ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ހަރަދުކުޑަ ޔަގީންކަން ބޮޑު ހައްލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން މީސް މީޑިއާގައި އެމަނިކުފާނު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ ދުވަހަށް މިއަހަރު އދ އިން ހުށަހަޅާފައިވާ ޝިއާރަކީ "އެޑްވާންސިންގް ކްލައިމެޓް އެކްޝަން" ނުވަތަ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރަށް ކުރިއެރުވުމެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިފުތިތާހުކޮށްދެއްވީ މި އަހަރުގެ ޖޫން މަހުއެވެ.

ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ. މި ޕްރޮގްރާމަކީ މިހާތަނަށް ރާއްޖޭގައި ގަސް އިންދުމަށްޓަކައި ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.