މަންޝާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަނެއްކާވެސް ވާހަކަ ދެއްކީ މަދީހާއެވެ. "ކޮންރަށަކު ކާކުކަން އިނގޭތަ؟... މާލެ ކުއްޖެއްތަ؟... ކޮން ނަމެއް ކިޔާ ކުއްޖެއް؟؟.... މަންމައަށް ތި ކުއްޖާ ދައްކާނީ ކޮން ދުވަހަކުން؟؟..."

"މަންމާ... އޭނައަށް ކިޔަނީ އަޒީމް... ހުޅުލޭގަ ވަޒީފާ އަދާ ކުރަނީ.... ވަރަށް ރަނގަޅު ކުއްޖެއް އެއީ.... އޭނާ އެއީ ސީނު ހުޅުދޫ ކުއްޖެއް... އައްޑު އޮތޮޅު..."

"ކީކޭ؟؟؟...... އައްޑޫ މީހެކޭ!!!!..." މަންޝާގެ ޖުމްލަ މެދުނުކެނޑެނީސް އަޑަށް ބާރުލަމުން މަދީހާއަށް އެހެން ބުނެވުނީ ލިބުނު ހައިރާން ކަމެއްގެ ބޮޑު ކަމުންނެވެ.

"އާން މަންމާ.. އައްޑޫ... އެކަމު އެގޭ މީހުން މި ކައިވެންޏާ ވަރަށް ނުރުހޭ... އަހަރެންމީ ބައްޕަ ނެތް ކުއްޖަކަށް ވީމަ..." ނާއުންމީދުން ފުރިގެންވާ ރާގަކަށް މަންޝާ އެހެން ބުނެލީ އޭނާގެ ބަދުނަސީބުކަން ހިތަށް ވެރިވުމުންނެވެ.

މަދީހާއަށް އިތުރު އެއްޗެއް ބުނާކަށް ނޭނގުނެވެ. މަންޝާ ދައްކަމުން ދިޔަ އެތައް ވާހަކައެއް އަޑުއަހަން ހުރިކަމުގައި ވީނަމަވެސް އެ ދައްކަމުންދާ އެއްވެސް ވާހަކައެއް މަދީހާގެ ކަންފަތާ ހަމައަށް ވާސިލް ނުވާ ކަހަލައެވެ. މަދީހާގެ ފަރާތުން އިތުރު އަޑެއް ބަޑެއް ނީވުމުން މަންޝާ ދެބުރަކަށް މަންމާއޭ ކިޔާ ގޮވާލިއެވެ. މަދީހާއަށް ސިހުމެއް ލިބި ވިސްނަމުން ދިޔަ މާޒީގެ ކަންތައްތަކުން ދުރަށްޖެހި އޭނާގެ ދުލުން އެންމެ ފަހުގެ ޖުމްލަ ބޭރު ކޮށްލިއެވެ.

"މަންމަ ތި ކައިވެންޏަކާއި ގަބޫލެއް ނޫން.... އައްޑޫ މީހުންނަކީ ވަރަށް ނުބައި ބައެއް... އަހަރެން ބޭނުމެއް ނޫން ތި ކިޔާ އަޒީމަކާ މަންޝާ ވާހަކަ ދައްކަންވެސް... ތި ކަންތައް މަތިން ހަނދާން ނައްތާލާ.... އަނެއްކޮޅުން އެ އާއިލާ ވެސް ގަބޫލެއް ނޫނެއްނު... މާދަމާ ވެސް ދަރިއެއް ދީފަ ވަރިކޮށްލައިފިއްޔާ މަންޝާ އުޅޭނެ ގޮތް ވިސްނާލަބަލަ... އެމީހެއްގެ މަންމަަގެ ބަސް ނާހާ މީހަކު ވަކި މަންޝާގެ ބަސް އަހާނެތަ؟... މަންމަަ ބަދަލެއް ނުކުރެވޭނެ.. އެކަމު އަނބިން ބަދަލުކޮށްލެވޭނެ... މަންޝާ މަންމަ ބުނާ ބަހެއް އަހަންޏާ ތިކަން ކުރާނެ ކަމެއް ނެތް..." އައްޑޫ މީހަކާ ގާތްގުޅުމެއް ބާއްވަން ބޭނުން ނުވާ މަދީހާ ހުރީ ކަންތައް ބޮޑުވެފައެވެ.

"އެކަމަކު މަންމާ... މަންމަ ވެސް އޭނައާ ބައްދަލު ކުރީމަ އިނގޭނެ އޭނަގެ ރަނގަޅު ކަން.... ޕްލީސް މަންމާ.. އެންމެ ފަހަރަކު ވިޔަސް އޭނައާ ބައްދަލު ކޮށްލަބަލަ..." ކުރުނުކޮށް މަންމަ ގާތު އަޒީމާ ބައްދަލުކުރަން މަންޝާ އެދެމުން ދިޔައެވެ.

"ނޫން.... މަށެއް ނޫޅެން އައްޑޫ މީހަކު ހުރި ތަނެއްގައި މަޑުކުރަން ވެސް... މިހާރު ކިތަންމެ ރަނގަޅުވެގެން އުޅުނަސް... މާދަމާ ހަދާނީ ކިހިނެއް ކަމެއް ނޭނގޭނެ... މަންމައަށް ތި ކައިވެންޏަކާއި ގަބޫލެއް ނުވެވޭނެ... މަންޝާ އޭނައާ ކައިވެނި ކުރަން ވިސްނަންޏާ.... މިއަދުން ފެށިގެން މީ މަންޝާގެ މަންމައެއް ނޫން...." މަދީހާ ފޯނު ކަނޑާލި އިރު ޖޯލީގައި ހަދީޖާ އޮތީ ނިތްކުރި މައްޗަށް އަތްއަރުވައި މަދީހާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

ހަދީޖާ އޮތީ މަދީހާ ކަންތައް ކުރިގޮތް ފެނި އެކަމާ ހައިރާން ވެފައެވެ. ރަހިމުގެ ގުޅުން އެހާ ފަސޭހައިން މަދީހާ ކަނޑާލަން އެބަސް ބޭނުން ކުރުމުން އެކަމާ ހިތްހަމަނުޖެހިފައެވެ.

"މަދީހާ... އެންމެން އެއްގޮތެއް ނުވާނެ ދޯ... އެ މަންޖެ ބޭނުންވާ މީހަކާ ކައިވެނި ކުރެވުނީމަ އެ މަންޖެއަށް ވެސް އުފަލުގަ އުޅެވޭނީ... މަދީހާ ބޭނުންވި މީހާ ނުލިބިގެން މުޅި އުމުރު މީހަކާ ނީންދެ ތި ހުންނަނީ... މަދީހާއަށް ގުޅުން ކަނޑާލަން ތިހެން ބުނަން ކެރުނީތީ ހައިރާންވަން.... ތިހެން ބުނި އިރު އެއީ މަގޭ މާމަ ދަރިއޭ... އޭނަ ދެން މިރަށަކަށް ނާންނާނެ... އަހަރެންގެ މާމަ ދަރި ދެން ފެންނާނެ ދުވަހެއް ވެސް ނޭނގޭ..." ހަދީޖާ ދައްކަމުން ދިޔަ ވާހަކައަށް ބީރު ކަންފަތެއް ދެމުން މަދީހާ ގޮސް ގޭތެރެއަށް ވަނެވެ.

މީހާ ރުޅި ގަދަވެގެން ތުރުތުރު އަޅަމުން ދިއުމުން މަދީހާ ބޭނުންވީ ރުޅި މަޑުކޮށްލާށެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ އިނގިލިތަކުން ފުހެލަމުން މަދީހާގެ ކޮޓަރި ތެރެއިން ވަދެވޭ ގޮތަށް ހުރި ގިފިއްޔަށް ވަދެ ދާނި ފުރާ ފެންނަގާ އެ ދާނިން ފެން ގޮށްޓެއް ނަގާ މޫނު ދޮވެލިއެވެ.

