ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ބަންޑާރަ ނައިބު އަހްމަދު އުޝާމް އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ބަންޑާރަނައިބު އުޝާމް އަދި ޕީޖީ އައްބާސް މިއަދު ބަންޑާރަނައިބުގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ބަންޑާރަނައިބު އުޝާމް ވަނީ ޕީޖީގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ތެދުވެރިކަމާއެކު ދެމިހުންނެވުމަށް އައްބާސްއަސް ހިތްވަރު ދެއްވާފައެވެ.

އައްބާސް ޕްރޮސެކިއުޓަރު ޖެނެރަލް ކަމަށް އައްޔަންކުރަން ރައީސް އޭނާގެ ނަން ފޮނުއްވީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިދިޔަ ހޯމަ ދުވަހު އައްބާސް އަށް ރުހުން ދޭން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމައި ތަޅުމަށް އެކަން ހުށަހެޅުމުން މަޖިލީހުން އޭނާ އަށް ރުހުން ދިނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އައްބާސް އައްޔަންކޮށްފައި ވަނީ އިއްޔެއެވެ.

އައްބާސް ވަނީ 2011 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އައްބާސް މަތީ ތައުލީމް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާއިންނެވެ. ހަމަ އެއާއެކު ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫންއަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް އޭނާ ކުރެއްވިއެވެ. އެންމެ ފަހުން އައްބާސް އަދާކުރެއްވީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމެވެ.