އެ ދިޔައީ ކަރަންޓު ކަން އެނގުމުން އަވަސްއަވަސް ކޮށްލައިގެން މަންޝާ ފާޚާނާއިން ނިކުތެވެ. ބެލްކަނިން ކޮޓަރި ތެރެއަށް ކޮންމެވެސް ވަރެއްގެ ފަނޑު އަލިކަމެއް ހުރުމުން މަންޝާއަށް ކޮޓަރިތެރޭ އުޅެން އެނގުނެވެ. ތުވާލިން މޫނު ހިއްކާލައިގެން ބެލްކަންޏަަށް ނިކުތެވެ. މަގުމަތިން ދުއްވާފައިދާ ސައިކަލުތަކަށް ބަލަން އެހެން މަންޝާއަށް ހުރެވުނެވެ. ނަމަވެސް އެވަގުތު ހޫނުވެ ދާހިއްލަން ފެށިއެވެ. އެހެންކަމުން ނިއުޅުވާލާފައިވާ އިސްތަށިގަނޑު ވޫލް ކޮޅެއްގެ އެހީގައި އައްސާލައިގެން އަތްދަބަހާ ފޯނު ހިފައިގެން މަންޝާ ގެއިން ބޭރަށް ނިކުތެވެ.
ކޮނޑުގައި އަތްދަބަސް އަޅުވައިގެން ގެއިން ނިކުތް ގޮތަށް މަގުމައްޗަށް ނަޒަރު ހިންގާލިއެވެ. މަގުމަތީގައިވާ ހޮޅިބުރިތަކުން ވެސް އެއްވެސް އަލިކަމެއް ނުލިބެއެވެ. މަގު ދެފަރާތަށް ބަލަމުން މަންޝާ ހިނގައިގަތެވެ. ނަމަވެސް ދާންވީ ވަކި މަންޒިލެއް ނޭނގޭތީ މަގުގެ ދެފަރާތުން ހިނގާ ބިނގާވެ އުޅޭ މީހުންނަަށް ބެލެމުން ދިޔައެވެ. ހިނގަަމުން ހިނގަމުން އައިސް މަންޝާއަށް ނިކުމެވުނީ ބިސްބުރު ކައިރިއަށެވެ. އެހިސާބަށް އާދެވުނު އިރު މަންޝާ ހުރީ ވަރުބަލިވެފައެވެ. އެންމެ ކައިރިން ފެންނަން ހުރި ފިހާރައާ ދިމާލަށް ބަލާލެވުނެވެ. ވަގުތުގެ ގޮތުން އެ ފިހާރަވަނީ ބަންދުކޮށްފައެވެ.
ބިސްބުރުތެރޭގައި ހުރި ހިލަ ގޮނޑިތަކުން ގޮނޑިއެއްގައި މަންޝާ އިށީނެވެ. ދާނީ ވަކި ކޮންތަނަކަށް ބާވައޭ ހިތަށް އަރަމުން ދިޔައެވެ. ހިތުގައި އުފެދިފައިިވާ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވެފައި ހުރި ނަމަވެސް، އެ ހާލުގައި އެންމެ ގާތް އެކުވެރިޔާ ގާތަށް ދާކަށްވެސް ބޭނުމެއް ނުވިއެވެ. އެހިސާބަށް އާދެވުނު އިރު މަންޝާވަނީ ކޮންމެވެސް ވަރަކަށް ދާހިއްލާ ފޯވެފައެވެ.
އަތް ދަބަސް ހުޅުވާލުމަށްފަހު ދަބަސްތެރެ ހާވާލީ ޓިޝޫއެއް ހޯދާލުމަށެވެ. ކަނޑާފައި އޮތް ކުޑަަ ޓިޝޫ ޕެކެޓުން ޓިޝޫއެއް ނަގާ ނިތްކުރިމަތިން ހިއްލާފައިވާ އޮއްދާތައް ހިއްކާލުމަށް ނިތްކުރީގައި ޓީޝޫ ޖައްސާލިއެވެ. އެ ވަގުތު ދަބަސްތެރޭގައި ފަތް ޖަހާފައި އޮތް ގަނޑުކޮޅު ފެނުމުން އެ ގަނޑުކޮޅު ނަގާ ނިއުޅުވާލިއެވެ.
އެތައް އުންމީދުތަކަކަށް ފަހު މަންޝާ ހެދި ޓެސްޓުގެ ރިޕޯޓުން އޭނާގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. ޒުހާ ކައިރިއަށް ދާން ބޭނުންނުވީވެސް އިތުރަށް ހިތްދަތިވެ ޒުހާއަށް ލިބިފައިވާ އުފާވެރި ދިރިއުޅުމާ މެދު ހަސަދަވެރި ނަޒަރަކުން ބެލިދާާނެތީއެވެ. ރިޕޯޓުގައި ލިޔެފައިވާ އަކުރުތަކަށް ބަލަންހުރި މަންޝާގެ ލޯ ފުސްވަމުން ދިޔައެވެ.
