އީރާނުގައި އަންހެނުން ހެދުން އަޅަންޖެހޭ ގޮތް ބަޔާންކޮށް ހަދާފައި އޮންނަ ވަރުގަދަ ގާނޫނާ އެއްގޮތަށް ހެދުން ނާޅާނަމަ ހަރުކަށި އަދަބު ދޭ އުސޫލު ލުއިކޮށް އެ ގާނޫނުގައި ބުނާ ގޮތަށް ބުރުގާ ނޭޅިޔަސް މިހާރު ފުލުހުން ނުހުއްޓުވާނެ ކަމަށް ބުނެފިއެވެ.

ބުރުގާގެ މައްސަލައިގައި އީރާނުގެ ފުލުހުން ހިފާ ހައްޔާރު ކޮށްގެން އުޅެނިކޮށް މަރުވި އުމުރުން 22 އަހަރުގެ މާޝާ އަމީނީ މަރުވިތާ 2 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި ކޮމެންޓެއްގައެވެ. އަދި ހަމަ އެހެންމެ އީރާނުގެ ރައީސް މަސްއޫދު ޕެޒެސްކިއާންގެ މި ކޮމެންޓް އއި ދަނޑިވަޅަކީ އީރާނުގައި އަދިވެސް ބުރުގާގެ މައްސަލައިގައި އަންހެނުންނަށް ހަރުކަށި އަދަބު ދޭ ކަމަށް އދ އިން ބުނެފައިވެސް ވަނިކޮށެވެ.

މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ އީރާނުގެ އާ ރައީސް ވިދާޅުވީ، ހެދުން އެޅުމާ ގުޅޭ ގޮތުން އެކުލަވާލައިފައި ވާ ގާނޫނާ އެއްގޮތަށް ބުރުގާ ނޭޅިޔަސް މޯރަލިޓީ ފުލުހުން މިހާރު މަގުމަތިން އެފަދަ މީހުންނާ ކުރިމަތިލައި ނުހުއްޓުވާނެ ކަމަށެވެ.

ޕެޒެސްކިއާން އެހެން ވިދާޅުވި އިރު އޭނާ އާ ސުވާލު ކުރިމަތި ކުރި ނޫސްވެރިޔަކު ބުނެފައި ވަނީ އޭނާ ޕްރެސްކޮންފަރެންސް އަކަށް ދިޔަ އިރު ބުރުގާ ތަންކޮޅެއް ދޫކޮށް އޮތުމާއެކު ނިތްކުރިމަތިން އިސްތަށި ފެންނަން ހުރުމުން ފުލުހުން އޭނާ ހުއްޓުވި ކަމަށެވެ. އޭނާ އެހެން ބުނުމާއެކު ޕެޒެސްކިއާން ވަނީ 'މިހާރުވެސް ފުލުހުން މަގުމަތީގައި އެހެން އުޅޭތޯ' އައްސަވާފައެވެ. ޖަވާބުގައި އެ ނޫސްވެރިޔާ ބުނީ، އެއީ އެކަން އޮތް ގޮތް ]ހިނގަމުން ދާ ގޮތް] ކަމަށެވެ.

އެއާއެކު ޕެޒެސްކިއާން ވިދާޅުވީ، "ފުލުހުން މިހާރު އެގޮތަށް ކުރިމަތިލައިގެން ނުވާނެ، ތިކަން ހިނގާދިޔަ ގޮތެއް ބަލާނެ" ކަމަށެވެ.

އީރާނުގެ އެކިއެކި މީޑިއާ ޗެނަލްތަކުން ޕެޒެސްކިއާންގެ އެ ކޮމެންޓް އާންމުކޮށް ދައްކާ، ވައިރަލް ވެފައި ވާ އިރު ގިނަ ބަޔަކު ގަބޫލު ކުރަނީ ޕެޒެސްކިއާން އާ އެކު އީރާނަކީ މެދުމިނުގެ ސިޔާސަތެއްގެ ގައުމަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.