ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް ބައިނަލްއަގުވާމީ މަސްރަހުގައި ހައްގު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވި ތަގުރީރުން ހާމަވާ ކަމަށް ޕީއެންސީއިން ބުނެފިއެވެ.
ރޭ ކުރިއަށްދިޔަ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސް ދެއްވި ތަގުރީރުގައި ދިވެހިންގެ މަސްލަހަތުތަކާއި ދިވެހިންގެ އިހުސާސްތައް ތަމްސީލުކޮށްދެއްވިކަމަށްޓަކައި ޕީއެންސީއިން ވަނީ ރައީސްއަށް ޝުކުރު އަދާކޮށްފައެވެ.
2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުން ޖާގަ ކަށަވަރުވެފައިވާ ގައުމެއްކަމަށް ހެއްދެވުމަށް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރައްވައި، ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި، ޒަމާނީ ޓެކްނޮލޮޖީގެ ފަހިކަން ދިވެހިންނަށް ލިބޭނެ ސިޔާސަތުތަކެއް ބައްޓަންކުރައްވާނެކަން ރައީސް އިއުލާނުކުރެއްވުމަކީ މިއަދުގެ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް އެމަނިކުފާނު ދެއްވި އުފާވެރި ހަބަރެއް ކަމަށް ޕީއެންސީއިން ބުނެއެވެ.
ޕީއެންސީއިން ބުނީ ދިވެހިރާއްޖޭގެ އިގުތިސޯދަކީ ވިލުންތެރި އިގުތިސޯދަކަށް ބަދަލުކުރުމަށް އަދި އެންމެންނަށް ހަމަހަމަކަމާއެކު ފުރުސަތު ލިބޭ އިގުތިސޯދެއް ބިނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކާއި، ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަން ފޯރުކޮށްދީ ސިޔާސަތު އެކުލަވައިލުމުގައި ޒުވާނުންގެ ޝާމިލުވުން ކަށަވަރުކޮށްދެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް މުޅި ދުނިޔެއަށް އިއުލާނުކުރުމަކީ އެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުންގެ އިތުބާރު އިތުރުވި ކަމެއް ކަމަށެވެ.
2015 ވަނަ އަހަރު އެކުލަވައިލި ދެމެހެއްޓެނެވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމުގައި، ދުނިޔެ ނާކާމިޔާބުވަމުންދާކަން ފާހަގަކުރައްވާ އެ ގޮތުގައި ކަންކުރަން ހުސް ވައުދުވުމުގެ މަތީގައި ދެމިތިބެވެން ނެތް ކަމަށް ރައީސް ވިދާޅުވިކަން ޕީއެންސީއިން ފާހަގަ ކުރެއެވެ. އަދި އަމަލީ ގޮތުން ނަތީޖާ ނެރުމަށް މުޅި ދުނިޔެއަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިކަން އެ ޕާޓީއިން ވަނީ ފާހަގަކޮށްފައެވެ.
ޕީއެންސީއިން އިތުރަށް ބުނީ ފަލަސްތީނު މައްސަލާގައި ސާފު ސަރީހަކޮށް އިސްރާއީލުން ހިންގަމުންދަނީ ޓެރަރިޒަމުގެ އަމަލުތަކެއްކަން ފާހަގަކުރައްވައި، އެ ޖަރީމާތައް ތަފުސީލުކޮށް ބަޔާންކޮށްދެއްވުމާއެކު، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ މުއާހަދާތަކާ ހިލާފު އެ އަމަލުތަކާމެދު އިސްރާއީލު ޖަވާބުދާރީ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ހަރު އަޑުން ގޮވައިލެއްވުމަކީ ކޮންމެ ދިވެހި ދަރިއަކުމެ އެމަނިކުފާނާމެދު ފަހުރުވެރިވާނެ ފަދަ ހިތްވަރުގަދަ އަމަލުފުޅެއް ކަމަށެވެ.