ފޮތް ލައްޕާލުމަށްފަހު ރަނގަޅަށް ގޮނޑީގައި ލެނގިލައި މަންޝާގެ ހަށިގަނޑު ދަމާލިއެވެ. ދެލޯ އުނގުޅާލާ، ފޮހެލުމަށްފަހު ދެލޯ މަރާލަމުން ހަށަން ބަނދެލައިގެން އެހެން އޮތީ ކުޑަކޮށް އަރާމުކޮށްލާށެވެ. އެހެން އޮއްވާ މީހަކު އޭނާގެ ކޮނޑުގައި ފިރުމާލުމުން ސިއްސައިގެން ގޮސް ފުންމައިގެން ގޮނޑިން ތެދުވެވުނީ ބޭއިހްތިޔާރުގައެވެ.
*** *** *** *** *** ***
ތޫލި އަޑަކުން މަންޝާ ހަޅޭއްލަވައިގަތެވެ. ވަށައިގެން ބަލާލީ މީހަކު ފަހަތުގައި ހުރިހެން ހީވުމުންނެވެ. ނަމަވެސް އެގޭގައި މަންޝާ ފިޔަވާ އިތުރު މީހަކު ނެތެވެ. އެއީ މަންޝާއަށް ކުރެވުނު ކުށް ހީއެއް ކަމަށް ނިންމިއެވެ.
ކާން އިން މޭޒު ދޮށުން ތެދުވެ ސިންކު ދޮށަށް އޭނާ ދިޔައީ ތަށި ދޮންނާށެވެ. ކައި ނިމިގެން ގިނައިރުވުމުގެ ސަބަބުން އަތާއި ތަށި ވަނީ ހިކި ކުރަކިވެފައެވެ. އެހެންކަމުން އެ ތައްޓައް ފެންއަޅާފައި ސިންކު ތެރޭގައި ބެހެއްޓުމަށްފަަހު އަތް ރަނގަޅަށް ދޮވެލިއެވެ. ދެން ޓީވީ ހުޅުވާލުމަށް ފަހު ސޯފާގައި އިށީނީ މާޒީގެ އެ ހަނދާންތަކުން ދުރަށް ޖެހިލާށެވެ.
މިއަދު ހޮސްޕިޓަލުން ގެއަށް އައި ވަގުތު މަގުމަތިން ބޮޑުދައިތަ މުނީރާއާ ދިމާވިއެވެ. އަހަރުތަކެއް ފަހުން ބޮޑުދައިތައާ ދިމާވުމުން އެ ހިޔާލުތައް ސިކުނޑީގައި އެނބުރެން ފެށީއެވެ. އެ ދުވަސްތައް ހަނދާންވުމުން ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވިއެވެ.
ސޯފާގައި ޖައްސާލައިގެން، ޓީވީން ހިންދީ ފިލްމަކަށް ޓިއުންކޮށްލައިގެން އިންއިރު މަންޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އަދިވެސް އެ ހިޔާލުތަކެވެ. ޓީވީން ދައްކަމުން ދިޔަ ލޯބީގެ ފިލްމުން ދައްކަމުން ދިޔަ މަންޒަރަށް ގެއްލިފައި އިން ނަމަވެސް މަންޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މުޅިން އެހެން ހިޔާލުތަކެކެވެ. ސޯފާގެ ފަހަތުގައި މީހަކު ހުރިކަމުގެ އިހްސާސެއް ވުމުން އިރުއިރުކޮޅުން ފަހަތަށް ބަލާލައި މަންޝާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެތާ މީހަކު ނެތްކަން އެނގުމުން އެއީ މަންޝާއަށް ކުރެވޭ ކުށްހީއެއް ކަމަށް ނިންމިއެވެ.
މަންޝާއަށް ނޭނގޭ ކަމަކީ މަންޝާގެ ކޮންމެ ހަރަކާތަކަށް ފާރަލަމުންދާ އެހެން މަޚްލޫގެއް އެ އެޕާޓްމަންޓް ތެރޭގައި އުޅޭ ކަމެވެ. މަންޝާގެ ފަހަތުގައި ހުއްޓި ހުރެ އޭނާއާ ދިމާލަށް އޭތި ބަލަމުން ދިޔައީ މައުނަވީ ގޮތަކަށެވެ. އިރުއިރުކޮޅުން މަންޝާގެ އިސްތަށިގަނޑާ ކުޅެލައެވެ. ނަަމަވެސް ކޮންމެ ފަހަރަކު މަންޝާ ފަހަތް ބަލާލާއިރު މީހަކު ފެންނަން ނުހުންނަނީ އެއީ އެ އެއްޗެއްސަށް ލިބިފައިވާ ކުޅަދާނަ ކަމަކުންނެވެ. އެ އެއްޗެހިންނަށް އިންސާނުންގެ ލޯތަކަށް ވަންހަނާވެގެން އުޅުމުގެ ބާރު ލިބިފައި ވެއެވެ.
ޓީވީން ބަލަމުން ދިޔަ ފިލްމުގެ އަޑު މަޑުކޮށްލީ ފުރާޅު މައްޗަށް ވާރޭ ކަނިޖަހާ އަޑުއިވެން ފެށުމުންނެވެ. ރިމޯޓް މޭޒުމަތީ ބޭއްވުމަށްފަހު ކުޑަދޮރާ ދިމާލަށް މަންޝާ ބަލާލިއެވެ. ކުޑަދޮރު ކައިރިއަށް ގޮސް ހުއްޓުމަށްފަހު ކުޑަދޮރުން ބޭރަށް އަތް ދިއްކޮށްލިއެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭ ކަނިތަކުން މަންޝާއަށް އިހްސާސްވަމުން ދިޔައީ ފިނިކަމެވެ. ވާރޭ ވެހޭ އަޑަކީ މަންޝާއަށް ވަރަށް ހިތްގައިމު އަޑެކެވެ. އެ އަޑު އަހަން ކުޑަދޮރު ކައިރީ މަޑުކޮށްލައިގެން ހުރީ ބުރައިގެން އަންނަ ވާރޭ ފެންތިކިތައް އިހްސާސްވާހާ ކައިރީގައެވެ.
ވެހެމުން ދިޔަ ވާރޭ ބޯކޮށްލައިފިއެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިން ހީކަރުވާތީ ދެއަތް ދެއަތާ އުނގުޅާލުމަށްފަހު މަންޝާ ހަށަން ބަނދެލިއެވެ. ކުޑަދޮރުން ބޭރުބަލަން ހުރި އިރު މަގުގެ އެއްފަރާތުގައި ވާ ކާނުގަނޑު ފުރިގެން މަގުމަތީ ފެން ބޮޑުވާ ތަން ފެނުނެވެ.
މިއީ މާލޭގެ ޙާލަތެވެ. ކިރިޔާ ވާރޭކޮޅެއް ވެހިލާއިރަށް މަގުތައް ފެންބޮޑުވެ ހިނގާ ބިނގާވެ އުޅެން ދަތިވެއެވެ. މިރޭ އަޒީމް ޑިއުޓީއަށް ދާން ނުޖެހުނު ނަމައޭ މަންޝާގެ ހިތަށް އެރިއެވެ. މިފަދަ އަރާމް ފިނި ރޭރޭތަކުގައި އަޒީމާ އެކުގައި ވާން މަންޝާ ބޭނުން ވެއެވެ. ދެމީހުންގެ ލޯބީގެ ފެށުން ފެށުނީ ވެސް މިފަދަ ވިއްސާރަ ރެއެއްގައެވެ.
*** *** *** *** *** ***
ކޮލެޖުގެ އަހަރީ ދުވަސް ފާހަގަ ކުރި ދުވަހެވެ. އެރޭ އޮތް ހާއްސަ ހަފްލާއަކަށް ދިއުމަށް މަންޝާ ތައްޔާރުވެގެން ކޮޓަރިން ނިކުތް އިރު މުނީރާ އިނީ ސޯފާގައި ދުފާ އަނގަ ރަތް ކޮށްލައިގެން، ސްޓާ ޕްލަސްއިން ދައްކާ ޑްރާމާ ސިލްސިލާއެއް ބަލާށެވެ. މިރޭ އެ ޖަލްސާ ނިމޭނީ ވަރަށް ލަހުން ކަމަށްވާތީ މަންޝާގެ އަަތަށް ގޭގެ ތަޅުދަނޑި ފަތިން ތަޅުދަނޑިއެއް މުނީރާ ދިއްކޮށްލިއެވެ. އެ ތަޅުދަނޑި ދަބަހަށް ލުމަށްފަހު ގެއިން ނިކުތުމަށް އަވަސްވެގަތެވެ.
ރެޔަކީ އުޑުމަތި ބަނަ ވަރަށް ވިއްސާރަ ރެއެކެވެ. އެވަގުތު ކުޑަކޮށް ކަނި ޖަހަމުން ދާތީ ކޮލެޖާ ދިމާލަށް ދިއުމަށް މަންޝާ ނިކުތީ ކުޑައެއް ހިފައިގެންނެވެ. ލައިގެން ހުރި ކަޅުކުލައިގެ ދިގު ހަވީރީ ހެދުމުގައި މަންޝާގެ ލޫޅާފަތި ހަށިގަނޑު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. މަޑު މޭކަޕެއް ކޮށްފައިވާ މަންޝާ ވަނީ އޭނާގެ ފަން، ދިގު އިސްތަށިގަނޑު ނިއުޅުވާލާފައެވެ.
