މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 3183 މީހުންނަށް 4000 ރުފިޔާ ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަަމަށެވެ. 2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްއޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 4000 ރުފިޔާ ބޮލަކަށް ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ޒަކާތް ބެހުމަށް ކުރާ މަސައްކަތުގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިދިޔަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.

މި އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް ދޫކޮށްފައި ވަނީ 16,781610.99 ރުފިޔާ އެވެ.