އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި ކަމަށެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

އީސީގެ މެންބަރިންގެ ތެރޭގައި 5 ބޭފުޅަކު އައްޔަންކޮށްފައި ތިބި އިރު، އޭގެތެރޭގައި އެ ކޮމިޝަންގެ ރައިސް އަކީ ފުއާދު ތައުފީގެވ. އަދި ނައިބު ރައީސް އަކީ އަލީ ނިޝާތެވެ. ދެން ތިބި މެންބަރުންނަކީ ޑރ. މުހައްމަދު ޒާހިރާއި، މުހައްމަދު އާސިފާއި ހަސަން ޒަކަރިއްޔާއެވެ.