*** *** *** *** *** ***

އައިޖީއެމްއެޗްގެ އަވަސް ފަރުވާދޭ ކޮޓަރި ކައިރިއަށް ގޮސް އާމިނަ އޮތްތޯ ބެލިއިރު މިހާރު އާމިނަ ވީ އައިސީޔޫއަށް ބަދަލު ކޮށްފައި ކަމަށް އަަވަސް ފަރުވާދޭ ކޮޓަރީގެ ޖަގަހައިގައި ހުރި ނަރުސް ކުއްޖާ ބުންޏެވެ. އެހެންކަަމުން މަންޝާއާ އެކީ އަޒީމް މިސްރާބު ޖެހީ އައިސީޔޫއާ ދިމާލަށެވެ. ސިޑިން މައްޗަށް އެރިއިރު އައިސީޔޫ ކައިރީ ހުރި ގޮނޑިބަރީގައި އިށީނދެގެން އިން ޟިރާރު ފެނުމުން އަޒީމް އެދިމާލަށް ދިއުމަށް އަވަސްވެގަތެވެ. އަޒީމް ފެނުމުން ޟިރާރު ލުއި ހިނިތުންވުމަކާއި އެކީ ވާހަކަ ދެއްކި ނަމަވެސް އޭނާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހިތްވަރުދެމުން އަޒީމް ވާހަކަ ދެއްކީ ޟިރާރުއާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުންނެވެ.

"ޟިރާރުބޭ ހިތްވަރު ކުރާތި... މިއައީ އެ ޚަބަރު ލިބިގެން... މާތްﷲ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ... ދިރިއުޅުމަކީ އިމްތިހާނެއް... އަހަރެމެން ޖެހޭނެ ކެއްތެރިވާން.... ބޭބޭ.. ކޮބާ ރިޔާޒް؟.." އަޒީމް ޞިރާރުއާ ވާހަކަ ދެއްކީ އައްޑޫ ބަހުންނެވެ.

"ހަމަދެންމެ އެ ސޮރު ގެއަށް އެ ދިޔައީ... ރޭ ހަތަރުދަމު އެ ސޮރު ވަރަށް ބުރަކޮށް އުޅެފައި އެ ދިޔައީ... ވަރަށް ވަރުބަލި ވެފައެއްނުން ހުންނާނީ... ގެއަށް ނުދާންވެގެން އުޅުނީ... ފޮނުވީވެސް ގަދަކަމުން... މީރާ ކިޔާވަރުން މިހާރު ގެއަށް ހިނގައްޖެ..." ޟިރާރު ވާހަކަ ދައްކަމުން ދިޔައިރު ދެފަހަރަކު މަތިން ބޯއަރި ކޮށްލަމުން މަންޝާއާ ދިމާލަށް ބަލާލިއެވެ. މަންޝާއާ ދިމާލަށް އަޒީމް އިޝާރާތް ކޮށްލަމުން ޟިރާރުއަށް އޭނާ ތައާރަފް ކޮށްދިނެވެ. "މީ މަ އަންހެނުން.... މަންޝާ..."

މަންޝާއާ ސަލާމްކޮށްލަމުން ފުން ނަޒަރަކުން މަންޝާއާ ދިމާލަށް ޟިރާރު ބަލަން އިނެވެ. "ކިހިނެއް؟... އަދި ކިރިޔާދޯ މި ދިމާވީ..." ލުއި ހިނިތުންވުމަކާއި އެކީ މަންޝާއާ މުޚާތަބުކޮށް ޟިރާރު ވާހަކަ ދެއްކީ މާލެ ބަހުންނެވެ.

ޖަވާބުގައި ރަނގަޅުކަމަށް މަންޝާ ބުނުމުން ދެން ޟިރާރު ވާހަކަ ދެއްކީ އަނެއްކާވެސް އަޒީމާ އައްޑޫ ބަހުންނެވެ.

"ބަދޫރާމެން ބުނި ކޮންމެވެސް ކުއްޖަކާ އަޒީމް ކައިވެނި ކުރި ވާހަކަ... ކީއްވެ ރަށަށް ނާންނަނީ.. ރޫހީ ވަރަށް ސަކަރާތްވެގެން އަހަރެމެންވެސް މާލެ އަންނަން މި ޖެހުނީ"

ވާހަކައިގެ ތެރެއިން ރޫހީގެ ނަން ގެނެވުނު ހިސާބުން ޟިރާރުގެ މޫނުމަތީގެ ކުލަވަރު މުޅިންހެން ބަދަލުވެއްޖެއެވެ.

"ހާނ... ރަށަށްވެސް ދާންވީ... މަންމަ ވަރަށް ހިތްހަމަނުޖެހޭ ވިއްޔާ... އެހެންވެގެން މަވެސް ރަށަށް ނުދާން މި ހުންނަނީ... މަންޝާއާ އިންނާކަށް މަންމަ ޤަބޫލެއް ނޫން.." އަޒީމް ގޮނޑިން ތެދުވެ ޖީބަށް އަތްޖަހާލަމުން ވާހަކަ ދެއްކިއެވެ.

