ކުންފުނިތަކުގެ ބޯޑު މެންބަރުން އައްޔަންކުރުމަށް އޮތް މުއްދަތު ދަށްކުރުމަށް ކުންފުނީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް އިސްލާހު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދު ކޮމިޓީން ނިންމައިފިއެވެ

ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އިސްލާހަށް މިއަދު ތަޅުމުގައި ބަހުސްކޮށް މަޖިލީހަށް ބަލައިގަތީ، އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ވެސް ރުހުމާ އެކުގައެވެ. އެއާއެކު ރިޔާސަތުން ވަނީ ބިލު އިތުރަށް ދިރާސާކުރަން އިގްތިސޯދީ ކޮމިޓީ އަށް ފޮނުވާލައިފައެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ނިންމީ ސަރުކާރަށް ހުށަހެޅި އިސްލާހަށް އުނި އިތުރެއް ނުގެނެސް ފާސްކުރުމަށެވެ.

ނިޒާރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން:

  • ކުންފުނިތަކުން ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭ ދައުވަތު ދޭން ވާނެ
  • ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭ ބާއްވަން ވާނެ
  • މީގެ އިތުރުން، ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ކުރިން ކުންފުނީގެ މެންބަރުން ނޯޓިސް ފޮނުވަން ވާނެ
  • ހަމަ އެހެންމެ ކުންފުނީގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން ނެތް ނަމަ، ނުވަތަ އެ އަދަދަށް ޑިރެކްޓަރުން ނެތްކަމަށް ކުންފުނިތަކުގެ ރެޖިސްޓްރާގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ އަދަދަށް ޑިރެކްޓަރުން އައްޔަންކުރަން ރަޖިސްޓްރާ އަންގަވައިފިނަމަ 10 ދުވަހުގެ ތެރޭ ޑިރެކްޓަރުން އައްޔަންކޮށް ރަޖިސްޓްރާ އަށް އެކަން އަންގަން ޖެހޭނެ

ސަރުކާރުގެ ފަރާތުން ކުންފުނީގެ ބިލު އިސްލާހުކުރަން ހުށަހަޅާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން ބައެއް މެންބަރުން މަދުވެ، އެކަމަށްޓަކައި ބޯޑު ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފައި އޮއްވާ ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ މަގާމުން އިސްތިއުފާދެއްވާފައި ވެސް ވަނިކޮށެވެ.