ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ނެޓްފްލިކްސް ސީރީޒް "ވެނިސްޑޭ" ގެ ދެވަނަ ސީޒަން އަންނަ އަހަރު ދައްކާގޮތަށް ނިންމައިފިއެވެ.

ނެޓްފްލިކްސް އިން ވަނީ ދެވަނަ ސީޒަންގެ އެޕިސޯޑުތަކުގެ ބައެއް ކުލިޕުތައް އާންމުންނަށް ދައްކާލާފައެވެ. އެ ކުލިޕުތައް ދައްކާލުމަށްފަހު ނެޓްފްލިކްސް އިން ބުނީ މި ސީރީޒްގެ ދެވަނަ ބައި ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރު ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް އިއުލާންކޮށްފައެއްނުވެއެވެ. ޝޯގެ ލީޑުތަރި ޖެނާ އޮޓޭގާ އަކީ ދެވަނަ ސީޒަންގެ އެގްޒެކްޓިޒް ޕްރޮޑިއުސަރުވެސްމެއެވެ.

މަޝްހޫރު ފެންޓަސީ ޑްރާމާ "އެޑަމްސް ފެމިލީ"ގެ ކެރެކްޓާއިންގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން 2022 ވަނަ އަހަރުގެ ނޮވެމްބަރުގައި ގެނެސްދިން މި ސީރީޒަށް ބޮޑު ތަރުޚީބެއް ލިބުނެވެ. ނެޓްފްލިކްސްގައި ސްޓްރީމްކުރި ޝޯތަކުގެ ތެރެއިން ހަފްތާއެއްގެ ތެރޭ އެންމެ ގިނަ މީހުން ބެލި ޝޯއަށް "ވެނިސްޑޭ" ވެފައިވާއިރު މި ފަހަރުގެ ސީޒަންގެ ޝޫޓިން ފެށީ މިއަހަރުގެ މެއި މަހުއެވެ. ބެލެވޭ ގޮތުގައި ސީޒަން ދޭއް ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މި ސީރީޒް މިއަހަރު ނޮވެމްބަރު މަހު ޝޫޓްކުރަން ނިންމަން ކުރިން ތާވަލްކޮށްފައިވީ ނަމަވެސް ހޮލީވުޑްގައި މިދޭތެރެއިން ހިނގި ޕްރޮޓެސްޓްތަކުގެ ސަބަބުން ސީރީޒްގެ ޝޫޓިންތައް ވަނީ ޑިލޭވެފައެވެ.