މާލެސިޓީގެ މަގުތަކުގެ ހާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގެ ސާވޭއެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
19 ދާއިރާއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ސާވޭ ފަށައިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ސާވޭގެ މަސައްކަތް ނިމޭއިރު، މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނާނެ ކަމަށެވެ. އެގޮތުން ހަލާކުވެފައި ހުރި މަގުތަކާއި ކާނުތަކާއި ދުވާރުތަކާއި އަދި އިމާރާތް ކުރުމުގެ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ތަންތަން ވެސް ޑިޖިޓަލްކޮށް ފެންނާނެކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މި މަސައްކަތުގައި ސިޓީ ކައުންސިލުގެ ކައުންސިލަރުން އަމަލީ ގޮތުން ކައުންސިލުގެ މުއައްޒަފުންނާއި އެކު ހަރަކާތްތެރިވަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މިހާރު ފެށިފައިވާ މަސައްކަތުގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ކައިރީގައި ހުރި ކާނުތައް ސާފުކުރުމާއި ހަލާކުވެފައި ހުރި މަގުތަކާއި ދުވާރު ތަކާއި ކާނުތައް މަރާމާތު ކުރުން ވެސް ހިމެނޭ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތުގެ ސަބަބުން މަގުތަކުގައި ހިނގައި އުޅޭ މީހުންނާއި ދުއްވާ އުޅަދުތަކަށް މިހާރު ކުރިމަތިވާ މައްސަލަތަކަށް ކޮށްމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ސާވޭ ނިމި، ޖިޑިޓަލްކޮށް މާލޭގެ މަގުތަކުގެ ހާލަތު ބެލޭނެ ނިޒާމު ގާއިމްވުމުން، މަގުތަކުގެ ހާލަތު ފަސޭހަކަމާއެކު ދެނެގަނެވި، ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށެވެ.