ސޯސަންމަގުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 57 މީހަކު ހާލުގައި ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ހ.ދޫހިމިރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އިއްޔެ މެންދުރުފަހު 2:47 ހާއިރު އެވެ.

އެންޑީއެމްއޭއިން ބުނީ މި އަލިފާނުގެ ހާދިސާގެ ސަބަބުން 57 މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީން ކަމަށެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް"އަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާތަކެއް ނުވި ނަމަވެސް ދުމުގެ އަސަރުކޮށްގެން ދެ މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އެއީ ރާއްޖެއިން ބޭރުގެ އުމުރުން 30 އަހަރުގެ އަންހެނަކާއި 48 އަހަރުގެ ދިވެހި އަންހެނެކެވެ.