ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގައި ބަންކަރިންގެ ހިދުމަށް ފެށުމަށް ގެނައި ފުރަތަމަ އުޅަނދު ހދ. ކުޅުދުއްފުށީގައި ބަނދަރުކޮށްފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލޯކަލް ގަވަމެންޓު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓާ އަހުމަދު ރާޝިދު (ރާޑޮ) ވިދާޅުވީ ބަންކަރިންގެ ހިދުމަށް ފެށުމަށް ގެނައި ފުރަތަމަ އުޅަނދު ކުޅުދުއްފުށީގައި ބަނދަރުކޮށްފި ކަމަށާއި، މި ހިދުމަށް ފެށުމަށް ގެނެސްފައި ވަނީ މެރިން އެންޖެލް ނަމަކަށް ކިޔުނު އުޅަނދެއް ކަމަށެވެ.
މީގެ އިތުރުން މި އުޅަނދަކީ 3258 މެޓްރިކް ޓަނުގެ ތެލާއެކު ދަތުކުކުރެވޭ އުޅަނދެއް ކަމަށްވެސް ރާޝިދު ވަނީ ވިދާޅުވެފައެވެ. ރާޝިދު އިތުރަށް ވިދާޅުވީ އެސްޓީއޯއިން އޯފްޝޯ ބަންކަރިންގެ ހިދުމަތް ރަސްމީކޮށް މި މަހު ފަށާނެ ކަމަށެވެ.
އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އެސްޓީއޯ ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވަނީ ބަންކަރިންގެ ހިދުމަތް ފެށުމަށް ރާއްޖެ ގެންނަ ދެބޯޓު މިހާރު އޮތީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށާއި މި ދެ ބޯޓަށް މިމަހުގެ 8 ވަނަ ދުވަހު މާލެ އާދެވޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
މީގެ އިތުރުން ޝިމާދު ވިދާޅުވީ މިއިން ކޮންމެ ބޯޓެއްގައި ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އެބަހުރިކަމަށާއި މި ބޯޓުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިއުލް ޑިސްޓްރިބިއުޓް ކުރަންވެގެން ބަހައްޓަންޖެހޭ ފިއުލް ބަހައްޓަންވެސް ވަރަށް މުހިންމު ބޯޓުތަކެއް ކަމަށެވެ.
މި ހިދުމަތް އެންމެ ފުރަތަމަ ފަށައިގަންނަނީ އެންމެ ބޮޑު ސައިޒުގެ ބޯޓުތަކުން ނޫންކަން ފާހަގަކޮށް ޝިމާދު ވިދާޅުވީ ވިޔަފާރި އިތުރަށް ފުޅާކުރެވެމުންދާ މިންވަރުން ބޯޓުތައް އިތުރަށް ބޮޑު ކުރަމުން ދާނެކަމަށެވެ.
ސެޕްޓެމްބަރު މަހު 12 ވަނަ ދުވަހު އުތުރުގެ ރަށްތަކަށް ބަންކަރިންގެ ހިދުމަތް ފައްޓަވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އުތުރުގައި ފަށާ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގްބޯޓު މިދިޔަ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.