އެހާ ބޮޑު އުންމީދަކާ އެކީ ކޮންމެ ފަހަރު ޑޮކްޓަރުން ދޭ އިރުޝާދާ އެއްގޮތަށް ކަންތައް ކުރަމުން ދިޔައީ އެދެމަފިރިންގެ ލޯބީގެ ނިޝާނެއް މި ދުނިޔެއަށް ގެނެވޭތޯއެވެ. އަޒީމް މިރިޕޯޓް ނަގައިގެން އައި ވަގުތަކީ މަންޝާގެ މަންމަ މަންޝާއަށް ގުޅުމުން އެކަމާ އިންތިހާއަަށް އުފާވެފައި ހުރި ވަގުތެކެވެ. އެ ދަނޑިވަޅުގައި އަޒީމް އެ ވާހަކަ ނުބުނެ ސިއްރުކޮށްގެން ހުރީ މަންޝާ ރޮއި ހިތާމަ ކުރަން ބޭނުން ނުވާތީއެވެ.
ދެލޮލުން ހިފެހެއްޓުމެއް ނެތި އޮހެމުން ދިޔަ ކަރުނަތައް ހުއްޓުވަން މަންޝާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހިތް ފުރެންދެން ރޯން އެތާ އިނީއެވެ. ކައިރިން މީހަކު ގޮވާލި އަޑަށް މަންޝާ ފަހަތަށް އެނބުރި ބަލާލިއެވެ. އެއީ ވަރަށް ރީތި ފިރިހެންވަންތަ ބަރު އަޑެކެވެ.
ލުއި ހިނިތުންވުމަކާ އެކީ ހުރި ރީތި ޒުވާން ފިރިހެނެކެވެ. މަންޝާގެ އަތުގައި އޮތް ޓިޝޫކޮޅުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ރަނގަޅަށް އެޒަވާނާއަށް ބަލާލިއެވެ. އެއީ މަންޝާއާ ހޮސްޕިޓަލުން ދިމާވި ޒުވާނާއެވެ. އެނާ ލައިގެންހުރި އަތްދިގު ޓީޝާޓުގެ އަތުކުރި މައްޗަށް އަރުވާލަމުން މަންޝާގެ މަގަތުގައި އިށީނަސް ހެޔޮތޯ އަހާލިއެވެ. މަންޝާ އެންމެ ރަނގަޅޭ ބުނެ އެތަނުގައި ބައިންދާފަ އިން ދަބަސް ނަގާ މަންޝާގެ އުނގުތެރެއަށް ލިއެވެ.
"ސުވާލެއް ކޮށްލަންތަ؟... ކީއްވެ މިތާ ތީނީ... އަދި އެވެސް އެކަނިމާ އެކަނި..." މަންޝާއާ ދިމާލަށް އެނބުރިލަމުން އެ ޒުވާނާ ވާހަކަ ދެއްކީ މަޑުމައިތރި ކަމާ އެކީގައެވެ.
"ކަމެއް ނުވޭ މިދެން ހަމަ އިނީ... ކަރަންޓް ދިޔައިމަ ގެއިން ބޭރަށް ނިކުތީ... އެކަނި ގޭގަ އިންނަަން ނުކެރޭތީ... ދެން މިހިސާބަށް އައިސް މިތާ މަޑުކޮށްލީ...." މަންޝާ ވާހަކަ ދައްކަމުން އޭނާގެ ދަބަސްތެރެ ހާވާލީ ފޯނު އަތު ޖެހޭތޯއެވެ. އެވަގުތު މަންޝާގެ ހިތަށް އުނދަގޫވިއެވެ. މިޒުވާނާ އައިސް އަމިއްލައަށް އިސްނަގައިގެން ވާހަކަ ދެއްކީމާ މަންޝާ ލަދުގަންނަ ގޮތްވިއެވެ. ނަމަވެސް މަންޝާ އޭނާގެ ހިއްސުތައް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.
"އެކަމަކު.... އަަންހެން ކުއްޖަކު އައިސް މަޑުކުރާކަށް މީ އެހާ ރަނގަޅު ތަނެއް ނޫން... މިހިސާބަކީ ހެސް ކިޔާފަ ޕާޓޭން އުޅޭ ހިސާބެއް... އެހެންވެ މިއަހާލީވެސްް މިތާ ކީއްހޭ ތިކުރަނީ..." އަތުގެ އިނގިލިތަކުން އޭނާގެ ފަން އިސްތަށިކޮޅުގައި އަތް ހާކާލަމުން ވާހަކަ ދެއްކިއިރު އެ ފިރިހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ މަންޝާގެ އަތުގައި އޮތް ކަރުދާހަށެވެ.
