ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުގެ ހިދުމަތްތައް ލިމިޓުކުރި ދުވަހު ބޭންކުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖޭގައި ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކުންފުނީގެ ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، މި ބިލު ހުށަހަޅާފައި ވަނީ ބީއެމްއެލްގެ ބޯޑުގެ މެންބަރުން މަދުވެފައިވާތީ އާ ބޯޑު މެންބަރުން އައްޔަންކުރަން އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަން ބޭންކުން ހޮނިހިރު ދުވަހަށް ތާވަލުކޮށްފައި އޮއްވާ ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ މަގާމުން އިސްތިއުފާދެއްވާފައި ވަނިކޮށް ކަމަށެވެ.

ނާޒިމް ވިދާޅުވީ އާ ސީއީއޯ އެއް އައްޔަންކުރަން އިތުރު އީޖީއެމެއް ބާއްވަން ޖެހޭޭނެ ކަމަށާއި، ކުންފުނިތަކުގެ ބިލު އިސްލާހުކުރުމުން އިތުރު އީޖީއެމެއް ކުރު މުއްދަތެއްގައި ބާއްވަން ފަހިވެގެން ދާނެ ކަމަށެވެ.

އެއާއެކު ނާޒިމް ވަނީ ބީއެމްއެލްގެ ކާޑުތަކުގެ ހިދުމަތްތައް ލިމިޓްކުރި ދުވަހު، އެ ބޭންކުގެ އޮޕަރޭޝަންސް ޑިރެކްޓަރާއި ކްރެޑިޓް ކޮންޓްރޯލު މެނޭޖަރާއި ރިސްކު މެނޭޖަރު ރާއްޖެއިން ބޭރުގައި ތިއްބެވިކަން ފާހަގަކުރައްވައިފައެވެ. އެ މަގާމުތަކުގައި ތިއްބަވަނީ ބޭރު މީހުން ކަމަށާއި، މަހު މުސާރައިގެ ގޮތުގައި އެ މީހުންނަށް 15 ހާސް ޑޮލަރު ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ މަގާމުތަކަށް ދިވެހިން ގެންނަން ޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭންކު އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިނގަމުންދާ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ އެ ދުވަހު ދިމާވި ކަންތަކަށް ވުރެ ސީރިއަސް ކަންތައް ކުރިއަށް އޮތް ތަނުގައި ދިމާވުމަކީ އެކަށީގެންވާ ކަމެއް،"

ނާޒިމް ވިދާޅުވީ، ހަރުދަނާ އުސޫލެއްގެ ތެރެއިން ދައުލަތުގެ ކުންފުނިތައް ހިންގޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި މި އިސްލާހު ގާނޫނަކަށް ވުން މުހިންމު ކަމަށެވެ.

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން

  • ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭ ދައުވަތު ދޭން ވާނެ
  • ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭ ބާއްވަން ވާނެ
  • މީގެ އިތުރުން، ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ކުރިން ކުންފުނީގެ މެންބަރުން ނޯޓިސް ފޮނުވަން ވާނެ
  • ހަމަ އެހެންމެ ކުންފުނީގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން ނެތް ނަމަ، ނުވަތަ އެ އަދަދަށް ޑިރެކްޓަރުން ނެތްކަމަށް ކުންފުނިތަކުގެ ރެޖިސްޓްރާގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ އަދަދަށް ޑިރެކްޓަރުން އައްޔަންކުރަން ރަޖިސްޓްރާ އަންގަވައިފިނަމަ 10 ދުވަހުގެ ތެރޭ ޑިރެކްޓަރުން އައްޔަންކޮށް ރަޖިސްޓްރާ އަށް އެކަން އަންގަން ޖެހޭނެ

ކުންފުނީގެ ބިލުގައި މިހާރު އޮންނަ ގޮތް:

  • ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ 21 ދުވަހުގެ ތެރޭ ދައުވަތު ދޭން ވާނެ
  • ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭ ބާއްވަން ވާނެ
  • ހާއްސަ އާންމު ޖަލްސާ އެއް ބާއްވާ ދުވަހުގެ މަދުވެގެން 14 ދުވަހުގެ ތެރޭ މެންބަރުންނަށް ނޯޓިސް ދޭން ވާނެ
  • ބޯޑު މެންބަރުން މަދުނަމަ ނުވަތަ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަހުގެ ތެރޭ އެ މަގާމުތަކަށް މީހުން އައްޔަންކޮށް ކުންފުނިތަކުގެ ރެޖިސްޓްރާ އަށް އަންގަންވާނެ