މާލޭގެ ވަށައިގެން ގާއިމްކޮށްފައިވާ ބޭރު ތޮށިގަނޑު މަރާމާތު ކުރުމަށް ޖަޕާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް" މަޝްރޫއުގެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ސޮއިކޮށްފައި ވަނީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރިއެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުއަށް މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 20 މިލިއަން ޖަޕާނީސް ޔެން (140،000 އެމެރިކާ ޑޮލަރު) ދިނުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ޒަމީރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމުގައި މި މަޝްރޫއުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިމަޝްރޫއަކީ، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫއެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

2004 ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި، ޒަމީރު ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ޖަޕާނުގެ އެހީގައި 1990 ވަނަ އަހަރު ބިނާކުރި މާލޭގެ ވަށާތޮށި އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

2 ގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުން ފާހަގަ ކުރައްވާ ޒަމީރު ވަނީ މިފަދަ މަޝްރޫއުތަކުން ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަ ކުރައްވާފައެވެ. ޖަޕާނު ސަރުކާރުން ދޭ އެހީތެރިކަމަށް މިނިސްޓަރު ޒަމީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.