"ޟިރާރުބޭ ދެން އަަހަރުން މިދަނީ އިނގޭ... އިރާދަކުރެއްވިއްޔާ އަދި އަންނާނަން... އަަހަރެން އައި ވާހަކަ ރިޔާޒް ކައިރީ ބުނާތި..." ޟިރާރުއާ ސަލާމް ކުރުމަށްފަހު އަޒީމް ގޮނޑިން ތެދުވެގެން މަންޝާއާ އެކީ ސިޑިއާ ދިމާލަށް ހިނގައިގަތީ ތިރިއަށް ފައިބާށެވެ.

އަޒީމްގެ މަންމަގެ ވާހަކަ ދެއްކުމުން މަންޝާ ވެސް އެވަގުތު ހުރީ އިންތިހާއަށް މަންމަ މަތިން ހަނދާން ވެފައެވެ. މިއިން ދުވަހަކު މަދީހާ ނުގުޅާތީ މަންޝާ އެ ހުންނަނީ އިސްނަގައިގެން މަންމައަށް ގުޅާލަން ވެސް ނުކެރިފައެވެ. އައިޖީއެމްއެޗް އިން ބޭރަށް ނިކުތް ތަނުން މަންޝާގެ ފޯނު ރިންގްވިއެވެ. ފޯނަށް ބަލާލީ މިވަގުތު އެގުޅަނީ ޒުހާ ކަމަށް ހީކޮށް ހުރެއެވެ. ނަމަވެސް ފޯނުގެ ޑިސްޕްލޭއިން ފެންނަމުން ދިޔައީ މަންޝާ ނުދަންނަ ނަންބަރެކެވެ. ފޯނު ނެގުމުގެ ކުރިން އަޒީމާ ދިމާލަށް ބަލާލިއެވެ. އެވަގުތު ކުއްލިއަކަށް ކަމެއްމަތިން ހަނދާންވެގެން މަންޝާ ގާތުގައި އެބަ އަންނަމޭ ބުނަމުން އަޒީމް ހޮސްޕިޓަލް ތެރެއަށް ވަންނަން ހިނގައިގަަތެވެ.

ހޮސްޕިޓަލް ތެރެއަށް ވެދެގެން ދިޔަ އަޒީމާ ދިމާލަށް ބަލަން މަންޝާއަށް ހުރެވުނެވެ. މަންޝާގެ ފޯނަށް އައި ކޯލް ނުނެގިގެން އުޅެނިކޮށް އެކޯލް ކެނޑިއްޖެއެވެ. ލޮލުކޮޅުން އަޒީމް ގެއްލުނުތަނާ މަންޝާއަށް އޭނާގެ ނަމުން މީހަކު ގޮވާލިހެން ހީވިއެވެ. ސިހިފައި އަޑު އައި ދިމާލަށް މަންޝާއަށް ބަލާލެވުނެވެ. އެއީ ހޮސްޕިޓަލް ތެރޭއިން ކެފޭއާ ދިމާލަށް ދެވެން އޮތް މަގެވެ. އެދިމާލުގައި މީހަކު ހުރިހެން މަންޝާއަށް ހީވިއެވެ.

ނޭނގޭ ބަރަކާއި އެކީ އެ ދިމާލަށް ދިއުމަށް މަޑުމަޑުން މަންޝާ ފިޔަވަޅު އަޅާލިއެވެ. އަނެއްކާވެސް މަންޝާއަށް އިވުނީ ވައި އަޑުން ގޮވާލި އަޑެވެ. ގަސްތަކުގެ ތެރެއިން މީހަކު ހަނާއަޅާލިކަން އެނގުނެވެ. މަންޝާގެ ސަމާލުކަން ހުރީ އެމަގާ ދިމާލަށެވެ. ހީވަނީ ވަށައިގެން އުޅޭ މީހުންތައް ވެސް މަންޝާގެ ލޮލަށް ނުފެންނަ ހެންނެވެ.

ކުއްލިއަކަށް އަތުގައި އޮތް ފޯނު ވައިބްރޭޓްވަމުން ރިންގްވީ އަޑަށް މަންޝާއަށް ހޭވެރިކަން ވިއެވެ. ފޯނަށް ބަލާލިއިރު އެއީ ކުރިންވެސް ގުޅި ނުދަންނަ ނަންބަރެވެ. ފޯނު ނަގާ ކަންފަތުގައި ޖެހުމަށްފަހު މަންޝާ ހަލޯއޭ ބުނެލީ މަޑު ހިނގުމެއްގައި ހޮސްޕިޓަލު ގޭޓާ ދިމާލަށް ދަމުންނެވެ. މަޑުމަޑުން ހިނގަމުން އަޒީމްގެ ސައިކަލް ޕާކްކޮށްފައިވާ ޒޯނާ ހަމައަށް ދިޔުމަށް މަންޝާގެ ފިޔަވަޅު އަވަސް ކޮށްލިއެވެ.

ފޯނުން އަނެއްކޮޅުގައި ހުރި މީހާގެ ޖަވާބެއް ނުލިބުނެވެ. ދެވަނަ ފަހަރަށް ވެސް ހަލޯއޭ ބުނެލީ ޖަވާބެއް ލިބޭނޭ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެއްވެސް އަޑެއް ބަޑެއް ނީވުނެވެ. ކަންފަތުން ފޯނު ދުރުކޮށްލުމަށްފަހު ސްކްރީނަށް ބަލާލީ އަނެއްކާ އޮޅިގެން އެކޯލު 'ހޯލްޑަށް' ނޫނީ 'މިއުޓަށް' ލެވިފައި އިންތޯއެވެ. ނޫނެކެވެ. ފޯނުގެ އެއްވެސް މައްސަލައެއް ނެތެވެ.

ތުންފަތް އަނބުރާލަމުން މަންޝާ ކަންފަތުގައި ދެވަނަ ފަހަަރަށް ފޯނު ޖައްސާލަމުން ހަލޯއޭ ބުނަން އަނގަހުޅުވާލި ވަގުތު އެކޮޅުން މީހަކު ވާހަކަ ދެއްކި އަޑު އިވުނެވެ. އެއީ އަަންހެނެއްގެ އަޑެވެ. އެއިވުނު އަޑަކީ މަންޝާ ދަންނަ އަޑެކެވެ. އެތައް ދުވަހަކަށްފަހު އެއަޑު ކަންފަތުގައި ޖެހުމުން ވެސް މަންޝާއަށް އެ އަަޑު ދެނެގަަންނަން އެނގުނެވެ. މަންޝާގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.

ތުރުތުރުލާ އަޑަކުން މަންޝާއަށް ގޮވާލެވުނެވެ. "މަންމާ...."

*** *** *** *** *** ***

މަންޝާގެ ކުރަކި އަޑު އިވުމުން ހީވީ މަދީހާގެ ހިތަށް ހަންޖަރެއް ހަރާލިހެންނެވެ. ހިތްވަރުކޮށްގެން ނުރޯން މަސައްކަތް ކޮށްކޮށް ހުރި މަދީހާއަށް ނުހިފޭއްޓި ބަޑިފަޅައިގެން ގޮސް އަޑުން އަޑުނަގާ ރޯން ފެށުނެވެ. "ދަރިފުޅާ... މަންޝާ...."

މަދީހާއަށް އޭނާގެ ރުއިން ހުއްޓުވޭ ގޮތެއް ނުވިއެވެ. މަންޝާގެ ހާލަކީ ވެސް އެއީއެވެ. ދެމައިން އެކަކު އަނެކަކުގެ ހާލުއަހުވާލު އޮޅުން ފިލުވާލިއެވެ. ހަމައަކަށް އެޅި ވާހަކަ ދެއްކޭ ވަރުވުމުން މަދީހާއަށް ކުރިން ރޭ ފެނުނު ހުވަފެން ކިޔައި ދިނެވެ. އެހެންވެ މަންޝާގެ ހާލު ނުބަލާ ނުހުރެވިގެންް ގުޅީ ކަމަށްވެ ސް ބުންޏެވެ.

"ކޮބާތަ އަޒީމް؟.. އޭނަ ރަނގަޅުތަ؟... ތި ދެކުދިންނާ ދޭތެރޭ މަންމަގެ ހިތުގައި އެއްވެސް ބުރައެއް ނެތް.... މަންމަ ބޭނުމީ ތިދެކުދިން އުފަލުގައި އުޅޭތަން ދެކެން..." މަދީހާ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަމުން ވާހަކަ ދައްކަމުން ދިޔައެވެ.

"އަޒީމް އެވަނީ ހޮސްޕިޓަލް ތެރެއަށް.... އޭނަގެ ރައްޓެއްސެއްގެ މަންމަ އެޑްމިޓްކުރިކަން އެނގިގެން ހޮސްޕިޓަލަށް މިއައީ... މަންމާ މާމަ ރަނގަޅުތަ؟ ރަށަށް ނުދާތާ ވަރަށް ދުވަސްވެއްޖެ... ޢީދު ބަންދަށް ދާންވީދޯ ރަށަށް..." މަންޝާ އެހެން ބުނުމުން މަދީހާ ވަރަށް އުފާވިއެވެ. އަވަހަށް ދެކުދިން އެކީގައި ރަށަށް އައުމަށް މަދީހާ އެދުނެވެ. މަދީހާގެ ދެލޯ ފަދަ މަންޝާ ދެކޭ ހިތުން ކެތްތެރިކަން ވަނީ ކޮޅުން ލާފައެވެ.

ފޯނު ބޭއްވުމަށްފަހު މަދީހާ އަވަސްވެގަތީ ނަމާދުކުރަން އަޅައިގެން އިން ދޮޅި ބާލާ، ފަތްޖަހާލާށެވެ. ދޮޅި މުސައްލަ ތެރެއަށް ލުމަށްފަހު މުސައްލަ އޮޅާލިއެވެ. އެނދުމަތީގައި މުސައްލަ ބޭއްވުމަށްފަހު ކޮޓަރިން ނިކުމެގެން މަދީހާ ދިޔައީ އޭނާގެ މަންމަ ހަދީޖާ ހޯދާށެވެ. ހަދީޖާގެ ކޮޓަރިއަކީ އެންމެ ބިއްދޮށުގައި ހުންނަ ކޮޓަރިއެވެ. އެ ކޮޓަރި ދޮރު މައްޗަށް އެރުމަށްފަހު ދޮރު ހުޅުވާލިއިރު ހަދީޖާވެސް ނަމާދުކޮށް އަވަދިވަނީއެވެ. ގޮނޑީގައި އިށީނދެގެން އިން ހަދީޖާ ގާތަށް ގޮސް މަދީހާ ވާހަކަ ދެއްކިއެވެ.

"އަމާ..... މި އައީ އެ މަންޖެއަށް ގުޅާފަ... އެ ދެމަފިރިން ވެސް ރަނގަޅު... ބުނީ ޢީދަށް އަންނާނަމޯ...." މަދީހާގެ އުޖާލާވެފައިވާ މޫނު ފެނުމުން ހަދީޖާ ވަރަށް އުފާވިއެވެ.

"އަލްހަމްދުލިއްﷲ.... ވަރަށް އުފާވެއްޖެ... މަދީހާ... އަމާ ބުނަމެއްނު އެންމެން އެއްގޮތެއް ނުވާނޭ... ދެން މާދަމާއަށް އަވަހަށް ހަދިޔާތައް ތައްޔާރު ކުރަމާ... ހަމަ އެކަނި މުނީރާމެން ގެއަށްތަ ހަދީޔާ ފޮނުވާނީ..." ހަދީޖާ ގޮނޑިން ތެދުވަމުން ދޮޅި ނަގާ ފަތް ޖަހާލިއެވެ.

"މަންޝާއަށް އެންމެ މީރު ކުދި ގުޅައާއި ކުޅި ކާޖާ ތައްޔާރު ކުރަންވާނެ.... އަހަރެން މިދަނީ ބަދިގެއަށް... ފާޒިރާ މެންނަށް ވެސް ގުޅައިފިން މިގެއަށް ހަދިޔާތައް ހަދަން އަންނަން... އެމީހުން ވެސް އެބަ އާދޭ...." މަދީހާ އެކޮޓަރިން ނިކުމެގެން ދިޔަތަން ބަލަން ހުރުމަށްފަހު މޭޒުމަތީގައި އޮތް ޚަތިމް ނަގައިގެން އައިސް އެނދުގައި އިށީނދެ ހަދީޖާ ޤުރުއާން ކިޔަވަން ފެށިއެވެ.

