އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އާކުރެވޭނީ އެންމެހާ ފަޅުވެރިން މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާނަމަ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ ލައިސަންސް އާކުރާއިރު އުޅަނދުގެ އެންމެހާ ފަޅުވެރިން މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާކަން ޔަގީންކުރާނެ ކަމަށާއި އެހެންކަމުން ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިންވެސް 1 އޮކްޓޫބަރުގެ ކުރިން ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާކަން ޔަގީންކުރުމަށް އިލްތިމާސްކުރާކަމަށެވެ.

މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ފޯނު އެޕްލިކޭޝަނެއް ފިޝަރީޒް މިނިސްޓްރީ އިން އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މި ދަފްތަރު ފުރިހަމަކުރުމަށްޓަކައި މަސްވެރި އުޅަނދުތަކުގެ ޒިންމާވާ ފަރާތްތަކަށް ގުޅާ، މަސްވެރި ރަށްރަށާއި މަސްކިރާ ބަނދަރުތަކަށް މިނިސްޓްރީގެ މުވައްޒަފުން ދަތުރުކޮށް ދަފްތަރުގައި ރަޖިސްޓަރީވުމުގައި އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު ދީފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް މަގުސަދަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުން ކަމަށެވެ.

މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު ރަޖިސްޓްރީކޮށްފައިވާކަން ފާހަގަކުރަމުން ފިޝަރީޒް މިނިސްޓްރީން ބުނީ ދަފްތަރުގައި ރަޖިސްޓަރީވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަންގެ ވައިބާ ނަންބަރު 7928721 އަށް މެސެޖް ކުރުމަށެވެ.