މަންޝާ އެރޭ ނިދަން ލައިގެން އޮތީ ރަތް ކުލައިގެ ނައިޓީއެކެވެ. ހަމުގެ ކުލަ ކަޅަސް އޭނާގެ ހަމުގެ ކުލަޔާ ރަތްކުލަ ވަރަށްވެސް ގުޅެއެވެ. މަންޝާގެ ހަށިގަނޑަށް ފާރަލަމުން އައިސް ހުރި އެ މަޚްލޫގު މަންޝާއާ ދިމާލަށް ބަލަމުން ދިޔައެވެ. އަރިއަކަށް އޮށޯވެގެން އޮތް މަންޝާގެ ކަރުދޮށުން އައިސް މޭމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުތައް ވަޔާ މައްޗަށް ވިހުރިގެން ދިޔައީ އެ މަޚްލޫގުގެ އިޝާރާތަށެވެ.

*** *** *** *** *** ***

ފަތިސް ނަމާދަށްފަހު މާފަންނު އާ ސަހަރާގައި ރޫހީ ވަޅުލުމުގެ ކަންތައްތައް ކުރިޔަށް ދިޔައެވެ. ރިޔާޒްގެ އެކުވެރިން ކަށުނަމާދުގައި ބައިވެރިވިއެއް ކަމަކު އެއިން އެއްވެސް އެކުވެރިޔަކާ ވާހަކަ ދައްކާ، އަނގައިން ބުނެލާނެހާ ހިތްވަރު ވެސް އޭނާގެ ގަޔަކު ނެތެވެ.

ރޫހީ ވަޅުލުމުގެ ކުރިން މޫނު ބަލަން އާމިނަ ގެނައުމުން ވެސް އޭނާގެ ހެޔަށް ގޮތްވާތީ އާމިނަ ގޮވައިގެން ޟިރާރު ދިޔައީ ހޮސްޕިޓަލަށެވެ. މާލޭގައި ދިރިއުޅޭ ރަށުގެ ގިނަ މީހުންނާއި، އާއިލާ މީހުންނާއި، ގިނަ އަދަދެއްގެ ރަހްމަތްތެރިން އެ ޖަނާޒާގައި ބައިވެރިވިއެވެ. އެންމެންގެ ހިތުގައި ވެސް އުފެދިފައިވާ ސުވާލަށް ޖަވާބެއް ލިބޭ ގޮތެއް ނުވެއެވެ. އެހާ ޅަ އުމުރުގައި އެ އަންހެން ކުއްޖާ އަމިއްލައަށް ދަންޖެހެން ޖެހުނު ސަބަބެވެ. އެއީ އެންމެންގެ ލޯތަކަށް ވެސް ފޮރުވިފައިވާ ސިއްރެކެވެ.

ރޫހީ ވަޅުލުމަށްފަހު އެންމެން ސަހަރާއިން ބޭރަށް ނިކުތް ދަނޑިވަޅުގައި ސަހަރާ ކުރިމަތީ ތިބި ނޫސްވެރިންގެ ޓީމް އައިސް ރިޔާޒްއާ ބައްދަލު ކުރިއެވެ. އެމީހުންގެ ނޫހުގައި ޖަހަން ބޭނުންވާ ޚަބަރަށް އިތުރު ތަފްސީލެއް ހޯދޭތޯއެވެ.

"އައްސަލާމް އަލައިކުމް... އަޅުގަނޑުމެން މީ ފަތިސް ނޫހުން.... ރޫހީގެ މަރާ ބެހޭ ގޮތުން ސުވާލެއް ކޮށްލަން ބޭނުންވާތީ...." ރިޔާޒް ކުރި މައްޗަށް އައިސް ހުއްޓުނު ޒުވާނާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަތުގައިވާ ފޯނު އޮތީ ރިކޯޑަށް ޖައްސާފައެވެ. ރޮއިރޮއި ރަތްވެ، ދުޅަވެފައިވާ ލޮލުން ރިޔާޒް ބަލާލީ ހިތްދަތި ގޮތަކަށެވެ.

"މިގަޑީގަ ދެން ތީ ކޮން ސުވާލެއް؟.... އާއިލާއަށް ކެތްތެރިކަން ބޭނުންވާ ދަނޑިވަޅެއްގައި މިފަަދަ ސުވާލު ކުރުމުން ވާނެ ގޮތް އެނގޭތަ؟... ކަލޭމެންނަށް ނޫހުގަ ފަލަ ސުރުޚީއަށް މި މައުޟޫ ޖަހާފަ އާޓިކަލްއެއް ލިޔެވުނީމަ އެ ނިމުނީ ދޯ؟.... ހަމްދަރުދީއޭ ބުނާ އެއްޗެއް ކަލޭމެންގެ ހިތުގައި ނޯވޭތަ؟...." ރިޔާޒްގެ ފަހަތުން ނިކުތް ޒުވާނާ ރުޅިވެރިކަމާ އެކީ އޭނާގެ ދުލުން ހަރުކަށި ބަސްތައް ބޭރުކޮށްލީ ރިޔާޒްމެންގެ އާއިލާގެ ދިފާއުގައެވެ. ވާހަކަ ދެއްކީ އަންހެން މީހާއަކީ ޒަމާނީ ގޮތަށް ހެދުން އަޅާފައި ހުރި ހަމުގެ ކުލަ ދޮން ވަރަށް ރީތި އަންހެނެކެވެ.

އަތުގެ އިޝާރާތުން އެ އަންހެން މީހާ ގާތު މަޑުން ހުރުމަށް ރިޔާޒް އެދުނެވެ. އިސްދަށަށް ޖަހައިގެން ހުރެ އޭނާ ފަހަަތަށް ފިޔަވަޅެއް އަޅާލިއެވެ. ކަރުކެހިލަމުން ރިޕޯޓަރާއި ރިޔާޒް ވާހަކަ ދެއްކިއެވެ. "ކީކޭތޯ؟"

ރިޔާޒްގެ މޫނަށް ބަލަން ހުރުމަށްފަހު ނޫސްވެރިޔާގެ ސުވާލުތައް ބަންޑުން ކޮށްލިއެވެ. "ރޫހީ ދަންޖެހިގެން މަރުވާން ޖެހުނު ސަބަބަކީ ކޮބާ؟... ރޫހީއަކީ ބޯ ހަމަނުޖެހޭ ކުއްޖެއްތަ؟... މިފަދަ ކަމެއް އޭނާ އަމިއްލައަށް ކޮށްފާނެ ކަމަށް ގަބޫލު ކުރަންތޯ؟...."

ރިޔާޒްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަލިވަމުން ދިޔަ އުޑުމައްޗަށް ބަލާލަމުން އެ ރިޕޯޓަރަށް ޖަވާބު ދިނެވެ. "ރޫހީގެ މަރާ ބެހޭ ގޮތުން އަޅުގަނޑަށް އެއްޗެއް ބުނާކަށް ނޭނގޭ... އަޅުގަނޑަށް ވެސް އެނގެނީ ޑޮކްޓަރުން ވިދާޅުވި އެއްޗެއް.... މަރު އައިސް ޖެހުމުން ކޮންމެ މީހަކުވެސް މަރުވާނެ.... މިއަދު ރޫހީގެ ވަގުތު އައިސް ޖެހުނީ... މާދަމާ މަރުވާނީ އަޅުގަނޑު ނޫނީ ތިބޭފުޅާ ކަމެއްވެސް ނޭނގޭ...."

ރިޔާޒް އެހިސާބަށް ބުނުމަށްފަހު ސަހަރާ ކައިރިއަށް އައިސް މަޑުކޮށްލި ކާރަށް އަރަން ހިނގައިގަތެވެ. ރިޔާޒްގެ ފަހަތުން އެ އަންހެން މީހާ ވެސް ގޮސް ކާރަށް އެރިއެވެ. އެވަގުތު ރިޕޯޓަރު ހުރީ ބުނާނެ އިތުރު އެއްޗެއް ނޭނގި އާ ގަމަ ކައިފައެވެ.

"ރިޔާ... އާޔޫ އޯކޭ... ހޮސްޕިޓަލަށް ދާން ހިނގާ.... އައި.ޖީ.އެމް.އެޗް..." ކާރަށް އެރުމަށްފަހު އެ އަންހެން މީހާ ހޮސްޕިޓަލަށް ދިޔުމަށް ޑްރައިވަރު ގާތު އެދުނެވެ. ފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ހިފެހެއްޓުމެއް ނެތި ރިޔާޒްގެ ލޮލުން ފައިބައި ގަތެވެ.

"މީރާ... އަހަރެންގެ ކޮއްކޮ... އަހަރެންނަށް ރޫހީއަށް އެއްވެސް އެހީއެއް ނުވެވުނު.... އަޅޭ... އަހަރެން ކިހާ ގޯސް..." ރިޔާޒް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ދިޔައެވެ. މީރާގެ އަތް ދަބަހުން ޓިޝޫއެއް ނަގާ ރިޔާޒަށް ދިއްކޮށްލަމުން ހިތްވަރުކުރުމަށް ނަސޭހަތްތެރި ވިއެވެ. މީރާ ހުރީ ރިޔާޒަށް ވަމުންދާ ގޮތްތައް ފެނި އިންތިހާއަށް ދެރަވެފައެވެ.

*** *** *** *** *** ***

އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ނަރުސް ކުދިން ހެނދުނު އަށެއް ޖެހުމުގެ ކުރިން ހުރިހާ ބަލިމީހުންގެ ކޮޓަރިތަކަށް ޒިޔާރަތް ކުރަމުން ދިޔައެވެ. ޒުހާމެން ތިބި ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާ އެކީ ޒުހާއަށް ލޯ ހުޅުވާލެވުނީ ވަރަށް ކަންނެތް ގޮތަކަށެވެ. ސޯފާގައި އިށީނދެގެން ފޯނުން އެއްޗެއް ކިޔަން އިން ނަވާފް ތެދުވެ ކޮޓަރި ދޮރު ހުޅުވަން ދިޔުމަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެގެން އައި ނަރުސްކުދިންގެ ތެރެއިން އެއް ނަރުހަކު ޒުހާގެ ލޭގެ ޕްރެޝަރު ބަލާ، ހުންބަލާ މެޝިން ކަންފަތުގެ ހޮޔަށް މަޑުމަޑުން ކޮށްޕާލިއެވެ. އޭރު އަނެއް ނަރުސް ކުއްޖާ އެނދުގައި ނިދާފައި އޮތް ތުއްތު ކުއްޖާގެ ހުންބަލާ ހެދުމަށްފަހު ކޮޓަރިން ބޭރަށް ދިޔައީ ޑޮކްޓަރު އެ ދެމައިން ޑިސްޗާޖް ކުރަން އެންގިކަމުގެ އުފާވެރި ޚަބަރު ދިނުމަށް ފަހުއެވެ.

ނަރުސް ކުދިން ކޮޓަރިން ނުކުތުމާ އެކީ ޒުހާގެ ދަރިފުޅު މަޑު ތޫލި އަޑަކުން ކުކުރާލިއެވެ. އެމަންޖެ ގައި ދަށުގައިވާ ފޮތިގަނޑާ އެކީ އުރާލައިގެން ނަވާފް އެ ކުއްޖާ ހުއްޓުވަން މަސައްކަތް ކުރަމުން އެ ތުއްތު ކުއްޖާއާ ވާހަކަ ދައްކަމުން ދިޔައެވެ. "ބައްޕަ ދޫނީ... ކިހިނެއްވީ؟... ހޫންން ހޫން ހޫންން..."

ނަވާފް ޅަވެފައި ވާހަކަ ދައްކާގޮތް ފެނުމުން ޒުހާއަށް ހެވުނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. އެނދުގައި އިށީނދެ އިންދެ ހޭވިފައިވާ އިސްތަށިގަނޑު އެއްކޮށްލާ، ބޮލުމެދަށް ހުޅިއެއް ޖަހާލުމަށްފަހު އެނދުގައި ޒުހާ ހަމަޖެހިލިއެވެ. އުނގަށް ބާލީހެއް ލައިގެން އިން ޒުހާގެ އަތަށް އެ ތުއްތު ކުއްޖާ ގެނެސްދިނީ އެ ކުއްޖާ އަނގަޔަށް އަތްލާ ހަދާތީ އެ ރޮނީ ބަޑުހައި ވެގެންކަން ނަވާފަށް އެނގުމުންނެވެ. ތުއްތު ކުއްޖާއާ ލޯބި ކޮށްލަމުން ޒުހާ އެ ކުއްޖާއަށް ގާތުން ކިރުދޭން އުޅުނު ވަގުތު ނަވާފް އެ ކޮޓަރީގެ ދޮރު އެތެރެއިން ތަޅުލިއެވެ.

"ޒައިކް ވަރަށް އުފަލުންދޯ ހުންނާނީ... ގޭ އެއްވެސް މީހެއް ކައިރީ ނުބުނެ ހިނގާ ގެއަށް ދާން.. އޭރުން އެންމެންވެސް ސަޕްރައިޒް ވާނެ...." ހޮސްޕިޓަލުން ދޫކޮށްލި ޚަބަރު ލިބުމުން ޒުހާ ހުރީ އިންތިހާއަށް އުފާ ވެފައެވެ. ނަވާފްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއަސް ނަވާފްއަށް އިނދެވުނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އެ ހިނދު ޒުހާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަގައި ގަނެވުނެވެ.

"ކިހިނެއްވީ ނަވާފް؟... ހާދަ މޫޑް އޮފް ވެފަ... ނަވާފް ރީތިވެގެން ތިހުރީޔޯ... ތަނަކަށް ގޮއްސަތަ ތިއައީ؟..." ޒުހާގެ ސުވާލުތައް އަންނަން ފެށިގޮތުން ޖަވާބެއް ނުލިބެނީސް އޭނާ ހިތްހަމަނުޖެހޭނެ ކަން ނަވާފަށް އެނގުނެވެ.

"މަ ބުނީމެއްނުން އަހަރެންގެ ފްރެންޑެއްގެ ކޮއްކޮ މި ފްލޯގެ، ރޫމް 313 ގައި އެޑްމިޓްކޮށްފަ އޮތްވާހަކަ.... ރިޔާޒްގެ ކޮއްކޮ އެއީ.... ރޭގަ... ރޭގަ..." އަޅައިގަންނަމުން ނަވާފް ދައްކަމުން ދިޔަ ވާހަކައަށް ޒުހާގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

"ރޭގަ... އޭނަ މަރުވެއްޖެ...."

"އިންނާ ލިއްލާހި ވައިނާ އިލައިހި ރާޖިއޫން.... ހުވާތަ... އޭނައަށް އަދި އަށާރަ އަހަރުދޯ ވާނީވެސް... ކިހިނެކޯ ވީ؟..." ޒުހާ ހައިރާންވެހުރެ ސުވާލު ކުރަން ފެށީ ޚަބަރު ދަބަރު ހޯދާށެވެ.

"ނޭނގެ ވީ ނުވީއްޔެއް... ދަން ޖެހިގެން މަރުވެފަ އިންދާ ނަރުސް ކުދިންނަށް ފެނުނީ.... އަހަރެން މިއައީ ފަތިސް ނަމާދަށްފަހު ކަށުނަމާދަށް ގޮއްސަ..." ނަވާފް އޭނަ ރީތިވެގެން ހުރި ސަބަބު އޮޅުން ފިލުވައިދިނެވެ.

"އަޅެ ރިޔާޒްމެން ހާދަ ދެރަ ވާނޭ؟... ކިހާ ދެރަ... މަ އަޑުއެހިން އެ ކުއްޖާ ބޯ ހަަމަނުޖެހޭ ވާހަކަވެސް... ދެން އަޅެ ދޯ... ރިޔާޒް މަންމަ ކޮބާ؟.." ރޫހީގެ މަރުގެ ޚަބަރުން ޒުހާއަށް ވަރަށް ފުން އަސަރުކޮށްފިއެވެ. މިވަގުތު އޭނައަކީ ވެސް އަންހެން ކުއްޖެއްގެ މަންމައެއް ކަމުން ޒުހާގެ ހިތަށް އަރަމުން ދިޔައީ އެގޮތަށް މަރުވުމުން ރޫހީގެ މަންމައަށް ކުރާނެ ފުން އަސަރުތަކެވެ.

"އާމިނައްތަގެ ހެޔެއް ނެތް؟... މިތާ އެމަޖެންސީ ގަ އެބަ އޮތް... ރިޔާޒްވެސް ވަރަށް ދެރަވެފަ އިނީ.. މީހަކާ އަނގައިން ވެސް ނުބުނޭ... ޚަބަރު ލިބުމާ އެކީ މީރާވެސް ވަގުތުން މިކޮޅަށް އައިސްފި.... މީރާ އެއީ ރިޔާޒަށް ލިބިފައިން ރަންގަނޑެއް... އެބައުޅޭ އެންމެންވެސް އެމަޖެންސީ ރޫމް ކައިރީގަ..." ނަވާފް ވާހަކަ ދައްކަމުން އައިސް ޒުހާގެ މަގަތުގައި އިށީނދެ އެމީހުންގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

"އަޅެ ކިހާ ދެރަ؟... އަހަރެމެން ގެއަށް ގޮސް ހަމަޖެހިލައިގެން އެމީހުން ކައިރިއަށް ދާން ވާނެ... މިވަގުތު ރަހްމަތްތެރިންގެ އަޅާލުން ވަރަށް ބޭނުންވާނެ... އަސްލު ވަރަށް ދެރަވާނެ ދޯ.. އެއީ އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރި ވިއްޔާ.... އެ އާއިލާއަށް ކެތްތެރިކަން ދެއްވާށި...." ޒުހާ ވާހަކަ ދައްކަމުން އުނގުގައި އޮތް ދަރިފުޅުގެ މޫނަށް ބަލާލިއެވެ.

"ޒޫ... އަހަރެން މިދަނީ ބިލްތައް ދައްކާ ޑިސްޗާރޖް ކަންތައް އަވަސްކުރަން.... އެމަންޖެ ރީތި ކޮށްފަ ޒުހާވެސް ރެޑީވޭ އިނގޭ..." ނަވާފް ތެދުވެ ކޮޓަރިން ބޭރަށް ހިނގައިގަތެވެ.

"ނަވާފް.... އަހަރެން ވަރަށް ބަނޑުހައި.... ކިރު ޕެކެޓެއް ހިފައިގެން އަންނައްޗޭ..." ތުއި ގޮތަކަށް ޒުހާ ބުނެލިއެވެ.

*** *** *** *** *** ***

ގަދައަށް ނިދާފަ އޮތް މަންޝާއަށް ތަފާތު އިހްސާސެއް ކުރަމުން ދިޔައެވެ. އޭނާގެ ހަށިގަނޑުގައި ވަރަށް ފިނި އަތަކުން ފިރުމާ ކަމުގެ އިހްސާސެވެ. ކަނދުރާ ދޮށުގައިވާ އިސްތަށިތައް އެއްފަރާތް ކޮށްލަމުން ކަންފަތު ބުޑުގައި ހޫނު ނޭވާއެއް އެޅިލިއެވެ. މަޑުމަޑުން މަންޝާގެ ކޮނޑު އަރުވާލަމުން ކަންފަތް ދަށުގައި ދެބުރަކަށް ކޮނޑު ހާކާލިއެވެ. ދެން އެމީހެއްގެ އަތް ތިލައިން މަންޝާގެ ކޮނޑުގައި ހިފަހައްޓަމުން ކަންފަތް ދޮށަށް ގުދުވެ ވައި އަޑުން މަންޝާއަށް ގޮވާލިއިރު އަނގައިން ބޭރުވި ހޫނު ނޭވާ މަންޝާގެ ކަންފަތަށް އެޅެމުން ދިޔައެވެ.

ސިއްސައިގެންގޮސް ދެލޯ ބޮޑުކޮށްލަމުން މަންޝާ ފަހަތަށް އެނބުރިލީ އެއީ ކާކުތޯ ބަލާށެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު މަންޝާ ހުރީ އިންތިހާއަށް ބިރުގެންފައެވެ.

"ކިހިނެއްވީ..... އޭއި.... " މަންޝާގެ އަތުގައި ހިފާ އަނބުރާލަމުން އަޒީމް ވާހަކަ ދެއްކީ މަންޝާ އޭނާގެ ފަހަތުގައިވާ ބެލްކަނި ހުރި ދިމާލަށް ބަލާތީއެވެ. އަޒީމް އޭނާގެ އަތުގައި ހިފުމުން އެއަށް ވުރެއް ބާރަށް މަންޝާއަށް ތެޅިގަނެވުނެވެ.

"ސާބަހޭ މީމަށޭ!...." ދެބުމަ ގޮށް ޖަހައިގެން އޮތް މަންޝާ ފެނުމުން ހައިރާނުން ފުރިފައިވާ ގޮތަކަށް އަޒީމް ބުނެލިއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން މަންޝާ އައިސް އަޒީމްގެ އަތުތެރެއަށް ވަދެ އަޒީމް ގައިގައި ބާރަށް ބައްދާލިއެވެ. "ހޭއި.... ޒީމް ކޮންއިރަކު އައީ؟..." އަޒީމް މޭމަތީގައި ހުރި އިސްތަށިތަކާ ކުޅެމުން މަންޝާ ވާހަކަ ދެއްކީ ލަދުން އޮވެއެވެ.

"އިރުކޮޅެއް ވެެއްޖެ... މަން... ރޭގަ އެއޮއް ވިއްސާރައިރު ބެލްކަނި ދޮރު ނުލައްޕާ ނިދީ ކީއްވެ؟... އަދި އޭސީވެސް ހުރީ ޖައްސާފަ..." މަންޝާއަށް ޖަވާބު ދެމުން އަޒީމް ގެއަށް އައިފަަހުން ފެނުނު މަންޒަރުތަކުން ހިތުގައި އުފެދިފައިވާ ސުވާލުތައް ކުރަމުން މަންޝާގެ ބޮލުގައި ފިރުމާލިއެވެ.

"ނޫން.. ބެލްކަނި ދޮރު ލައްޕާފަ ހުންނާނީ... ރޭގަ ފިނިކަމުން އޭސީވެސް ނުޖައްސަން... ނޭނގެ... ގައިމުވެސް އަހަރެން ނުޖައްސަން އޭސީއެއް..." އަޒީމް ދެއްކި ވާހަކަތައް ގަބޫލު ނުކުރެވިފައި އޮތް މަންޝާ ބެލްކަނި ދޮރާ ދިމާލަށް ބަލަމުން ޖަވާބުދެމުން ދިޔައީ ތުއްތު ކުއްޖެއް ފަދައިންނެވެ.