*** *** *** *** *** ***

އައިޖީއެމްއެޗް އިން އަޒީމް ނިކުތް އިރު މަންޝާ އެހިސާބުގައި ފެންނަން ނެތުމުން މަގު ހުރަސްކޮށް ސައިކަލު ޕާކްކޮށްފައިވާ ޒޯނާ ދިމާލަށް ދިއުމަށް ހިނގައިގަތީ ކަރު އެލުވާލައިގެން ހުރެއެވެ. ސައިކަލް ޕާކްކޮށްފައިވާ ޒޯން ކައިރީގައި ދެއަތަށް ހިނގާލަ ހިނގާލަ ހުރި މަންޝާ ފެނުމުން އަޒީމްގެ ފިޔަވަޅު އަވަސްކޮށްލިއެވެ.

އަޒީމާ ކުރިމަތިލުމަށް މަންޝާ އެނބުރިލި ވަގުތު މަންޝާގެ މޫނު މައްޗަށް އުޖާލާކަން ގެނެސްދީފައިވާ ބޮޑު ހިިނިތުންވުން ފެނުމުން އަޒީމް ދައްކަން އައި ވާހަކަ ވެސް މުޅިން ހަނދާން ނެތުނު ކަހަލައެވެ. "ކިހިނެއްވީ؟... ހާދަ ހެޕީވެފަ.." ޒޯނުން ސައިކަލު ނެރެމުން މަންޝާ ގާތު އަޒީމް އަހާލިއެވެ.

"ޒީމް... ޔޫލް ބީ ސަޕްރައިޒްޑް... ޖަސްޓް ނައު މަންމަ އެ ގުޅީ.... އޯ ގޯޑް.. އައިމް ސޯ ހެޕީ.... މަންމަ ވަރަށް ވާހަކަ ދެއްކި ބުނި ދެކުދިން އެކީ ރަށަށް އަންނާށޯ ވެސް... މަންމަ ރުޅިއައިސްފައެއް ނޫނޯ... އޯ ޒީމް.... އައިމް ސޯ ސޯ ސޯ ހެޕީ...."

ސައިކަލް ފަހަތަށް އަރާ އަޒީމްގެ އުނަގަނޑުގައި ދެއަތް ވަށާލާ ބައްދާލަމުން މަންޝާ ވާހަކަ ދެއްކިއެވެ. ހުއްޓުމެއްނެތި މަންޝާ ވާހަކަ ދައްކަމުން ދިޔައެވެ. މަންމަ ގުޅުމުން އޭނާއަށް ކުރި އިހްސާސްތައް ބަޔާން ކޮށްދެމުން ދިޔައެވެ. މަންޝާ އިނީ އުފަލުން ފޮޅިފައެވެ. ނަމަވެސް އެވާހަކަތައް އަޑުއަހަން އިން އަޒީމްގެ ތުންފަތް މައްޗަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.

މަޑު ދުވެއްޔެއްގައި ސައިކަލް ދުއްވަމުން ގޮސް އަޒީމް ސައިކަލު މަޑުކޮށްލީ ނަވާފްމެންގެ ދެމަފިރިން ދިރިއުޅޭ ގޭގެ ދޮރު މައްޗަށެވެ.

ސައިކަލުން ފައިބައިގެން އެގޭތެރެއަށް ވަންނަން ހިގައިގެން މަންޝާ ހުރީ އިންތިހާއަަށް އުފާވެފައެވެ. އަޒީމް ސައިކަލު ޕާކު ކުރުމަށްފަހު މަންޝާގެ ފަހަތުން އެގޭތެރެއަށް ވަނެވެ. އެގެއަކީ މާގިނަ މީހުން އުޅޭ ގެއެއް ނޫނެވެ. ޒުހާ ވިހަން ކައިރިވުމުން އޭނާގެ މަންމަ މާލެ އައީ ފަސް އަހަރުގެ ޒައިކް ބަލާދޭނެ މީހަކު ނެތުމުންނެވެ.

ސިޓިންގް ރޫމް ތެރޭގައި ކުޅޭ ހައިމާކެއް ހިފައިގެން ކުޅެން އިން ޒައިކް ފެނުމުން މަންޝާ އެންމެ ފުރަތަމަ ގާތްވެލީ އެ ސޮރު ގާތަށެވެ. "ހޭ ލިލް މޭން.... ގިވްމީ އަ ފައިވް...." ޒައިކްއާ ދިމާލަށް ދިއްކޮށްގެން އިން މަންޝާގެ އަތުގައި ޒައިކް ޓަޗެއް ޖަހާލިއެވެ. ޒައިކް ކައިރީ އިށީނދެގެންް ޓީވީއަށް ބަލަހައްޓައިގެން އިން ޒުހާގެ މަންމަ މަންޝާމެން ފެނުމުން ހިނިތުންވެލިއެވެ.

"ހާދަ ބޮޑުވެއްޖޭ ޒައިކް.... ދައްތައަށް ވުރެއް ދިގުވާނެ ދުވަސްކޮޅަަކުން.... ކޯއްޗެއްތަ ކަނީ؟...."

"ޒައިކް ކަނީ ފިޝްއާ ބަތާ... ކްރަމްޕީއާ ޕާނާ...." އުފަލުން ފޮޅިފާ އިނދެ، ދެއަތް ޖޯޑުކޮށްލަމުން، ޅަ ގޮތަކަށް ޒައިކް ޖަވާބުދިނެވެ.

"މަންމާ.... ވަރަށް ދުވަސް ފަހުންދޯ މިދިމާވީ.... ހާލު ރަނގަޅުތަ؟.." އުޑުފައިން ޒައިކް ގާތު އިށީނދެގެން އިން މަންޝާ ޒުހާގެ މަންމައާއި ވާހަކަ ދައްކަމުން ތެދުވެ މަންމައާއި ސަލާމްކޮށްލިއެވެ. ފެށުނީއްސުރެއް ޒުހާގެ މަންމައަށް މަންޝާ މުޚާތަބު ކުރަަނީ މަންމައޭ ކިޔައިގެންނެވެ.

"ރަނގަޅު... ދަރިފުޅުމެން ރަނގަޅުދޯ!.... ޒުހާއާ ނަވާފް ވެއްޖެ އެތެރޭގަ..." ޒުހާގެ މަންމަ ވަދީފާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. މަންޝާގެ އަތުގައި ފިރުމާލަމުން އެތެރެއިން ފެންނަން ހުރި ކޮޓަރިއާއި ދިމާލަށް އިޝާރާތް ކޮށްލިއެވެ.

"އޯހް... ކޮބާތަ ބޭބީ؟... ޒައިކަށް އިނގޭތަ... ދައްތަ މިއައީ ކޮއްކޮ ބަލައޭ... އޯކޭތަ ކޮއްކޮ ގެންދިޔަސް!!!...."

ޒުހާމެންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން މަންޝާ މިހެން ބުނުމާއި އެކީ ތުއްތު ޒައިކް ކުޅެން އިން ތަނުން ތެދުވެ މަންޝާ ފަހަތުން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އަޒީމް ހިނގައިގަތީ މަންޝާގެ ފަހަތުންނެވެ. މަންޝާގެ ފަހަތުން ދުވެފައި ދިޔަ ޒައިކް އުރާލާ އެސޮރު ގައިގާ އަޒީމް ބައްދާލަމުން ޒައިކްގެ ކަންފަތު ބުޑުގައި މަޑުމަޑުން ދަތް އަޅާލިއެވެ. މަންޝާ އެކޮޓަރިއަށް ވަދެ ބޭބީ އެނދު ކައިރިއަށް ދިޔައިރު އެ ތުއްތު ކުއްޖާ އޮތީ ތަންމިނަށް ލޯ ހުޅުވައިގެންނެވެ. މަންޝާގެ ފަހަތުން އައި އަޒީމް ކޮޓަރިއަށް ވަންނަމުން ނަވާފަށް ގޮވާލިއެވެ.

އެވަގުތު ކޮއްކޮ ނުގެންދާށޭ ކިޔާ ޒައިކް ބޮޑާހާކަން ފެށިއެވެ. "ކޮއްކޮ ނުގެންދާތި.. ތީ ޒައިކްގެ ކޮއްކޮއެއް... ބައްޕީ... މި ބޭބެ ޒައިކްގެ ކަންފަތް ކާލީ...." އެންމެން އެއްފަހަރާ ބާރަށް ހީގަތީ ޒައިކް މޫނަށް ޖައްސަމުން ދިޔަ ވައްތަރު ފެނުމުންނެވެ.

(ނުނިމޭ)