ބެންގަލޫރުގެ އެސްޓާ ސީއެމްއައިއިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލިކަމަށް ދެކެވެމުންދާ ވާހަކަ އާސަންދައިން ދޮގުކޮށްފިއެވެ.

އާސަންދައިން ބުނީ އުމުރުން 65 އަހަރުގެ އެ ބަލިމީހާއަކީ ސައުދީ އަރަބިއްޔާގެ ޖިއްދާއިން އިންޑިއާއަށް އެއާ އެމްބިއުލާންސް މެދުވެރިކޮށް ޒަކާތު ފަންޑުގެ އެހީގައި ގެންގޮސްފައިވާ މީހެއް ކަމަށެވެ.

އެގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަރުފިޔާ އެ ފަރާތަށް ހަމަޖައްސައިދެވިފައިވާނެ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ އޭނާއަށް ފަރުވާދެމުން ދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީއަށް ކަމަށެވެ. އަދި އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިން ތެރަޕީ އަދި ހައިޕާބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓާ ސީއެމްއައި އިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

ބަލިމީހާގެ ހާލަތު ފުރިހަމައަށް އިވެލުއޭޓްކުރުމަށްފަހު، މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ހޭދަވީ މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން އެޕްރޫވަލް ދީފައިވާ ކަމަށް އާސަންދައިން ބުނެއެވެ. އަދި ފާއިތުވި 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއާ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރުގެ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އާއިލާއާއެކު މަޝްވަރާކޮށްފައިވާކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.

އެގޮތުން ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔާދީފައިވާނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާއެކު 3 ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވެސް އާއިލާއާ ވާހަކަދައްކާފައިވާކަން އެ ކުންފުނިން ވާނީ ފާހަގަކޮށްފައެވެ.

އާސަންދައިން ބުނީ އޮގަސްޓު 18 ވަނަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ހަރަދު ތަކުގެ ފައިނަލް ބިލު ލިބިފައި ވާއިރު، ބިލަށް ޖުމްލަ 89،339.91 އެމެރިކާ ޑޮލަރު އަރާފައިވާ ކަމަށެވެ. އަދި އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައިވާ ކަމަށެވެ.