މީހަކު ރަނީހުނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ތިން ކުޑަކުއްޖަކު ހިމެނޭ ކަމަށާއި އަދި މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްއެންޑީއެފްގެ ދެ މުވައްޒަފަކު ވެސް ހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ، ކިޑްނެޕްކޮށްގެން އަނިޔާ ދީފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވި ފުލުހުންނަށް މައުލޫމާތު ލިބިގެން ކަމަށެވެ. މި މައްސަލައިގައި އަނިޔާ ލިބިފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ، އެމީހާގެ ވާތު ލޯ މަތީގައި ބާރަށް ޖަހާފައި ވުމުން ލޮލަށް ލޭއަރާ ލޯ ކައިރި ވަރަށް ބޮޑަށް ދުޅަވެ ނޫފައިގެންފައި ހުރި ކަމަށެވެ. ހަމައެއާއެކު އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސާފައި ހުރުމުން ލިބިފައިވާ ޒަހަމްތަކެއް ވެސް ފެންނަން ހުރި ކަމަށާއި އަދި ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި މާރާމާރި ހިންގުމުން ލިބިފައިވާ ޒަހަމްތަކެއް ވެސް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން އޭނާގެ ވާތުގެ ކުޑަވައި އިނގިލި މެދު ބަނދައާ ހަމައިން ބުރިކޮށްލާފައިވާ ކަަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި 5 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ އިރު، އެމީހުންގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އުމުރުން 24 އަހަރުގެ، ރ. ކަނދޮޅުދޫ، މިހުރާ، އަލީ ސާމީ އާއި އުމުރުން 18 އަހަރުގެ، ގދ. ގައްދޫ، ހުދުވެލި، އަހްމަދު ސާއިފް ވަހީދު އާއި އުމުރުން 21 އަހަަރުގެ، ތ. ތިމަރަފުށި، އުތުރުގެއާގެ، މުހައްމަދު ނައުޝާން ހުސައިން އާއި އުމުރުން 30 އަހަރުގެ، ކ. މާފުށި، ފުލް މޫން، މުހައްމަދު ނަފާހް އަދި އުމުރުން 24 އަހަރުގެ، ލ.ގަން، ތުނޑި، ލިންކް، އަހްމަދު ޒަޔާން ހުރީ ބަންދުގައި ކަމަށެވެ.
މި މީހުންގެ ތެރެއިން 4 މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު ނަފާހް ވަނީ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ އިރު، އުމުރުން 18 އަހަރުން ދަށުގެ ތިން ކުދިން ބައިވެރިވެފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަ ކޮށްފައެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ދެމީހަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުން އަންނަ ބައެއް ކަމަށް ވެސް ފުލުހުން މިއަދު ބުނެފައި ވެއެވެ. އެއީ މުހައްމަދު ނަފާހް އާއި އަހްމަދު ޒަޔާނެވެ. އަދި މި ދެމީހުންނަކީ މީގެ ކުރިން ކުށުގެ ރެކޯޑްސް ނެތް ދެމީހުން ކަމަށާއި ނަމަވެސް އެ ދެމީހުންގެ ކުށުގެ ވެށީގައި އުލޭ މީހުންނާއެކު އުޅޭ ދެމީހުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ކޭސްއާ ގުޅިގެން އެމީޙުންގެ މައުލޫމާތު އެމްއެންޑީފްއާ ހިއްސާކޮށްފައި ވާނެ ކަމަށާއި އަދި އެމްއެންޑީއެފް އިން އެމީހުންނާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި، އަލީ ސާމީ އާއި އަހްމަދު ސާއިފް ވަހީދު އަދި މުހައްމަދު ނައުޝާން ހުސައިން އަކީ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ފަރާތްތަކެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އަނިިޔާ ލިބިފައިވާ މީހާ ރަހީނުކޮށްގެން ހިފަހައްޓައިގެން ގެންގުޅެފައި ވަނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުން މާލޭގައި ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓެއްގައި ކަމަށް ފުލުހުން ބުނެއެވެ. އެ ދެ އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ކުރުމުން މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކާ ގުޅޭ ލިޔެކިޔުންތައް ފެނިފައިވާ ކަަމަށް ވެސް ފުލުހުން ބުނެއެވެ. އެތަން އޮފީހެއްގެ ގޮތުގައި ބޭނުން ކުރުމަށް ކޮމްޕިއުތާ ސިސްޓަމާއި ލެޕްޓޮޕް ބަހައްޓާފައިވާ ކަން ވެސް ފުލުހުން ފާހަގަ ކުރާ އިރު، މި މައްސަލަ ހިނަގަން މެދުވެރިވީ ސަބަބެއްގެ ގޮތުގައި ފާހަގވެފައި ވަނީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާ ލިބުނު މީހާ މެދުވެރިކޮށް އަނިޔާ ދިން ފަރާތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެމީހާ ކިޑްނެޕްކޮށްގެން ގެންގުޅު ދެ އެޕާޓްމަންޓުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން މަސްތުވާތަކެތި ބަންދުކުރަން ބޭނުން ކުރާ ކޮތަޅާއި، ކިރަން ބޭނުން ކުރާ ކައްޓާއަކާއި އަދި ދަބަހެއްގެ ތެރޭގައި އޮތް ވޮލެޓަކުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކޮތަޅަކާއި ބަންގުރާ ހުސްކުރި ތިން ފުޅި ވަނީ ފެނިފައެވެ. ހަމައެއާއެކީ މި މައްސަލައިގައި ހައްޔަރު ކުރި ޒަޔާންގެ ހަށިގަނޑުން ސެލޯފިންއެއްގައި ބަންދުކޮށްފައި ހުރި މަސްތުވާއެއްޗެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.