ގާނޫނާ ހިލާފަށް ވަޒީފާތަކުން ވަކި ކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ދިނުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިފަދައިން ނިންމާފައިވާއިރު ދާދިފަހުން ފެނަކައިން ވަނީ އެ ކުންފުނީގެ އިންހައުސް އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުން ވަކިކުރަން ނިންމާފައެވެ.

މި މަހުގެ 18 ވަނަ ދުވަހު އެ ކުންފުނިން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ އެ މުވައްޒަފުން ވަކިކުރުމަށް ނިންމާފައި ވަނީ ހަރަދު ކުޑަ މޮޑެލް އަކަށް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާތީ ކަމަށެވެ.

އެކަމާ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި އެމްޑީޕީން މިއަދު ނެރުނު ކުރު އިއުލާނެއްގައި ބުނީ ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރެވޭ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އެޅޭ މުވައްްޒަފުންގެ ތެރެއިން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ވައިބާ (7341637) ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައި ވެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ވަކި ބަޔަކު ވަޒީފާތަކުން ވަކި ކުރަމުންދާ ތުހުމަތުތަކަކީ މީގެ ކުރިންވެސް އިދިކޮޅުން ކުރަމުންދާ ތުހުމަތު ތަކެކެވެ. އެގޮތުން ރޭވެސް ވަނީ އެ ޕާޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ "ހަވަރުބެރު" ޕެނަލް ޑިސްކަޝަންގައި އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެފަދަ ތުހުމަތުތަކެއް ކުރައްވާފައެވެ.

ބިގޭ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގައި ތިބި މީހުން ވަޒީފާތަކުން ވަކިކުރަމުން ދަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި އެކަން ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން، ވަޒީފާތަކުގައި ބެހެއްޓުމުގެ ޝަރުތަކަށް ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރަމުން އަންނަ ކަމުގެ ތުހުމަތުވެސް ބިގޭ ވަނީ ކުރައްވާފައެވެ.