ރައްޔިތުންނާ ވީހާވެސްް ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަަވާލެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމެރިކާގެ ނިއުޔޯކްއާ އަދި ކައިރި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ބައެއް ދިވެހިންނާ ވަނީ ބައްދަލުކުރައްވާފައެވެ.

އދ އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް ވަނީ ބައްދަލުވުމުގައި ބައިވެރި ފަރާތްތަކުގެ ތެރެއިން، ވަކިވަކި ފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެެވެ. އަދި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި އެފަރާތްތައް ބޭނުންވާކަންކަން ބައްލަވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް އޮޅުންފިލުއްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމެރިކާގައި ދިރިއުޅޭ ދިވެހީން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގޫންކަން ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.