އެކިއެކި މުހިންމު މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގްވާމީ އެއްބައިވަންތަކަން އެކުަލަވާލަންޖެހޭ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވާލާފައި ވަނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، އެންމެންގެ އަމަލުތަކުން އުފެދިފައިވާ މައްސަލަތަކެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއްކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫންކަމަށެވެ.

އަދި އދ. އިން ފަރުދީ ދިރިއުޅުމަށް ހަގީގީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށާއި، އެ ޖަމްއިއްޔާއިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާހިލީ ފެންވަރުގައި ތަންފީޒުކުރުމަށް ގޮވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށެވެ. "އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް" ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަަމައެހެންމެ އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމާއި ބޭއިންސާފު ނައްތާލުން ފަދަ މުހިންމު މައްސަލަތައް ހައްލުކުރުމުގައި އެކަށީގެންވާ ގޮތެއްގައި އދ. އިން މަސައްކަތް ނުކުރާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މަލްޓިލެޓަރަލް ނިޒާމު ނާކާމިޔާބުވަމުންދާއިރު ދިވެހިރާއްޖެއަށް މަޑުން ތިބެވޭކަށް ނެތް، އަދި ނުތިބޭނަންވެސްމެ. އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެގެންވަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށް."
ރައީސް

ޔޫއެންޖީއޭ 79 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ހަރުދަނާކުރުމަށް ފުޅާދާއިރާއެއްގައި އިސްލާހުތަކެއް ގެނައުމަށް ގޮވާލައްވާފައެވެ. އެ ޖަމްޢިއްޔާގެ މުހިންމުކަން ދެމެހެއްޓޭނީ، ހަގީގީ، އެދެވޭ ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން އދ. ގެ ކިބައިގައި ހުރެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އދ. އަކީ ސުލްޙައާއި، ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ވަރުގަދަ ބާރަކަށް ހެދުމަށްޓަކައި، ލީޑަރުންގެ ކިބައިން، ސީދާ ހަރަކާތަށް ގޮވާލައްވާފައެވެ.