ބޮކި ނިވިދިއްލޭ އިރު ސިޑިމަތި ނުފެންނަވަރަށް އަނދިރިވެއެވެ. ގޯތި ތެރޭގައި ހައްދާފައިވާ ބިޔަ ކާނިގަހުގެ ހިޔަނިން މުޅި ގޯތިތެރެ އިތުރަށް ބިރުވެރިކަމަށް ދައްކައެވެ.

ހަސަނުގެ ފަހަތުގައި ހުރި މަޚްލޫގުގެ ދެލޯ ދިއްލިގެން ދިޔައެވެ. އޭނާގެ ލޮލުގެ ރަތްކުލަ ދިޔައީ ގަދަވަމުންނެވެ. ހީވަނީ ލޮލުން އަލިފާން ކަނި ބުރަމުން ދާ ހެންނެވެ. އިންތިހާއަށް ރުޅިއައިސް ހުރެ އެ މަޚްލޫގު ހަސަނާ ދިމާލަށް ބަލަމުން ދިޔައެވެ. މަންޝާއާ ދޭތެރޭ ހަސަނުގެ ހިތުގައި އުތުރި އަރަމުން އަންނަ ނުބައި ވަހުޝީ ޚިޔާލުތައް އެ މަޚްލޫގަށް އެނގުނެވެ. އެފަދަ ނަޒަރަކުން މަންޝާއާ ދިމާލަށް ހަސަނު ބަލާކަށް އެ މަޚްލޫގެއް ނޭދެއެވެ. މޭ ފުއްޕާލަމުން އޭތި ކުރިޔަށް ޖެހިލިއެވެ.

ހަސަނަށް އޭނާގެ ފަހަތުގައި ހުރި މި މަޚްލޫގެއް ނުފެނެއެވެ. އެއްވެސް ބިރެއް ނެތި ސިޑިން ފައިބަމުން ހަސަނު ދިޔައީ އަވަހަށް ގެއަށް ދިޔުމަށެވެ. ސިޑީގެ މެދަކާ ހަމަޔަށް ފޭބުނު ތަނާ އަނެއްކާވެސް ސިޑިމަތީ ހުރި ބޮކި ނިވި ދިއްލުނެވެ. ދެބުމަ ގޮށް ޖަހާލަމުން ހަސަން ބޯ ހިއްލާލާ މައްޗަށް ބަލާލިއެވެ. އެވަގުތު ހަސަނުގެ ފަހަތުގައި މީހަކު ހުރިހެން ހީވުމުން ހަސަނު ފަހަތަށް އެނބުރި ބަލާލިއެވެ. ނަމަވެސް އެތަނުން މީހަކު ފެންނާކަށް ނެތެވެ.

ސިކުނޑީގައި ސުވާލު މާކެއް ޖަހައިގެން ހުރެ ހަސަނު މަޑުމަޑުން ސިޑިން ފައިބަން ފިޔަވަޅު އުފުލާލިއެވެ. އެވަގުތު ހީވީ މީހަކު މުއްކަވާފައި ހަސަނުގެ ބޮނބިފަޅީގައި ޖެހިހެންނެވެ. ސިއްސައިގެން ދިޔުމުން ސިޑިމަތިން ފައި ކައްސާލައިގެން ހަސަނު ވެއްޓެމުން އައިސް މައި ދޮރު ބުޑަށް ގުޅަވަރަކަށް ޖެހުނެވެ. ތެދުވެ ސިޑިއާ ދިމާލަށް ހަސަނު ބަލާލީ އެތާ މީހަކު ހުރިތޯ ޔަގީން ކުރާށެވެ. ނަމަވެސް އެތާ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަވަހަށް ތެދުވެ ގޭ މައިދޮރު ހުޅުވާ ބޭރަށް ނިކުތީ އަތުގައި ހުރި ވެލިތައް ފޮޅަމުންނެވެ.

*** *** *** **** ***

މަންޝާ ކޮޓަރިއަށް ވަދެ ފެންވަރަން ވަނުމުގެ ކުރިން ފޯނުން އޭނާގެ މަންމަގެ ނަންބަރަށް ގުޅާލީ މަންމަ ފޮނުވި ހަދިޔާތައް ކަމުދިޔަ ވާހަކަ ބުނާށެވެ. ދެބުރަކަށް ފޯނު ރިންގްވީ ފަހުން މަދީހާ ޖަވާބު ދިނެވެ. މަދީހާ ފޮނުވި ހަދިޔާތައް ކަމުދިޔަ ވާހަކަ ބުނުމުން މަދީހާ ހުރީ އިންތިހާއަށް އުފާވެފައެވެ.

"ދަރިފުޅާ... ކޮބާ އަޒީމް؟.. އެ ސޮރު ރަނގަޅުތަ؟..." އަޒީމް ކޮބާތޯ މަދީހާ ސުވާލު ކޮށްލިއެވެ.