"ދެން އަޒީމް... ހާދަ މިސްވިއޭ ރޭގަ... ހިތަށް އެރި ތި ޑިއުޓީއެއް ނެތްނަމައޭ..." މަންޝާ ތުން ދިގު ކޮށްލަމުން އެހެންބުނެލީ ބޮޑާ ހާކާ ފަދައަކުންނެވެ. މަންޝާގެ ހަށިގަނޑުގައި އަޒީމްގެ ކަސްރަތީ އަތުން ބާރަށް ބައްދާލީ ރޭގައި މަންޝާއަށް ވެސް އެކަނި އޮވެ ފިނިކަމުން ނުނިދުނީ ކަމަށް ހީކޮށެވެ. އަޒީމްގެ މޭތެރޭގައި މޫނު ފޮރުވާލަމުން މަންޝާގެ ދެލޯ މަރާލިއިރު ރޭގައި ހޮސްޕިޓަލުގައި ހިނގި ކަންތައް މަތިން ހަނދާން ވިއެވެ.

ހޮސްޕިޓަލް ތެރޭގައި މަންޝާ މަގު އޮޅިގެން އުޅެން ޖެހުނުކަމާއި، އެ ކަންތައް ގަނޑުގެ ސަބަބުން ރިޕޯޓް ނުނެގުނު ކަމެވެ. މަަންޝާ އެވާހަކަތައް ބުނަން ބޭނުންވި ނަމަވެސް ނުބުނުން އެއީ ބުއްދިވެރިގޮތް ކަމުގައި ވިސްނުނީ އެކަންތަކަކީ މާ ބޮޑު ކަމަކަށް އަޒީމް ހަދާފާނެތީއެވެ. މަންޝާ ކިރިޔާ ބަލި ވިޔަަސް އަޒީމަކީ ވަރަށް ކަންތައް ބޮޑުވާ މީހެކެވެ. ވަޅި ގެންގުޅޭ އިރު އިނގިއްޔެއް ކަނޑައިގެން ދިޔަޔަސް އެހާ ހާސަރު ދަމާނެއެވެ.

އަޒީމް މަންޝާއާ ގާތްވެލަމުން މަންޝާގެ ނިތްކުރިއަށް ބޮސްދިނެވެ. މަންޝާ އިސްއުފުލާލާ އަޒީމާ ހަތަރު ކަޅި ހަމަކޮށް ބަލާލުމުން މަންޝާގެ ތުންފަތަށް ބޮސްދޭން އަޒީމް ކައިރިވެލިއެވެ. ދުރަށް ޖެހިލަމުން މަންޝާ ތެދުވެގެން ފާޚާނާއަށް ވަންނަން ދިޔައެވެ.

"ދަތްވެސް ނޫގުޅާ.... ޗީޑި... ނޮޓް ނައު... އެބަ އަންނަން..." ފާޚާނާއަށް ވަދެ މަންޝާ ދޮރު ލައްޕާލީ ހިނިތުންވެ ހުރެއެވެ. ދޮރު ލައްޕާ ތަޅު ނުލާ ހުރީ އަޒީމް ފާޚާނާއަށް އަންނާނެކަން މަންޝާއަށް އެނގޭތީއެވެ.

އަޒީމްގެ ފޯނު ރިންގްވާން ފެށުމުން ފޯނަށް ބަލައިލިއެވެ. ފޯނު ކަންފަތުގައި ޖައްސާލުމަށްފަހު އަޒީމް ވާހަކަ ދެއްކިއެވެ. އެނދުން ފައިބައިގެން ގޮސް ފާޚާނާ ދޮރު ހުޅުވާލީ މަންޝާ ގާތަށް ދިޔުމުގެ ބޭނުމުގައެވެ.

"ހެއި ނަވާފް... ކޮބާ ކިހިނެއްތަ؟.... މަންޝާ ދިޔަދޯ ހޮސްޕިޓަލަށް... މަށަށް އަދި ވަގުތެއް ނުވެގެން މިއުޅެނީ... މިރޭ ޖައްސާލާނަން.... މިއުޅެނީ ނިދާލަން... ދެންމެ ޑިއުޓީއިން މިއައީ..." އަޒީމް ފާޚާނާ ދޮރު ހުޅުވާލަމުން މާގަނޑު ދަށުގައި ފެންވަރަން ހުރި މަންޝާއާއި ދިމާލަށް ބަލަމުން ނަވާފްގެ ކޯލަށް ވާހަކަ ދެއްކިއެވެ.

