ޕްރޮސެކިއުޓަރު ޖެނެރަލް ކަމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފްގެ ނަން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވި ސިޓީފުޅުގައިވާ ގޮތުން، އައްބާސްގެ ނަމާ އެކު އިތުރު ފަސް ނަމެއް ހުށަހަޅާފައިވެއެވެ. އަމީންއާންމު ފާތިމަތު ނިއުޝާ ސިޓީފުޅު އިއްވަވައި ނިމުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހުރިހާ ނަންތަކެއް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލައްވައިފައެވެ.

އައްބާސް ވަނީ މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުގެ މަގާމު ވެސް ފުރުއްވައިފައެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ، ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ނަންތަކުގެ ތަފްސީލަށް އެހުމުން ޖަލްސާ ފެށި ނިމުމާ ހަމައަށް އެ ނަންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކުން ވެސް ރައީސް އޮފީހަކުން ވެސް ހާމައެއް ނުކުރެއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެކަމަކު ޝަމީމްގެ އިސްތިއުފާ ނުލިބޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުން ވަނީ އެ ރޭ ޖަލްސާއެއް ބާއްވައި، މަގާމުން ޝަމީމް ވަކިކޮށްފައެވެ.