ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި އައްބާސް ޝަރީފް އާ މެދު އެއްވެސް ޝަކުވާ އެއް އޮތް ނަމަ، އާންމުން ޝަކުވާ ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސް ހުށަހެޅުއްވީ އައްބާސްގެ ނަމެވެ. އައްބާސްގެ އިތުރުން ފަސް އެހެން ބޭފުޅެއްގެ ނަމެއް ވެސް މަޖިލީހަށް މިއަދު ފޮނުއްވާފައިވެއެވެ. ރިޔާސަތުން ވަނީ އެ ހުރިހާ ނަމެއް ވެސް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީ އަށް ހުށަހަޅައިފައެވެ.

ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި އައްބާސް އާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އޭނާ ހުށަހެޅުއްވީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން އާންމުންގެ ޝަކުވާތަކަށް ހުޅުވާލުމަށެވެ.

އެ ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ތާއީދުކުރެއްވިއެވެ.

އެހެންވެ މި ހުށަހެޅުމާ މެދު ކޮމިޓީން ގޮތެއް ނިންމުމަށް ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ހުށަހެޅުއްވުމުން، ކޮމިޓީން ނިންމީ އައްބާސް އާ މެދު ޝަކުވާ އެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

މިވަގުތު ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމް އަދާކުރައްވަމުން ގެންދަވާ އައްބާސް ވަނީ މީގެ ކުރިން 2011 ވަނަ އަހަރުން 2015 ގެ ނިޔަލަށް ހައިކޯޓުގައި ފަނޑިޔާރުކަން ކުރައްވައިފައެވެ. އޭނާ މަތީ ތައުލީމް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާއިންނެވެ. ހަމަ އެއާއެކު ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް އައްބާސް ކުރައްވާފައިވެއެވެ.