މަގުމަތީ ދުއްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެން މުޅި މުޖްތަމައުއަށް ރައީސް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.
މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ރައީސް އެކްސްގައި ހިއްސާ ކުރެއްވި ވީޑިއޯ ކްލިޕާއި މެސެޖު ކިތަންމެ ކުޑަ ނަމަވެސް އެކަމުން އެތައް އަގުހުރި ފިލާވަޅެއް ދަސްވެގެން ދެއެވެ.
ރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދުގެ އެނިމޭޓެޑް ވީޑިއޯއަކާއެކު އެކްސްގައި ހިއްސާ ކުރެއްވި މެސެޖުގައި ރައީސް ވަނީ، އިންސާނާގެ ފުރާނައަކީ ވަރަށް އަގު ހުރި އެއްޗެއްކަމަށް ވިދާޅުވެ މަގުމަތީ ދުއްވާ އިރު ރައްކާތެރިކަން އިސްކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
އަދި އަމިއްލަ އަތްތަކުން ކުރާ ނުރަނގަޅު ކަންތައް، އަލުން ރަނގަޅުކުރަން ދެވަނަ ފުރުސަތެއް ނުލިބިދާނެކަން ހަނދާން ކޮށްދެއްވަމުން ރައީސް އެދިވަޑައިގަތީ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަންތަން ކަމަށް ހެދުމަށެވެ.
ރައީސް ހިއްސާ ކުރެއްވި ދެ މިނެޓެއްހާއިރު ގެ އެ ވީޑިއޯ ކްލިޕުން ފެނިގެންދަނީ ބައްޕައަކު އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް ހަދިޔާއަކަށް ދޭން ގަޑިއެއް ގަނެދިނުމަށްފަހު އެ ހަދިޔާ ދިނުމަށް ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އޭނާގެ އަމިއްލަ ދަރިފުޅު ދުއްވަން އިން ކާރު އައިސް އޭނާގެ ސައިކަލުގައި ޖެހި އެކްސިޑެންޓްވާ މަންޒަރެވެ.
އެ ހާދިސާ ހިނގުމަށްފަހު ބައްޕަގެ ފުރާނެ ނެތް ހަށިގަނޑު ކައިރި އިނދެ ރޯ މަންޒަރު ފެނެއެވެ. އަދި އޭނާއަށް މައާފު ކުރުމަށް އެދި އާދޭސް ކުރަމުންދެއެވެ. އެހެންކަމުން އެކްސިޑެންޓުތައް މަދުކޮށް ތިމާ އާއި އަނެކުންގެ ސަލާމަތް އިސްކުރުމުގެ މުހިންމުކަން ރައީސްގެ މި މެސެޖުންވެސް ހާމަވެގެންދެއެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލި އަނެއް ބައި މީހުންނަށް ދިރިއުޅުމުގައި އެކިއެކި ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައި ވެސް ވެއެވެ.
އަދި ހަަމައެހެންމެ ދާދިފަހުން ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކުންވެސް އެކްސިޑެންޓުތައް ހިނގަމުންދާ މިންވަރު އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ސެޕްޓެމްބަރު 8 ގެ ނިޔަލަށް މިހާތަނަށް 1907 އެކްސިޑެންޓު ހިނގާފައިވާ ކަމަށާއި ނިމިދިޔަ އޮގަސްޓު މަހު އެކަނިވެސް ވަނީ 204 އެކްސިޑެންޓު ހިނގާފައެވެ.