ބައިނަލްއަގްވާމީ ފެންވަރުގައި ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޖިއަންސޫ ޕްރޮވިންސުގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި އިހްސާން ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މިއަދު ކުށްތައް ހިންގާގޮތާއި އެކަމުގެ ނުރައްކާ ބޮޑުކަމަށެވެ. އެގޮތުން ސައިބާކްރައިމް އާއި، ޓެރަރިޒަމާއި އެކި ގައުމުތަކުގެ ތެރޭގައި ހިންގާ ބޮޑެތި ކުށުގެ ނެޓްވޯޓުތަކުން ގުޅިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ގައުމުތަކުން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް އިހްސާން ވިދާޅުވިއެވެ.

މި ގޮންޖެހުންތައް ހައްލުކުރަންޖެހޭކަން ފާހަގަކޮށް އިހްސާން ވިދާޅުވީ އެ މަސައްކަތް ވާން ޖެހޭނީ ގައުމުތަކުގެ އިހްތިރާމް އޮންނަ ގޮތަށް އަދި އެކުގައި ޒިންމާވާގޮތަށް އެއް ލަނޑުދަނޑިއެއް ހާސިލްވާ ގޮތަށް ކުރެވޭ މަސައްކަތަކަށް ވާން ޖެހޭކަމަށެވެ. އަދި އެންމެ ގައުމަކަށް މިމައްސަލަތަކަށް އެކަނި ހައްލެއް ނުގެނެވޭނެކަމަށް އިހްސާން ވިދާޅުވިއެވެ.

ގައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއް ފަރާތްކޮށް، އެއް މަގްސަދެއް ހާސިލް ކުރުމަށް ގައުމުތަކާ، ޖަމާއަތްތަކާ އަދި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން މިއަދު މަޖުބޫރުކަން ފާހަގަކޮށް އިހްސާން ވިދާޅުވީ މިކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ދުނިޔެ ލިބިގެންދާނެ ކަމަށެވެ.

ޗައިނާގެ ޖިއަންސޫޕްރޮވިންސްގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި ތަގުރީރުކުރެއްވުމުގެ އިތުރުން، އިހްސާން ވަނީ އެ ފޯރަމްގެ ހަވާސާގެ ތެރެއިން މިނިސްޓަރީ ފޯ ޕަބްލިކް ސެކިއުރިޓީ ވަންގް ޝިއާހޮންގް އާއި ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ.