިލުމުންވެސް މަންޝާ ވަރަށް ކަމުގޮއްސި... އަހަރެންނަށް އެނގޭ މަންޝާ މެރީޑްކަންވެސް... ދެން އެކަމަކު މަންޝާ ބޭނުމެއް ނޫން ވިއްޔާ... އެހެންވީ އިރު ދެން ބޭއްވީ.. ސޮރީ ޑިސްޓަރބް ކުރެވުނީތީ..."
ފޯނުން ގުޅަައިގެން ވާހަކަ ދެއްކިއިރު ޒިބާން ދެއްކި ވާހަކަ ހަނދާންވުމުން މަންޝާއަށް ކަމެއް ރޭކާލިއެވެ. ނަމަވެސް ދެމީހަކު ބުނާ ވާހަކައެއް އެހާ ބޮޑަށް ދިމާވާންވީ ކީއްވެ ހެއްޔެވެ. އަޒީމާ ކައިވެނިކޮށްގެން އުޅޭތާ ހަތްއަހަރު ވީފަހުން ފުރަތަމަ ފެނިލުމުންވެސް ކަމުދިޔަ ވާހަކަ ބުނަންވީ މިއަދު ހެއްޔެވެ. ނޫނީ އަޒީމަށް ކަމެއް އެނގުނީ ހެއްޔެވެ. ޒިބާން ގުޅާ ކަމާ ޒިބާނާ މަންޝާ ވާހަކަ ދެއްކިކަން އަޒީމަށް އެނގުނީ ހެއްޔެވެ. އެކަަން އަންގާލަން ފަހަރުގައި އެހެން ބުނީ ކަންނޭނގެއެވެ.
އެހެންވެއްޖިއްޔާ އަޒީމް ރުޅިނައީ ކީއްވެ ހެއްޔެވެ. މަންޝާގެ ހިތަށާއި ސިކުނޑިއަށް އުނދަގޫ ވިއެވެ. އޭނާގެ ފިރިމީހާއަށް އޮޅުވާލައިގެން ކަމެއް ކުރެވޭހެން ހީވިއެވެ. މަންޝާ، އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އޭނާ އެހުރިހާ ވާހަކައެއް އަޒީމަށް ކިޔައިދޭން ބޭނުންވިއެވެ.
(ނުނިމޭ)