ދަރިވަރުންގެ ފިޓްނަސް ދެމެހެއްޓުމަށް ސްކޫލްތަކުގައި ސްޕޯޓްސް ސިސްޓަމެއް ގާއިމުކުރަން ނިންމައިފިއެވެ.
މިއަދު ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ކުދިން ހެލިފެލިވެ އުޅުމާއި، ކުޅިވަރު ކުޅުމަށްޓަކައި އެޑިއުކޭޝަން ސިސްޓަމެއް ގާއިމުކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.
އެގޮތުން ރާފިއު ވިދާޅުވީ ސްޕޯޓްސް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން ދާކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީ އާއެކު ފެށިފައިވާ ކަމަށެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ ސްކޫލްތަކުގެ ޕްރެކްޓިކަލް އެކްސަސައިޒް (ޕީއީ) ޓީޗަރުންނާއި ސްޕޯޓްސް ކައުންސިލަރުން ވެސް ތަމްރީނުކުރަން ޖެހޭނެ ކަމަށާއި މި ކަން ކުރުމަށް ސަރުކާރުން ވަނީ ބަޖެޓުވެސް ހަމަޖައްސާފައި ކަމަށެވެ. މީގެއިތުރުން ކުޅިވަރު ކޮމްޕްލެކްސް އެޅުމަށްޓަކައި މާލެ ސަރަހައްދުންނާއި ހުޅުމާލެ އިންވެސް ބިން ލިބިފައިވާ ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރުގެ މިހާތަނަށް ސްޕޯޓްސް މިނިސްޓްރީއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ރާފިއު ވަނީ ދެއްވާފައެވެ. އެގޮތުން ރާފިއު ވިދާޅުވީ މިދިޔަ 9 މަސްދުވަހުގެ ތެރޭގައި އެކި ޕްރޮޖެކްޓްތަކަށް ޖުމްލަ 118 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑުތައް، ވޮލީ ކޯޓުތައް، ފުޓްސަލް ދަނޑުތައް އަދި އައުޓް ޑޯ ޖިމް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި މިވަގުތު ޖުމްލަ 264 މަޝްރޫއެއް ކުރިއަށްދާކަން ފާހަގަ ކުރައްވާ ރާފިއު ވިދާޅުވީ އެންމެ ފުރަތަމަ އިސްކަންދެއްވީ ހުރި ވަސީލަތްތައް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް ކަމަށެވެ.