އަޒީމް ފާޚާނާ ދޮރުމަތީ ހުރިކަން މަންޝާއަށް އެނގުމުން ފެންގޮއްޓެއް އަޒީމްއާ ދިމާލަށް ހޫރާލިއެވެ.

ހިނިގަނޑެއް ޖަހާލަމުން އަޒީމް ފާޚާނާ ދޮރު ލައްޕާލިއެވެ. އެހެންް ހުރެއްޖިއްޔާ އަޒީމް ތެއްމާލާނެ ކަން އެނގޭތީއެވެ. މަންޝާއާއި އަޒީމާ ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތަކަކީ ލޯބިން ސަމާސާކޮށް މަޖާކުރާ ވަގުތު ތަކެކެވެ. ފާޚާނާ ކައިރިން ދުރަށް ޖެހިލުމަށްފަހު އެނދުގައި އިށީނދެ މޫނުމަތީގައި ހުރި ފެންތައް އަތުގެ ނުފުށުން ފޮހެލަމުން ނަވާފް ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދިނެވެ.

*** *** *** *** *** ***

ނަރުސް ކުދިންގެ ޖަގަހައިން ހަވާލުކުރި ލިޔެކިޔުންތައް ހިފައިގެން ލިފްޓަށް އަރަމުން ފޯނުން ނަވާފް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާއާއެވެ.

"ދެން ހޮސްޕިޓަލަށް އަންނަން ހަދާނެކަމެއް ނެތް... މިހާރު ދޫކޮށްލަނީ... ބިލްގެ ކަންތައްތައް ނިންމާލާފަ މިއުޅެނީ ގެއަށް ދާން.... އެކަމު އަދި ގެއިން އެއްވެސް މީހަކަށް ނާންގަން.. ޒުހާ ބޭނުންވަނީ ސަޕްރައިޒެއް ދޭން...." ފޯނަށް ހެޑްސެޓްގެ ވާގަނޑު ގުޅާލުމަށްފަހު ނަވާފްގެ ޖިންސުގެ ޖީބަށް ފޯނު ލިއެވެ. އަދި ނަވާފްގެ ކަންފަތަށް ހެޑްސެޓް ހެޔޮވަރު ކޮށްލިއެވެ.

ލިފްޓުން ގްރައުންޑް ފްލޯއަށް ދާން ސްވިޗަށް ފިތާލައިގެން ހުރި އިރު އަޒީމް އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ނަވާފް ހުރީ ދަތްޕިލަ ސޭލް އަޅުވައިގެންނެވެ. ބައްޕައަކަށް ވުމުގެ އުފާ ދެވަނަ ފަހަރަށް ކުރުމުންވެސް ނަވާފަށް ހީވަނީ ޢީދެއް އައިސްގެން އުޅޭ ހެންނެވެ. ތިރީ ބުރިއަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ނަވާފް މިސްރާބު ޖެހީ ނަރުސްކުދިން ބުނި ކައުންޓަރު ދޮށަށް ދިއުމަށެވެ. ނަވާފް އެ ކައުންޓަރ ދޮށަށްދާން އަޅާލި މަގަކީ އަވަސް ފަރުވާދޭ ކޮޓަރި ހުންނަ މަގެވެ. އެހިސާބުން އަވަސް ފަރުވާދޭ ކޮޓަރި ކުރިމަތީގައި ހުރި ގޮނޑި ބަރީގައި ރިޔާޒާާއި މީރާ އިށީނދެގެން ތިބި ތަން ފެނުމުން އޭނާ އެ މީހުން ގާތަށް ދިޔައެވެ.

"ރިޔާޒް... މިހާރު އާމިނައްތަ ކިހިނެއް؟... ކީކޯ ޑޮކްޓަރުން ބުނީ...." އެމީހުން ތިބި ހިސާބަށް ދެވުމުން ނަވާފް ސުވާލުކޮށްލިއެވެ.

(ނުނިމޭ)