އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް އިން ގުޅިގެން މިއަހަރު އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ ފިލްމެއް އިއުލާންކޮށްފިއެވެ.
"ދޭދަރު ރުއިން" ގެ ނަމުން ނަން ދީފައިވާ މި ފިލްމު އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާނެއެވެ. މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހަރަކާތްތެރިވާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދެވެ. އައި ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު އައިފިލްމްސް އިން ވަނީ މިއަހަރު ފެބްރުއަރީ މަހު ވެސް ފިލްމެއް ގެނެސްދީފައެވެ. އެއީ ބިރުވެރި ޖޯންރާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ކަންބަޅި" އެވެ.
މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ ހުސައިން މުނައްވަރުގެ ފިލްމު "ކަމަނާ"އެވެ. މިހާރު ދައްކަމުން އަންނަނީ މި ފިލްމުގެ ވަދާއީ ޝޯތަކެވެ. މި ފިލްމަކީ މިއަހަރު އޮލިމްޕަހުގައި އެޅުވި އަށް ވަނަ ފިލްމެވެ. ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނާނީ ހާމިދު އަލީ ގެ "އުދަބާނީ 2" އެވެ. އެ ފިލްމު ރިލީޒްކުރާނީ މި މަހު 19 ވަނަ ދުވަހުއެވެ. އަންނަ މަހުގެ ހަތް ވަނަ ދުވަހު ޑާކްރެއިންގެ "ބިބީ" ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ.