ރާއްޖޭގެ ޖަލުތަކުގައި ބަންދުގައި ތިބޭ މީހުން މަރުވާ މައްސަލަތައް އިތުރުވަމުން އަންނާތީ އެކަމާ ގުޅީގެން ކަންބޮޑުވުން ފާޅުކޮށް ޖަލުގައި ދާދި ފަހުން މީހަކު މަރުވި މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.
އެމްޑީޕީން މިހެން ބުނެފައި ވަނީ، މިއަދު ޖަލުގައި ޝަރީއަތް ނިމެން ދެން ބަންދުކޮށްފައި ހުރި އުމުރުން 62 އަހަރުގެ މީހަކު އަމިއްލަ އަށް މަރުވުމާ ގުޅިގެންނެވެ. އެމްޑީޕީން ބުނީ، މި ހާދިސާ ހިންގާފައި މި ވަނީ މާލޭގައި އަންހެނަކު ކިޑްނެޕް ކުރި ފިރިހެނަކު ޖަލުގައި ބަންދުގައި ބަހައްޓާފައި ހުއްޓާ އޭނާ އަމިއްލައަށް މަރުވި މައްސަލައެއް ހިންގައި އެކަމުގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިންގި މި ހާދިސާއަށް އަލިއަޅުވާލަމުން އެމްޑީޕީން ބުނީ،. ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަތުހަރު މަރުވި ހާދިސާއަށް ފަހު މިއަދު މަރުވި މީހާ ޖަލު ގޮޅީގައި ހަރަކާތްތެރިވަމުން ދިޔަ ގޮތް ރަނގަޅަށް ބަލައި އެ ކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް ގަބޫލު ކުރާ ކަމަށް އެމްޑީޕީން ބުނެއެވެ.
އަނުއްކާވެސް ޖަލު ގޮޅީގައި ހުރި މީހަކު އަމިއްލަ އަށް މަރުވުމުައި ސަރުކާރުގެ ކަމާ ބެހޭ ފަރާޓްތަކުގެ އިހުމާލު އެބަ އޮތް ކަމަށާއި މި ކަމުގެ ފުރިހަމަ މިނިޮވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި މި ތަހުގީގުތަކާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅޔތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
މިއަދު މަރުވެފައި ވަނީ، އުމުރުން 62 އަހަރުގެ، އަބްދުލްޣަނީ އިސްމާއީލް، ގ. އެއްތެޔޮމާގެ / ކ. މާލެއެވެ. އޭނާ ފެނިފައި ވަނީ މާފުށީ ޖަލުގައި އޭނާ ހުރި ގޮޅީގައި ދަންޖެހިފައި ހުއްޓާ މިއަދު ހެނދުނު 5:27 ހާއިރެވެ. މާފުށީގެ ހޮސްޕިޓަލަށް އަބްދުލްޣަނީ ގެންދިޔަ ކަމަށާއި، ގެންދިޔަތާ ބައިގަޑިއިރު ފަހުން އޭނާ މަރުވެފައިވާ ކަމަށް، ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ވަނީ ބުނެފައެވެ.
މާލޭގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށް، ދޫނިދޫ ޖަލުހައި ހުއްޓާ މަރުވި އާދަމް އަތުހަރު ސޯތެއްގެ ނާޑުވާ ބޭނުންކޮށްގެން ދަންޖެހން މަސައްކަތް ކުރި ހާދިސާއަށް ފަހު އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އަދި މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އަތުހަރު މަރުވާން މަސައްކަތް ކުރުމާ ގުޅުވާ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނަށް ތުހުމަތުކޮށް ގިނަ ވާހަކަތަކެއް ދައްކާފައެވެ.
އެއާއެކު އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް ދަންޖެހިގެން މަރުވި މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކާފައެވެ. އަދި އޭނާގެ ހަށިގަނޑޫގެ އިޮޓޯޕްސީ ނަތީޖާ އިން ދައްކާ ގޮތުގައި އޭނާ މަރުވެފައި ވަނީ އަމިއްލައަށް މަރުވާން ކުރި މަސައްކަތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ އަންނަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރަމުން ކަމަށް ވާތީ، މި މައްސަލައިގައި އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.