ޓޯޔާޑުގައި ހުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ ތެރެއިން ޖުމްލަ 22 އުޅަނދެއް އުސޫލުގެ ތެރެއިން މިއަދު ނައްތާލާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވުމުގެ ސަބަބުން އުސޫލުގެ ތެރެއިން އުޅަނދުތަކެއް އިއްޔެ ނައްތާލާފައިވާ ކަމަށެވެ. އެގޮތުން ދެ ފޮރުޅުލީ 21 އުޅަނދަކާއި ހަތަރު ފުރޮޅުލީ އުޅަނދެއް ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިއްޔެ ނައްތާލާފައިވާ އުޅަނދުތަކުގެ ވީޑިއޯއެއް ފުލުހުން ހިއްސާކޮށްފައިވާ އިރު، އޭގެ ތެރޭގައި ދެ ފުރޮޅުލީ އުޅަނދުތަކުގެ ތެރެއިން ސައިކަލުތަކެއް ނައްތާލާ މަންޒަރު ފެނެއެވެ. ހަތަރު ފުރޮޅުލީ އެއް އުޅަނދު ނައްތާލާފައިވާ އިރު، އެއީ އަޅި ކުލައިގެ ކާރެކެވެ.

މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުލަނދުތައް ޓޯ ކުރަމުން އަންނަ އިރު، ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް ފުލުހުން އަންނަނީ ނައްތާލަމުންނެވެ. އެ ގޮތުން ނިމިދިޔަ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައި ޓޯޔާޑުގައި ހުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ ތެރެއިން ޖުމްލަ 205 އުޅަނދެއް ވަނީ ނައްތާލާފައެވެ.

އޭގެތެރޭގައި ހިމެނެނީ 37 ކާރު، 114 ސައިކަލު އަދި 84 ބައިސިކަލް އެވެ. މީގެ އިތުރުން ހުޅުމާލެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 173 އުޅަނދެއް ވަނީ ރީލޮކޭޓް ކޮށްފައެވެ.

ހުޅުމާލޭގެ މަގުތައް ތަރުތީބު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދު ވަނީ ޓޯ ކޮށްފައެވެ. އެ ގޮތުން ހުޅުމާލެ ފޭސް 1 ކުން ޖުމްލަ 192 އުޅަނދު ޓޯ ކުރި އިރު، އޭގެ ތެރޭގައި ހިމެނެނީ ގަވައިދާ ހިލާފަށް ޕާކުކޮށްގެން ޓޯކޮށްފައިވާ 8 އުޅަނދަކާއި، ނުރައްކާތެރިކޮށް ދުއްވައިގެން 37 އުޅަނދަކާއި، ލައިސަންސް ނެތިގެން ދުއްވައިގެން 147 އުޅަނދެކެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 1 ކުން ޖުމްލަ 161 އުަޅަނދެއް ޓޯކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ނުރައްކާތެރިކޮށް ދުއްވައިގެން ޓޯކުރި 7 އުޅަނދަކާއި، ލައިސަންސް ނެތިގެން ދުއްވައިގެން ހިފެހެއްޓި 140 އުޅަނދެކެވެ.