މާ ގިނަ އިރުތަކެއް ނުވެއެވެ. މީރާ ފާޚާނާއިން ނުކުތެވެ. އަނެއްކާވެސް ރިޔާޒް އެނާގެ އެސްފިޔަތައް ލައްޕާލީ ނިދާކަމަށް ހަދާށެވެ. މީރާ ރީތި ވެލިއެވެ. އަދި ފޯނުން ނަންބަރަކަށް ގުޅާލުމަށްފަހު ވާހަކަ ދެއްކިއެވެ.

"މަންމާ... ކޮންތާކު؟... ރިޔާޒް ނިދާފަ އޮތީ... އޯކޭ އަހަރެން މިދަނީ ޓެކްސީއެއްގަ..."

އެފޯނު ކޯލު ކަނޑާލުމަށްފަހު މީރާ އަނެއްކާވެސް ފޯނުން އެހެން ނަންބަރަކަށް ގުޅާލިއެވެ. އަލަމާރި ތެރެއިން އަތް ދަބަސް ނަގައިގެން އައިސް ޑްރެސިންގް ޓޭބަލް ކުރިމަތީ ހުއްޓުމަށްފަަހު ލޯގަނޑުން ފަރިބަލާލިއެވެ.

"ހަލޯ، ޓެކްސީއެއް ލިބިދާނެތޯ.... ސިންދިތާ ސޯސަންމަގު..." މީރާގެ ކަންފަތުން ފޯނު ދުރުކޮށްލަމުން އެ ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕާލީ ރިޔާޒަށް ހޭލެވިދާނެތީއެވެ.

މީރާ ކޮޓަރިން ނިކުތުމުން ރިޔާޒް ދެލޯ ހުޅުވާލިއެވެ. އަދި މީރާއަށް ގެއިން ބޭރަށް ނުކުމެވެންދެން އެނދުގައި މަޑުކޮށްލިއެވެ.

އެއަށްފަހު އެނދުމަތިން ތެދުވެގެން ކޮޓަރިން ބޭރަށް ނިކުމެ ސިޓިންގް ރޫމުގައިވާ ބެލްކަނި ކައިރިއަށް ދަމުން އައިސް-އަލަމާރި މަތީގައި އޮތް ސިނގިރޭޓް ފޮއްޓާއި ލައިޓަރު ރިޔާޒް ނެގިއެވެ. ބެލްކަންޏަށް ނިކުމެ ތުނބުގައި ސިނގިރޭޓް ޖަހާލުމަށްފަހު ލައިޓަރުން އެ ރޯ ކޮށްލިއެވެ. ސިނގިރޭޓުގެ ދުންތައް އެތެރެއަށް ދަމާލުމަށްފަހު ސިނގިރޭޓު ބުރި ތުނބުން ވަކިކޮށްލަމުން ނޭފަތް މެދުވެރިކޮށް އެ ދުންތައް ބޭރުކޮށްލިއެވެ. ދެވަނަ ފަހަރަށް ސިނގިރޭޓް ތުނބުގައި ޖަހަމުން ބެލްކަނިން ބޭރު ބަލާލިއެވެ. ފަސްވަނަ ބުރީގައި ހުރެފައި ބެލްކަނިން ތިރިއަށް ބޯ ދިއްކޮށް ބަލާލި އިރު ހުދުކުލައިގެ ޓެކްސީއަކަށް މީރާ އެރިތަން ފެނުނެވެ. ރޭގަނޑުގެ ވަގުތެއް ކަމުން މަގުމަތީގައި ދުއްވާ އެއްޗެހީގެ ލައިޓްތަކުން އެ މަންޒަރު ފުރިހަމަ ކޮށްދެއެވެ.

ސިނގިރޭޓުގެ ދުންތައް އެތެރެއަށް ދަމަމުން ރިޔާޒް ވިސްނަމުން ދިޔައީ ރޫހީ ނިމިގެން ދިޔަ އެ ހާދިސާއާ މެދުގައެވެ. ޑޮކްޓަރުންގެ ޖަވާބު ހުރި ގޮތުން ރޫހީގެ އަމިއްލަ ބާރުގައި އެފަދަ ކަމެއް ކުރުމަކީ ނުކުޅެދޭ ކަމެކެވެ. އެއީ ރޫހީ މަރުވުމުގެ ކުރިން ވަނީ ހައި ޑޯޒްގެ އިންޖެކްޝަނެއް ދީފައެވެ. ބެލްކަނީގައި ބަހައްޓާފައި ހުރި އުނދޯއްޔެއް ކަހަލަ ގޮނޑީގައި ރިޔާޒް އިށީނދެ ލެނގިލުމަށްފަހު މަޑުމަޑުން ހެއްލަން ފެށިއެވެ.

*** *** *** *** *** ***

ފާތުމައްތަ ގާތުގައި ރިޔާޒް ސުވާލުކުރުމުން ފާތުމާ ވަށައިގެން ދެފަރާތަށް ބަލާލަމުން އެ ވާހަކަ މިކަހަލަ ތަނެއްގައި ނުދެއްކޭނެ ކަމަށް ބުންޏެވެ. އެހެންކަމުން ފާތުމައްތައާ އެކީ ރިޔާޒް ހޮސްޕިޓަލުން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ.

"ފަހަކަށް އައިސް ރޫހީ މަދުމަދުން ބޭރަށް ނިކުންނަށް ފެށީ.... ހީވަނީ މާ ބޮޑަށް އެކަނިވެރިކަން އިހްސާސް ވާތީހެން... ހިސާބުގަނޑު ކުދިންނާއެކީ އޭނާ ކުޅެން ދާންފެށީ... ބައެއް ފަހަރު އޭނައާ އެކުދިން ދިމާކޮށް ޖެއްސުން ކުރޭ... އެހެންގޮސް އެއްދުވަހަކު ހަވީރު އެކުދިންނާ އެކީ ރޫހީ އަތިރި މައްޗަށް ކުޅެން ދިޔައީ...... ދެން ވީ ގޮތަކީ...."

ފާތުމައްތަގެ ޖުމްލަ މެދުކެނޑުނީ ހޮސްޕިޓަލް ބޭރުމަގުން ރިޔާޒްމެން ތިބި ހިސާބަށް އަންނަަމުން ދިޔަ ރަހްޔާ އާއި ޒިމާމް ފެނުމުންނެވެ. ރަހްޔާ އަކީ ފާތުމައްތަގެ އެންމެ ހަގު އަންހެން ކުއްޖާއެވެ. އެތައް އަަހަަރުތަަކަކަށް ފަަހު ރިޔާޒް ފެނުމާ އެކީ ރަހްޔާ އައިސް އެމީހުން ގާތުގައި މަޑުކުރިއެވެ. ރިޔާޒް ގާތު ހާލުއަހުވާލު އަހަމުން ރަހްޔާ ވާހަކަ ދެއްކިއެވެ. އެމީހުން ގާތު މަޑުނުކޮށް ޒިމާމް ހޮސްޕިޓަލް ތެރެއަށް ހިނގައިގަތް ތަން ފެނުމުން ޒިމާމް ދިޔަ ދިމާލަށް ފާތުމައްތަ ބަލަން ހުރީ ހައިރާންވެފައެވެ.

"ރަހްޔާ... ކޮން އިރަކު ޒިމާމް އައީ؟... ކީއްކުރަން އޭނަ ގޮވައިގެން ހޮސްޕިޓަލަށް ތިއައީ... ދެން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނީ... މީ ވިސްނުމެއް ނެތް ދަރިއެއް... ކުކުޅަށް ވުރެ ބިސްދޮށިވެގެން ނޫޅޭ... މީ ދެން ރަހްޔާމެންނާ ބެހޭވެސް ކަމެއް ނޫން ދޯ..."

ފުސްމޫނު ހަދާލަމުން ފާތުމައްތަ ދެއްކި ވާހަކައަށް ސަމާލުކަން ދިނީ ރަހްޔާ އެކަންޏެއް ނޫނެވެ. ރިޔާޒްގެ ސަމާލުކަންވެސް އެހާފަސޭހައިން ދަމައިގަތެވެ. "ކިހިނެއް ވީ ފާތުމައްތާ؟..." ވީނުވީ އޮޅުން ފިލުވާލަން ރިޔާޒް ސުވާލުކޮށްލިއެވެ.

"މަންމާ... ޒިމާމް އައީ މިއަދު ހެނދުނު ފެރީން... ހޮސްޕިޓަލަށް އަންނަން ކިޔާތާ ކިތަންމެ އިރެއް ވެއްޖެ... އެހެންވެ ގޮވައިގެން މި އައީ... ކިހިނެއްތަ ވީ... ދައްތަމެންނަށް ވެސް އެނގޭދޯ... އެހެންވެ ޒިމާމް މިގެނައީ..." ޒިމާމް ހޮސްޕިޓަލަށް ގެނައި ސަބަބު ރަހްޔާ ކިޔައި ދިނުމަށްފަހު އޭނާ ހިނގައިގަތީ ހޮސްޕިޓަލް ތެރެއަށް ވަނުމަށެވެ.

ޕިސްޕިސް ކަނޑަމުން ފާތުމައްތަ ވާހަކަ ދައްކަން ފެއްޓިއެވެ. "ޒިމާމް އެއީ ރޫހީ ރައްޓެހިވެގެން އުޅޭ ކުއްޖާ.... ހޫން.. ދެން އެވާހަކަ ބާއްވާ... ކީކޭތަ އޭރު ބުނަން އުޅުނީ .. ހޫން... މީ... ދެން ވީގޮތަކީ..."

*** *** *** *** *** ***

ރޫހީގެ ކުޑަ އާއިލާ ދިރިއުޅެމުން އައީ ސ.ހުޅުދޫގެ ޑިމިޝްކަރާއޭ ކިޔުނު ހިސާބުގައި ހުންނަ އޭނާގެ ބައްޕަގެ ގޯތީގައެވެ. އެ ގެއާ ދިމާލުން އަތިރިމައްޗާ ވީ ފަރާތުގައި އޮންނަ ހުސްބިމުގައި ފުރާވަރުގެ ކުދިންތައް ކުޅެން ނިކުމެ އުޅެއެވެ. އެއް ފަރާތުން ވަލެއްހެންް ހެދިފައިވާ ބޯ ގަސްތަކެއް އޮވެއެވެ. ހަވީރުގެ ވަގުތުގައި ރަށުގައި އުޅޭ އަންހެންވެރިން ކުޑަކުދިން ގޮވައިގެން އެ ދިމާލު އަތިރި ކައިރިއަށް ނުކުމެ އުޅުނެވެ.

ފާތުމަ ވެސް އަތިރި ކައިރީ އުޅުނީ އޭނާއަށް މާމަކިޔާ ހަތަރު އަހަރުގެ ކުއްޖެއް ގޮވައިގެންނެވެ. ފާތުމަގެ ހަގު ދަަރި ރަހްޔާ ވެސް އެހިސާބުގައި ކުދިންތަކަކާއި އެކީ 'ހޮކީ' ކުޅެން އުޅުނެވެ. އެއްބައި ރަށްރަށު މީހުން މި ކުޅިވަރަށް 'ހިރިމިރި' ނުވަތަ 'ހިރިޔޯލަ ހިރި' ވެސް ކިޔައި އުޅެއެވެ. އެއީ މި ރަށު މީހުން ވަރަށް ފޯރި ދައްކާފަ ކުޅޭ ކުޅިވަރެކެވެ.

ހުސްކޮށް އޮތް ބޮޑު ބިމުގައި ވަށް ބުރެއް ކުރަހައެވެ. ކުޅެން އަންނަ ކުދިންތައް ދެ ޓީމަކަށް ބަހާލައެވެެ. އެއް ޓީމްގެ ކުދިން ތިބެނީ އެ ބުރު ހިމާޔަތް ކޮށްގެންނެވެ. އިދިކޮޅުގެ ޓީމުން ބައިވެރިޔަކު އެ ބުރަށް އެރިޔަ ނުދީ ބަލަހައްޓައެވެ. އަނެއް ޓީމް ކުދިން ފިލަން ދުވެއެވެ. އަދި ވަކި ހިސާބަކަށް ގޮސް މިކުޅިވަރުގެ ނަމުން، 'ހޮކީ' އޭ ކިޔާ ގޮވާލީމަ ބުރު ބަލަހައްޓަން ތިބި ޓީމުގެ ކުދިން އެމީހުން އަތުލާން ދުއްވައިގަނެއެވެ. ފިލަން ދުވާ ޓީމްގެ ކުދިންް އިދިކޮޅު ޓީމްގެ އަތުގައި ނުޖެހި އައިސް އެ ބުރަށް އަަރަން ޖެހެއެވެ. އިދިކޮޅު ޓީމްގެ އަތު ނުޖެހި އެއްކުއްޖަކު ބުރަށް އެރުމުންވެސް އެ ޓީމް މޮޅުވީއެވެ.

އިރުއޮއްސެން ކައިރި ވުމުން ފާތުމަ ގެއަށް ދިޔުމަށް ހިނގައިގަތީ އޭނާގެ މާމަ ދަރި އުރާލައިގެންނެވެ. އަތިރިމަގުން އައިސް ރަހްޔާމެން ކުޅެން ތިބި ދިމާލުން ގެއާ ދިމާލަށް ހިނގައިގަން ވަގުތު ހޮކީ ކުޅެން ހުރި ރަހްޔާއަށް ފާތުމަ ގޮވީ އިރުއޮއްސެންވާ އިރަށް ގެއަށް ގެންދާށެވެ. ގެއަށް ނުދާން ރަހްޔާ ބޮޑާ ހާކަން ފެށިއެވެ. ނަމަވެސް ފާތުމަ ދެލޯ އަޅާ ބޮޑުކޮށްލަމުން ބުނެލިއެވެ.

"ހަމަ މިހާރު ގެއަށް ދާން ހިނގާ... ޤުރުއާން ފިލާވަޅު ދަސްނުކޮށް ކޮން ކުޅިވަރެއް ކުޅޭކަށް... މިހާރު އެއޮއް އިރު އޮއްސެނީ... ދެން ގެއަށް ހިނގާ.."

ރަހްޔާ އޭނާގެ ރަހްމަތްތެރިން ގާތުގައި ދަނީއޭ ބުނެ މަންމަގެ ފަހަތުން ހިނގައިގަތެވެ. އެކުދިންތަކުގެ ތެރޭގައި ރޫހީ ކުޅެން ހުރިތަން ފާތުމައަށް ފެނުނެވެ. ރަހްޔާ ގެއަށް އައުމަށްފަހު ވެސް ރައްޓެހިންނާ އެކީ ކުޅެން ދާން ބޭނުންވެގެން ކުސްކުސް ތަޅުވަމުން ދިޔައެވެ. ރަހްޔާގެ ދެބޭންގެ ދެދަރި ކުއްޖެއް ކަމަށްވާ ރޫހީއަށް އެތާ ހުރެވިފަ ރަހްޔާއަށް ނުހުރެވޭތީ އެކަމާ ޝަކުވާ ކުރަމުން ދިޔައެވެ.

"ރަހްޔާ... މާހާސަރު ނުދަމާ މިހާރު ދޭ ވުޟޫކޮށްގެން ނަމާދުކޮށް، ޤުރުއާން ކިޔަވަން... އެހެންނޫނީ މަގޭ އަތުން ބޮނޑިއެއް ބޯން ތިއުޅެނީ..."

ރޭގަނޑު ކުދިވެރިންނަށް ކާން ދިނުމުގައި އަވަދިނެތި ފާތުމަ އުޅުނެވެ. ގޭމައި ދޮރާށިން އެތެރެއަށް ވަދެގެން އައި އާމިނައާއި ޟިރާރުގެ އަޑަށް ފާތުމަ ބަދިގެ ތެރެއިން ބޭރަށް ނިކުތެވެ. އަރުވާ ޖަހާފައިވާ ހައުސް ކޯޓުގަނޑު ތިރިކުރުމަށްފަހު ބޮލުގައި އަޅާފައިވާ ބުރުގާގެ ބައެއް ހެދުމުގެ ކަރުވަޅުތެރެއިން ނެރެ ރީތި ކުރަމުން ބޭރަށް ނިކުމެ، އަޑަށް ބާރުލަމުން ފާތުމަ ވާހަކަ ދެއްކިއެވެ. "ކިހިނެއްވީ ރަށު މީހުން އެއްވާ ވަރަށް ތި ގޮވަނީ... ތަނެއްގަ ރޯވީތަ؟..."

ފާތުމަގެ ކުރި ހުރަސްކޮށް ފެންޑާ ތެރެއަށް ބޯ ދިއްކުރަމުން އާމިނަ އަހާލީ ރޫހީ ކޮބާތޯއެވެ.

ފާތުމަ ހައިރާންކަމާ އެކީ ދެބުމަ ގޮށްޖަހާލަމުން ބުންޏެވެ. "ރޫހީ މިގެއަކަށް ނާދޭ... ހަވީރު މި ދިމާ އަތިރި މަތީ ހުސްބިމުގައި ކުޅެން އުޅުނު... އޭގެ ފަހުން އަހަރެންް ނުދެކެން... ކިހިނެއްވީ.. އާމިނައްތާ ކަމެއް ގޯސްވީތަ؟.."

ފާތުމައަށް އެމީހުންގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ގޮތް ފެނިފައި ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ.

"ހަވީރު ކުދިބަޔަކާ އެކީ ކުޅެން ދިޔަ ގޮތަށް އަދި ގެއަށް ނާދޭ... އެހެންޏާ އިރުއޮއްސޭއިރަށް ގެއަށް އަންނާނެ... އަހަރެން މިސްކިތަށް ގޮސް އިޝާ ނަމާދަށް ފަހު ގެއަށް އައީ.. އެހިސާބުން އެނގުނީ އަދި ރޫހީ ގެއަށް ނާންނަކަން... އެހެންވެ މިގޭގަތޯ ބަލާލީ... ކުރިމަތީ ހުރި ގޭ ޝިއުރާ ކައިރިއަށް ދިޔަތޯ ވެސް ބެލިން... އެގޭ ކުދިން ބުނި ކުޅެން ހުއްޓާ ވަކި ހިސާބަކުން ރޫހީ ގެއަށް ދިޔައީ ކަމަށޯ ހީކުރީ... އެހެންވެ އެމީހުން ފަހުން ކުޅުނު އިރު ރޫހީ ނުހުންނާނެޔޯ ވެސް ބުނި..."

އާމިނަ ހާސްވެފައި ހުރިވަރު އޭނާ ވާހަކަ ދައްކަމުން ދިޔައިރު ދޭހަވިއެވެ. ރޯ މަހެއްހެން މީހާ ތެޅިލަ ތެޅިލަ ހުރި އިރު އޭނާގެ އަޑުވެސް ދިޔައީ ރޫ ރޫ އަޅަމުންނެވެ.

އެހިސާބުން ޟިރާރު ރަށު އޮފީހަށް އެކަން އަންގައިގެން ރަށު ތެރޭގައި ގިނަ ބަޔަކު ނުކުމެ ރޫހީ ހޯދުމުގެ މަސައްކަތް ފެށިއެވެ. އާމިނައާ އެކީ ފާތުމަވެސް އެކަމުގައި ބައިވެރި ވިއެވެ. ރޫހީ އެންމެ ފަހުން ފެނުނު ހިސާބު ކަމަށް ވާ ކުދިވެރިން ކުޅެން ތިބި ހުސް ބިމަށް އެންމެން ޖަމާވިއެވެ. އިރުއޮއްސުމަށްފަހު އެހިސާބު އޮންނަނީ ވަރަށް އަނދިރިކޮންނެވެ. އެއްވެސް އަލިކަމެއް ނޯވެއެވެ.

ދެ ގްރޫޕަކަށް ބެހިގެން ރޫހީ ހޯދުމުގެ މަސައްކަތް ފެއްޓީ ފޯނުން ފްލޭޝް ލައިޓް ދިއްލައިގެންނާ ޓޯޗު ބައްތި ހިފައިގެންނެވެ. ރޫހީމެން ކުޅެން ތިބި ހިސާބުން އެއްބަޔަކު ވަލުތެރެއަށް ވަދެ ހޯދަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ އަތިރިމަގުން އެ ރަށު އުސްފަސްގަނޑޭ ކިޔުނު ހިސާބަށެވެ. އެ ހިސާބަކީ ހަމަ ބިމަށްވުރެއް ފަސްގަނޑު އުސްކޮށް އޮންނަ ތަނެކެވެ.

އާމިނައާއި ފާތުމަ ތިބީ އަތިރިމަގުން އުސްފަސްގަނޑަށް ދިޔަ ބައިގަނޑު ތެރޭގައެވެ. ހަނދުވަރު ރީތި ރެއެއް ކަމުން އެ ސަރަހައްދު ވަރަށް ރީތިކޮށް ފެނެއެވެ. އަތިރިމަތީގައި އުޅޭ ބޮޑެތި ކަކުނިތައް ފެންނަނީ ވަރަށް ބިރުވެރިކޮށެވެ. އުސްފަސްގަނޑު މައްޗަށް އަރާ އަނެއް ފަރާތުން ތިރިއަށް ބަލާލިއިރު އެފަރާތުގެ މޫދާ ތަންކޮޅެއް ދުރުގައި މީހަކު ހުރިކަން އެނގެއެވެ. ދޮންވެލިގަނޑުމަތީ އުޑުފައިން އިށީނދެގެން އިން ރޫހީ ފެނުމުން ފަޔަށް ލެވުނުހާ ބާރެއް ލާފައި ރޫހީއާ ދިމާލަށް އާމިނަ ދުއްވައިގަތެވެ.

ހަނދުވަރުގެ އަލިން އެހިސާބުން އަތިރިމަތީގައި ހުރި ކަކުނި ހޮރުތައް ފާހަގަވަމުން ދިޔައެވެ. ކަކުނީގެ ތޮށަލިގަނޑުން އަޅަމުން ދިޔަ ދަޅައިން ހޮރުތެރެ ކޮންމެވެސް ވަރަކަށް ހުންނަނީ ދިއްލިފައެވެ. ރޫހީ އިނީ އެތަނުން ކަކުނި ހޮރަކަށް ދަނޑިއެއް ކޮށްޕާލަ ކޮށްޕާލައެވެ. މިއޮއްފަދަ އަނދިރީގައި މީހުން އުޅޭ ހިސާބާ ދުރުގައި ރޫހީ މިހެން އިންތަން ފެނުމުން އާމިނަ ފަސްޖެހޭ ގޮތް ވިއެވެ.

ރޫހީއާ ހަމަޔަށް ދިޔުމަށްފަހު އާމިނަ ގޮވާލުމުން ރޫހީ ބަލާލިއެވެ. ނަމަވެސް އޭނާ ފަސްއެނބުރި މީހަކާ ވާހަކަ ދައްކަން ފެއްޓިއެވެ. ރޫހީގެ ފަހަތުގައި މީހަކު ހުރިތަނެއް ފެންނަން ނެތުމުން އާމިނަ އިތުރަށް ބިރުގަތެވެ. އެރޭ ރޫހީ ގެއަށް ނުދާން ވަރަށް ގަދަ ހެދިއެވެ. ނަމަވެސް ވަރަށް ގިނަ ވާހަކަތައް ދެއްކުމުން ގެއަށް ދާން އެއްބަސް ވިއެވެ. މިގޮތަށް ކަންތައް ވުމުން އާމިނަ ގޭގައި ގިނަވަގުތު މަޑުކުރަން ފެއްޓިއެވެ. ކޮންމެ ދުވަހަކު އިރުއޮއްސޭ ދަޅައަށް ބޭރަށް ދާން ރޫހީ ގަދަހަދަމުން ދިޔައެވެ.

ދެން އަނެއްކާވެސް ޖެހިގެންއައި ހަފްތާގެ އެއްރޭ ރޫހީ ގެއްލިގެން ހޯދަން ފެށީއެވެ. އެރޭ ރޫހީ ފެނުނީ އުސްފަސްގަނޑު ބިއްދޮށުގައިވާ ގޮނޑުދޮށުންނެވެ. ނަމަވެސް މިފަހަރު ފެނުނު އިރު ރޫހީގެ ހެޔެއް ނެތެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާ ވަނީ ވަރަށް ގަދައަށް ހުން އައިސްފައެވެ. ގައިގެ އެތަން މިތަން ވަނީ މަށައިގެން ގޮސްފައެވެ. ހޭ އެރިއިރު އޭނަ ދައްކަނީ މުޅިން ހަމަނުޖެހޭ ވާހަކައެވެ. މޮޔައެއްހެން ހަޅޭއްލަވާ އަޑުގަދަކޮށް ވާހަކަ ދައްކަމުން ދިޔައީ ވަރަށް ބަރު އަޑަކުންނެވެ.

*** *** *** *** *** ***

ފާތުމައާ ރިޔާޒްގެ ސަމާލުކަން ދިޔައީ ހޮސްޕިޓަލު ތެރެއިން ބޭރަށް ދުވެފައި ނުކުތް ރަހްޔާގެ އަޑަށެވެ. "މަންމާ... ރޫހީ... ރޫހީ ސަކަރާތްވެގެން އެބަ އުޅޭ..."

ރިިޔާޒް ހޮސްޕިޓަލް ތެރެއަށް ވަނުމަށް ދުއްވައިގަތެވެ. ރޫހީ އެނދުމަތި ކޮށްފައިވާ ކޮޓަރިއާ ހަމަޔަށް ދިޔައިރު ކޮޓަރި ބޭރުގައި ރިޔާޒްގެ މަންމަައާއި ބައްޕައާއި އެކު ޒިމާމްވެސް ހުއްޓެވެ. ޒިމާމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ރިޔާޒަށް ފެނުނެވެ. ނަމަވެސް އެކަަމަށް ފަރުވާލެއް ނުބަހައްޓާ ރިޔާޒް ބެލީ ރޫހީ ގާތަށް ދެވޭތޯއެވެ. އެ ކޮޓަރި ތަޅުގައި ހިފުމާއި އެކީ ޟިރާރު އެދުނީ އިހަށް މަޑުކޮށްލުމަށެވެ. އޭރު އަޑުގެ ނެތްތަނަށް ރޫހީ ހަޅޭއްލަވަމުން ދިޔަ އަޑު އެ ކޮރިޑޯ ތެރޭގައި ހިއްޕާލާފައި ހުއްޓެވެ. ޑޮކްޓަރުން ބޭރަށް ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އެންމެން ތިބީ ރޫހީއާއި ބައްދަލުކުރަން އިންތިހާއަށް ބޭނުންވެފައެވެ.

"ބައްޕާ... ކިހިނެއްތަވީ... ދެންމެ ނުލާހިކު ރަނގަޅަށް އޮތީ... ދެން އެހެން ހުރެފަ ހަމަ ކުއްލިއަކަށް..." ޟިރާރު ގާތުގައި އިށީންނަމުން ރިޔާޒް ވާހަކަ ދެއްކީ އޭނާގެ ބައްޕައާއެވެ.

"ނޭނގެ.... ޒިމާމް މިތަނަށް ގެނައިމަ އެކަމާ ރުޅިއައިސްގެން އުޅުނީ.... ދެން ނޭނގެ ވީ ނުވީއެއް.... ޒިިމާމް ކަރުގައި ރޫހީ ހިފައިގެން ހުއްޓާ ބައްޕައަށް ފެނުނީ..."

ޟިރާރަށް އެކަަންތައް ފެނުނު ގޮތް ކިޔައިދިނެވެ. އޭރު ކޮރިޑޯ ތެރެއިން ފާތުމައްތަ ބާރުބާރަށް ރަހްޔާއާ އެކީގައި އެމީހުން ތިބި ދިމާލަށް އަންނަތަން ފެނުނެވެ. ޟީރާރުއާ އާމިނަ ގާތަށް ފާތުމަ ޖެހިލީ ކަން ހިނގާދިޔަ ގޮތް އޮޅުން ފިލުވުމަށެވެ. އެވަގުތު ރިޔާޒް ގޮނޑިން ތެދުވިއެވެ. ތަންކޮޅެއް ދުރުގައިހުރި ގޮނޑި ބަރީގައި އިށީނދެގެން އިން ޒިމާމް ގާތަށް ރިޔާޒް ދިޔައެވެ. ޒިމާމްއާ ޖެހިގެން ހުރި ހުސްގޮނޑިއަށް ފޫ ތިރިކޮށްލަމުން ރިޔާޒް ވާހަކަ ދެއްކީ ހަމަޖެހިލަން މަސައްކަތް ކުރަމުންނެވެ.

"ޒިމާމް... އަހަރެން މީ ރިޔާޒް.. ރޫހީގެ ބޭބެ... ތެދެއް ތި ދެކުދިން އުޅެނީ ރައްޓެހިވެގެންތަ؟... ކީއްވެ ރޫހީ އެހާ ރުޅިއަންނަން ޖެހުނީ..." ރިޔާޒް ސުވާލުކުރަން ފެށުމުން ޒިމާމް ފުންނޭވާއެއް ދޫކޮށްލިއެވެ.

"އާން އަހަރެމެންް އުޅެނީ ރައްޓެހިވެގެން... ނޭނގެ ރޫހީއަށް ވީ ގޮތެއް.. ފާޑަކަށް އުޅޭތާ ހަފްތާއެއްވެއްޖެ.. މިއަދުވެސް އަހަރެން އައިމަަ ބުނީ މިތަނުން ދާށޯ.. ކީއްކުރަންހޯ އައީ... ކޮންމެވެސް މީހަކު އަަހަރެން މަރާލާނެޔޯ... ދެން މަށަކަށްް ނޭނގެ... ދެން ރޫހީއާ އަހަރެން ސުވާލު ކުރަން ފެށީ... ކިހިނެއް ވަނީތޯއާ،.. ކާކު އަންނާނެ ވާހަކަތޯ... ދެން ރޫހީ ފަރާތުން ޖަވާބެއް ނުލިބުނީމަ.. އަހަރެން ބުނިން އަހަރެން ވަރަށް ލޯބިވެޔޭ... އެހިސާބުން އަހަރެންގެ ކަރުގަ ހިފީ... އެއީ ރޫހީއެއް ނޫން... ކަޅީގެ ކުލަވެސް ހުރީ ފާޑަކަށް...."

ޒިމާމް ވާހަކަ ދައްކަަމުން އޭނާގެ ކަރުގައި ފިރުމާލިއެވެ. ޒިމާމަކީ ދޮން ކުއްޖެއް ކަމުން އޭނާގެ ކަރުގައި ރޫހީ ގެ ވަކިތަކުން ކުރެހިފައިވާ ރަތް ނިޝާންތައް ވަރަށް ސާފުކޮށް ފެންނަަން ހުއްޓެވެ.

ރޫހީ އެނދުމަތި ކޮށްފައިވާ ކޮޓަރީގެ ބޭރުގައި މަޑުކޮށްގެން ތިބި މީހުންނަށް އިންތިޒާރުގެ ވަގުތަށް ނިމުމެއް އަންނަން އުޅޭކަން އެނގުނީ ކޮޓަރި ތެރެއިން އިވެމުން ދިޔަ ރޫހީގެ ހަޅޭކުގެ އަޑު މެދުކެނޑުމުންނެވެ. މާގިނަ އިރުތަކެއް ނުވެ ޑޮކްޓަރުންގެ ޓީމާއެކު ނަރުސް ކުދިންތައްވެސް ބޭރަށް ނިކުތެވެ. ޒިމާމް ދެއްކި ވާހަކައަށް ރިޔާޒަށް ވިސްނަން އިނދެވުނެވެ. ނަމަވެސް ރޫހީގެ ކަޅިގެ ކުލަ ބަދަލުވުން އެއީ ޒިމާމް މާ ބޮޑަށް ހާސްވެ ބިރުގަތީމަ ހީވި ހީވުމެއް ކަމަށް ރިޔާޒް ނިންމިއެވެ.

*** *** *** *** *** ***

ރިޔާޒަށް އެ ޚިޔާލުތަކުން ބޭރު ވެވުނީ އޭނާ ބޯން އިން ސިނގިރޭޓް ބުރި ހުލިވެގެން އައިސް އަތުގެ އިނގިލިތަކަށް ހޫނުވުމުންނެވެ. ބެލްކަނީގައި ހުރި އަޅިކެނޑީގެ ތެރެއަށް ފިލްޓަރު ބުރި ނިއްވާލުމަށްފަހު އުނދޯލިން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އެވަގުތު ކޮޓަރީގައި އޮތް ރިޔާޒްގެ ފޯނު ރިންގް ވާ އަޑުފައްގަނޑު އެ އެޕާރޓްމަންޓް ތެރޭގައި ގުގުމާލިއެވެ. އަވަހަށް ކޮޓަރިއަށް ވަދެ ފޯނުނަގާ ބަލާލިއެވެ. އެގުޅަނީ މީރާއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލިތަނާ ހީވީ ލޯމަތީ އައިސް މީހަކު ކަނު ބަނދެލިހެންނެވެ.

ފޯނަށް ވާހަކަ ދައްކަމުން ރިޔާޒް މަސައްކަތްކުރީ ދެލޯ ހުޅުވާ ބޮޑުކޮށްލެވޭތޯއެވެ. މުޅި އެޕާރޓްމަންޓް ތެރޭ އެއްވެސް އަލިކަމެއް ނެތެވެ. މީރާގެ ފޯނު ސްޕީކަރަށް ލައިގެން ކޮޓަރި ތެރެއަށް އަލިކުރަމުން ރިޔާޒް ބޭރަށް ނިކުމެ ބެލްކަނިން ބޭރު ބަލާލިއެވެ.

"ރިޔާ... ގޭގައި ކަރަންޓް އެބަހުރިތަ؟... އަހަރެން މީނީ މަންމަމެން ގޭގަ... މި ހިސާބުން މިއުޅެނީ ކަރަންޓު ގޮސްގެން..." މީރާ ވާހަކަ ދެއްކީ ވަރަށް ހާސްވެފައި ހުރެއެވެ.

"އާން.... ދެންމެ ކަރަންޓް އެ ދިޔައީ... މިހިސާބުގަވެސް ނެތް ކަރަންޓެއް... މީ ދެން ކޮން ގަޑިއެއް ކަރަންޓު ދާން..." މީރާއަށް ޖަވާބު ދެމުން ރިޔާޒް ފޯނުގެ ޑިސްޕްލޭގައިވާ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން 6:45 ވީއެވެ.

ވަށައިގެން އެއްވެސް ގެއަކުން އަލިކަމެއް ފެންނާކަށް ނެތެވެ. މަގުމަތީގައި ދިއްލާފައި ހުރި ހޮޅިބުރިތަކުންވެސް ވަނީ ކަރަންޓުގޮސްފައެވެ. ނަމަވެސް މާލޭ މަގުމައްޗަކީ ވަރަށްގިނަ އަދަދެއްގެ ދުއްވާ އުޅަނދުފަހަރު ދުއްވާ ތަނަކަށް ވާތީ އެ އެއްޗެތީގެ ލައިޓްތައް ފެންނަމުން ދިޔައެވެ.

*** *** *** *** *** ***

ފާޚާނާ މޫނު ބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި މަންޝާ ދިޔައީ މޫނު ގައި އަތުން ފެން ހާކަމުންނެވެ. ލޯގަނޑަށް ބަލަންހުރީ ދެންމެ މޭ ނުބައިކޮށްފާ ހޮޑުލެވުމުން އެވީ ގޮތުން ހިތުގައި ސުވާލުތަކެއް ފެންމަތިވެފައެވެ. ފާޚާނާ ތެރޭގައި ހުއްޓާ ކުއްލިއަކަށް މުޅިތަން އަނދިރިވެގެން ދިޔައެވެ. މަންޝާއަށް ބިރުން ހަޅޭއް ލަވައިގަނެވުނެވެ. އެވަގުތު ފާޚާނާ ތެރޭގައި މަންޝާގެ ފަހަތުގައި އެ މަޚްލޫގު ހުއްޓެވެ. މަންޝާގެ ކޮންމެ ހަރަކާތަކަށް އޭނަ ފާރަލަމުން ދެއެވެ.

އެދިޔައީ ކަރަންޓްކަން އެނގުމުން އަވަސްއަވަސް ކޮށްލައިގެން މަންޝާ ފާޚާނާއިން ނިކުތެވެ. ބެލްކަނިން ކޮޓަރި ތެރެއަށް ކޮންމެވެސް ވަރެއްގެ ފަނޑު އަލިކަމެއް ހުރުމުން މަންޝާއަށް ކޮޓަރިތެރޭ އުޅެން އެނގުނެވެ. ތުވާލިން މޫނު ހިއްކާލައިގެން ބެލްކަންޏަަށް ނިކުތެވެ. މަގުމަތިން ދުއްވާފައިދާ ސައިކަލުތަކަށް ބަލަން އެހެން މަންޝާއަށް ހުރެވުނެވެ. ނަމަވެސް އެވަގުތު ހޫނުވެ ދާހިއްލަން ފެށިއެވެ. އެހެންކަމުން ނިއުޅުވާލާފައިވާ އިސްތަށިގަނޑު ވޫލް ކޮޅެއްގެ އެހީގައި އައްސާލައިގެން އަތްދަބަހާ ފޯނު ހިފައިގެން މަންޝާ ގެއިން ބޭރަށް ނިކުތެވެ.

(ނުނިމޭ)