"ހަމަ ދެންމެ އެ ދިޔައީ ޑިއުޓީއަށް.... މި ހަފްތާ ވަރަށް ބުރަކޮށް އެ އުޅެނީ، މި ދުވަސްކޮޅު އަޒީމްމެން އޮފީހުގެ ގިނަ ބަޔަކު ޗުއްޓީ ނަގާފައި ވާތީ... އަންނަ މަހު އޯކޭ ވާނެ... އަޒީމް ވެސް ވަރަށް އުފަލުން ހުރީ.... އޭނަ ޑިއުޓީ ނިންމާފަ އައިމަ މަންމައަށް ގުޅާނަން އިނގޭ.... މަންމާ ކުދި ގުޅަތައް ވަރަށް މީރު.... ތޭންކްސް... މާމައަށްވެސް ސަލާމް ބުނާތި...." މަދީހާ ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ މަންޝާ އޭނާ ބޭނުން ހުރިހާ ވާހަކައެއް އެއް ފައްޗަކަށް އަމުނާލިއެވެ.

"އެހެންތަ ދަރިފުޅާ... ދެން ބާއްވަނީ އަޒީމަށް ވެސް ވަރަށް ސަލާމް ބުނާތި... މަންމަ މިއުޅެނީ ނަމާދުކުރަން.... ދެން ބޭއްވީއޭ... ފަހުން ގުޅާނަން...." މަދީހާ ފޯނު ބޭއްވުމުން މަންޝާ އަވަސްވެގަތީ ފާޚާނާއަށް ފެންވަރަން ވަންނާށެވެ.

މަންޝާ ފެންވަރަން ވަދެ އެންމެ ފުރަަތަމަ ވެސް އިސްތަށިގަނޑު ތެތްމާލުމަށްފަހު ބޮލުގައި ޝޭމްޕޫކޮޅެއް އުނގުޅާލިއެވެ. އަދި އެއަށްފަހު ގައިގާ ޝަވާޖެލް އުނގުޅާލިއެވެ. ފެންވަރަމުން ދިޔަ ވަގުތު ކުއްލިއަކަށް މަންޝާގެ ގާތުގައި މީހަކު ހުރި ކަމުގެ އިހްސާސް ކުރެވުނެވެ. މަންޝާއަށް ވަށައިގެން ބަލާލެވުނީ ވަރަށް ހާސްްވެހުރެއެވެ. ފާޚާނާގައި މަންޝާ ހުރީ އެކަަންޏެވެ.

ހަސަންބެ ގެއަށް އައުމުން ހިތްނުތަނަވަސް ވެފައި ހުރުމުން ހީވި ހީވުމެއް ކަމަށް ނިންމާ މަންޝާ މާގަނޑު ދޫކޮށްލީ ބޮލުގައި ހުރި ޝޭމްޕޫއާ ގައިގާ ހުރި ސައިބޯނިތައް ފިލުވާލާށެވެ. މާގަނޑުދަށުގައި ހުރިއިރު މަންޝާއަށް ބުނެދޭން ނޭނގޭ ކަހަލަ ފިނި ކަމެއް އިހްސާސް ވަމުން ދިޔައެވެ. ދެލޯ މަރާލައިގެން މާގަނޑު ދަށުގައި އިސްތަށިގަނޑުގައި އަތް ހާކާލަ ހާކާލަ ހުރެވުނެވެ. ފިނިވެ ހަށިގަނޑަށް ކުރަމުން ދިޔަ އިހްސާސަކުން ގައިގައި ދެއަތް ހާކާލެވުނެވެ. މަޑުމަޑުން މޫނުގައި އަތް ހާކާލަމުން ދެ ލޯ މަރާ ލެވުނެވެ.

ވަމުން ދިޔަ އަރާމުން މަންޝާގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. އެވަގުތު ލޯމައްޗަށް ސިފަވެގެން ދިޔައީ އެއްކަލަ ޒުވާނާގެ ސޫރައެވެ. މަންޝާއަށް އެ ހިޔާލުން ބޭރުވެވުނެވެ. އެ ވަގުތު އެ ޒުވާނާގެ ސިފަ ލޯ މައްޗަށް ފެންނަން ޖެހުނު ސަބަބެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ދެ ބުމަ ގޮށްޖަހައިގެން ހުރެ މާގަނޑު ބާރުކޮށްލަމުން ފާޚާނާއިން ބޭރަށް ނިކުތީ ތުވާލިން ގައި ހިއްކަމުންނެވެ.

