މާލޭ ސިޓީގެ މަގުތަކުގައި ބަހައްޓާފައިވާ ބޭނުންނުކުރާ ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ މީޑީއާ އޮފިޝަލް އައިމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ، މާލޭ މަގުތަކުގައި ބޭނުން ނުކޮށް ގިނަ އަހަރުތަކެއްވެފައިވާ ގިނަ އަދަދެއްގެ އުޅަނދުތައް އެބަހުރި ކަމަށެވެ. އޭގެތެރޭގައި އިންޖީނު ނެތް އުޅަނދުތައް ވެސް ހުރިކަން ފާހަގަކޮށް ޝަތުފާ ވިދާޅުވީ އެވެހިކަލްތަކުގެ ސަބަބުން މަގުގެ ބޮޑު ބައެއް ބޭނުން ނުހިފި ގެއްލޭކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި ހަރަކަތުގެ ތެރެއިން ޓޯ ކުރާ ވެހިކަލްތައް ބަލާއައުމަށް ވެރިފަރާތަށް ވަކި މުއްދަތެއް ދޭނެކަމަށެވެ. އަދި ވެރިފަރާތުން ހަވާލުނުވާ ވެހިކަލްތައް އޮންނަ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ޝަތުފާ ވިދާޅުވިއެވެ. މި ހަރަކާތަކީ ދާއިމަށް ކުރިއަށް ގެންދާނެ ހަރަކާތެއްކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.
މީގެ ކުރިން ވެސް ޓްރާންސްޕޯޓު މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލް އަދި ގިނަ އިދާރާތަކެއް ގުޅިގެން ވަނީ މާލޭ މަގުމަތިން ވެހިކަލްތައް މަދުކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.