ގެއިން ނިކުމެގެން ތަންކޮޅަކަށް ދެވުނުތަނާ ހޯސްލާފަ ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. މަންޝާ ލައިގެން ހުރި ކަޅުކުލައިގެ ދިގު ހެދުމުގެ ފަސްބައި ތެމެމުން ދިޔައެވެ. މަގުގެ އެއްފަރާތުން ފެންނަން ހުރި އަސްކަންޏަކާ ދިމާލަށް ދިއުމަށް ފިޔަވަޅު އަވަސްކޮށްލިއެވެ.
އަސްކަނި ދޮށުގައި މަޑުކޮށްލުމަށްފަހު ކުޑަ ލައްޕާލަމުން ކޮނޑުގައި އަޅުވާފައިވާ ހުދުކުލައިގެ އަތް ދަބަސް ހުޅުވާލީ އޭގައި ފައިސާ ހުރިތޯ ޔަގީން ކޮށްލާށެވެ. ޓެކްސީގައި ދެވޭ ވަރަށް ފައިސާ ހުރުމުން އަތް ދަބަހުގެ ޒިބު އަޅުވާލަމުން މަގުގެ ދެފަރާތަށް މަންޝާ ނަޒަރު ހިންގާލީ ޓެކްސީއެއް ލިބޭތޯއެވެ. މުޅިންވެސް ދަނީ މީހުން އަރުވާ ފުރައިގެންދާ ޓެކްސީތަކެވެ. ވަގުތު ހިނގަމުން ދިޔަ ދިޔަހެން މަންޝާ ހާސްވިއެވެ. ސަބަބަކީ މީގެ ކުރިން ދުވަހަކު ވެސް އޭނާ ކޮލެޖަށް ގަޑިޖެހިގެން ގޮސްފައެއް ނުވެއެވެ.
އަސްކަނި ދޮށުގައި މަންޝާ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. އޭރު އެހިސާބަށް ސައިކަލެއް އައިސް މަޑުކޮށްލިއެވެ. ސައިކަލުގައި ތިބި ދެ ޒުވާނުން ވެސް އައިސް އެ އަސްކަނި ދޮށަށް ވަނުމަށްފަަހު ބޮލުގެ އިސްތަށިގަނޑުގައި ހުރި ފެންތައް ފޮޅާލިއެވެ.
މަންޝާގެ މޫނައް ބުރައިގެން ދިޔަ ފެންތައް އަތުގެ ނުފުށުން ފޮހެލަމުން ދެން ވެސް ބެލީ މަގުމަތިން ދާ ކާރުތަކުން ކާރެއް ހުއްޓުވޭތޯއެވެ. ކައިރީގައި އައިސް ހުއްޓި ތިބި ދެ ޒުވާނުން މަންޝާގެ ތުނި ހަށިގަނޑަށް ބަލަމުން ދިޔަކަން އޭނާއަށް ފާހަގަވިއެވެ. މަޑު މަޑުން އެމީހުންނާ ދުރަށް މަންޝާ ޖެހިލީ ހިތް ނުތަނަވަސްވަމުން ދިއުމުންނެވެ.
ތުނބުން ފުމެމުން ރާގެއް އަޅުވައިގެން ތިބެ އެ ދެ ޒުވާނުން އެމީހުންގެ އަމިއްލަ ވާހަކައިގައި ތިބިއިރު ދޭތެރެއަކުން މަންޝާއާ ދިމާލަށް ވަށްކަޅިން ބަލާލައެވެ. އަދި ވަށްބަހުން ހަމަލާތައް ދެމުން ދިޔައެވެ. އޭރުވެސް މަންޝާގެ ސަމާލުކަން ހުރީ މަގުގެ ދެފަރާތަށެވެ. ހުސް ކާރެއް ލިބޭތޯ ބަލަބަލައެވެ.
އަވަހަށް އެތަނުން ސަލާމަތް ވެވޭތޯ ހިތާ ހިތުން ދުޢާ ކޮށްލަކޮށްލާ ހުއްޓާ ވިއްސާރަ ތުނިކޮށްލައިފިއެވެ. ވީ އުފަލުން މަންޝާ އަތުގައި އޮތް ކުޑަ ހުޅުވާލައިގެން ކޮލެޖާ ދިމާލަށް ދިއުމަށް މިސްރާބު ޖެހީ އެމީހުންގެ ކިބައިން ސަލާމަތް ވާށެވެ.
"އޭ މަންޖޭ ބުނެބަލާ.... ކުޑަދަށަށް ވައްދާނަންހޭ....." ތަންކޮޅަކަށް ހިނގައިގަތް ތަނުން އެތަނުން އެއް ޒުވާނަކު ދިވެހި ލަވައެއްގެ ރާގަށް ތަންކޮޅެއް ކިޔާލިއެވެ.
ފަޔަށް ލެވުނުހާ ބާރެއްލާފައި މަންޝާ ހިނގަން މަސައްކަތް ކުރި ނަމަވެސް ފައިވާން ތެމިފައިވުމުން ކައްސާތީ ބާރަށް ހިނގޭ ގޮތެއް ނުވިއެވެ. ސައިކަލުގައި އެ ދެ ޒުވާނުން އައިސް މަންޝާއާ ހަމަކުރުމަށްފަހު މަންޝާއާ ފޮށެމުން އައީ ލަދެއް ހަޔާތެއް ނެތް ބައެއް ފަދައިންނެވެ.
"މަންޖޭ... މީ ހާދަ ފިނި ރެއެކޭ.... ހިނގާބަލަ ހީ ފިލުވާލަ ދޭން.... މަންޖޭ... ހާދަ ލޯތްބޭ ތީނަ... ކޮން ނަމެއްތަ ކިޔަނީ.... ލޭޑި އިން ބްލެކް... ފަތްމިނި ކަމަނާ.... ބްލެކް ބިއުޓީ....ވިކްޓޯރިއާ.... ލައިލާ...." ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ވާހަކަ ދައްކަމުން އެއްލިއަތުން މަންޝާގެ އަތުގައި ހިފިއެވެ. އެއާއެކު މަންޝާއަށް ތެޅިގަނެވުނެވެ.
"ސާބަހޭ...." އަޑުގެ ނެތްތަނަށް މަންޝާ ހަޅޭއްލަވައިގަތީ އިންތިހާއަށް ރުޅި އައިސްފައި ހުރެ ދެ ބުމަ ގޮށްޖަހާލަމުންނެވެ.
"ސާބަހޭ... ވާއު ސަޅި އެންޑް ޔުނިކް ނަމެއް.... މަރިޔަމް ސާބަހޭތަ؟.... އައިޝަތު ސާބަހޭތަ؟.... ފުރިހަމަ ނަން ބުނެބަލަ"
"ދޫއްކޮށްލާ...." އެމީހުންގެ ފަހަތުން އިވުނު އަޑަށް އެމީހުން ދައްކަމުން ދިޔަ ވާހަކަ މެދު ކެނޑުނެވެ. ސައިކަލުގައި ތިބި ދެ ޒުވާނުންގެ ދެމެދުން ފެންނަން ހުރި އިސްކޮޅުން ދިގު ޒުވާނާއާ ދިމާލަށް މަންޝާއަށް ބަލާލެވުނެވެ. އެ ޒުވާނާ ވެސް ހުރީ ސައިކަލެއްގައެވެ.
"ހެއި ޗިލް.... މީ މަގޭ ގާލް ފްރެންޑޭ.... މިތަނުން ދޭ ބްރޯ... މިއުޅެނީ މީނަ ބޮޑާހާކާތީ.... އަންހެން ކުދިން ހައްދާލަން ޖެހޭނީ މިކަހަލަ ގޮތަކަށޭ..." އެތަނުން މަންޝާގެ އަތުގައި ހިފައިގެން އިން ޒުވާނާ މޮޅު ދޮގެއް ހަދަން މަސައްކަތް ކުރިއެވެ.
"އެެހެންތަ... ކަލޭމެން ތިބެހެނީ މަގޭ އަންހެނުންނާ... މިހާރު މިތަނުން ދުރަށްދޭ... ނޫނީ އަަހަރެން ފުލުހުންނަށް މިގުޅަނީ...." ސައިކަލް ރޭސްކޮށްލަމުން އެޒުވާނާ މިހެން ބުނި އިރު މަންޝާއާ ދިމާލަށް ނަޒަރެއް ހިންގާލިއެވެ. އެއާއެކު މަންޝާއާ ފޮށެމުން ދިޔަ ދެ ޒުވާނުން ތިބި ސައިކަލް ރެސްކޮށްލާފައި އެ ތަނުން ދާން އަވަސްވެގަތެވެ.
ގޮތެއް ފޮތެއް ނެތް އެ ޒުވާނުންގެ އަތްދަށުން ސަލާމަތްކޮށްދިނީތީ މަންޝާ އެ ނުދަންނަ މީހާއަށް ޝުކުރުއަދާ ކުރިއެވެ. އަދި ކުރިޔަށް ހިނގައިގަތީ އަވަހަށް ކޮލެޖަށް ދިއުމަށެވެ. ކުރިއަށް ދެ ފިޔަވަޅު ވެސް ނޭޅެނީސް އެ ޒުވާނާ އިސްނަގައި މަންޝާއާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ.
"މިއޮއް ވިއްސާރައިގަ ކޮންތާކަށް ތިދަނީ... އަހަރެން ތީނައަށް ޑޮރޮޕެއް ދީފާނަން...."
މަންޝާއަށް އެ ޒުވާނާގެ ދަޢުވަތު ޤަބޫލުކުރާކަށް ނުކެރުނެވެ. އަތުކުރީ ގަޑިއަށް ބަލާލުމަށްފަހު ނޫނެކޭ ބުނަމުން ކުރިޔަށް ހިނގައިގަތީ ގަޑިޖެހިއްޖެކަން އެނގުމުންނެވެ. ނަމަވެސް އަވަސް އަރުވާލާފާއި ކުރިޔަށް އެޅި ފިޔަވަޅާއި އެކީ މަންޝާގެ ފައި ކައްސާލިއެވެ. ނަސީބު ރަނގަޅު ކަމުން މަގުމަތީ ހެދިފައިވާާ ފެންގަަނޑުތެރެއަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.
އޭރުވެސް އެ ޒުވާނާ ބަލަހައްތައިގެން އިނެވެ. މަންޝާ ކުރި މައްޗަށް އައިސް ސައިކަލު މަޑުކޮށްލަމުން ސައިކަލަށް އަރާށޭ އޭނާ ބުނީ ވަރަށް މަޑުމަޑުންނެވެ. ލައިގެން ހުރި ދިގު ހެދުން އެއް އަތުން އުފުލާލައިގެން ހުރި މަންޝާ ހެދުމުން އަތް ދޫކޮށްލާފައި ކުޑަ ލައްޕާލީ ވާރޭ މުޅިންހެން ހުއްޓާލީމައެވެ. އަދި އަރިއަކަށް ސައިކަލުމަތީގައި އިށީނުމަށްފަހު ދާންވީ ތަން ބުނެލީ ލަދުން އިނދެއެވެ.
ކޮލެޖް ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމުން ސައިކަލުން ފޭބުމަށްފަހު އެ ޒުވާނާއަށް ދެވަނަ ފަހަރަށް މަންޗާ ޝުކުރު އަދާ ކުރިއެވެ. އަދި ސައިކަލް ނިއްވާލުމަށްފަހު އެ ޒުވާނާ ތަޢާރަފްވެލިއެވެ.
"އަހަރެންނަށް ކިޔަނީ އަޒީމް..."
"އަޅުގަނޑުގެ ނަމަކީ މަންޝާ..."
"އޯކޭ ގުޑް ނައިޓް.... ހީކުރަން އަދިވެސް ދިމާވާނެ ކަމަށް... ވަރަށް އަވަހަށް ތަނަކަށް ދާން މިދަނީ.." މިހެން ބުނުމަށްފަހު އަޒީމް ސައިކަލް ދުއްވާލިއެވެ. އެ މަގުން ހުރިގޮތަށް ދުއްވާފައި ދިޔަ ސައިކަލާ ދިމާލަށް ބަލަން ގެއްލިފައި މަންޝާއަށް ހުރެވުނެވެ.
*** *** *** *** *** ***
ވާރޭ ވެހެމުން ދިޔަ މަންޒަރަށް ބަލަން ކުޑަ ދޮރު ކައިރީގައި މަންޝާއަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. އަޒީމްއާ އެންމެ ފުރަތަމަ ދިމާވި ދުވަސް މަތިން ހަނދާންވުމުން އޭނާގެ ތުންފަތް މައްޗަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. އެ ޚިޔާލުތަކުން ދުރަށް ދެވުނީ ވިދާލި ވިދުވަރުންނެވެ.
ވިދުވަރުގެ އަލިގަދަ ކަމުން އެ ދިނީ ބާރު ގުގުރިއެއް އަންނަން އުޅޭކަމުގެ ސިގްނަލެއްކަން މަންޝާއަށް އެނގުނެވެ. އެހެންވެ ދެ ކަންފަތްމަތީ އަތްއަޅާ ބާރުކޮށްލިއެވެ. ގުގުރީގެ ބާރު އަޑާއެކީ މަންޝާއަށް ތެޅިގަނެވުނެވެ. ވާރޭ ވެހުމަކީ ހިތްގައިމު ކަމަކަށް ވިޔަސް ވިދާ ގުގުރުމަކީ މަންޝާ އިންތިހާއަށް ބިރުގަންނަ ކަމެކެވެ. އެހެންކަމުން އަވަހަށް ކުޑަދޮރު ލައްޕާ ދޮރުފޮތި ކަހާލުމަށްފަހު ސިޓިންގް ރޫމްގައި ހުރި ސޯފާގައި އިށީނީ ކުރިންވެސް ބަލަން އުޅުނު ފިލްމް ބެލުމުގެ ނިޔަތުގަައެވެ.
ވިއްސާރަވެ މޫސުމް ގޯސްވަމުން ދިޔައެވެ. ޓީވީން ބަލަމުން ދިޔަ ޗެނަލްތަކުން ސިގްނަލް ލިބެމުން ދިޔައީ ތަންތަންކޮޅަށް މެދުކެނޑެމުންނެވެ. މަންޝާ ޓީވީ ނިއްވާލީ ދެން މިރޭ ޓީވީން ޕްރޮގްރާމެއް ނުބެލޭނެ ކަަން އެނގުމުންނެވެ.
ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތީ ފާޚާނާއަށް ވަދެ ގައި ދޮވެލައިގެން ނިދަން ވަނުމަށެވެ. ކޮޓަރިއަށް ވަދެ ބޮކި ދިއްލާލުމަށްފަހު ހެދުން ބާލާ، ފާޚާނާއަށް ވަނީ ތުވާލި އެނދުމަތީ ބާއްވާފައެވެ. މަންޝާގެ ދިގު އިސްތަށިގަނޑު އެކީ އޮޅާލުމަށްފަހު ބޮލުމެދަށް ބޮޑު ހުޅިއެއްހެން ދައްޗެއްގެ އެހީގައި ހަރުކޮށްލިއެވެ. މާގަނޑު ދޫކޮށްލި އިރު މާގަނޑުން އަންނަމުން ދިޔަ ފެންފިނިކަމުން ހޫނު ކޮށްލުމަށް ހީޓަރު ޖައްސާލިއެވެ. އަދި މާގަނޑުން އަންނަމުން ދިޔަ ފެނުގެ ތެރެއަށް އަތް ދިއްކޮށްގެން ހުރީ ހެޔޮވަރަކަށް ފެން ހޫނު ވެލަންދެނެވެ.
ފެން ތާފަނާ ވުމުން މާގަނޑު ދަށަށް ވަދެ ކަރުން ތިރި ތެތްމާލިއެވެ. އަދި އެއަށްފަހު މޫނު ތެތްމާލިއެވެ. ލޯމަރައި މޫނުގައި ދެއަތް ހާކާލިއިރު މަންޝާގެ ފަހަތުގައި އެ މަޚްލޫގު ހުއްޓެވެ. އެއްވެސް ނިވާކަމެއް ނެތް މަންޝާގެ ހަށިގަނޑާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އޭނާއަށް މަންޝާ ވަރަށް ކަމުގޮއްސިކަން އެނގެއެވެ. ފެންވަރާ ނިމުމުން އަވަހަށް މާގަނޑު ބާރުކޮށްލީ މުޅި ފާޚާނާތެރެ ދުންވެ ފުސްވެފައި ވުމުންނެވެ. އެކަމާ މަންޝާ ކުޑަަކޮށް ޖެހުލުން ވިއެވެ. ގައި ދޮވެލައިގެން ފާޚާނާއިން ނިކުތް އިރު ފާޚާނާގައި ހުރި މޫނުބަލާ ލޯގަނޑުވެސް ހުރީ ތަނެއް ނުފެންނަ ވަރަށް ފުސް ވެފައެވެ.
ފާޚާނާ ދޮރުމަތީގައި އޮތް ފައިފުހިމަތީ ހުރެ ގައިގާ ހުރި ފެންތައް ހިއްކާލުމަށްފަހު މޭމަތިން ހަށިގަނޑު ވަށާ ތުވާލި އޮޅާލިއެވެ. ޑްރެސިންގް ޓޭބަަލް ކައިރިއަށް ގޮސް ލޯޝަން ފުޅި ނަގާ ހަަތަރެސް ފައިގައި ލޯޝަން ލާން ފެށިއެވެ. އެއަށްފަހު އަލަމާރިން ނިދާ ހެދުމެއް ނަގާ އެ ހެދުން މަހާލިއެވެ.
އެނދުގައި އޮށޯތުމުގެ ކުރިން ސިޓިންގް ރޫމަށް މަންޗާ ނިކުތީ އަތްދަބަހާ ފޯނު ބަލައެވެ. އޭރުވެސް ދޭތެރެއަކުން ވިދާލައެވެ. ގޭތެރޭގައި ދިއްލާފައިވާ އޮރެންޖް ކުލައިގެ ފަނޑުއަލީގެ ބޮކިން މާ ބޮޑު އަލިކަމެއް ނެތުމުން މަންޝާ ބިރުގަންނަ ގޮތްވިއެވެ. އެހެންކަމުން ދަބަސް ހިފައިގެން ކޮޓަރިއަށް ވަަނުމަށް އޭނާ އަވަސްވެގަތެވެ. އޭރު ވިދާލި ވިދުވަރާ އެކީ މަންޝާ ގާތުގައި ހިޔަންޏެއް ހުރިކަމުގެ އިހްސާސްވުމުން ސިހިފައި ދެފަރާތަށް ބަލާލުމަށް ފަހު މީހަކު ފެންނަން ނެތުމުން ކޮޓަަރިއަށް ވަނުމަށް ދުއްވައިގަތެވެ.
އެ ކޮޓަރީގައި މަގުމަތި ފެންނަ ގޮތަށް ބެލްކަންޏެއް ހުރެއެވެ. ވިދާލާ ކޮންމެ ވިދުވަރަކާ އެކީ މުޅި އެ ކޮޓަރި އެކީ އަލިކޮށްލައެވެ. އެ ބެލްކަނިން ބޭރަށް ނިކުމެވޭ ގޮތަށް ހުއްޓަސް އެ ބެލްކަނީގައި ވާ ކެހޭ ދޮރު ވަނީ އެކީ ލައްޕާފައެވެ. އަދި އެ ދޮރުގައި ހަރުކޮށްފައިވާ ދޮރުފޮތިން ވަނީ އެތެރެ ނުފެންނަގޮތަށް ނިވާ ކޮށްފައެވެ.
އެނދުގައި އިށީނުމުގެ ކުރިން ސައިޑް ޓޭބަލް ކައިރީގައިވާ ކަރަންޓް ބޯޑަށް ޗާޖަރު ގުޅާލުމަށްފަހު އޭނާގެ ފޯނު ޗާޖަށް ޖަހާލިއެވެ. ނަމަވެސް ފޯނު ހުޅުވާލި އިރު ފޯނުގެ ބެޓެރި ހުރީ ފަންސާސް އިންސައްތައިގައެވެ. މިއަދު ހޮސްޕިޓަލް ތެރޭ ހުއްތާ އޭނާގެ ފޯނު ނިވެންވީ ސަބަބެއް މަންޝާއަކަށް ނުވިސްނުނެވެ. އެވީގޮތެއް އެއްގޮތަކަށް މަންޝާއަކަށް ނުވިސްނުނެވެ. ދެއަތަށް ބޯ ހޫރާލުމަށްފަހު ޗާޖަރުން ފޯނު ވަކިކޮށްލިއެވެ.
އެއަށްފަހު އެނދު ކައިރީގައި ހުރި ސައިޑް ޓޭބަލްގެ ވަތްގަނޑުން ވޮލިނީ ފުޅިއެއް ނަގާ ފައިގެ ކުޑަހުޅުގައި އުނގުޅާލީ އަދިވެސް ފުރޮޅުނު ފައިގެ ކުޑަހުޅުގައި ރިހުމެއް ހުރުމުންނެވެ. ހޮސްޕިޓަލުގައ ހުއްޓާ ފައި ފުރޮޅުނު ފަހުން ފައިތިލަ މަތިވަނީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ.
ބޭސް އުނގުޅާލުމަށް ފަހު އެނދުގައި އޮށޯވެ މަންޝާގެ އުނަގަނޑާ ހަމައަށް ކަފަ ރަޖާގަނޑު އަޅާލިއެވެ. އޭސީ ނުޖެއްސީ މިރެއަކީ ފިނި ރެޔަކަށް ވީމައެވެ. ކަފަރަޖާ ތެރޭ ހަމަޖެހިލަމުން އަރިއަކަށް އޮށޯވެލަމުން އަތުގައިވާ ފޯނުގެ ސްކްރީން ހުޅުވާލިއެވެ. އެވަަގުތު ފެނުނީ އަޒީމް ފޮނުވަފައިވާ މެސެޖެކެވެ. "ކޮބާ... ރިޕޯޓް ނެގީތަ؟... ހާދަ ގުޅައިފީމޭ..."
ކޯލް ލިސްޓް ބަލާލިއިރު އަޒީމްގެ ފަސް މިސްޑް ކޯލް އިނެވެ. މަންޝާއަށް އެއިން އެއްވެސް ކޯލެއް އައިކަން ނޭނގުނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އަވަހަށް އަޒީމްގެ ނަންބަރަށް ގުޅާލިއެވެ. "ހެއި...." މަންޝާއަށް އެއްޗެކޭ ނުބުނެވެނީސް އަޒީމްގެ ޝަަކުވާތައް އޮއްސާލިއެވެ.
"ކޮބާ ރިޕޯޓް ނެގީތަ؟... ފޯނަށް ކިހިނެއް ހަދައިގެން ތިއުޅެނީ... ބައެއްފަހަރު ގުޅާއިރަށް ބުނަނީ ގުޅޭ ސަރަހައްދުން ބޭރުގަައޭ.... ދެން ގުޅޭ ފަހަރެއް ވެއްޖިއްޔާ ފޯނެއް ނުނަގާ...."