ގޭގައި ލާ ޝޯޓްބުރިއަކާ ޓީޝާޓެއް ލައިގެން ރީތިވާ މޭޒު ދޮށުގައި އިސްތަށިގަނޑުގައި ފުނާއަޅަަން މަންޝާ ހުއްޓެވެ. އޭނާގެ ނަމުން މީހަކު ގޮވާ އަޑު އިވުނެވެ. އަޑު އެ އަންނަ ދިމާލަށް ބަލާ ލެވުނު ވަގުތު އަނެއްކާވެސް މަންޝާއޭ ކިޔާފައި ގޮވާލި އަޑު އިވުނެވެ. އެ އަޑު އެ އަންނަނީ ބެލްކަނިން ބޭރުން ކަން އެނގުމުން އެ ދިމާލަށް މަންޝާ އަވަސް ވެގަތެވެ. ހާވާލެވިފައިވާ ތެތް އިސްތަށިގަނޑާ އެކީ މަންޝާ ބޭރު ބަލާލީ އަތުން އިސްތަށިގަނޑު ތަޅުވަމުންނެވެ.

ބެލްކަނި ކުރިމައްޗަށްވާ ގޮތަށް ހުރި ދުވާރު މަތީގައި ދެ ޖީބަށް އަތްޖަހައިގެން ހެވިފައި ހުރީ އެއްކަލަ ޒުވާނާއެވެ. މަންޝާއަށް ލިބުނީ ހައިރާން ކަމެކެވެ. އެ މީހާ އެތަނަށް އައިސް ހުއްޓި ހުރުމުންނެވެ. އަނެއްކާ އެ ފިރިހެން މީހާ މަންޝާއަށް ފާރަލަނީ ބާއެވެ. ލުއި ހިނިތުންވުމެއް ރައްދުކުރަމުން ކޮޓަރި ތެރެއަށް ވަނުމަށް މަންޝާ ހިނގައިގަތެވެ.

ހަމައެވަގުތު މަންޝާގެ ގައިގައި އައިސް ޖެހުނީ ބޮނޑިކޮށްފައިވާ ކަރުދާސްކޮޅެކެވެ. އެ ކަރުދާސްކޮޅު ނަގަމުން މަންޝާ މަގާ ދިމާލަށް ބަލާލިއެވެ. އެވަގުތު އެ ޒުވާނާ ހިނިތުންވެލަމުން ދުވާރުމަތިން އެ ގޯޅި ގަނޑުން ނިކުތުމަށް ހިނގައިގަތެވެ. އެ ފިރިހެނާ ދިޔަ ދިމާލަށް ބަލަން ހިނދުކޮޅަކަށް މަންޝާއަށް ހުރެވުނެވެ. އަދި އަތުގައިވާ ގަނޑުކޮޅު ނިއުޅުވާލިއެވެ.

*** *** *** *** *** ***

ގެއަށް ހަސަނު އައިސް ވަނީ ކޮރެއް ޖަހަމުންނެވެ. އެ ވަގުތު ގޭތެރޭގައި ކުޅެން ތިބި ދެ ކުދިންގެ ތެރެއިން އަމާނަށް އޭނާގެ ބައްޕައާ ދިމާލަށް ބަލާލެވުނީ ބައްޕަ ހިނގަމުން އައި ކިއްސަރުންނެވެ. ހަސަނު މަޑު ހިނގުމެއްގައި ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އެ ވަގުތު އަމާން އޭނާގެ ކޮއްކޮ އީމާން އަތުގައި ކޮއްޓާލަމުން ބުންޏެވެ. "އޭ... ބައްޕައަށް ހީސްލެވިފަ ކަންނޭނގެ އެހުރީ..."

"ބައްޕަ ހީސް ލެވުނީމަތަ އެހެން އެ ހިނގަނީ... ބައްޕަ ތަނަކުން ވެއްޓުނީ ކަންނޭނގެ.. ނޫނީ އެކްސިޑެންޓެއްވީ ކަންނޭނގެ..." އީމާން ވިސްނަން ހުރުމަށްފަހު ބުނެލިއެވެ.

"ކީކޭ ކާކު އެކްސިޑެންޓް ވީއޭ؟..." ބަދިގެ ތެރެއިން ނިކުތް މުނީރާ އީމާން ދެއްކި ވާހަކަ އަޑު އިވުމުން ރަނގަޅަށް އޮޅުން ފިލުވަން ސުވާލު ކޮށްލިއެވެ. އަތުގެ އިިޝާރާތުން ބައްޕަގެ ކޮޓަރި ދައްކަމުން އަމާން ވައި އަޑުން ބައްޕަ ކަމަށް ބުންޏެވެ. މުނީރާ އަވަސްވެގަތީ ކޮޓަރިއާ ދިމާލަށެވެ.

"ސީރިއަސް ކޮށްނޭ... ބައްޕައަށް ހީސްލެވިފައޭ ހުރީ... ދެކުނިންތަ ފަޓްލޫނު ތެމިފަ ހުރީ ވެސް...." މުނީރާ ކޮޓަރިއަށް ވަނުމުން އަމާނަށް ފެނުނު މަންޒަރު އީމާނަށް ކިޔައިދިނެވެ.

މުނީރާ ކޮޓަރިއަށް ވަދެ ބަލާލިއިރު ހަސަނުވީ ފާޚާނާގައެވެ. އެހެންކަމުން މުނީރާ ކޮޓަރިތެރޭ މަޑުކޮށްލައިގެން ހުރީ ހަސަނު ނިކުންނަން ދެނެވެ. މާ ގިނަ އިރުތަކެއް ނުވެ ތުވާލިން ފެން ހިއްކަމުން ހަސަނު ފާޚާނާއިން ނިކުތެވެ. ހަސަނު ހުރީ ޝޯޓު ބުރިއެއް ލައިގެންނެވެ. ކޮރެއް ޖަހަމުން ހަސަނު ނިކުތްތަން ފެނުމުން މުނީރާ އަވަސްވެގަތީ ހަސަނަށް ވީ ގޮތެއް އޮޅުން ފިލުވުމަށެވެ.

"ހަސަނާ... ކިހިނެއްވީ..." މުނީރާ ދެލޯ ބޮޑުކޮށްލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ހަސަނު އައިސް އެނދުގައި އިށީނދެ ފައި ދަމާލިއެވެ. މުނީރާ އެ ކޮޓަރީގައި ހުރި ކުޑަ ގޮނޑި ގެނެސް ހަސަނުގެ ފައި ދަށަށް ލައްވާލިއެވެ. ހަސަނުގެ ފައިގެ ކުޑަހުޅުވަނީ މުޅިންހެން ދުޅަވެފައެވެ. ކަށިމަތީގައި ދެ ދިމާލެއް ނޫފައިގެންފައި ހުއްޓެވެ.

"ހަސަނާ... މީ ކިހިނެއް ވީކަމެއް... އަނެއްކާ އެކްސިޑެންޓެއް ވީތަ؟... އެބައަންނަ އައިސް ހިފައިގެން...." މުނީރާ އަވަހަށް ކޮޓަރިން ނިކުމެގެން ދިޔައީ އައިސް ހިފައިގެން އަންނާށެވެ. ހަސަނު އެނދުގައި އަތް ވިއްދާލައިގެން ހަމަޖެހިލިއެވެ. ހަސަނު ވިސްނަމުން ދިޔައީ އޭނާ އެ ސިޑިމަތިން ވެއްޓުނު ގޮތާ މެދުގައެވެ. ގައިމުވެސް ހަސަނުގެ ފަހަތުގައި އެއްވެސް މީހަކު ނެތްކަން ކަށަވަރެވެ. އެކަމަކު ހަސަނުގެ ބުރަކަށީގެން ބަންލާފައި މީހަކު ޖެހިކަން ޔަގީނެވެ. އެ އިހްސާސް މީހަކަށް ކިޔައިދިނަސް ގަބޫލު ނުކުރާނެކަން އޭނާއަށް އެނގެއެވެ.

ކޮޓައިރިއަށް މުނީރާ އައިސް ވަނީ ތުވާއްޔަކާއި އެކީ ތައްޓެއް ފުރާ ފެން އަޅައިގެންނެވެ. އެ ތައްޓަށް ހުރީ ގަނޑުފެން އަޅާފައެވެ. ހަސަނު ފަޔާ ދިމާލުން ތަޅުންމަތީ އިށީނދެގެން އިނދެ އެ ތުވާލިކޮޅު ފިނި ފެނުން ތެތްމާލުމަށްފަހު ހަސަނުގެ ފައި ބޮނޑިތާން ކުރަން ފެށިއެވެ.

"ދެން ބުނެބަލަ... މީ ކިހިނެއްވީ ކަމެއްތަ؟... ދުއްވާ އެއްޗެއްގަ ޖެހުނީތަ..." މުނީރާގެ ވާހަކަ ހުރިގޮތުން މުނީރާ އިނީ އިންތިހާއަށް ހާސްވެފައިކަން އެނގެއެވެ.

"ވީ ގޮތަކީ މަންޝާމެން ގޭ ސިޑީން ފައިބަނިކޮށް އެ ސިޑިން އަހަރެން ވެއްޓުނީ... އެ ގޯޅިގަނޑު ވަރަށް އަނދިރި... އަނެއްކޮޅުން އެއީ ދަގަނޑު ސިޑިއެއް.... މިތަންތަން ޖެހުނީ... މުނީރާ ވަރަށް ތަދުވޭ އެހާ ބަރާށް ނުމޮޑޭ....." މުނީރާ މޮޑެމުން ދިޔަ ތަންތަނަށް ވަމުން ދިޔަތަދުން ހަސަނަށް ތަދުވާތީ އިނީ ދެލޯ މަރާ ފިއްތައިގެންނެވެ.

"ހިނގާ ޑޮކްޓަރަށް ދާން... ތަނެއް ބިނދިފައި އިނަސް ނޭނގޭނެ... އެކްސްރޭއެއް ނަގަން ހިނގާ ދާން..." މުނީރާ ހޮސްޕިޓަލަށް ދާން އެދުނެވެ. ނަމަވެސް އެކަމާ ހަސަނު އިންކާރު ކުރިއެވެ. އޭނާއަކީ ކިރިޔާ ކަމެއްވާ އިރަށް ހޮސްޕިޓަލަށް ދާ މީހެއް ނޫނެވެ. ހަސަނު ބުނީ ގޭގައި ބޭސް އަޅަނިކޮށް އޯކޭ ވެދާނެ ކަމަށެވެ.

ފައިން ނަގަމުން ދިޔަ ތޫނު ތަދުން އިރުއިރުކޮޅާ ހަސަނު ފުންމައިގެން ދެއެވެ. ފައިގާ ބޭސް އުނގުޅާ ބެންޑޭޖްގަނޑެއް އޮޅާލުމަށްފަހު މުނީރާ ބަދިގެ ތެރެއަށް ދިޔުމަށް ހިނގައިގަތެވެ. އެވަގުތު ހަސަނު އެނދުގައި ހަމަޖެހިލަން މަސައްކަތް ކުރަމުން ބޯ ދަށަށް ބާލީހެއްލަމުން ބުރަކަށި ޖައްސާ އޮށޯތެވެ. "އަލިފާނޯއި..." ހަސަނަށް ވީ ތަދުން ބާރަށް ހަޅޭއް ލަވައި ގަނެވުނެވެ.

ކޮޓަރިން ބޭރަށް ނިކުމެ ނިކުމެ ހުރި މުނީރާ އެއަޑަށް ފަސް އެނބުރި ބަލާލަމުން އަހާލިއެވެ. "ކިހިނެއްވީ ހަސަނާ...."

ހަސަނު ބުރަކައްޓަށް އިޝާރާތް ކުރަމުން ޗޫސް ދަމަމުން ދިޔައެވެ. އެހެންކަަމުން މުނީރާ އަނބުރާ ކޮޓަރިއަށް ވަދެ ހަސަނު ދައްކަމުން ދިޔަ ތަނަށް ބަލާލިއެވެ. "މިވެސް ސިޑިން ވެއްޓުނު އިރު ވެފަހުރި ގޮތެއްތަ...." މުނީރާ ދެ ލޯ ބޮޑުކޮށްލަމުން އަހާލިއެވެ.

"ކިހިނެއްވެފަ ހުރީ... ތިތަނަށް ވަރަށް ތަދުވޭ..." ހަސަނު ބޭނުންވީ އެތަނަށް ވެފައި ހުރި ގޮތެއް ބަލާށެވެ.

"ނޭނގެ ހަސަނާ.. އަހަންނަށް ފެންނަނީ ހޮސްޕިޓަލަށް ދާން... ހީވަނީ ފިހިފަ ހުރިތަނެއް ހެން... ވަރަށް ފާޑަކަށް ހުރީ..." މުނީރާ އަނގަޔަށް ވައްތަރެއް ޖައްސަމުން އެހެންބުނުމުން ހަސަނުވެސް ޖެހިލުންވާ ގޮތްވިއެވެ. ހަނދާނަށް އައީ ބުރަކަށީގައި އައިސް ޖެހުނު ހޫނު އެތިފަހަރެވެ. ހޮސްޕިޓަލަށް ނުދާން ހުރި ހަސަނު އެންމެ ފަހުން ހޮސްޕިޓަލަށް ދާން އެއްބަސްވިއެވެ.

*** *** *** *** *** ***

އައިސީޔޫގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތްކުރަން ވަދެވޭ ގަޑިއަށް ރިޔަޒާއި މީރާއާ ދެމީހުން އެކީގައި ހޮސްޕިޓަލަށް ދިޔައެވެ. އޭރު ޟިރާރު އިނީ އެމީހުން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ރިޔާޒްމެން އައުމާއެކީ ޒިޔާރަތް ކުރާ މީހުންނަށް ވަދެވޭނީ ފަހަރަކު މީހަކަށް ކަމަށް ބުނުމުން އެންމެ ފުރަތަމަ އެ ކޮޓަރިއަށް ވަނީ ރިޔާޒެވެ. ރިޔާޒް ނިކުންނަން ދެން ބޭރުގައި މީރާ އާއި ޟިރާރު މަޑުކޮށްގެން ތިއްބެވެ. ރިޔާޒް ނިކުތީ ކުޑަ އިރުކޮޅެއް ފަހުންނެވެ. އައިސީޔޫ އިން ބޭރަށް ނިކުތް އިރު ރިޔާޒާ އެކީ އާމިނަ ބަލަމުންދާ ޑޮކްޓަރު ވެސް ނިކުތެވެ. ރިޔާޒް އިޝާރާތް ކުރުމުން ދެން އެތެރެއަށް ވަނީ ޟިރާރެވެ.

