މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހުުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ތިން ފިރިހެނުންނާއި އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން، މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ވަނީ ހުޅުމާލޭގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އެ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 76 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތަރު މީހުންގެ ތެރެއިން އަންހެން މީހާ އާއި އެއް ފިރިހެނަކު ވަނީ ޝަރުތު ކުރުމަށްފަހު ކޯޓުން ދޫކޮށްލާފައެވެ. އެއީ 43 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓުން ބަންދުގެ މުއްދަތް ޖެހި ދެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އެއީ އުމުރުން 44 އަހަރުގެ، ވ. ފައިވްފްލާވާ، އަހްމަދު އަފްރާހް އާއި އުމުރުން 48 އަހަރުގެ، ހުޅުމާލެ، ފްލެޓް ނަންބަރު 04-ޖީ-10، އަލީ އަބްދުﷲއެވެ. އެ ދެމީހުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުން ބަލައި ފާސްކުރީ ކޮން ސަރަހައްދެއްގައި ހުރި އެޕާޓްމަންތެއް ކަން ހާމަ ނުކުރެއެވެ. ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.