އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސަރުކާރުން އެ ނޫހަށް އިންޒާރު ދިނުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެމުން ގެންދާ ކަމަށް ބުނެ އަދަދު އޮންލައިންގައި ގެނެސްދިން ހަބަރާ ގުޅިގެން ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި އެފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހީނާ މިހެން ވިދާޅުވިއިރު، އެމްޑީޕީއިން މިކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނީ ނޫސްވެރިކަން ކުރުމާއި, ހަބަރާއި މައުލޫމާތު ޝާއިއުކުރުމާއި, އެ ހަބަރުތައް ފެތުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އެ ހައްގުގެ ބޭނުން ހިފައި ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ގެނެސްދޭ ފަރާތްތަކަށް ބިރު ދެއްކުމަކީ ހުދުމުހުތާރު ވެރިކަމަކަށް ފަހި ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.
އިތުރަށް މި ބަޔާނުގައި ބުނި ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާއިރު ސަރުކާރުން ކުރާ ނޭއްގާނީ ކަންކަމުގެ ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދޭ މީޑިއާތަކާއި ނޫސްވެރިންނަށް ފުރައްސާރަކޮށް، ބިރު ދައްކައި އަދި އެކި ގޮތްގޮތުން ގޯނާ ކުރުމަކީ އެފަދަ މީޑިއާތަކާއި ނޫސްވެރިންގެ އަޑު ކަނޑުވައިލުމަށް ރާވައި އިންތިޒާމުވެގެން ސަރުކާރު އިސްވެ ކުރާ ކަމެއްކަމަށް ގަބޫލުކުރަކަމަށެވެ.
ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލައި ނޫސްވެރިންނަށް ބިރު ދެއްކުމަށް ކުރަމުންދާ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ. އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ކުރެވޭނެ ފަދަ މާހައުލެއް ކަށަވަރު ކޮށްދިނުމަށް ވެސް އެ ޕާޓީގެ ފަރާތުން ސަރުކާރަށް ގޮވާލާފައިވެއެވެ.