ޑޮކްޓަރ ގާތުން މައުލޫމާތެއް ސާފުކޮށްލަން ރިޔާޒް އެއްފަރާތަކަށް ޖެހިލިއެވެ. "ޑޮކްޓަރ... އަޅުގަނޑުގެ މަންމަ ރާއްޖޭން ބޭރަށް ގެންދެވިދާނެ ތޯ؟..."

"އައިމް ސޮރީ... މިފަދަ ދަނޑިވަޅެއްގަ ޓްރެވަލް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން... ކޮންމެވެސް ވަރަކަށް ޕޭޝަންޓް ސްޓޭބަލް ވީމަ އަޅުގަނޑުމެންނަށް އެކަމަށް ހުއްދަ ދެވޭނީ.. ވީ އާ ޓްރައިންގް އަވާ ބެސްޓް... އަދި ޕޭޝަންޓްގެ ހުރިހާ ކަމެއް މޮނިޓާ ކުރަމުން މިދަނީ..." ޑޮކްޓަރު މިހެން ބުނަމުން ކުރިއަށް ހިނގައިގަތެވެ. މާޔޫސްކަމާ އެކީ ރިޔާޒް އައިސް މީރާ ގާތުގަ ހުއްޓުނެވެ.

"އަހަރެން މި ބެލީ މަންމަ ލަންކާއަށް ޓްރާންސްފާ ކުރެވޭތޯ... އެކަމަކު ޑޮކްޓަރު ބުނީ އަދި ފްލައި ނުކުރެވޭނެ ޔޯ..." ކަރު އެލުވާލައިގެން ރިޔާޒް ހުރި ގޮތް ފެނިފައި މީރާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.

ޟިރާރު އައިސީޔޫ ތެރެއިން ނުކުތް އިރު އޭނާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. މީރާ އެތެރެއަށް ވަންނަަން ދިޔުމަށް ރިޔާޒް އެދުނެވެ. އެހެންކަމުން މީރާ މަޑު ފިޔަވަޅެއްގައި ހިނގާފައި އެތެރެއަށް ވަނުމަށް ދިޔައެވެ. ބަލި އެނދުގައި އޮތް ލޯބިވާ އަނބިމީހާ މެޝިންތަކުގެ އެހީގައި އޮތް ހާލު ފެނިފައި ޟިރާރުގެ ހިތަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ. ޟިރާރަށް ހިތްވަރު ދިނުމަށް ރިޔާޒް އޭނާގެ ބައްޕަ ގާތަށް ގޮސް ހުއްޓުމަށްފަަހު ކޮނޑުގައި ހިފަހައްޓާލިއެވެ.

"އާމިނަ ރަނގަޅެއް ނުވޭ... މީ އެ ޖިންނީގެ އުނދަގޫ ދޯ... އަހަރެން ބޭނުން އަލިބެ ގެނެސްގެން މިވާ ގޮތެއްވެސް ބަލަން... މާދަމާ އަލިބެ ގެންނަމާ...އޭރުން އަލިބެ އައި.ސީ.ޔޫއަށް ވައްދައިގެން މިވާ ކަމެއްވެސް ބެލިދާނެއްނު..." ޟިރާރު ދައްކަމުން ދިޔަ ވާހަކައަށް އެއްބަސްވަމުން ރިޔާޒް އޭނާގެ ބައްޕަގެ އަތުގައި ހިފައިގެން އައިސީޔޫ ކައިރީ ހުރި ގޮނޑިބަރި ކައިރިއަށް ގެންދިޔައެވެ.

*** *** *** *** *** ***

މަންޝާގެ އަތުގައިވާ ގަނޑުކޮޅު ހިފައިގެން އައިސް އެނދު މައްޗަށް ވެއްޓިގަތުމަށްފަހު އެ ގަނޑަށް ބަލާލިއެވެ. އެ ގަނޑުގައި ލިޔެފައިވާ އަކުރުތައް ހިތުން ކިޔާލިއެވެ. ވަރަށް ތަފާތެވެ. އެއީ ރަނގަޅަށް ވިއްޔާ އެ ޒުވާނާގެ ނަމެވެ. އެ ވަގުތު މަންޝާގެ ފޯނު ރިންގްވިއެވެ. ފޯނަށް ބަލާލިއިރު އެއީ މަންޝާ ނުދަންނަ ނަންބަރެކެވެ. ފޯނަށް ހިނދުކޮޅަކަށް ބަލަން އޮވެވުނެވެ. އެންމެ ފަހުން އެ ފޯނަށް މަންޝާ ޖަވާބު ދިނެވެ.

