ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އެ މައްސަލައާ ގުޅޭ ސްޕްރީމް ކޯޓުގެ މައްސަލަ ނިމުމުން ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ވ. އާރަށް ކުށްޔަށް ދޫކުރުމުގެ މުއާމަލަަތުގައި ރިޝްވަތު ގަބޫލު ކޮށްގެން 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހެވެ. ނަމަވެސް އޭގެ ފަހުން މި އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހުކުމް ކޮށްފައެވެ.
މި މައްސަލާގައި ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއް ފަރާތްކޮށް އަލުން މައްސަލާގައި ގޮތެއް ނިންމަން ހައި ކޯޓުން އަންގާފައިވާ ބައި ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ސްޕރީމްކޯޓުގައި އޮތް މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް މަޑުޖައްސާލުމަށް އެދިވަޑައިގެންފައެވެ. އަދި ތަހުގީގު މަރުހަލާގައި ރައީސް ޔާމީން ހަނު ހުންނެވި ކަމަށް ދައުލަތުން ބުނާތީ އެމަނިކުފާނު ވަނީ ތަހުގީގަށް ދެއްވި ބަޔާނުގެ ރެކޯޑިންތައް ހުރި ސީޑީތައް ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
ކްރިމިނަލް ކޯޓުގެ މައްސަލައިގައި ހުށަހަޅާ އާ ހެކިތަކުގެ ސަބަބުން ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އަސަރުކުރާނެ ކަމަށް ފެންނާތީ، މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ ކްރިމިނަލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމަށެވެ. އަދި ރައީސް ޔާމީން އެދިވަޑައިގެންނެވި ސީޑީތައް އެމަނިކުފާނަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.