ވިޔަފާރީގެ އެކި ބޭނުންތަކަށް ޑޮލަރުން ކުރަން ޖެހޭ މުއާމަލާތަށް ލުޔެއް ހޯދުމަށް ޗައިނާ އާއި ރާއްޖެ އާ ދެމެދު ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭނެ ގޮތް ހަދަން އެއްބަސްވެއްޖެއެވެ.
ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއި ރާއްޖެ އާ ދެމެދު ގާއިމު ކުރި އެމްއޯޔޫއާއެކު ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ދެގައުމުގެ ފައިސާއިން ކުރެވޭގޮތަށް އެއްބަސްވެ އޮނިގަނޑެއް އެކުލަވާލައި ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކުގެ ދާއިރާއިން ގުޅުން ހަރުދަނާ ކުރުމަށް މަގުފަހިވެގެން ދާނެއެވެ.
ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި މިހާނަތަށް ބޭނުން ކުރަން ޖެހިފައި ވަނީ އެމެރިކާ ޑޮލަރު ކަމަށް ވާއިރު ރާއްޖޭގެ ބާޒާރުގައި ނުވަތަ ބޭންކުތަކުގައި ވިޔަފާރިވެރިން ބޭނުންވާ މިންވަރަށް ޑޮލަރު ދޫކުރުމުގެ ހަކަތަ ނެތި ގޮންޖެހުންތަކާ ކުރިމަތިވަމުން އަންނަ އިރު މި އެޅުނު ފިޔަވަޅާއެކު ޑޮލަރާ ނުލައި ވިޔަފާރީގެ މުއާމަލާތްތައް ކުރެވިގެން ދާނެއެވެ.
މި އެމްއޯޔޫއާ ގުޅޭ މައުލޫމާތު ހާމަ ކުރަމުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު އަހަރެއްގެ މައްޗަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ މުއާމަލާތް ކުރެވޭ އިރު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެގެން ގޮސްފައި ވުމުގެ ސަބަބުން ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ އަގުވެސް ބޮޑުވެގެން ދެއެވެ. ނަމަވެސް ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭގޮތަށް އިންތިޒާމުތައް ހަމަޖެހިގެން ދިޔުމުން، ޑޮލަރަށް ވާ އަގުމަދު ކުރާނީ އެގައުމެއްގައި މާރުކުރާ ރަސްމީ ރޭޓުން ކަމަށް ވުމުން، ރާއްޖެ އަށް އެތެރެ ކުރާ މުދަލުގެ އަގު ހެޔޮވެގެން ދާނެއެވެ. އަދި އެތެރެ ކުރެވޭ މުދަލުގެ އަދަދުވެސް އިތުރުވެ ހެޔޮބަދަލެއް އަންނާނެ ކަމަށް އިގުތިސޯދީ މާހިރުން ވިދާޅުވެއެވެ.
އެގައުމެއްގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން އިންޑިއާ އާއެކު އެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ އިތުރުން އިންޑިއާ އަކީވެސް ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެ ކުރާ ގައުމެކެވެ.