"ހާދަ ލޯބި އަޑެކޭ.... މަންޝާތަ؟..." މަންޝާގެ ކަންފަތުގައި އެ އަޑު ޖެހުމާ އެކީ މަންޝާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އެއީ ކާކުކަން މަންޝާގެ ހިތުގެ ކަނަކުން ބުނަމުން ދިޔަ ނަމަވެސް މަންޝާގެ ނަންބަރު އޭނާ ހޯދި ގޮތާ މެދު ވިސްނާލެވުނެވެ.

"ތީ ކާކު؟...." މަންޝާ ސުވާލުކޮށްލީ އެއީ ކާކުކަން ޔަގީން ކުރާށެވެ.

"އަހަރެންމީ ކާކުކަން ހަމަ ނޭނގޭތީތަ ތި އަހަނީ... އަހަރެންނަށް އެނގޭ... މަންޝާއަށް މިހާރު މީ ކާކުކަން އެނގޭނެ... ނޫންތަ... މިރޭ ބޭރަށް ނުނިކުންނަންތަ؟...." އެ ޒުވާނާ ވާހަކަ ދެއްކީ ވަރަށް ހުށިޔާރުު ކަމާ އެކީގައެވެ. ހީވަނީ މަންޝާގެ ހިތުގެ ހުރިހާ ޝުއޫރެއް އޭނާއަށް އެނގޭ ހެންނެވެ. މަންޝާގެ ހިތް އަވަސްވެ ނޭވާ ކުރުވަމުން ދިޔައެވެ. އިރުކޮޅެއް ކުރިން ފެންވަރައިގެން ނުކުތަސް މިހާރު ދާހިއްލާ މަންޝާއަށް ހޫނު ވާން ފަށައިފިއެވެ.

"ތީ... ޒިބާންތަ؟... ކިހިނެއް މި ނަންބަރު އެނގުނީ..." މަންޝާ އޮޅުން ފިލުވަން ބޭނުންވި ސުވާލު ހާމަ ކުރިއެވެ.

"ހޫން.. މީ ޒިބާން... ދެން ނަންބަރު ހޯދަން ބޭނުންވީމަ ހޯދިދާނެ ދޯ... މަންޝާ ކީއްކޮށްލަނީ..." ޒިބާން އިތުރަށް ސުވާލު ކުރަން ފެށުމުން މަންޝާއަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވިއެވެ. ނަމަވެސް މަންޝާގެ ހިތް ބުނަމުން ދިޔައީ އިތުރަށް ޒިބާންއާ ވާހަކަ ނުދެއްކުމަށެވެ.

"ކީއްކުރަން ޒިބާން ތި ގުޅަނީ... ކޮބާ ބޭނުމަކީ... އަހަރެން މީ މީހަކާ އިނދެގެން އުޅޭ މީހެއް... ދެން އެހާ ކޮންފޮޓަބަލްއެއް ނޫން ނުދަންނަ މީހުންނާ ވާހަކަ ދައްކާކަށް... އެހެން ނޫނަސް އަހަރެންގެ އެހާ ފިރިހެން ފްރެންޑްސުން ނުތިބޭނެ...." މަންޝާ މިހެން ބުނުމާ އެކު ޒިބާން ވާހަކަ ދެއްކިއެވެ.

"އޯކޭ.. އެކަމަކު އަހަރެންނަށް މަންޝާ ވަރަށް ރީތި.. ފުރަތަމަ ފެނިލުމުން ވެސް މަންޝާ ވަރަށް ކަމުގޮއްސި.. އަހަރެންނަށް އެނގޭ މަންޝާ މެރީޑްކަން ވެސް... ދެން އެކަމަކު މަންޝާ ބޭނުން ނޫނިއްޔާ... އެހެންވީ އިރު ދެން ބޭއްވީ.. ސޮރީ ޑިސްޓަރބް ކުރެވުނީތީ..."

މަންޝާއަށް ޖަވާބެއް ދޭނެ ފުރުސަތު ނުދީ ޒިބާން ފޯނު ކަނޑާލިއެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލަން އިނުމަށް ފަހު މަންޝާ އެ ނަންބަަރު ޒިބާން ޖަހާ ސޭވް ކޮށްލިއެވެ. ރަހްމަތްތެރިކަން ބެއްވުމަކީ ކުށެއް ނޫނެވެ. ނަމަވެސް ކުއްލިއަކަށް މަންޝާގެ ހިތުގައި ހުރި ވާހަކަތައް ބުނެ ނިންމާލީ ޒިބާންގެ ހިތް ކުދިކުދި ކޮށްލަމުންނެވެ. މަންޝާއަށް ކަންތަައް ކުރެވުނު ގޮތުން އޮވެވުނީ އެކަމާ ވަރަށް ދެރަވެފައެވެ. އެކަމުން މަންޝާއަށް ވެސް ކޮންމެވެސް ވަރަކަށް އުނދަގޫ ވަމުން ދިޔައެވެ.

