ސްރީލަންކާގެ ބޮޑު ވަޒީރަށް އައްޔަނުކުރި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު ހަރިނީ އަމަރަސުރިއްޔާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ސްރީލަންކާގެ 16 ވަނަ ޕްރައިމް މިނިސްޓަރު ހަރިނީގެ ލީޑާޝިޕުގެ ދަށުން ސްރީލަންކާއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއާއި ލަންކާ އާ ދެމެދުގެ ޒަމާންވީ ގުޅުންތައް ވަރުގަދަ ކުރުމަށް އެކީގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ހަރިނީ އަމަރަސުރިއްޔާ މި މަގާމަށް އައްޔަން ކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި އެ ގައުމުގެ މިހާރުގެ ރައީސް އަނައުރާ ކުމަރާ ޑިސަނަޔަކެއެވެ. ސްރީލަންކާގެ ޕްރައިމް މިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑިނޭޝް ގުނަވަރްދަނާ އިންތިހާބާ ދިމާކޮށް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސްރީލަންކާގެ ޕްރައިމް މިނިސްޓަރަކަށް ހަރިނީ އައްޔަން ކުރި އިރު އެ ގައުމުގައި އަންހެނަކު އެންމެ ފަހުން ޕްރައިމް މިނިސްޓަރުގެ މަގާމު އަދާކޮށްފައި ވަނީ 2000 ވަނަ އަހަރުއެވެ.
ހަރިނީގެ އިތުރުން ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ޕާލިމަންޓު މެމްބަރުން ކަމަށްވާ ވިޖިތާ ހެރެތް އަދި ލަކްސްމޭން ނިޕުނަރައްޗީ ވަނީ ކެބިނެޓް މިނިސްޓަރުންނަށް ރައީސް ޑިސަނަޔަކެ އައްޔަން ކުރައްވާފައެވެ.