ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރި ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށުމާއެކު ދެ ގައުމު ދެމެދު ކުރެވޭ ވިޔަފާރީގެ އަގު އެއް ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ރާއްޖެއާއި ޗައިނާ ދެމެދު އިގްތިސޯދީ އެއްބާރުލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ދާދި ފަހުން ވެވުނު އެއްބަސްވުމުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ޗައިނާއާއެކު ސޮއި ކުރި ކަރަންސީ ސެޓަލްމެންޓް އެއްބަސްވުމަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، އެ ގައުމަށް ދަތުރުކުރާ ދިވެހިން އެކި ހިދުމަތްތައް ހޯދުމަށާއި ވިޔަފާރި ކުރުމުގައި ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ. މިހާރު ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރު ވިޔަފާރި އެބަ ކުރެވޭ ކަމަށާއި ދެ ގައުމުގެ ދެމެދުގައި ކުރެވޭ އެފްޓީއޭ އަށް އަމަލުކުރަން ފެށުމާއެކު އެ އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން މިމަހު ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެއިތުރުން ވިޔަފާރީގެ އެކި ބޭނުންތަކަށް ޑޮލަރުން ކުރަން ޖެހޭ މުއާމަލާތަށް ލުޔެއް ހޯދުމަށް ޗައިނާ އާއި ރާއްޖެ އާ ދެމެދު ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭ ގޮތަށް ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއެކު މިދިޔަ ހަފްތާގައި ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

މި އެމްއޯޔޫއާ ގުޅޭ މައުލޫމާތު ހާމަކުރަމުން އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ، މިއީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.