ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމީ އެކަމަށްޓަކައި މިއަދު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އޭނާ އާ އިންޓަވިއު ކުރުމަށް ފަހުގައެވެ.

އިންޓަވިއު އަށް ފަހު ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުުސްނީ މުބާރިކު ވިދާޅުވީ އައްބާސް އާ މެދު އާންމުންގެ ޝަކުވާ އަށް ހުޅުވާލުމުން އެއްވެސް ޝަކުވާއެއް ނުލިބޭ ކަމަށާއި، އިންޓަވިއު އިން އެވަރެޖްކޮށް ލިބިފައިވަނީ 93.91 ޕަސެންޓު ކަމަށެވެ.

ބެލެވޭ ގޮތުގައި ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާގައި އައްބާސްގެ ނަން ފާސްކުރުމަށް ތާވަލުކުރާނެއެވެ.

ގާނޫނުގައިވާ ގޮތުން، ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭ އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން ޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުން ޖަލްސާ ބާއްވަން ނިންމީ މި ސަބަބާ ހެދިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް، މިދިޔަ މަހުގެ 22 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެކަމަކު ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، އެ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ނިންމީ ޝަމީމް މަގާމުން ވަކިކުރުމަށެވެ.