ދުންފަތުގެ އާލާތްތަކާއި ވޭޕް ރާއްޖޭގައި މަނާކުރުމަށް އެޅޭނެ ފިޔަވަޅުތައް އެޅުމަށް، ދިވެހި ޑޮކްޓަރުންގެ މަދަނީ ޖަމިއްޔާ ކަމުގައިވާ މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ގޮވާލައިފިއެވެ.

އެމްއެމްއޭ އިން ބުނީ، ސިއްހީ މަސްރަހުގައި މިއަދު ކުރިމަތިލާންޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ މިފަދަ ބަލިތަކަށް މަގުފަހިވާ ކަންކަމުގެ ތެރެއިން އިސް ރޯލެއް އަދާކުރާ ކަމެއް ކަމުގައި ދިރާސާތަކުން ސާބިތުވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އާންމު ގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ އުމުރުން 18 އަހަރުގެ ކުރިން ކަމަށް ވެސް އެ އެމްއެމްއޭ އިން ބުނެއެވެ.

ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްސާ އާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށާއި މީގ 70 މާއްދާ އިން ކެންސަރަށް މަގުފަހިވާ ކަމަށް ކދިރާސާތަކުން ދައްކާ ކަަމށް މެޑިކަލް އެސޯސިއޭޝަނުން ބުނެއެވެ. ދުންފަތުގެ ނުސީޑާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގެ ޖަރާސީމް އަށަގަތުމާއި ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ. ހަަމއެއާއެކު މާބަނޑު މީހުން ބައިގެން ދިއުމާއި ދުވަސް ނުފުރާ ވިހެއުމާއި އުފަންވާއިރު ދަރިފުޅުގެ ބަރުދަން ލުއިވުން ފަދަ މައްސަލަތަކަކީ ވެސް ދުންފަތުގެ ސަބަބުން ދިމާވާ މައްސަލަަތައް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ފުއްޕާމޭގެ ކެންސަރުގެ މަސްދަރަކަށް 85 ޕަސެންޓް ވެފައިވަނީ ދުންފަތުގެ ސީދާ ދުމުންނެވެ. އެގޮތުން އަހަރަކު 8 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާ ސިއްހީ ކަންކަމުގައި މަރުވާ ކަމަށާއި، މީގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދު،މުން މަރުވާ މީހުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައި ވެއެވެ.

ޒަމާނަށް އައި ބަދަލުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވޭޕް ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުން ކުރަމުން އަންނަ އިރު މިއިން ވެސް ސިއްހަތަށް ގެއްލުންވާ ކަމަށް އެތައް ދިރާސާއަކުން ވަީ ދައްކާފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެގޮތުން ވޭޕްގެ ފްލޭވާތަކުގެ ތެރޭގައި މެންތޯލް އަދި ސިނަމަންގެ ފްލޭވާތަކަކީ މައިގަނޑު ގޮތެއްގައި ފުއްޕާމޭ ހަލާކު ކޯށްލާ ފްލޭވާތައް ކަމަށް ވެސް ދިރާސާއަކުން ހާމަވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެހެންކަމުން ރާއްޖޭގައި ދުންފަތުގެ އޅާާތްތަކާއި ވޭޕް މަނާ ކުރުމަށް ގޮވާލަމުން އެ ޖަމިއްޔާ އިން ބުނީ ދުނިޔޭގެ 34 ގައުމެއްގައި ވަނީ ވޭޕް މަނާ ކޮށްފައި ކަަމަށެވެ. މި ގައުމުތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާ ވެސް ހިމެނޭ ކަމަށާއި މި ފަދަ ފިޔަވަޅެއް އަޅައިފި ނަމަ ދިވެހިންގެ އާންމު ސިއްހަތު ރަނގަޅުވެ، މުޅި މުޖްތަމައުގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.