"ނޭނގޭ ފޯނެއް އައިކަންވެސް... ހަނދާން ނެތި ރިޕޯޓް ނުނަގާ މިއައީ... ގެއާ ހަމައަށް އައި ފަހުން ހަނދާންވީ... ދެން މާދަން ނަގާނީ... ހާދަ ވިއްސާރައޭ ދޯ..."
ރިޕޯޓް ނުނެގުނު ސަބަބާ ހޮސްޕިޓަލްގައި ދިމާވި ހާދިޘާ ހިތަށް އައި ނަމަވެސް އެއިން ވާހަކައެއް އަޒީމް ގާތުގައި ބުނަން މަންޝާ ފަސްޖެހުނެވެ. އެއީ މާ ބޮޑު ކަމަކަށް ހަދާފަ ޑިއުޓީ ދޫކޮށްލާފައި އަޒީމް ގެއަށް އައިސްދާނެތީއެވެ.
"ހޫންން... ވާރޭ ވެހޭތީ މަން މަތިން މިސްވަނީ... ތީ މަގޭ ވާރޭގެ ޕަރީއެއްނު.... މުޅިންވެސް ވާރޭ ތެރެއިންވިއްޔާ ދިމާވީ... މިރޭ ޑިއުޓީ ނެތްނަމަ ސަޅިވާނެ ސައިކަލް ދުއްވާލަންދާން.. ތެމިލައިގެން.. ނޫންތަ؟.." އަޒީމް ވާހަކަ ދައްކަމުން ދިޔައީ އެމީހުން އެންމެ ފުރަތަމަ ދިމާވި ދުވަސްތައް މަންޝާއަށް ހަނދާންކޮށް ދެމުންނެވެ.
"ނޫން... މިވަރަށް ވިދާ ގުގުރާއިރު ލާހިކެއް ނޫން ބޭރަށް ދާކަށް...." މަންޝާ އެކަމާ ދެކޮޅު ހެދިއެވެ.
"އޭރުންނެއްނު ބިރުން ފަހަތުގަ އިނދެގެން ބާރަށް ބައްދާނީ...." އަޒީމް ސަމާސާ ކޮށްލިއެވެ.
"ދެން ޒީމް... އައި މިސްޔޫ އޭ... އާދެބަލަ..." އަޒީމްގެ ވާހަކަތައް ހުރި ގޮތުން މަންޝާ ބޭނުންވީ އަޒީމް އޭނާ ގާތުގައި ހުރުމަށެވެ.
"ހީކޮށްލާ މިއޮތީ ކައިރީގައޭ.... ދީބަލަ ހަގެއް...." އަޒީމްގެ އެދުމަށް ކައިރީގައި އޮތް ބާލީހުގައި މަންޝާ ބާރަށް ބައްދާލިއެވެ.
"އޯކޭ ދެން ބާއްވަނީ ވަރަށް ބިޒީއޭ... ފަހުން އޮންލައިން ވާނަން.... ނުނިދިއްޖިއްޔާ މެސެޖް ކުރާތި.." އަޒީމް ކުއްލިއަކަށް ބިޒީވުމުން ފޯނު ކަނޑާލިއެވެ.
އެރޭ އެތައް އިރެއް ވަންދެން އޮންލައިންގަ މަންޝާ އޮތީ އަޒީމްއާ ވާޙަކަ ދައްކަން ބޭނުންވެފައި އޮތުމުންނެވެ. އެންމެ ފަހުން މަންޝާގެ ލޮލަށް ނިދި ބަރުވެ ގަދައަށް ނިދުނީ އަޒީމްގެ ހަބަރެއް ނުވެ އެކަނި އެހެން އޮންނަން ޖެހުމުންނެވެ. މަންޝާއަށް ގަދައަށް ނިދުމުން އަތުގައި އޮތް ފޯނު އަތުން ދޫވެ އެނދު މައްޗަށް ވެއްޓުނެވެ.
މަންޝާ އެރޭ ނިދަން ލައިގެން އޮތީ ރަތް ކުލައިގެ ނައިޓީއެކެވެ. ހަމުގެ ކުލަ ކަޅަސް އޭނާގެ ހަމުގެ ކުލަޔާ ރަތްކުލަ ވަރަށްވެސް ގުޅެއެވެ. މަންޝާގެ ހަށިގަނޑަށް ފާރަލަމުން އައިސް ހުރި އެ މަޚްލޫގު މަންޝާއާ ދިމާލަށް ބަލަމުން ދިޔައެވެ. އަރިއަކަށް އޮށޯވެގެން އޮތް މަންޝާގެ ކަރުދޮށުން އައިސް މޭމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުތައް ޖެހުނު ވައި ރޯޅިއަކަށް މައްޗަށް ވިހުރިގެން ދިޔައީ އެ މަޚްލޫގުގެ އިޝާރާތަށެވެ.
(ނުނިމޭ)