ރައްޔިތުންގެ އުފާވެރިކަމާއި ތަރައްގީ އާ ގުޅުވައިލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ "މޯލްޑިވްސް ހެޕިނަސް އިންޑެކްސް" އެކުލަވައިލުމުގެ އަތޮޅުތެރޭގެ ފުރަތަމަ މަސައްކަތު ބައްދަލުވުން އދ. ހަންޏާމީދޫގައި ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އިން ބުނީ ދިވެހިރާއްޖޭގެ ރަށްރަށުގެ ހާލަތާއި ރައްޔިތުންނަށް ލިބޭ އުފާވެރިކަން މިންކުރާނެ ގޮތް ދެނެގަނެ އެ ކަންކަން ކުރިއަރުވުމަށް މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހަންޏާމީދޫގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ "ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު" މިންކުރުމަށް އެކުލަވައިލެވޭ އޮނިގަނޑު ނުވަތަ ފްރޭމްވޯކަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ފަރާތްތަކަކާ މަޝްވަރާކުރެވިގެން، އެކުލަވައިލެވޭ އޮނިގަނޑެއް ހެދުން ކަމަށެވެ. އަދި ރަށްރަށުގެ ހާލަތާއި އުފާވެރިކަން ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފުރޭމްވޯކަކަށް ހެދުމަކީ އަމާޒެއްކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ ޕޯސްޓްގްރެޖްއޭޓް ސްޓަޑީސްގެ ޑީން ޑރ.ފާތިމަތު މުނާ ކުރިޔަށް ގެންދެވި މި މަސައްކަތު ބައްދަލުވުމުގައި ހަންޏާމީދޫ ކައުންސިލުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ހަންޏާމީދޫ ކައުންސިލުގެ މުވައްޒަފުންނާއި އަދި އިސްރަށްވެހިންނާއެކު ޖުމްލަ 43 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މީގެ ކުރިން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލާއިރުވެސް އޭގެ އެންމެ ރަނގަޅު ނަތީޖާއެއް ނިކުންނާނީ ރައްޔިތުންނާ ކައުންސިލްތަކާއެކު މަޝްވަރާއާއެކު އިންޑެކްސް އެކުލަވާލެވިގެން ކަމަށެވެ.