"އެހެންތަ؟... ދެން ތީވެސް ތިބުނާ ކަހަލަ މިހިސާބުގަ އުޅޭ ޕާޓޭއެއްތަ؟..." މަންޝާ ހިނިތުންވާން މަސައްކަތް ކޮށްލަމުން ވާހަކަ ދެއްކިއެވެ.
"ވެދާނެ.. މީހެއްގެ ގޮތެއް ނޭނގޭނެ... އަހަރެން ތީނަ ދުށިން... ހޮސްޕިޓަލުން ވެސް...އަދި..." އެ ފިރިހެން ކުއްޖާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަންޝާ ވާހަކަ ދައްކަން ފެއްޓިއެވެ. "ހޫން... އަހަރެން ގޭކައިރިންވެސް ދުށިން..."
" ހުން... އެހެންވިއްޔާ ބުނެބަލަ... ކޮންކަމަކާ ތި ރޮއެ ހިތާމަ ކުރަނީ.. އަނެއްކާ ބިޓު ކެޓީތަ؟..." ކުރިއަށްވުރެ ބޮޑަށް ހިނިތުންވެ އަނގައިގަހުރި ހުދު ދަތްތައް ފާޅުކުރަމުން އެ ޒުވާނާ މަންޝާއާ ސުވާލުކޮށްލިއެވެ.
"ބިޓެއް ނުހުރޭ... ފިރިއެއް ހުންނަނީ... އޭނަޔާ ގުޅުން ހުރި ކަމަކާ ނޫން މި ރޮނީ... މި ރޮނީ އަހަރެންގެ ހުރި އުނި ކަމަކުން... ދެން ދަނީ އިނގޭ...." އެ ފިރިހެން ކުއްޖާއާ އެކު ހޭދަކުރެވުނު ކުޑަ ވަގުތުކޮޅުން ވެސް އޭނާގެ ރީތިކަން މަންޝާއަށް ފެންނަމުން ދިޔައެވެ. އެކަމާ މަންޝާއަށް ވަރަށް އުނދަގޫ ވިއެވެ. އެހެންކަމުން އަވަހަށް އެތަނުން ދިޔުމަށް އެ ހިލަ ގޮނޑިމަތިން މަންޝާ ތެދުވެ ކުރިއަށް ހިނގައިގަތީ އަތްދަބަސް ކޮނޑުގައި އަޅުވަމުންނެވެ.
"އޭ... އާމިނަތު މަންޝާ.... މަޑުކޮށްބަލަ..." އެފިރިހެން ކުއްޖާ އެއްލި އަތުން މަންޝާގެ ކޮނޑުމަތީގައި އިނގިލިތައް ޖެހުނެވެ. މަންޝާ ފަސްއެނބުރި ބަލާލީ ހައިރާންކަމާ އެކުގައެވެ.
"ކީކޭ... އަހަރެން އަދި ތީނަ ގާތުގަ އަހަރެންގެ ނަމެއް ނުބުނަން ދޯ... ކިހިނެއް އަހަރެންގެ ނަން އެނގުނީ؟... ހޮސްޕިޓަލުން ދިމާވިފަހުން މަށަށް ފާރަލަނީދޯ...." މަންޝާ ކުރި ސުވާލަށް ޖަވާބެއް ނުދީ އެ ފިރިހެން މީހާ އޭނާގެ އަތަށް ކަރުދާސް ގަނޑެއް ދިއްކޮށްލިއެވެ. "މީ ހާދަ ފޮނި މީހެކޭ ދޯ..." ހިތާހިތުން މަންޝާއަށް ބުނެވުނެވެ. ޖިންސުގެ ދެޖީބަށް އަތް ޖަހާލަމުން ބިސްބުރުން ބޭރަށް ނިކުތުމަށް އެ ޒުވާނާ ހިނގައިގަތީ މަންޝާ ކުރި ސުވާލުތަކަށް ޖަވާބު ނުދީއެވެ.
ހައިރާންކަަމާ އެކު އެ މީހާ ދިޔަ ދިމާލަށް ބަލަންހުރުމަށްފަހު އޭނާ ދިން ގަނޑަށް މަންޝާ ބަލާލިއެވެ. އެއީ މަންޝާ ބަނޑުބޮޑުތޯ ބަލަން ހެދި ލޭގެ ޓެސްޓުގެ ނަތީޖާ ކަރުދާހެވެ. އޭނާއަށް މަންޝާގެ ނަމުން ގޮވާލަން އެނގުނީ އެ ކަރުދާހުގެ މަތީގައި މަންޝާގެ ނަން ޖަހާފައި ވުމުންކަން މަންޝާއަށް އެނގުނެވެ.
އެއަށްފަހު އެ ޓެސްޓުގެ ނަތީޖާގައި 'ނެގެޓިވް' ޖަހާފައިިވާ ތަނަަށް މަންޘާގެ ސަމާލުކަން ހުއްޓުނެވެ. ހީވީ ހިތަށް ތޫނު ހަންޖަރެއް ހަރާލިހެންނެވެ. މަންޝާ އެ ގަނޑު މުށުތެރެއަށް ބޮނޑި ކޮށްލިއެވެ. ދެ ތުންފަތް ފިއްތާލީ އަނެއްކާ ރޮވިދާނެތީއެވެ. ދެން ދަރިއަކު ހޯދާނެކަމެއް ނެތޭ ހިތަށް އެރިއެވެ. މަންމައަކަށް ވުމުގެ ނަސީބު މަންޝާއަށް ލިބިފައި ނުވަނީކަން މަންޝާގެ ހިތް ގަބޫލު ކުރިއެވެ. އަދި ބޮނޑިކޮށްފައިވާ އެ ގަނޑު އަނބުރާ އަތްދަބަހަށް ލިއެވެ. އެވަގުތު މަގުމަތީގައި ހުރި ހޮޅިބުރިތަކަށް އަލިކަން ލިބިގެން ދިޔައެވެ. އެހެންކަމުން މަންޝާގެ ފިޔަވަޅު އަވަސްކޮށްލީ ގެއާ ދިމާލަށެވެ.
*** *** *** *** *** ***
ޒިމާމް ކޮޓަރިއަށް ވަނުމާ އެކީ ރޫހީގެ ފުސްމޫނު ދައްކާ ހަޅޭއްލަވަން ފެށިއެވެ. އެހެންކަމުން އެތަނުން ޒިމާމް ފޮނުވާލިއެވެ. ޒިމާމް ހޮސްޕިޓަލުން ދިޔައީ ދާ ހިތަކުން ނޫނެވެ. ނަމަވެސް އެއީ މިވަގުތަށް ރޫހީއަށް އެންމެ ރަނގަޅު ގޮތްކަން އޭނާއަށް ވިސްނުނީ ރިޔާޒް ދެއްކި ވާހަކައިންނެވެ.
ރިޔާޒް ބޭނުންވީ މާލޭ ހޮސްޕިޓަލަކަށް ރޫހީ ބަދަލު ކުރާށެވެ. އެހެންކަމުން މާލެއަށް އެންމެން ގޮވައިގެން ދިޔުމަށް ޓިކެޓް ހަމަޖެއްސުމުގައި ރިޔާޒް އުޅުނެވެ. އެކަން ރޫހީއަށް އެނގުމުން ރިޔާޒްގެ އަތުގައި ހިފާ އެތައް އާދޭހެއް ކުރަމުން ދިޔައެވެ.
"ދޮންބޭ... ނޫން... އަހަރެން މާލެ ނުދާނަން... ގޮއްސިއްޔާ އޭނަ ރުޅިއަންނާނެ... ދޮންބޭ.... އަހަރެން ރަށުގަ ބަހައްޓާ..."
ރޫހީ ކުރަމުން ދިޔަ އާދެހުގައި މީހަކު ރުޅިއަންނާނެ ވާހަކަ ބުނުމުން ރިޔާޒަށް ހައިރާންކަމެއް ލިބުނެވެ. ޒިމާމް ދެއްކި ވާހަކަ ހަނދާންވުމުންނާ އެކު ރިޔާޒް އޭނާގެ ކޮއްކޮގެ ފަރާތުން އެތައް ސުވާލުތަކެއްގެ ޖަވާބު ހޯދަން ބޭނުންވިއެވެ.
"ރޫހީ... ކާކު ރުޅިއަންނާނެ ވާހަކައެއް ތި ދައްކަނީ... ރޫހީ މާލެ ދިޔައިމަ ރުޅިއަންނާނެ ކާކު ހުންނާނީ... މަންމައާ ބައްޕައާ އެކީ ގައޭ ދާނީ...."
ރިޔާޒް ކުރި ސުވާލަށް ރޫހީގެ ފަރާތުން ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. އެތައް ފަހަރަކު އެތައް ގޮތަކަށް ސުވާލު ކުރުމުންވެސް ރޫހީގެ އަގައިން އެއްވެސް ބަހެއް ބޭރު ނުކުރިއެވެ.
ޖެހިގެން އައި ދުވަހު ރޫހީ މާލެއަށް ބަދަލު ކުރަން މަސައްކަތް ކުރީ ހޮސްޕިޓަލްގެ ފަރާތުން ނަރުހަކާއި ޑޮކްޓަރެއްގެ އެހީގައެވެ. ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވައިގެން ފްލައިޓުގަ ރޫހީ ގޮވައިގެން މަތިން ދަތުރުކޮށްފައި މާލެ އައިސް އައި.ޖީ.އެމް.އެޗް ގައި އެނދުމަތި ކުރެވުނެވެ.
މާލެ އައިސް ހަމަޖެހުނުތަނާހެން ލިބުނު ޚަބަރަކީ ރިޔާޒްމެން ސިއްސުވާލި ޚަބަރެކެވެ. އެއީ ރޫހީ މާލެ އައި ތަނާ ޒިމާމް ހިތަދޫއިން ގެއްލުނު ޚަބަރެވެ. ފާތުމައްތަ އެ ޚަބަރު ދިނުމުގެ ކުރިން ނިދާފައި އޮވެ ރޫހީ ދައްކަމުން ދިޔަ ވާހަކައިން ޒިމާމް ގެއްލިގެން އުޅޭކަން ރިޔާޒް މެންނަށް އެނގުނެވެ. ނަމަވެސް އެއީ ރޫހީއަށް ފެނުނު ހުވަފެނަކުން ދެއްކި ވާހަކައެއްކަމަށް ނިންމައިގެން ހުއްޓާ ފާތުމައްތަ ގުޅާފައި އެޚަބަރު ދިނުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ.
ޒިމާމް ގެއްލުނުތާ ތިންދުވަސް ފަހުން އޭނާ ފެނުނީ ހިތަދޫގެ ވަލުތެރޭގައި މަރުވެފައި އޮއްވައެވެ. ވަރަށް އިހާނެތި ގޮތަކަށް މަރާލާފައި އޮތް ފުރާވަރުގެ ޒިމާމް ފެނުމުން މުޅި ރާއްޖެވަ ނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޒިމާމްގެ މަރު ފުލުހުން ތަޙްޤީގް ކުރަމުން ދިޔަ ނަމަވެސް ރޫހީ ދައްކަމުން ދިޔަ ވާހަކަތަކުން ޒިމާމްގެ މަރާ ގުޅިފައި ވަނީ ރޫހާނީ ކޮންމެވެސް އެއްޗެއްގެ އަތެއްކަން ޟިރާރުމެންނަށް އެނގިގެން ދިޔައެވެ.
އެހެންކަމުން މިފަދަ ކަންކަމަށް ވަރަށް މޮޅު މީހެއް ކަމަށްވާ އަލިބެއަށް ގުޅައިގެން އޭނާ ގެނެވޭތޯ މަސައްކަތް ފެށިއެވެ. އެ ދުވަސްކޮޅަކީ އަލިބެ އެހެން މީހަކަށް ފަރުވާ ދިނުމުގައި އަވަތިނެތި އުޅުނު ދުވަސްކޮޅެއް ކަމުން އަލިބެ މާލެ އަންނަން ހަފުތާއެއްވަރު ނެގިއެވެ. ދުވަހެއް ދުވަހަކަށް ރޫހީގެ ހާލު ގޯސްވަމުން ދިޔައެވެ. މިކަމުގައި ޟިރާރުމެންނަށް އެހީވާނެ އެހެން ފަރާތެއް ވޭތޯ ބަލަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ.
އަލިބެ މާލެ އައިސް ރޫހީއަށް އެހީވުމަށް އެއްބަސްވުމުން ރިޔާޒް އަލިބެ ބަލާ އޭނާ ދިރިއުޅޭ ގޭދޮށަށް ދިޔައެވެ. އަލިބެއާ އެކީ ހޮސްޕިޓަލަށް އައި މަގުމަތީގައި ރިޔާޒާ ވަރަށް ގިނަ ވާހަކަތައް އަލިބެ ހިއްސާކުރިއެވެ. މިފަދަ ކަންތައްތަކަކީ ވަރަށް އުނދަގުލުން ވާނެ ކަންތައްތައް ކަމާއި އާއިލާއިން އެންމެންވެސް ކެތްތެރިވާން ޖެހޭނެކަމެވެ.
އަލިބެ ރޫހީ ގާތަށް އައިސް ކިޔަވާ ހެދުމަށްފަހު ރޫހީގެ ހަށިގަނޑުގައި ބާރު ފޯރުވަމުންދާ ޖިންނި އޭނާގެ ގައިން ނެރެ ކޮޓަރިން ބޭރުކުރިއެވެ. އަދި އެ ކޮޓަރީގެ ދޮރު ނުހުޅުވުމަށް ނަސޭހަތްތެރިވެފައި ރިޔާޒާ ޟިރާރާ އެކީ ނަމާދަށް ދިޔައެވެ. ނަމަވެސް އެމީހުން ނަމާދުން ފައިބައިގެން ރޫހީ ގާތަށް އައި އިރު ރޫހީ މިވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ.
މި ޚަބަރާ އެކީ އާމިނަ ހޭނެތުމުން އެކަމާ އަލިބެ ވަރަށް ކަންބޮޑުވިއެވެ. ސަބަބަކީ އެފަދަ ގޮތަކަށް އަޅައިގަނެގެން އުޅޭ ޖިންނީން އެމީހުންގެ ހަށިގަނޑު ދޫކޮށްލުމަށްފަހު އާއިލާ އެހެންމީހެއްގެ ފަހަތު އަޅުވާލާތީއެވެ. އާމިނަގެ ހާލު ސީރިއަސްވަމުން ގޮސް މިހާރު އާމިނަ ވަނީ އައި.ސީ.ޔޫގައެވެ. އެމީހުން ބޭނުންހާ ކިޔެވެލި ކިޔަވަން އެތަނަށް ވަނުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
*** *** *** *** *** ***
ގެއަށް ކަރަންޓް އައި އިރުވެސް ރިޔާޒް އިނީ ބެލްކަނީގައި ހުރި ކުޑަ އުނދޯލީގައި އިށީނދެގެން މަޑުމަޑުން ހެއްލާލަ ހެއްލާލައެވެ. ސިނގިރޭޓަކު ފުލު ސިނގިރޭޓެއް ބޯލަބޯލާ އިނީ ފިކުރު ބޮޑުވެފައެވެ. ރޫހީއަށް ދިމާވި ކަންތައް އަދިވެސް ރިޔާޒްގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އަނެއްކާ މިހާރު އެ ޖިންނީގެ އުނދަގޫ އޭނާގެ މަންމައަށް ޖެހުނީ ބާވައޭ ހިތަށް އެރިއެވެ.
ސިހިފައި ރިޔާޒަށް ބަލާލެވުނީ ބެލްކަނި ދޮރު ކައިރިއަށް އައިސް ހުއްޓުނު މީރާ ފެނުމުންނެވެ. ރަތްކުލައިގެ ޓޮޕެއްލައިގެން ހުރި މީރާ ފެނުމުން ރިޔާޒަށް ކޮންމެވެސް ވަރަކަށް ހައިރާންކަމެއް ލިބުނެވެ. ސަބަބަކީ މީރާ އެ ގެއިން ނިކުމެގެން ދިޔަ އިރު ލައިގެން ހުރީ ކަޅު ކުލައިިގެ މައްޗެކެވެ.
"ރިޔާ.... ހާދަވަރަކަށް ތި ސިނގިރޭޓު ބޮނީ.... ހިނގާ ކާން... އަހަރެން މިއައީ ފްރައިޑް ރައިސް ހިފައިގެން..." މީރާ ފަސް އެނބުރި ބަދިގެ ތެރެއަށް ވަނުމަށް ހިނގައިގަތެވެ. ރިޔާޒް އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އަނެއްކާ އެއީ މީރާ ކަމާ މެދު އޭނާއަށް ޝައްކު އުފެދުނެވެ. މީރާ އެ އެޕާޓްމަންޓަށް ވަނީ ކޮންއިރަކު ހެއްޔެވެ. މީރާ އައިކަމެއް ރިޔާޒަކަށް ނޭނގެއެވެ.
މޭޒުމައްޗަށް ކާން ހެދުމަށްފަހު މީރާ ގޮވާލިއެވެ. "ރިޔާ... އާދޭ ކާން.... އަހަރެން މިއަންނަނީ ފްރެޝް ވެލައިގެން..."
ރިޔާޒް ގޭތެރެއަށް ވަނީ މީރާ ކޮޓަރިއަށް ވަންނަހާ އިރު ކޮށްފައެވެ. އޭރު ކާމޭޒުމަތީގައި ދެމީހުންނަށް ކާން ހަދާފައި ހުއްޓެވެ. އައިސް-އަލަމާރި ތެރެއިން އެކްސް-އެލް ދަޅެއް ނަގައިގެން ސޯފާ މަތީގައި ފަތުރާލާފަ އޮތް ރިޔާޒްގެ ޓީޝާޓް ބޮލަށް މަހާލިއެވެ. ކާ މޭޒުމަތީގައި އޮތް ތަޅުދަނޑިފަތި ނަގައިގެން ރިޔާޒް މަޑު ފިޔަވަޅުތަކެއްގައި އެ އެޕާޓްމަންޓުން ނިކުތީ ސިއްރުސިއްރުންނެވެ.
*** *** *** *** *** ***
އާ ދުވަހަކަށް އިރު އަރައިފިއެވެ. މަންޝާއަށް އޮތީ ގަދަ ނިދީގައެވެ. އިވުނު ގަދަ އަޑު ފައްގަނޑަކުން މަންޝާއަށް ފުންމައިގެން ތެދުވެ އެނދުމަތީގައި އިށީނދެ އަޑު އައި ދިމާލަށް ބަލާލިއެވެ. އޭރު އަޒީމް ހުރީ އަލަމާރިމަތީގައި ހުރި ފޮށިިގަނޑެއް ނަގާށެވެ. އެ ފޮށިގަނޑު މަތީގައި ބާއްވާފައި އޮތް އެއްޗެއް ބިންމައްޗަށް ވެއްޓުނު އަޑުކަން މަންޝާއަށް އެނގުމުން ޗުސް ކަނޑާލިއެވެ.
"ކޯއްޗެއް ތި ހާވަނީ؟... އާދޭ ނިދަން..." މަންޝާ އަނެއްކާވެސް އެނދުގައި އޮށޯތެވެ. ބަނޑުދަށަށް ބާލީހެއް ލާ ހަތަރެސް ފައިން އެ ބާލީހުގައި ބާރަށް ބައްދާލިއެވެ.
"މިއުޅެނީ އޮފީސް ކުދިންތަކެއް މަހަށް ދާން އުޅޭތީ އަހަރެން އަތުގައި ހުރި ކަންވާރު ރޯލްތަކާއި ބުޅިތައް ދޭންވެގެންް....” އެ ފޮށިގަނޑު ތިރިކުރުމަށްފަހު ޓައިލްސްތައް މަތީ ބެހެއްޓިއެވެ. އަދި އެ ފޮށިގަނޑު ހުޅުވާލުމަށްފަހު ހާވަން ފެށިއެވެ.
"އެކަމަކު އަޒީމް... ތީގަ ހުސް ހިރަފުސް ހުންނާނީ... މުޅި ކޮޓަރިއަކަށްނު ހިރަފުސްތައް އެޅޭނީ..." މަންޝާ ޝަކުވާ ކުރަމުން އެނދުން ފޭބީ އަޒީމަަށް އެހީވާށެވެ.
"އަހަރެން ސާފުކޮށްލަފާނަން... މަންޝާ ސައިބޯން ހެދިކާ ކޮޅެއް ގެނެސްދިނިން... ހުންނާނެ ބަދިގެ މޭޒުމަތީގަ...." ފޮށިގަނޑު ތެރެއިން އަޒީމް ބޭނުންވި ސާމަނުތައް ނެގުމަށްފަހު އަނބުރާ އެ ފޮށިގަނޑު ހުރިތަނަށް ލިއެވެ. އަދި ފިހިގަނޑާއި ޖަސްތުގަނޑު ހިފައިގެން އައިސް ފޮށިގަނޑު ބެހެއްޓި ދިމާ ފޮޅާ ސާފުކޮށްލިއެވެ. އަޒީމް އެތަން ސާފުކުރާ ތަނަށް ބަލަން ހުރުމަށްފަހު މަންޝާ އަވަސްވެގަތީ ފާޚާާނާއަށް ވަދެ ފެންވަރާލާށެވެ. އެހެންކަމުން ތުވާލި ހިފައިގެން ފާޚާނާއަށް ވަނެއެވެ.
ރޭގަ ކަރަންޓް އައިފަހުން ގެއަށް އައިސް ފޯނާ ކުޅެން އޮވެފައި މަންޝާއަށް ނިދަން އޮށޯވެވުނީ ހެދުންވެސް ބަދަލު ނުކޮށެވެ. އާންމުކޮށް ފެންވަރައިގެން ނިދާ މަންޝާއަށް ފެންވަރަން ވެސް ބޭނުން ނުވާވަރަށް ކަންނެތް ވެފައި ވުމުން އަވަހަށް ނިދީއެވެ.
ކުނިތައް ނަގައިގެން ކުނި ވަށިގަނޑަށް އަޅަަން ބަދިގެއާ ދިމާލަށް ދިޔަ އަޒީމްގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ކަރުދާސް ގަނޑެވެ. އެގަނޑު ނިއުޅުވާލުމަށްފަހު ބަލާލިއެވެ. އެއީ މަންޝާގެ ލޭގެ ރިޕޯޓްތަކުގެ ނަތީޖާއެވެ. މަންޝާއަށް ނުދައްކަން ފޮރުވައިގެން ހުރި އެ ރިޕޯޓް މަންޝާއަށް ފެނިއްޖެކަަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން މަންޝާ ކޮށްފާނެ ސުވާލުތަކާ މެދު އަޒީމް ވިސްނާލިއެވެ.
ކޮޓަރި ތެރެއިން މަންޝާގެ ފޯނު ރިންގްވާ އަޑު އިވުނެވެ. އަޒީމް ކޮޓަރިއަށް ވަދެ ފޯނަށް ބަލާލިއިރު އެ ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އަޒީމް އެ ފޯނަށް ޖަވާބު ނުދީ ފޯނު ސައިލެންޓަށް ލިއެވެ. އަނެއްކާވެސް އެ ފޯނު ރިންގް ވާން ފެށިއެވެ. އެހެންކަމުން މިފަހަރު އެ ކޯލަށް އަޒީމް ޖަވާބު ދިނެވެ.
"ހަލޯ..." އަޒީމް ކަންފަތުގައި ފޯނު ޖަހާލިއެވެ. އެ ވަގުތު އެކޮޅުން ޖަވާބުގައި ހަލޯއޭ ބުނި އަޑަކީ ބޮޑު ފިރިހެނެއްގެ އަޑެވެ. އަޒީމަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. މަންޝާގެ ނަންބަރަށް ނުދަންނަ ނަންބަރަކުން އެ ގުޅަނީ ކާކުތޯ ހިތުގައި ސުވާލު އުފެދުނެވެ.
"ކޮން ބޭފުޅެއްތޯ؟..." ގޮތް ނޭނގޭ މީހެއް ކަމުން އަޒީމް ވާހަކަ ދެއްކީ މާތް ބަހުންނެވެ.
"ހަލޯ.... މަންޝާ އެބައުޅޭތަ... އަޒީމުތަ؟..." އެކޮޅުން ސުވާލު ކުރިގޮތުން އެއީ މަންޝާ ވަރަށް ރަނގަޅަށް ދަންނަ މީހެއްކަން އަޒީމަށް އެނގުނެވެ.
"މަންޝާ ވީ ފާޚާނާގައި... އާން... މީ އަޒީމް... ކާކުބާ... ނޭނގުނު ތީ ކާކުކަމެއް؟..." އަޒީމް ފޯނަށް ވާހަކަ ދައްކަމުން ސިޓިންގް ރޫމަށް ނިކުުތީ އެގޭ ދޮރުގައި މީހަކު ޓަކިޖަހާ އަޑު އިވުމުންނެވެ.
ފާޚާނާއިން ނިކުތް މަންޝާ އަވަސް ވެގަތީ ރީތިވާ މޭޒުދޮށަށެވެ. ލޯޝަން ފުޅިން އެތިކޮޅެއް އަތަށް އަޅާލުމަށްފަހު ދެއަތުގައި ހާކާލާ، މުޅި ހަށިގަނޑުގައި ލޯޝަން އުނގުޅާލިއެވެ. އޭރު މަންޝާ ހުރީ ގައިވަށާ ތުވާލި އޮޅައިގެންނެވެ. ކުއްލިއަކަށް ކޮނޑުމައްޗާ ހަމައިގައި އަތް ހާކާލެވުނު އިރު ކުޑަކޮށް ދިލަނަގާ ގޮތްވިއެވެ. ރީތިވާ މޭޒު ދޮށުގައި ހުރި ލޯގަނޑުން ކޮނޑުމަތި ބަލާލީ ރީތިކޮށް ފެންނާނެކަން އިނގޭތީއެވެ.
މަންޝާގެ ހަމުގެ ކުލައަށް ވުރެއް ގަދަކޮށް އަނދާފަ ކަހަލަ ގޮތަކަށް ހުރި ތިން ތަނެއް ހުއްޓެވެ. ވަށްކޮށް ގާތް ގާތުގައި ހުރި މިތަނަކީ ކިހިނެއް ވެފަ ހުރި ތަނެއްކަން މަންޝާއަކަށް ނޭނގުނެވެ. ލާން ނަގާފައި އޮތް ޓީޝާޓާއި ޝޯޓުބުރި ލުމަށްފަހު ކޮޓަރިން ބޭރަށް ނިކުތީ ސައިބޯށެވެ.
އޭރު އަޒީމް ހުރީ އެޕާޓްމަންޓަށް ވަންނަ ދޮރު ކައިރީގައި ފޯނުން މީހަކާ ވާހަކަ ދައްކާށެވެ. "މިގެއަށް ކިޔަނީ މ. ރެޑްލައިޓް... އެނގިއްޖެދޯ މިގެ ހުންނަތަން...." އަޒީމް އެންމެ ފަހުން ބުނި ޖުމްލަ މަންޝާއަށް ވަރަށް ސާފުކޮށް އަޑު އިވުނެވެ.
ފެން ހޫނު ކުރަން ޖެއްސުމަށްފަހު ކޮތަޅުގައި ހުރި ހެދިކާތައް ތައްޓަކަށް އަޅަންހުއްޓާ މަންޝާގެ ފޯނު ގެނެސް މޭޒުމަތީ ބޭއްވުމަށްފަހު އަޒީމް ކޮޓަރި ތެރެއަށް ހިނގައިގަތެވެ. ފޯނު ނަގާ ކޯލް ލިސްޓު ބަލާލީ އަޒީމް ދެންމެ ވާހަކަ ދެއްކީ ކާކާތޯ ބަލާށެވެ. ކޯލް ލިސްޓުގައިވާ ނަންބަރަކީ މަންޝާވެސް ދަންނަ ނަންބަރެއް ނޫނެވެ. ނަމަވެސް އެ ކޯލަކީ އިންކަމިންގް ކޯލެއް ކަމުން މަންޝާ ކޮޓަރިއަށް ދިޔައީ އެ ގުޅި މީހަކު އަޒީމް ގާތުން އޮޅުން ފިލުވާށެވެ.
"ދެންމެ އެ ގުޅީ ކާކު؟..." ކޮޓަރިތެރެއަށް ބޯދިއްކޮށްލަމުން މަންޝާ އަހާލިއެވެ.
ހެނދުން ބަދަލުކުރަން ހުރި އަޒީމް ޖަވާބުދިނެވެ. "ދެންމެ އެ ގުޅީ ހަސަންބެ...."
އެ ވަގުތު މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
(ނުނިމޭ)