ބެލްކަނި ކައިރީގައި މަންޝާގެ ހަށިގަނޑާ ދިމާލަށް ބަލަހައްޓައިގެން ޒިބާން އިނީ ކަޅި ޖަހާވެސް ނުލައެވެ. ޒިބާން ކޮނޑާ ހަމައަށް އޮތް ފަން ދިގު އިސްތަށިގަނޑު ހީވަނީ ވަޔާ އެކު ވިހުރެމުން ދިޔަ އިރު ދުންގަނޑެއް ހެންނެވެ. އޭރު ޒިބާންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޒިބާންގެ ލޮލުގެ ކަޅީގެ ކުލަވަނީ ގަދަ ރަތްކުލައަކަށް ބަދަލުވެފައެވެ. އޭނާ މަންޝާ ހާސިލް ކުރަން ބޭނުމެވެ. ނަމަވެސް މަންޝާގެ ފަރާތުން ލިބުނު ޖަވާބުން ޒިބާން ހިތުގައި ޖެހިއްޖެއެވެ.

ވިސްނުމެއްގެ ތެރޭގައި މަންޝާއަށް އޮވެވުނެވެ. ޒިބާންގެ މަތިން ހަނދާންވުމުން އަނެއްކާވެސް ފޯނަށް ބަލާލެވުނެވެ. މަޑުމަޑުން ޒިބާންގެ ނަން ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. މަންޝާއަށް ޒިބާންގެ ނަންވީ ވަރަށް ތަފާތު ރީތި ނަމަކަށެވެ. ޒިބާން ހާ ޒީބާންގެ ނަންވެސް ރީތިވެއްޖެއެވެ.

މަންޝާގެ ހަރަކާތްތަކަށް ބަލަން ހުރި ޒިބާންގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. މަންޝާގެ ހިތުގައި ޒިބާންއާ ދޭތެރޭ ދެވިފައިވާ ހާއްސަ މަގާމް އޭނާއަށް ނަގައިގަނެވުނެވެ. އެކަމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. މަންޝާ ހާސިލްކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން އޭނަ އަޒުމް ކަނޑައެޅިއެވެ. މަންޝާއަކީ ރޫހީއާ ހާސްބަައި ތަފާތު އަންހެނެކެވެ. މަންޝާ ކަހަލަ އަންހެނަކު ޒިބާން ހޯދަން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

މޫސުމަށް ބަދަލު އައިސް ވާރޭ ވެހެން ފަށައިފިއެވެ. ޒިބާން އަދިވެސް ހުރީ ބެލްކަނީގައި މަންޝާ އާއި ދިމާލަށް ބަލާށެވެ. އެވަގުތު ވިދާލި ވިދުވަރާ އެކީ ބެލްކަނިން ކޮޓަރި ތެރެއަށް އަލިވެގެން ދިޔައެވެ. އެނދުމަތީގައި އޮތް މަންޝާއަށް ކޮޓަރިއަށް އަލިވި އިރު މީހެއްގެ ހިޔަނި އެނދުމައްޗަށް އެޅުނުހެން ހީވުމުން ތެދުވެ ބެލްކަންޏާ ދިމާލަށް ބަލާލިއެވެ. އެނދުމަތިން ތެދުވެގެން ބެލްކަންޏަށް ދިޔުމަށް މަންޝާ ހިނގައިގަތެވެ. ބެލްކަންޏަށް ނިކުމެ ބަލާލެވުނީ އެތާ މީހަކު ހުރިހެން މަންޝާއަށް ހީވުމުންނެވެ.

އޭރު ބެލްކަަނީގެ އެއްފަރާތުގައި މަގާ ދިމާލަށް ބަލަހައްޓައިގެން މީހަކު ހުރިތަން ފެނުނެވެ. އެމީހާ ލައިގެން ހުރީ ކަޅު ކުލައިގެ އަތް ދިގު ޓީޝާޓަކާއި ޖީންސެކެވެ. މަންޝާ ކުރިއަށް ފިޔަވަޅު އަޅާލިއެވެ.

"ކާކު... ކާކު...." ޖެހިލުންވެ ހުރެ މަންޝާ ކުރިއަށް ދިޔައީ އެމީހާގެ ފުށުން ޖަވާބެއް ނުލިބުމުންނެވެ.

(ނުނިމޭ)